އާފަތިސް ބަދިގެ: ސްޕެގެޓީ އާއި މީޓްބޯލްސް

Pic: Taste

އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހަކީ ދުނިޔޭގެ ޕާސްޓާ ދުވަހެވެ. އެހެންކަމުން މިހަފްތާގެ އާފަތިސް ބަދިގެއިން ތިބޭފުޅުންނާ ހިއްސާކުރަން ގަސްދުކުރަނީ ދުވަހާ ގުޅޭ ރެސިޕީ އެކެވެ.

ޕާސްޓާ ދުވަހެއް ދުނިޔޭގައި އެންމެ ފުރަތަމަ ފާހަކަކޮށްފައިވަނީ 1998ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހުއެވެ. މިއަހަރަކީ ޕާސްޓާ ދުވަސް ފާހަގަ ކުރަންފެށި ފަހުން 20 އަހަރު ފުރޭ އަހަރެވެ. އިންޓަރނޭޝަނަލް ޕާސްޓާ އޯގަނައިޒޭޝަން (އައިޕީއޯ) އިން މިއަހަރުގެ ދުނިޔޭގެ ޕާސްޓާ ދުވަހުގެ ހަރަކާތްތައް ހިންގުމަށް ނިންމާފައިވަނީ އިޓާލިއަން ޓްރޭޑް އޭޖެންސީގެ އެހީ އާއެކު ދުބާއިގައެވެ. އައިޕީއޯގެ ސެކްރެޓޭރިއަޓަކީ އިޓަލީގެ އައިޑެޕީ އެވެ.

ޕާސްޓާ ދުވަހެއް ފާހަގަ ކުރަނީ ދުޅަހެޔޮ ޞިއްޙަތާއި ފައިދާހުރި ކާނާ، އަދި ފަސޭހައިން ލިބެން ހުންނަ، ދާއިމީ ގޮތެއްގައި ދެމެހެއްޓިދާނެ ކާނާ އެއް ކަމުން އެކަން ކުރިއެރުވުމަށެވެ. ޕާސްޓާ އަކީ މެޑިޓެރޭނިއަން ކެއުންތަކުގެ މައި ތަނބެވެ. އަދި މިއީ އިންސާނިއްޔަތުގެ ސަގާފީ ތަރިކައެއް ކަމަށް ޔުނެސްކޯ އިން ބަލައިގެންފައިވާ ކެއުމުގެ ބާވަތެކެވެ.  

ދުނިޔޭގެ ޕާސްޓާ ދުވަހާ ގުޅިގެން ރެސިޕީ ހޮވުމުގައި ބަލާފައިމިވަނީ ރަހަމީރު، މޮޅު، ނަމަވެސް ޚަރަދު ކުޑަކޮށް ތައްޔާރުކޮށްލެވޭ ސޯސްގަނޑަކާ އެކު ކާބްސް ހިމެނޭ ރެސިޕީ އެއް ގެނެސްދިނުމަށެވެ. މި ރެސިޕީގެ މައިގަނޑު އެއް ބާވަތަކީ ޓޮމާޓޯ ސޯސް އެވެ. ގިނަ ރަހަތަކަށް ޕާސްޓާ ތައްޔާރުކުރެވޭ އިރު ޓޮމާޓޯ ސޯސް އަކީ އެންމެ ގިނައިން ބޭނުން ކުރެވޭ އެއް ރަހައެވެ. މި ރެސިޕީއަށް މީޓްބޯލްސް ތައްޔާރުކުރުމަށް ރިހައިގަ ހުންނަ މަސް ނުވަތަ އެހެން ގޮތަކަށް ބާކީވެފައި ހުންނަ މަސްވެސް ބޭނުން ކުރެވިދާނެއެވެ.

ބޭނުންވާނެ ބާވަތްތައް: 

360 ގުރާމް ސްޕެގެޓީ

މީޓްބޯލްސް އަށް ބޭނުންވާނެ ތަކެތި:

75 ގުރާމް ޕާން (3 ނުވަތަ 4 ފޮތި ޕާން ކައިރި ނަގާފައި)

½ ޖޯޑު ކިރު

250 ގުރާމް މިންސްޑް ބީފް

250 ގުރާމް މިންސްޑް ކުކުޅު

1 ފިޔާ، ކުދިކޮށް ކޮށާފައި

ކުޑަ ތަކޫވައްކޮޅެއް (ސައިސަމުސަލެއްގެ 8 ބައިކުޅަ އެއްބައި)

2 ސައިސަމުސާ ލޮނު

1 ބިސް

3 ސައިސަމުސާ ޕާސްލޭ، ކޮށާފައި

35 ގުރާމް ޕާމެސަން ޗީޒް

ސޯސް އަށް ބޭނުންވާނެ ބާވަތްތައް:

3 ސައިސަމުސާ އޮލިވް އޮއިލް

2 ލޮނުމެދު، ކުދިކޮށް ކޮށާފައި

1 ސައިސަމުސާ ހިކި މިރުސް، ކުޑަކޮށް މުގުރާފައި

400 ގުރާމްގެ ޓޮމާޓޯ ދަޅެއް، ކޮށާފައި

1 ¼ ޖޯޑު  ޓޮމާޓޯ ސޯސް (ފުޅިގައި ހުންނަ ސޯސް)   

ލޮނު، އަސޭމިރުސް، ހަކުރު

ތައްޔާރުކުރާނެ ގޮތް:

ބޯތަށްޓަކަށް ކިރު އެޅުމަށްފަހު ކިރަށް ޕާން ފޯކުރާށެވެ. އެއަށްފަހު އުލަކުން ޗަސްކުރާށެވެ. ކައްކާ މީހުން މިއަށް ކިޔަނީ ތެތް ޕާން ކުނޑިއެވެ.

ދެން މީޓްބޯލް ތައްޔާރުކުރުމަށް ބޭނުންވާ ބާވަތްތައް އެހެން ބޯތަށްޓަކަށް އެޅުމަށްފަހު ތެތް ޕާންކުނޑި ވެސް ބޯތަށްޓަށް އަޅައި ހުރިހާ ބާވަތްތައް ރަނގަޅަށް އެއްކުރާށެވެ. އަތުގައި ކުޑަ ތެޔޮކޮޅެއް ހާކައިގެން މި މަސްގަނޑުން 12 ގުޅަ ވަށާށެވެ. ސޯސް ތައްޔާރު ކުރެވެންދެން މަސްގުޅަތައް ފްރިޖުގައި ބަހައްޓާށެވެ.

ހުރިހާ މަސްގުޅަ ލެވޭ ވަރުގެ ބޮޑު ތަވައެއް އުނދުނަށް އުދައި ހޫނު މިން މެދުމިނުގައި ބަހައްޓައިގެން އޮލިވް އޮއިލް ހޫނުކުރާށެވެ. ތެޔޮކޮޅު ރަނގަޅަށް ހޫނުވުމުން ލޮނުމެދު އަޅައި، ލޮނުމެދު މަޑުވުމުން އޭގެތެރެއަށް މިރުސް އަޅައިގެން 30 ސިކުންތުވަންދެން މީރުކުރާށެވެ.

އެއަށްފަހު ޓޮމާޓޯ އާއި ސޯސް ލޮނުމެދުގެ ތެރެއަށް އެޅުމަށްފަހު ލަކުޑި ދޭފަތަކުން ޓޮމާޓޯކޮޅުތައް ޗަސް ކުރާށެވެ. ދެން އޭގެ ތެރެއަށް ސައިސަމުސަލެއްގެ ހަކުރު އަޅައިގެން ހޫނިމިން މެދުމިނުގައި ބަހައްޓައިގެން 15 ވަރަކަށް މިނިޓް ނުވަތަ ސޯސް ގަނޑު ރަނގަޅަށް އެކުވެ ބޯވަންދެން ކައްކާށެވެ.

ދެން ސޯސްގަނޑުގެ ތެރެއަށް މަސްގުޅަ މަޑުމަޑުން ލާށެވެ. ތަވައިގައި މަތިޖެހުމަށްފަހު މަސްގުޅައިގައި ރަނގަޅަށް ސޯސް ހޭކެންދެން ކައްކާށެވެ. 20 ވަރަކަށް މިނިޓް ކެއްކުމުން ރަނގަޅުވާނެއެވެ. މަސްގުޅަ ކެކެމުން ދާއިރު ދޭފަތް ފަދަ އެއްވެސް އެއްޗެއް ތަވަޔަށް ނުލާށެވެ.

ދެން ޕެކެޓުގައިވާ އިރުޝާދާ އެއްގޮތަށް ސްޕެގެޓީ ކައްކާށެވެ. ދެން ސްޕެގެޓީގެ މައްޗަށް މީޓްބޯލްސް އެޅުމަށް ފަހު ސާވް ކުރާށެވެ. ސާވް ކުރާއިރު އިތުރު ޕާސްލޭ އާއި ޕާމެސަން ޗީޒް ވެސް ބޭނުން ކުރެވިދާނެއެވެ.

ރެސިޕީ އިން ހަތަރު މީހަކަށް ވާވަރަށް ތައްޔާރު ކުރެވޭނެއެވެ.  

ނޯޓް: ރެސިޕީ ނަގާފައިވަނީ ލޯރާ ގުޑްމަން ގެ ކާރބްސް އިންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.