އީރާގުގެ ދެކުނުގެ ރަށެއް ކަމުގައިވާ ބަސްރާ (ބަސަރާ) ގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުން ދާ މީހުން އިއްޔެގެ ވަގުތެއްގައި އެރަށުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ވަދެ އެތަނުގައި ރޯކޮށްލައިފިއެވެ. އެމީހުން ކޮންސިއުލޭޓުގައި ރޯކޮށްލުމުގެ ކުރިން އެރަށުގައި ހުންނަ ސިޔާސީ ޕާޓީތަކާއި، ހަތިޔާރުއެޅި ޖަމާއަތްތަކުގެ އޮފީސްތަކުގައި ވެސް ރޯކޮށްލާފައި ވެއެވެ. އަދި ބުރާސްފަތިދުވަހުގެ ރޭގެ ވަގުތެއްގައި ބަޣުދާދުގެ ގްރީން ޒޯނަށް ވަނީ މޯޓަރު ބަޑިން ހަމަލާދީފައެވެ. މިކަމާގުޅިގެން އީރާގުގެ ޝީޢީންގެ ދީނީ ޒައީމު ޢަލީ އައްސިސްތާނީއާއި، ޝީޢީ ސިޔާސީ ޒައީމެއް ކަމުގައިވާ މުޤްތަދާ އައްޞަދްރު ވިދާޅުވީ އިރާގުގައި ހަމަނުޖެހުން އިތުރުވަމުން ދަނީ ޚިދުމަތްތައް ބޮއްސުންލައިގެން ދިއުމާ، ވަޒީފާތް ނެތް މީހުން އިތުރުވަމުންދާ މައްސަލައިގައި ފެށި އިހުތިޖާޖުތައް ކޮންޓުރޯލުނުވެ ކުރިއަށް ދާތީއެވެ.
ބަސްރާގައި ކުރިއަށް ދިޔަ މުޒާހަރާތައް ކޮންޓުރޯލުން ނައްޓައި ރުޅީގައި ތިބި މުޒާހަރާކުރާ މީހުން އީރާނުގެ ކޮންސިއުލޭޓަށް ވަދެ އެތަން ރޯކޮށްލުމުން އެތަން އެކުގައި އަނދައި، މުޅިން ހަލާކުވެފައިވާ ކަމުގައި އީރާނުން ވަނީ ބުނެފައެވެ. އަދި އީރާނު އެންބަސީން ވަނީ 'އައްޝަލާމިޖާ ކްރޮސިންގ ޕޮއިންޓް' ބަންދުކޮށް، ބަސްރާގައި ތިބި އީރާނުގެ ހުރިހާ ރައްޔިތުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގާފައެވެ.
އިއްޔެ ބަސްރާގައި ކުރި މުޒާހަރާގައި މުޒާހަރާކުރި މީހަކު މަރުވެފައިވާ ކަމުގެ ޚަބަރު ލިބޭ އިރު، މުޒާހަރާކުރާ މީހުން އެމެރިކާ ކޮންސިއުލޭޓް ހިސާރުކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން، އެމެރިކާ ކޮންސިއުލޭޓަށް ދެވޭ ހުރިހާ މަގުތަކެއް ސަލާމަތީ ބާރުތަކުން ބަންދުކޮށްފައިވާ ކަމަށްވެސް އިރާގުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ޚަބަރުދެއެވެ.
'ޢަޞާއިބު އަހްލިލް ޙައްޤި' ކިޔާ ހަތިޔާރު އެޅި ޖަމާއަތެއްގެ ހަނގުރާމަވެރިން މުޒާހަރާކުރި މީހުންގަޔަށް ބަޑިޖަހާފައިވާ ކަމަށްވެސް ބަސްރާއިން ލިބޭ ޚަބަރުތައް ބުނެއެވެ.
އިރާގުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އަޙްމަދު މަޙްޖޫބު ވިދާޅުވީ "ޑިމްލޮމެޓިކް މިޝަންތައް އަމާޒުފަތްގަނޑަކަށް ހެދުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން" ކަމުގައެވެ. އަދި "އެއީ އިރާގާއި ދުނިޔޭގެ އެހެން ގައުމުތަކާ އޮންނަ ގުޅުން އަރާނެކަމެއް" ކަމުގައްޔާއި "މުޒާހަރާތަކާ، އުފުލާ ޝިއާރުތަކާ ގުޅުމެއް ނެތް ކަމެއް" ކަމުގައެވެ.
ބުދަދުވަހުގެރޭ ބަޣުދާދުގެ ގްރީން ޒޯނަށް މޯޓަރު ބަޑީގެ ތިން ހަމަލާ އަމާޒުވެފައި ވެއެވެ. ގްރީން ޒޯނަކީ ސަރުކާރުގެ މައި އޮފީސްތަކާއި، ޕާލަމެންޓާއި، އެމެރިކާ އެނބަސީ ހުންނަ ސަރަހައްދެވެ. ތިން ހަމަލާވެސް އަރާފައި ވަނީ އެ ސަރަހައްދުގައި އޮތް ހުސްބިމަކަށް ކަމަށް ވެއެވެ.
ބަސްރާގައި ކޮންޓުރޯލު ނުކުރެވި ކުރިއަށްދާ ހަމަނުޖެހުންތަކާމެދު ބަހުސްކުރުމަށް އިރާގުގެ ޕާލަމެންޓުގެ ކުއްލި ބައްދަލުވުމެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.