ވޯލްޑް ކަޕް 2018 ގައި ހޯމަ ދުވަހުގެ ރޭ ކުޅުނު އެންމެ ފޯރި ގަދަ މެޗަކީ އީރާނާއި ޕޯޗުގަލްއާ ދެމެދު ކުޅުނު މެޗެވެ. މެޗު ނިމުނީ 1 ލަނޑު 1 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. މިއީ މައްސަލަ ބޮޑު މެޗެކެވެ. މި މެޗުގައި އީރާނަށް 2 ރީނދޫ ކާޑު، ޕޯޗުގަލްއަށް 4 ރީނދޫ ކާޑު ދައްކާފައިވެއެވެ.
ޕެނަލްޓީ ދެވުނު ގޮތާއި، ޖެހުނު ގޮތާއި ކާޑުގެ ސުވާލުތައް އުފެދިގެން ދިޔަ މެޗެކެވެ.
މެޗު ފެށިގެން ކުރީކޮޅު ޕޯޗުގަލް ކުޅެމުން ދިޔައީ ކޮންޓްރޯލް ކޮށްގެން ހިފަހައްޓައިގެން ކުޅެން ވިސްނައިގެންނެވެ. އެއީ އެއްވަރު ވިޔަސް ދެވަނަ ބުރަށް ދެވޭނެ ކަމުގެ ޔަގީންކަން އޮތީމައެވެ. އީރާން އެންމެ ފުރަތަމަ ވަގުތުން ފެށިގެންވެސް މަސައްކަތް ކުރީ ދިފާޢު ރަނގަޅަށް ބެލެހެއްޓުމަށް ފަހު ހަމަލާ ދޭށެވެ. އެހެންނަމަވެސް ގިނަ ވަގުތު ބޯޅަ ގެންގުޅުނީ ޕޯޗުގަލްއެވެ. މޮޅު ޓީމަކީ ޕާޗުގަލް ކަމަށް ވުމާއެކު އީރާނުގެ ކުޅުމަށް ވުރެ ޕޯޗުގަލްގެ ކުޅުން ރަނގަޅެވެ. އެކަމަކު އީރާނުން މެޗުގައި ކުރި ހިތްވަރަކީ ސާބަސް ހައްގު ހިތްވަރެކެވެ. އެންމެ ފަހު ވަގުތާ ހަމައަށް ވަރުބަލިކަމެއް ނެތި ކުޅެމުން ދިޔައީ ކަށިން ހިތްވަރު ނެރެގެންނެވެ.
ޕޯޗުގަލްއިން ލަނޑު ޖަހަން މަސައްކަތް ކުރީ އޭރިއާ ތެރެއަށް ވަދެގެންނެވެ. ދެ ފަރާތުންނާއި، މެދުތެރެއިން ވަންނާން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެތައް ފަހަރަކު ވަންވެސް މެއެވެ. އެކަމަކު ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން ލަނޑެއް ޖެހީ އޭރިއާގެ ބޭރުން ބުރެކިކޮށް މަތިން ފޮނުވާލި ބޯޅައަކުންނެވެ. މި ލަނޑު ޖެހީ މެޗުގެ ފުރަތަމަ ހާފު ނިމެމުން ދަނިކޮށް، 45 ވަނަ މިނިޓުގައި ކަރެސްމާއެވެ.
ދެވަނަ ހާފު ފެށިގެން ކުޅުން ފެށީވެސް ހަމަ ކުރީގެ ވަރުގަދަ ކަމާއެކީގައެވެ. އީރާނުން މޮޅުވާން ޖެހިފައި ވުމާއެކު އެ މީހުން ކުޅުނީ ކުރިއަށް ވުރެ މާ ބޮޑު ހިތްވަރަކާ އެކީގައެވެ.
50 ވަނަ މިނިޓުގައި ރޮނާލްޑޯ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަންނާން މަސައްކަތް ކުރިއެވެ. އެ ވަގުތު އީރާނުގެ އިއްޒަތުއްލާ އޭނާ ދަތިއަޅުވައި ވައްޓައިލިއެވެ. ރޮނާލްޑޯއަކީ އޭރިއާގެ އެތެރެއިން ވިޔަސް އަދި ބޭރުން ވިޔަސް ވަރަށް ފަސޭހައިން ވެއްޓޭ މީހަކަށް ވާތީ ރެފްރީ އަޅައެއް ނުލިއެވެ. އެކަމަކު ވީއޭއާރުގެ އިޝާރާތަކަށް ރީޕްލޭ ބެލުމަށް ފަހު ނިންމީ ޕެނަލްޓީއެއް ކަމަށެވެ. ޕެނަލްޓީ ޖެހީ ރޮނާލްޑޯއެވެ. އޭނާ ޖެހި ޕެނަލްޓީ އީރާނުގެ ގޯލްކީޕަރު ބެއިރަންވަންދް މަތަކުރީއެވެ.
77 ވަނަ މިނިޓުގައި އީރާނުން ޕެނަލްޓީއަކަށް އެޕީލް ކުރިއެވެ. އީރާނުގެ އަޒްމޫން އޭރިއާ ތެރެއަށް ވަދެގެން ދަމުން ކުއްލިއަކަށް ސްޕީޑް މަޑު ކޮށްލިއެވެ. އޭނާގެ ފަހަތުން އައި ޕޯޗުގަލްގެ ކުޅުންތެރިޔާ އޭނާގެ ބުރަކަށިމައްޗަށް އެރޜި ކަހަލަ ގޮތަކަށް ގުދުވެލިއެވެ. އެ ވަގުތު އީރާނުން ބުނަމުން ދިޔައީ އެއީ ޕެނަލްޓީއެއް ކަމުގައެވެ. އެކަމަކު ރެފްރީ އަޅައެއް ނުލިއެވެ. ކުޅުންތެރިއަކު އިދިކޮޅު ޓީމުިގެ ދިފާޢީ ކުޅުންތެރިޔާއާ ވަކި ދުރުމިނެއްގައި ހުރުން ލާޒިމެއް ނޫނެވެ. އެހެންވީމާ ގިނަ ކޮމެންޓޭޓަރުން ބުނަމުން ދިޔައީ އެއީ ޕެނަލްޓީއެއް ކަމުގައެވެ.
81 ވަނަ މިނިޓުގައި ރޮނާލްޑޯ ބޯޅައަށް ދުވެފައި އަރަން މަސައްކަތް ކުރި ވަގުތު އީރާނުގެ ޕޫރުލިންގަންޖީ އޭނާގެ މަގަށް ހުރަސް އެޅިއެވެ. ކުރިމަތީގައި ރޮނާލްޑޯގެ ގައިގައި ޖެހޭ ހިސާބުން ދުވެފައި ދަމުންނެވެ. ރޮނާލްޑޯ އޭނާ އެއްފަރާތަށް ޖައްސަން މޭގައި އަތް އަޅައި ތިރިއަށް ވާ ކަހަލަ ގޮތަކަށް މަޑުމަޑުން ކޮއްޕައިލައެވެ. އޭރު ރެފްރީ ކުޅުން ކުރިއަށް ގެންދުވަނީއެވެ. އެކަމަކު ވީއޭއާރުގެ އިޝާރާތަކަށް ބޭރަށް ނުކުމެ ރީޕްލޭ ބެލުމަށް ފަހު ރޮނާލްޑޯއަށް ރީނދޫ ކާޑެއް ދައްކައެވެ. ބައެއް ކޮމެންޓޭޓަރުން ބުނާ ގޮތުގައި މިއީ ރަތް ކާޑެއް ދައްކަން ޖެހޭ ހާލަތެކެވެ. އެކަމަކު ރަތް ކާޑެއް ނުދެއްކީ އަނިޔާއެއް ކުރުމުގެ ގަސްތެއް ނެތްކަން ދޭހަވާތީއެވެ.
މެޗުގެ އެންމެ ފަހު ވަގުތުކޮޅު އީރާނަށް ޕެނަލްޓީއެއް ލިބުނެވެ. ޕޗުގަލް އޭރިއާ ތެރެއަށް މަތިން އައި ބޯޅައަށް ފުންމައިގެން އެރީ އީރާނުގެ އަޒމޫނާއި، ޕޯޗުގަލްގެ ސޯރެސްއާ ދެމީހުން އެކީގައެވެ. އަޒްމޫން ބޮލުން ބޯޅަ ޖެހީ ބިމާ ދިމާއަށް ތިރިއަށެވެ. ސޯރެސް ފުންމައިގެން އެރިއިރު ހުރީ އަތް ފުޅާކޮށްގެންނެވެ. ބޯޅަ ގޮސް ޖެހުނީ އޭނާގެ އަތުގައެވެ. ގިނަ ކޮމެންޓޭޓަރުން ބުނާ ގޮތުގައި މިއީ ޕެނަލްޓީއެއް ނޫނެވެ. ދެއަތް ގައިގައި ތަތްކޮށްގެން ހުރެ ފުންމައެއް ނުގަނެވޭނެއެވެ. އަދި ބޮލުން ސީދާ ތިރިއަށް އޭނާގެ އަތާ ދިމާއަށް އެ ވަގުތު ޖަހާ ބޯޅައެއް އަތުގައި ނުޖެހޭ ގޮތަށް ރެކިގަތުމަކީވެސް ކުރެވޭނޭ ކަމެއް ނޫނެވެ. އެކަމަކުވެސް ރެފްރީ ދިނީ ޕެނަލްޓީއެކެވެ. އީރާނުގެ ޕެނަލްޓީ ޖެހީ 93 ވަނަ މިނިޓުގައި އަންސާރީފަރްދެވެ.
މި ލަނޑަށް ފަހު މޮޅުވާނޭ ވަރަށް ރަނގަޅު ފުރުސްތެއް އީރާނަށް ލިބުނެވެ. މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ތަރީމީ ޖެހި ބޯޅަ ގޮސް ޖެހުނީ ގޯލުގެ އަރިމަތީ ދާގަނޑުގެ ބޭރުގައެވެ. ގޯލަށް ނުވަދެ ދިޔައީ ހަމަ ކިރިޔާއެވެ.
މެޗު ނިމުނީ 1 ލަނޑު 1 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. ދެރަ ވުމުގެ ހިތާމަ އީރާނުން ކުރި ނަމަވެސް މެޗަކީ އީރާނަށް ތާރީފު ހައްގު މެޗެކެވެ.
މި މެޗު ކުޅުނު ވަގުތު ކުޅުނު އަނެއް މެޗަކީ މޮރޮކޯ އާއި ސްޕެއިނާ ދެމެދު ކުޅުނު މެޗެވެ. އެ މެޗު ނިމުނީ 2 ލަނޑު 2 ލަނޑުން އެއްވަރު ވެގެންނެވެ.
މި ދެ މެޗުގެ ނަތީޖާއާއެކު ގުރޫޕުގެ 1 ވަނައަށް ދިޔައީ ސްޕެއިނެވެ. ދެވަނަ ލިބުނީ ޕޯޗުގަލްއަށެވެ. އީރާނާއި މޮރޮކޯއަށް ވޯލްޑްކަޕް ނިމުނީއެވެ. މޮރޮކޯ އާއި ސްޕެއިން މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ސްޕެއިން ދެވަނަ ބުރަށް ދާނެއެވެ. މޮރޮކޯއަށް ޖެހޭނީ މުބާރާތް ނިންމައިލާށެވެ. އެކަމަކު އީރާނާއި ޕޯޗުގަލްގެ މެޗުން އީރާން މޮޅުވީނަމަ ދެވަނަ ބުރަށް ދާނީ އީރާނެވެ.
މި ނަތީޖާގެ ސަބަބުން ދެވަނަ ބުރުގައި ޕޯޗުގަލް ކުޅެން ޖެހޭނީ ޔުރްގުއާއީއާއެވެ. ސްޕެއިން ކުޅެން ޖެހޭނީ ރަޝިއާ އާއެވެ.