ވޯލްޑްކަޕް 2018 ގައި މިއަދު ކުޅުނު މެޗު 1 ލަނޑު 0 ލަނޑުން ޕޯޗުގަލް ކާމިޔާބު ކުރި ނަމަވެސް މުޅި މެޗުގައިވެސް މޮޅަށް ކުޅުނީ އަދި ގިނަ ފުރުސަތު ހޯދީވެސް މޮރޮކޯއިންނެވެ. އެކަމަކު މޮރޮކޯ ވެގެން މި ދިޔައީ މޮޅަށް ކުޅުމަށް ފަހު މުބާރާތާ އަލްވަދާޢު ކިޔާ ފުރަތަމަ ޓީމަށެވެ. އަދި އެއް މެޗު ބާކީ އޮތް ނަމަވެސް އެ މެޗުން މޮޅު ވިޔަސް ދެން ދެވަނަ ބުރަށް ދާނޭ ފުރުސަތެއް ނެތެވެ.
މެޗު ފެށިގެން 4 ވަނަ މިނިޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑެއް ޖެހިއެވެ. މެޗު ނިމުނީ އެ ނަތީޖާގައި އޮވެއެވެ. އޭނާ ޖެހި ލަނޑަކީ އާދައިގެ މަތީން އޭނާ ޖަހާ ކަހަލަ ރީތި ލަނޑެކެވެ. ތިރިން ބޮލުން ޖެހި ބޯޅައެކެވެ. އޭރިއާ ތެރޭގައި އެހެން ކުޅުންތެރިން ތިއްބާ ޖަހަން އުނދަގޫ ކަހަލަ ބޯޅައެކެވެ. އެހެން މީހުން ފައި ހޫރައިލާ ހިސާބުން ކުޅުންތެރިންގެ ތެރެއިން ބޮލުން ޖެހުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި ރައްކާތެރިކަމެއްވެސް ނޫނެވެ. އެކަމަކު ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ނުޖަހާނޭ ގޮތެއް ނެތެވެ.
ލަނޑު ޖެހުމަށް ފަހު ޕޯޗުގަލް އިން މެޗުގެ ކޮންޓްރޯލް އަތު ލެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު މޮރޮކޯގެ ހަލުވި ކުޅުމުގެ ސަބަބުން އެ ފުރުސަތު ލިބޭ ގޮތެއް ނުވިއެވެ. ޕޯޗުގަލްއިން ދެތިން ފުރުސަތެއް ހޯދި ނަމަވެސް، ގިނަ ފުރުސަތު ހޯދައި މޮޅަށް ކުޅުނީ ދެ ހާފުގައިވެސް މޮރޮކޯއިންނެވެ.