ސައޫދީ ޢަރަބިއްޔާގައި އިސްލާހަށް ގޮވައިލެެއްވުމުން ހައްޔަރުކޮށްފައިވާ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އައްޝައިޚް ޑޮކްޓަރ ސަލްމާން އަލްޢައުދާގެ މައްޗަށް ސައޫދީ ބަންޑާރަ ނާއިބުގެ ފަރާތުން 37 ތުހުމަތެއްގައި ދައުވާ އުފުލައިފިއެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުގެ ތެރޭގައި ސަރުކާރާއި ދެކޮޅަށް ނުކުތުމަށް ހިތްވަރު ދިނުމާއި، ޓެރަރިޒަމްގެ ތުހުމަތުވެސް ހިމެނެއެވެ.
ސައޫދީ ސަރުކާރުގެ ފަރާތުން އިއްޔެ އުފުލި ދަޢުވާގައި، އޭނާއަށް މަރުގެ އަދަބު ދިނުމަށް ކޯޓުގައި އެދިފައިވާ ކަމަށް ޢާއިލާއިން ބުނެއެވެ. އޭނާގެ ދަރިކަލުން ޢަބްދުﷲ އަލްޢައުދީ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބައްޕާފުޅުގެ ޝަރީޢަތް ފަށާފައިވާ އިރު އޭނާގެ ސިިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމުގައެވެ. އަދި ބައްޕާފުޅު ކުއްލިގޮތަކަށް ޖިއްދާގެ ޖަލަކުން ވެރިރަށް ރިޔާޒުގެ ޖަލަކަށް ބަދަލުކޮށްފައިވާ ކަމުގައެވެ. އަދި މި ބަދަލުކުރުމުގެ ތެރޭގައި ސަލްމާނާމެދު ވަރަށް އިހާނެތިކޮށް ކަންތައް ކޮށްފައިވާ ކަމުގައި އޭނާގެ ދަރިކަލުން ޢަބްދުﷲ ތުހުމަތުކުރައްވައެވެ.
މިކަމާ ގުޅިގެން ސައޫދީ ސަރުކާރުން އަދި އެެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.
އިސްލާހަށް ގޮވައިލައްވަމުން ގެންދެވި 20 އިލްމުވެރިއަކު ހައްޔަރުކޮށްފައިވަނީ ފާއިތުވި އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. އަލްޢައުދާވެސް ހައްޔަރުކޮށްފައި ވަނީ އޭރުއެވެ.
ސަލްމާން އަލްޢައުދާއަކީ ދީނަށް ގޮަވައިލެއްވުމާއި ދީނީ ޢިލްމު ފެތުރުއްވުމުގައި ދިގުމުއްދަތެއް ހޭދަކުރައްވާފައިވާ މަޝްހޫރު ޢިލްމުވެރިއެކެވެ. މަޤްބޫލު ދީނީ ވެބްސައިޓު އިސްލާމް ޓުޑޭ އަކީ އޭނާގެ ބައިވެރިވުމާއެކު ހިނގާ ވެބްސައިޓެކެވެ. އަދި އޭނާ ވަނީ ޓީވީ ޕްރޮގްރާމްތައް ހުށަހެޅުއްވުގެ އިތުރަށް ފަސްދޮޅަހަކަށް ފަޮތް ޝާއިޢުކުރައްވާފައެވެ.
ޝައިޚް ޔޫސުފު އަލްޤަރަޟާވީގެ ރައީސުކަމުގައި ހަރަކާތްތެރިި އިންޓަނޭޝަނަލް ޔުނިއަން އޮފް މުސްލިމް ސްކޯލާސް އިން ވަނީ ސަލްމާން އަލްޢައުދާއާއި، އޭނާއާއެކު ހައްޔަރުގައި ތިއްބެވި ޑރ. ޢިވަޟު އަލްޤަރްނީ، ޑރ. ޚާލިދު އަލްޢުޖައިމީ، ޑރ. ޢަލީ ޢުމަރީ، ޑރ. ޢަބްދުލްޢަޒީޒު އަލްފައުޒާން އަދި އައްޝައިޚް ޞާލިޙު އާލްޠާލިބު (ޙަރަމްފުޅުގެ އިމާމު) ފަދަ ޢިލްމުވެރިން ދޫކޮށްލުމަށް ސަޢޫދީ ސަރުކާރަށް ގޮވައިލާފައެވެ. ސަލްމާން އަލްޢައުދާއަކީ ޔުނިއަންގެ އިސް މެންބަރެކެވެ.