ޕާޓީއެއްގެ އެތެރޭގެ އިންތިޚާބު ވެސް ބޭނުންހާ ގޮތަކަށް ނުބޭއްވޭނެ: އުމަރު

ސިޔާސީ އެއްވެސް ޕާޓީއަކަށް އެޕާޓީއެއްގެ އެތެރޭގެ އިންތިޚާބު ވެސް ބޭނުންހާ ގޮތަކަށް ނުބޭއްވޭނެ ކަމަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އާފަތިހަށް ދެއްވި އިންޓަރވިއުއެއްގައި އޭނާ ވިދާޅުވީ ކޮންމެ ގައުމެއްގައިވެސް ސިޔާސީ ޕާޓީތައް ރެގުޔުލޭޓުކުރާ ފަރާތެއްވާ ކަމަށާއި ރާއްޖޭގައި އެކަންކުރަނީ އިލެކްޝަންސް ކޮމިޝަނުން ކަމަށްވާތީ އެކޮމިޝަނުން ގާނޫނީ އިމުގެތެރެއިން އަންގާއެންގުމަށް ކޮންމެ ޕާޓީއަކުން ވެސް ކިޔަމަންވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބައެއް ފަހަރު އެބަބުނޭ އެޕާޓީއަކަށޭ އެނގޭނީ އެޕާޓީއެއްގެ އެތެރޭގެ އިންތިޚާބު އޮންނަންވާ ގޮތް. އެއީ ރަނގަޅު ވާހަކައެއްނޫން. ސަބަބަކީ ކޮންމެ ޕާޓީއެއްވެސް މިހިންގަނީ ޓެކްސް މަނީ (ފައިސާ) ގައި. ދައުލަތުން ބަޖެޓުދީގެން ހިންގަނީ ޕާޓީ. އެހެންވީމާ ތިމަންނަމެންގެ ޕާޓީން ކަންކުރާނެގޮތް އެނގޭނީ ތިމަންނަމެންނަށޭ ބުނާ ވާހަކައަކީ މުޅިން ރަނގަޅުވާހަކައެއްނޫން ހަގީގަތުގައި. ދުނިޔޭގެ އެއްވެސް ތަނެއްގައި އެކަން އޮންނަ ގޮތެއްވެސްނޫން އެއީއެއް. ކޮންމެ ގައުމެއްގައިވެސް އޮންނާނެ ޕާޓީތައް ރެގިޔުލޭޓު ކުރާތަނެއް. ރާއްޖޭގައި މިއޮންނަނީ އިލެކްޝަންސް ކޮމިޝަން. ގިނަ ގައުމުތަކުގައިވެސް އޮންނަނީ އެގައުމެއްގެ އިލެކްޝަންސް ކޮމިޝަން،" އުމަރު ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ކުށެއް ސާބިތުވެ ހުކުމެއް ކުރައްވައިފައިވާތީ އެމަނިކުފާނު ބައިވެރިކޮށްގެން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް އަންގަވާފައިވަނިކޮށް އެއަށް ބެލުމެއްނެތި ޕްރައިމަރީ ބާއްވާފައިވަނިކޮށްނެވެ.

"މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ އިތުބާރު ގެއްލުން. ރާއްޖޭގައި މިތިބި އެއްވެސް ބޮޑު ޕާޓީއަކީ ޑިމޮކްރަޓިކް ޕާޓީތަކެއްނޫން. އެމީހުން ހަމައެކަނި ބުނަނީ ތިމަންނަމެންނަކީ ޑިމޮކްރަޓިކް ޕާޓީއޭ. އެހެން ކިޔައި ނަންފިލާގަނޑުވެސް އަޅުވައިގެން ތިބޭނީ. ހަގީގަތަކީ އެއްވެސް ޕާޓީއަކީ ޑިމޮކްރަޓިކް ޕާޓީއެއްނޫން،" އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންވެސް މިނިވަނެއް ނޫން ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ޑިމޮކްރަޓިކް މުޅި ހަޔާތް މިއޮތީ ވަރަށް ބޮޑަށް ވިއްސިވިހާލިވެ މުޅިން ޚަރާބުވެފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ދިވެހި ރާއްޖެ މިދަނީ ޚާލިދާ ޒިއާއި، ޝައިޚް ހަސީނާގެ ސިނާރިއޯއާ ދިމާއަށް ކަމަށާއި، އެދެމީހުން ބަންގަލަދޭޝްގެ ސިޔާސީ މަސްރަހު ހިސާރު ކޮށްގެން ތިބޭތާ މިހާރު އެތައް ޒަމާނެއް ވެއްޖެ ކަމަށްވެސް ވިދާޅުވިއެވެ. "ދުވަހަކުވެސް އެދެމީހުން ނޫން އެހެން ބަޔަކު ސިޔާސީ މައިދާނުގައި އުޅޭކަމަކަށްވެސް ނުވޭ. އެހެންވީމާ ރާއްޖޭގައިވެސް އެހެންވެފައި މިއޮތީ. އެއީ އެމްޑީޕީ ފަޅިއާއި ޕީޕީއެމްފަޅި، އެމީހުން ތިބޭނީ ރާއްޖޭގެ ސިޔާސީ މަރަހު ބޮލްކޮކޮށްގެން. ދެފަޅިން ތިބޭނީ ޕާޓީގެ ލީޑަރޝިޕް ވެސް ބޮލޮކް ކޮށްގެން. އެއީ އެއްވެސް މީހަކު އެރިއަކަވެސް ނުދޭނެ އަރާ މީހަކު ވިއްޔާ ބޭރަށް އެއްލާވެސް ލާނެ. އެހެންވީމާ ވަރަށްބޮޑަށް ޑިމޮކްރަޓިކް ރީފޯމެއް ގެންނަން އެބަޖެހޭ ރާއްޖެއަށް އަސްލުގައި. އެ ޑިމޮކްރަޓިކް ރިމޯސް ނުގެނެސް މުޅި ނިޒާމް ރަނގަޅެއް ނުކުރެވޭނެ،" އުމަރު ވިދާޅުވިއެވެ.

އެކަން ރަނގަޅުނުކޮށް ރައްޔިތުން ބޭނުންވާ ތަރައްގީއާއި ތަމައްދުންއާ ކުރިއެރުވެސް ރާއްޖެއަށް ނުގެނެވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ "ގައުމެއްގެ ކުރިއެރުން ބިނާވެފައި އޮންނާނީ ޕޮލިޓިކަލް ލީޑަރޝިޕްގެ މައްޗަށް އަބަދުވެސް. ޕޮލިޓިކަލް ލީޑަރޝިޕުން ޕުޝްކުރި ވަރަކަށް ތަރައްގީވަނީ. އަދި ޕޮލިޓިކަލް ލީޑަރޝިޕުން އިސްކަންދޭ ކަމެއް ކުރިއަރާނީވެސް،" ކަމަށެވެ.

ރާއްޖެއަށް ތަރައްގީ މިހާރު އަންނަންޖެހެނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ކަމަށާއި، އެކަމަކު ރާއްޖޭގެ ސިޔާސީ ޕާޓީތަކަކީ މިހާރު ޕާޓީތަކެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި ޕާޓީތަކަކީ މިހާރު މީހުންތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "އެއްވެސް ޕާޓީއަކީ އެތެރެގޭ ޑިމްކްރަސީއާ ހަމަ ހިފަހައްޓާ ޕާޓީއެއްނޫން،" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީން ވެސް ކަންކަން ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ވެސް ކަންކަން ކުރައްވަމުން ގެންދެވިތަން ފެނުނީ އެއް ފަރާތަކަށް ޖެހިފައި ތިބެގެން ކަމަށް އުމަރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.