އަޅުގަނޑުގެ ރައްޓެއްސެއްގެ ގޭގައި ތަށި މުށި ޖެހުމުގެ މަސައްކަތް ހިނގަމުން ދިޔަ ދުވަހެކެވެ. އެހެން މަސައްކަތް ތަކެކޭ އެއް ފަދައިން ތަށި މުށި ޖެހުމަކީވެސް ޚާއްޞަ ފަންނެކެވެ. އެކަން ރަނގަޅަށް ދަންނަ ބަޔަކަށް ނޫނީ ރަނގަޅަށް ތަށި މުށި ޖެހުމަކީ ނުކުރެވޭނޭ ކަމެއް ކަމަށް ބުނެވެއެވެ. ނުދަންނަ ބަޔަކު ތަށި މުށި ޖެހީމާ ލިބޭ ގެއްލުން ތަކުގެ ތެރޭގައި ތަޅުންގަނޑުގައި ފެން ހަރުލާ ގޮތް ވުމާއި ތަށި މުށި ޖެހުމުގެ ތެރޭގައި މާ ގިނައިން މުށި ތެޅޭ ގޮތް ވުން ހިމެނެއެވެ.
ތަށި މުށި ޖަހާ މީހުން މަސައްކަތް ކުރި އިރު ގޭގެ އެންމެން އެ ކަމުގައި ބައިވެރިވެ އުޅުނެވެ. މުޅި ގޭގައި ތަށި މުށި ޖަހާތީ އެ ނޫން ގޮތެއް ނުވެސް އޮންނާނެއެއް ނޫންތޯއެވެ؟
އަޅުގަނޑުގެ ރަހުމަތްތެރިޔާ އަށް އޮންނަ ކަމަކީ މަސައްކަތް ކުރާ މީހުން ބުނާ އެއްޗެއް ގަނެގެން ގެނެސް ދިނުމާއި ހޮޓަލުން ސައި ދިނުމެވެ. މަސައްކަތް ކުރާ މީހުންނަކީވެސް ވަރަށް އާދަޔާ ޚިލާފު ބައެކެވެ. މަސައްކަތް ކުރާ ތަނެއްގައި ކައްކާފައި ހުންނަ ކާ އެއްޗިއްސަށް ވުރެ އެ މީހުންނަށް ރަނގަޅު ވަނީ ހޮޓަލުގެ ކާނާއެވެ. އިންޑިއާގެ ހަރު ބަހެއްގައި އޮވެއެވެ.
"ގަރްކީ މުރުޣީ ދާލް ބަރާބަރް"
މާނައަކީ ގޭގައި ކައްކާފައި ހުންނަ ކުކުޅު ރިހައަކީ މުގު ރިހަޔާ އެއްފަދަ އެއްޗެކެވެ. އެހައިވެސް ދެރަ ވާނެއެވެ. އެކަމަކު ބޭރުން ލިބޭ މުގު ރިހައަކީ ކުކުޅު ރިހަޔާ އެއްފަދަ އެއްޗެކެވެ. މަސައްކަތް ކުރާ މީސް މީހުންނަށް ވަނީ މި ފަދަ ގޮތަކަށް ކަމުގައި ވެދާނެއެވެ.
ކޮންމެއަކަސް ތަށި މުށި ޖަހަމުން ގޮސް ބަދިގެޔާ ހަމައަށް ހިނގައްޖެއެވެ. މަސައްކަތް ހަމަ ފޯރީގައި ހިނގަމުން ދަނީއެވެ. ބޭރުން ގަނެގެން ގެނެސްފައި ހުރި ތަށު މުށްޓާއި ހުދު ސިމެންތި ބަދިގޭގެ އެއް ފަރާތު ކަނެއްގައި ބަހައްޓާފައި ހުއްޓެވެ.
މަސައްކަތް ކުރަން އުޅުނު މީހުންގެ ތެރެއިން އެކަކު ހުދު ސިމެންތި ކޮތަޅުން ސިމެންތި ކޮޅެއް ބޮޑު ތަށްޓަކަށް އަޅައިގެން ފެނާ އެއްކޮށްގެން ގަށަން ފަށައިފިއެވެ. އޭނާ ވަރުބަލި ވީއިރުވެސް ސިމެންތި އެއްވެ، ބޭނުން ކުރަން ފެށޭ ވަރެއް ނުވިއެވެ. ގަށާ އެތީގައި ތަތް ލައި، ނުނެއްޓިގެން އުޅޭތަން ވެސް އަތުވެއްޖެއެވެ.
"މިއީ ކޮން ކަހަލަ ސިމެންތިއެއް-؟ މިއީ މުޅިން ހަލާކުވެފައި ހުރި ސިމެންތިކަން ކަށަވަރު-" އޭނާ ކުޑަކޮށް ނުރުހުން ވެފައި ބުންޏެވެ.
"ތިޔަ ވާނީ ވިއްކި މީހުން މަކަރު ހެދީ ކަމަށް- އެކަމަކު މިހާރަކު ކުރެވޭނޭ ކަމެއް ނެތް- އެހެރަގެން އެކެއް ޖެހީ- ފިހާރަތައް ހުންނާނީ ބަންދު ކޮށްފައި- ދެން ސިމެންތި ގަނެވޭނީ މާދަމާ-" އަޅުގަނޑުގެ ރަހުމަތްތެރިޔާ ބުނެލިއެވެ.
އެ ވަގުތު ބަދިގެއަށް އައިސް ވަނީ ރަހުމަތްތެރިޔާގެ އަންހެނުންނެވެ. ކޮންމެވެސް އެއްޗެއް ހޯދަން އުޅެފައި ކުއްލިއަކަށް އަހައިލިއެވެ.
"އަހަރެން މި ތާނގައި ބެހެއްޓި ފުށް ކޮތަޅު ކޮބާ-؟"
އެއްވެސް މީހަކު ޖަވާބެއް ނުދިނެވެ. އެކަކު އަނެކެއްގެ މޫނަށް ބަލަ ބަލައި ތިބީއެވެ. މަސައްކަތް ކުރާ މީހުން ހުދު ސިމެންތި ކަމަށް ހިތައި ގަށަން އުޅުނީ އެ ބުނާ ފުށް ކޮތަޅެވެ. އާދެ، ގޮދަން ފުށެވެ.