ހުއްދަ (3)

(11 ޖޫން 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ރޫޕް- އަހަރެންގެ މައްޗަށް، އަހަރެންގެ ލޯބީގެ މައްޗަށް އިތުބާރު އެބަ އޮތެއްނު ދޯ-؟ އަހަރެން ލޯބި ވަނީ ހަމައެކަނި ރޫޕް ދެކެ ކަމަށް ޤަބޫލު ކުރަމެއްނު-؟ މީގެ ކުރީގެ ހުރިހައި ގުޅުމަކާއި، ރަޙްމަތްތެރިކަމެއް ރޫޕަށްޓަކައި ދޫކޮށްލި ކަމަށް ޤަބޫލު ކުރަމެއްނު-؟ ޤަބޫލު ކުރަމެއްނު ދޯ-؟"

"ރަޙްމަތްތެރިންތަ-؟ ނޫނީ ލޯބިވެރިންތަ-؟" ރޫބީ އޭނާ ގިލިގިލި ކޮށްޓަން ފެށިއެވެ.

"އާނ... އާނ... ލޯބިވެރިން- ޤަބޫލު ކުރަން- އެކަމަކު އެއީ ޖާހިލު ދުވަސްވަރެއްނު-؟ ރޫޕް- އެކަމަކު މިހާރު އަހަރެން މިއީ ހަމައެކަނި ކަމަނާގެ މިލްކެއް- ކަމަނާއަކީ އަހަރެންގެ މިލްކެއް-"

"އާނ- ތިޔައީ ތެދެއް- ތިޔައީ ހަމަ އެނގެންއޮތް ކަމެއް- ޝައްކު ކުރެވެނީތަ-؟ ބުނެފިއްޔާ އަހަރެން އަޑުގައި ނެތް ތަނަށް ގޮވައިވެސްފާނަން- އަހަރެން ރިޒާ އަޙްމަދު ދެކެ ލޯބިވޭ- އަޑުއަހާ... ގަސްތަކާ... ދޫނިތަކާ... ކާޅުތަކާ..."

ރޫބީ ތެދުވެ ހުރެގެން ބާރަށް ގޮވަނީއެވެ.

"ތިޔައީ ހަމަ ފައްކާ މޮޔައެއް- މިތާނ އިށީނދޭ- ރޫޕްގެ ތިޔަ ކަހަލަ ކަންތައްތަކާ ހެދި އަހަރެން މޮޔަ ވަނީ-" ރިޒާވެސް އޭނާގެ މަޖަލުގައި ބައިވެރި ވެއްޖެއެވެ.

"އެންމެ ރަނގަޅު- ކުޑަ އިރުކޮޅަކަށް ސީރިއަސް ވަމާ ހިނގާ- އަހަރެން ދައްކަން ވެފައި އޮތް ވަރަށް މުހިއްމު ވާހަކައެއް އެބަ އޮތް-"

"އަވަހަށް ބުނޭ-"

"ދެ މީހުން މިތިބީ ބޮޑު ވެފައެއްނު-؟ ދެ މީހުންނަކީ ވިސްނުންތެރި، ބުއްދިވެރި ދެ މީހުން- ރަނގަޅު ގޮތާއި، ނުބައި ގޮތް ވަކި ކުރަން ދެ މީހުންނަށްވެސް އެނގޭ- އަމިއްލަ ކަންތައްތައް ބޭނުން ގޮތަކަށް ނިންމުމުގެ އިޚްތިޔާރުވެސް ދެ މީހުންނަށް އެބަ އޮތް- ބޯދާ ޚިޔާލު ތަކަކަށް ތާއީދެއް ނުކުރަމެއްނު ދޯ-؟ج ރިޒާ ވާހަކަ ދެއްކިއެވެ.

"އާނ-" ރޫބީ އަށް އެއްވެސް އެއްޗެއް ނުވިސްނުނު ނަމަވެސް އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

"އެހެންވީމާ..."

"އެހެންވީމާ ކީކޭ...؟"

"އެނގިގެންބަލަ- އަހަރެން ބޭނުން ވަނީ ރޫޕް ޙާސިލު ކުރަން-" ރިޒާ މީގެ ކުރިން ދުވަހަކުވެސް މި ކަހަލަ ގޮތަކަށް ވާހަކައެއް ނުދައްކަ އެވެ. އޭނާގެ ލޮލުން ފެންނަނީ އެހެން ކަހަލަ އައު ޖަޒުބާތެކެވެ. ރާގެ މަސްތު ކަހަލަ މަސްތެކެވެ.

"އަހަރެން ބޭނުން ވަނީ ދެ މީހުންގެ ދެމެދުގައި އެއްވެސް ކަހަލަ ދުރުކަމެއް ނޯންނަ ގޮތް ވާން-"

ރޫބީ ރިޒާ އާ ކައިރި ވެލިއެވެ. އަތް ތެމެން ފަށައިފި އެވެ. ކުއްލިއަކަށް ވިދައިލައިފިއެވެ. އެޔާއެކު ގުގުރައިލައިފި އެވެ. ރޫބީ ލަތްކަކާއެކު ރިޒާއާ ދުރަށް ޖެހިލިއެވެ.

"ނޫނޭ... ނޫނޭ... އެހެންނެއް ނުވާނެ-"

"ކިހިނެއްވީ-؟ އެހެން ނުވާންވީ ކީއްވެގެން-؟ އެއީ މުހިއްމު ކަމެއް ކަމަށް ނުދެކެނީތަ-؟ ބުނެބަލަ-؟ ލޮޓަސް މާ ނެތިއްޔާ ފެންގަނޑުގެ ރީތިކަމެއް ފެނޭތަ-؟"

"އެންމެ ރަނގަޅު- ދެން ތިޔަ ވާހަކަ ހުއްޓައިލާ- ތިޔަ މައްސަލަ އާ މެދު ފަހުން ވިސްނާނީ- ހަމަޖެހިލާ- ބުއްދީގެ ބޭނުން ކުރޭ- ދުނިޔޭގައި އޮތް ކޮންމެ މައްސަލައަކަށް ޙައްލެއްވެސް ވަނީ ލައްވާފައި- ތިޔަ މައްސަލައިގެ އެކި ކޮޅުކޮޅަށް ވިސްނާނީ-"

"ވިޔާނުދާ ވާހަކަ ނުދައްކާ ރޫޕް- ކޮންމެ ކޮންމެ ކަމަކީ މުދައްރިސަކަށް ވެގެން ވާހަކަ ދައްކާ ކަހަލަ ކަމަކަށް ނުހަދާ-"

ވެލީގެ ގަނޑުވަރެއްހެން ރޫޅިގެން ދާން އުޅެނިކޮށް ރޫބީ އަތް ދަބަހުން ބުރުހެއް ނަގައިގެން ބޯ އޮމާން ކުރަން ފަށައިފިއެވެ. އެއީ އޭނާގެ ހިތަށް ވަންނަ ބިރުވެރިކަން ފިލުވާލަން މަސައްކަތް ކުރާ ގޮތެވެ.

"ރިޒާ- ޓީންއޭޖްގެ ކުދިން ދައްކާ ކަހަލަ ވާހަކަ ނުދައްކާ- ރިޒާ އަކީ ޒުވާން ފިރިހެނެއްކަން އަހަރެންނަށް އެނގޭ- އަދި ރިޒާގެ ބޭނުން ތަކެއް ހުންނާނެކަންވެސް އެނގޭ- އެ ބޭނުންތައް ފުއްދައި ދިނުމަކީ އަހަރެންނަކަށް ކުރެވޭނެ ކަމެއް ނޫން- އަހަރެންގެ ކުރިން ރިޒާ އާ އެހެން އަންހެން ކުދިންނާ ގުޅުން އޮތް ކަމާއި، އެ ކުދިން ދޫކޮށްލީ އަހަރެންގެ ސަބަބުން ކަންވެސް އެނގޭ- އެކަމަކު އެއީ އަހަރެން މަޖުބޫރު ކޮށްގެން ކުރި ކަމެއް ނޫނެއްނު ދޯ-؟ މަޢާފް ކުރޭ- ތިޔައީ ރިޒާގެ އަމިއްލަ މައްސަލައެއް- އަހަރެންގެ މައްސަލައެއް ނޫން- މިހާރު ތިޔަ އުޅެ ގޮތަކީ ރިޒާ އަމިއްލައަށް ޚިޔާރު ކުރި ގޮތެއް- ތިޔަ ގޮތަށް އަހަރެން ތާއީދު ކުރަން- އެކަމަކު އަހަރެންކަށް ވެދެވޭނޭ އެހީއެއް ނެތް- ތިޔަ ގުޅުމަކީ އަހަރެން އެއްބަސްވާ ގުޅުމެއް ނޫން- އެއީ އަހަރެންނަކަށް ބޭނުން ކަމެއް ނޫން- "ރޫބީ ދިގު ތަޤްރީރެއް ކުރިކުރީނުން ރިޒާ ބަލި ކޮށްލައިފިއެވެ.

އެހެން ނަމަވެސް ރިޒާވެސް ޖަވާބުގައި ވާހަކަ ދެއްކި އެވެ. "ސާފުކޮށް ނުބުނަން ތިޔަ އުޅެނީ ކީއްވެގެން-؟ މިހާރުވެސް ރޫޕްގެ އެތެރޭގައި އޮތީ ހަމަ އެއްކަލަ ފިނޑި، ބޯދާ ޚިޔާލުގެ، އިރުމަތީގެ އަންހެން ކުއްޖެއް- އަބަދު އިންނަނީ ބިރުން ސިހިސިހި- ސަގާފީ އާދަކާދަ އާއި، ދީނީ ހިހިލާއިން އަދިވެސް ސަލާމަތެއް ނުވެވޭ- ކިތަންމެ ލަވައެއް ކިޔަސް، ކިތަންމެ މިނިވަނޭ ކިޔަސް، އަދިވެސް ތިޔަ އުޅެނީ ބައެއްގެ ދަށުގައި އަނިޔާ ލިބޭ ބައެއްގެ ގޮތުގައި- އެހެން ވަނީ ތިމަންމެންގެ ސަލާމަތްކަން އޮތީ އެ ގޮތުގައޭ މިހާރުވެސް ހިތަށް އަރާތީ- އަމިއްލަ ޖަޒުބާތު އޮއްބާލުމާއި، އަމިއްލަ ހިތަށް މަކަރު ހެދުމާއި، އިންސާނީ އިޙްސާސްތައް ފޮރުވުމާއި، އެދުންތަކަށް ފައިން އަރައި ޗިސްކުރުމަކީ ކޮން ކަހަލަ އިންސާފެއް-؟ ތިޔަ އުޅެނީ އަމިއްލަ ނަފްސަށްވެސް އޮޅުވާލައިގެން- ޚުދު ތިމާގެ އަމިއްލަ ބޭނުންތައްވެސް ހުރީ ހަމަ މި ކަހަލަ ގޮތަކަށް- އެކަމަކު އެއްބަސް ވާކަށް ބޭނުމެއް ނުވޭ-"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.