މިސްކިތްތަކުގެ އަޑުގަދަކުރާގެ އަޑު މަޑުކުރަން އެންގި އެންގުން ސައޫދީ އިސްލާމިކް މިނިސްޓަރު ދިފާއުކުރައްވައިފި

ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެެއާޒް، ދަޢުވާ އެންޑް އެންޑޯމަންޓް ޢަބްދުއްލަޠީފް ބިން ޢަބްދުލްޢަޒީޒު އާލުއްޝައިޚް ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ސައޫދީ އަރަބިއްޔާގެ މިސްކިތްތަކުން ބަންގީގެ އަޑު ދުރަށް ފޮނުވާ އަޑުގަދަކުރާތަކުގެ (ލައުޑްސްޕީކަރތަކުގެ) އަޑު މަޑުކުރަން އިސްލާމިކް މިނިސްޓްރީން އެންގި އެންގުން މިނިސްޓަރ އޮފް އިސްލާމިކް އެފެެއާޒް، ދަޢުވާ އެންޑް އެންޑޯމަންޓް ޢަބްދުއްލަޠީފް ބިން ޢަބްދުލްޢަޒީޒު އާލުއްޝައިޚް ދިފާއުކުރައްވައިފިއެެވެ. އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ހަދަންޖެހުނީ އަޑުގަދަވުމުގެ ސަބަބުން އުނދަގޫވެގެން އާއްމުން ކުރާ ޝަކުވާގެ ސަބަބުންނެވެ.

ސަައޫދީ އަރަބިއްޔާގައި ޒަމާނުއްސުރެ އަމަލުކުރަމުން އައި އުސޫލަށް ބަދަލުގެނެސް، ފާއިތުވި ހަފުތާގައި އިސްލާމިކް މިނިސްޓްރީ އާއްމުކުރި އެންގުމެއްގައި ވާގޮތުން މިސްކިތްތަކުގެ އަޑުގަދަކުރާގެ އަޑުގެ ބާރުމިން ބަަހައްޓަން ޖެހޭނީ އޭގައި އެންމެ އަޑުގަދަ ކުރެވެން ހުރި މިންވަރުގެ ތިންބައިކުޅަ އެެއްބައިގައެވެ.

މި އެންގުމުގައި އިތުރަށް ވާގޮތުން މިސްކިތްތަކުގެ އަޑު ދުރަށް ފޮނުވާ އަޑުގަދަކުރާ ބޭނުންކުރެވޭނީ ހަމައެކަނި ބަންގީގެ އަޑު ދުރަށް ފޮނުވުމަށެެވެ. އަދި ނަމާދަށް ގަމަތްދޭ އަޑު ފޮނުވުމަށެވެ. ނަމާދުކުރާ އަޑު ފޮނުވުމަކަށް ނޫނެވެ. މިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ޖަމާއަތުގައި ނަމާދުކުރަން ބޭނުން މީހަކު ބަންގިގޮވުމުން މިސްކިތަށް ދާނެ ކަމުގައެވެ. އަދި އާއްމުން ގުރުއާންކިޔަވާ އަޑު އަހަން ބޭނުންނަމަ 24 ގަޑިއިރު ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘުފުޅުތައް ފޮނުވާ ޓީވީ ޗެނަލްތައް އެބަހުރިކަމުގައެވެ.

"ނަމާދު (ޖަމާއަތުގައި) ކުރަން ބޭނުން މީހަކު އިމާމާ ނަމާދު ފަށްޓަންދެން މަޑުކުރާކަށް ނުޖެހޭ.... އެމީހުން ކުރިއްސުރެ މިސްކިތުގައި ތިބޭނެ." އިސްލާމިކް މިނިސްޓްރީގައި އިސްލާމިކް ފިޤްހު އެކެޑަމީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޤުޠުބް މުޞްޠަފާ ސާނޫއާ ބައްދަލުކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ޢަބްދުއްލަޠީފު ވިދާޅުވިއެވެ.

އެތައް ހާސް މިސްކިތެއް ހުރި ސައޫދީ އަރަބިއްޔާގައި މިސްކިތްތަކުގެ އަޑުގަދަކުރާގެ އަޑު މަޑުކުރަން ނިންމި ނިންމުމަށް އެެއްބަޔަކު މަރުހަބާ ކިޔާފައިވާއިރު، މީސްމީޑިޔާގައި އެ ނިންމުމާ ދެކޮޅަށްް ވާހަކަދައްކައި، ރެސްޓޯރަންޓްތަކާއި ކެފޭތަކުން ޖަހާ މިއުޒިކުގެ އަޑު މަޑުކުރަން އެންގުމަށްވެސް ގިނަ ބަޔަކު ގޮވާލަމުން އެބަދެއެވެ.

"މިކަމުން (މިސްކިތްތަކުގެ އަޑުގަދަކުރާގެ އަޑު ގަދަވުމުން) ވާ އުނދަގުލަކީ ކޮބާާ؟ އެކަމުން އަމާންކަމާއި ހިތްހަމަޖެހުން ނޫން ކަމެއް ނުލިބޭ. މިސްކިތްތަގު އަޑުގަދަކުރާތައް އަަހަރުމެންނަށް އަނބުރައިދެއްވާ!" ސައޫދީ މީހަކު އޭނާގެ ޓުވިޓާގައި ލިޔެފައި ވެއެވެ.  

ސައޫދީ އަރަބިއްޔާގެ މިހާރުގެ ވަލީއަހުދު އަދި އަމަލީގޮތުން ރަސްކަމުގެ ކަންކަން ހިންގަވާ މުޙައްމަދު ބިން ސަލްމާން މަގާމާ ހަވާލުވެވަޑައިގަތް ފަހުން ސައޫދީން ހިފަހައްޓަމުން އައި ވަރަށް ގިނަ އުސޫލުތަކެއް ބަދަލުކުރައްވައި، ސައޫދީ މުޖުތަމައު 'ލިބަރަލް' މުޖުތަމައަކަށް ބަދަލުކުރެއްވުމުގެ މަސައްކަތް ވަނީ ވަރުގަދަކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.