ލޭބޯފަނި (24)

(19 މޭ 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ލިބޭން އުޅޭ ދަރިފުޅާ މެދު ދުޝްމަނަކު ވާހަކަ ދައްކާ ގޮތަށް ވާހަކަ ދެއްކީތީ އޭނާގެ ގާތަށް ރުޅި އައެވެ. އެކަމަކު ވާހަކަ ދެއްކުމަކުން ވާނޭ ކަމަކީ ކޮބައިހެއްޔެވެ؟ ފިރިހެނުން ރުޅި އަންނާނެއެވެ. އެއްޗެހިވެސް ކިޔާނެއެވެ. މަރައިލާނޭ ކަމުގެ އިންޒާރުވެސް ދޭނެއެވެ. އެކަމަކު މޭގައި ލައްކޮށްލައިގެން ހުރެ ލޯބި ކުރަނީވެސް ހަމަ ފިރިހެނުންނެވެ. އޭނާ ވިސްނަމުން ދިޔައެވެ. އަކްބަރު އައީމާ އޭނާއަށް ދަރިފުޅު ދެކެ ލޯބިވާން ދަސްކޮށް ދޭނީއެވެ. މައިންބަފައިން މަރުވެ ދިއުމުގެ ސަބަބުން އަކްބަރަށްވެސް އަސަރު ކުރާނޭ ކަން އޭނާއަށް ޔަގީނެވެ. އެނބުރި އައިސް އޭނާޔާ އިންނާނޭކަން ކަށަވަރެވެ.

ރޭގަނޑު މެންދަމުން އަލީވީމާ އޭނާ ކުޑަ ޓޭޕް ރެކޯޑަރެއް ހިފައިގެން އިށިނދެއްޖެއެވެ. މައިންބަފައިންގެ ވަކިވެ ދިއުމާއި، ސިކުނޑިއަށް ކުރާ ބާރު ލުއި ކޮށްދޭނޭ ހަމައެކަނި ގޮތަކީ އަކްބަރުގެ ހަނދާން އައު ކުރުމެވެ. އޭނާގެ އަޑުގެ ތެރެއަށް ގެއްލިގެން ދިއުމެވެ.

އަކްބަރާއި އޭނާޔާ ދެމީހުންގެ އަޑު ރެކޯޑު ކޮށްފައިވާ ދިހަ ކެސެޓު ރޯލު އޭނާގެ އަތުގައި އެބައޮތެވެ. އެ ރޯލުތައް ހުރިކަން އޭނާ އަކްބަރަކަށްވެސް ނާންގައެވެ. އަޑު އަހަން އިންދާ އޭނާ އަތުވެއްޖެ ނަމަ އަވަހަށް ފޮރުވައެވެ. އެއީ އަންހެނުންގެ ތަބީއަތެވެ. ޖަޒުބާތީ ވާހަކަތައް އަޑު އިވުނީމާ ލަދު ގަންނަ ގޮތް ވުމަކީ އާދައެކެވެ. އެ އަޑު އޭނާގެ ލޯބިވެރިޔާއަށްވެސް އަޑު އިއްވާކަށް އޭނާ ބޭނުމެއް ނުވެއެވެ. ރޯލުތައް ފޮރުވައިގެން ގެންގުޅެނީ އެހެން ވެގެންނެވެ.

އޭނާ ކަންފަތުގައި އިއަރފޯނު ޖަހައިގެން އެނދުގައި އޮށޯވެއްޖެއެވެ. ރެކޯޑަރު އޮތީ އޭނާގެ މޭމަތީގައެވެ. އޭނާ ފިތަކަށް އޮބައިލިއެވެ. އެއީ އޭނާޔާއި އަކްބަރާ ދެމީހުންގެ ދެވަނަ ބައްދަލވުމުގެ ވާހަކައެވެ. އެރޭ ވެހެމުން ދިޔަ ވާރޭގެ އަޑު އިވެއެވެ. ވާރޭގެ އަޑާއި ބައެއް ފަހަރު އިވޭ ގުގުރީގެ އަޑުގެ ތެރެއިން އަކްބަރުގެ އަޑު އިވުނެވެ. "އަހަރެންގެ ފުރާނަޔާ- މި ޠޫފާނީ ވާރޭ އަހަރެން ހުއްޓުވަން ވަރަށް މަސައްކަތް ކުރި- އެކަމަކު ފީރޯޒާގެ މި ދީވާނާ ހުއްޓުވުމަކީ އެއްވެސް މީހަކަށް ކުރެވޭނޭ ކަމެއް ނޫން- އާދޭ... އަހަރެން މި އައީ ޠޫފާނާ ހަނގުރާމަ ކޮށްފައި- އަހަރެންގެ އިނާމު ދޭން އާދޭ..."

ރެކޯޑަރުން ދެން އިވުނީ އޭނާގެ އަޑެވެ. "އަކްބަރުގެ ތިޔަ ދީވާނާކަމުގެ ސަބަބުން އަހަރެން މުޅީން ބަދަލު ކޮށްލައިފި- އަހަންނަށް ވެފައި ހުންނަ ގޮތެއްވެސް މިހާރަކު ނޭނގޭ- އަކްބަރަށްޓަކައި އަހަރެން މަންމަޔާވެސް އަރައިރުން ވެއްޖައިން... އައްދޭ... ކީއް ތިޔަ ކުރަނީ... ހެދުން ބަދަލުކޮށްލަބަލަ- ތިޔަހަރީ މުޅީން ތެމި ފޯވެފައެއްނު-؟ އަހަރެންވެސް ތެންމާލަނީތަ-؟"

"ކީއްކުރާނީ...؟ ޖަޒުބާތުގެ ވާރޭގައި ބައިވެރިޔާއާއެކު ތެމިލުމަކީވެސް ކުރަން ޖެހޭ ކަމެއް-"

"ނޫން- މޫސުން އޮތް ގޮތުން އަހަންނަށް އެނގޭ ވާނޭ ގޮތް- އެހެންވީމާ ފަހަރި ގާތު ބުނެގެން ބޭބެގެ ހެދުމެއް މި އޮތީ ހޯދާފައި- ހެދުން ބަދަލު ކޮށްލާ-"

އޭގެ ފަހުން އަޑެއް ނީވެއެވެ. އެކަމަކު ރެކޯޑަރު ހުރީ ހިނގަހިނގައެވެ. އަކްބަރު ހެދުން ބަދަލު ކުރާތީ އޭނާ ތަންކޮޅެއް ދުރަށް ޖެހިލީއެވެ. އެނދުގެ އަނެއް ފަރާތުގައިވެސް ރެކޯޑަރެއް ފޮރުވާފައި އޮތެވެ. ކޮޓަރީގެ ތިން ތަނެއްގައި ތިން ރެކޯޑަރު އޮތެވެ. ރެކޯޑް ވޭވެއެވެ. އެ ހަތަރު ފާރުގެ އެތެރޭގައި އެ ދެމީހުން ދައްކާ ހުރިހައި ވާހަކައަކާއި، ހުރިހައި އަޑެއް ދިޔައީ ރެކޯޑު ވަމުންނެވެ.

އެ ހަރުހިލަ ހިތް ފުރައިގެން ލާހޯރަށް ދިޔައީއެވެ. މިހާރު ދެ މަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެނބުރިއެއް ނައެވެ. ވަކިވުމުގެ ހިތާމައިގައި އޭނާ ރޭގަނޑު ހަތަރު ދަމު އޮންނަނީ ހޭލައެވެ. ރޭ ދެބައިވީމާ ކޮޓަރި އަނދިރިކޮށްގެން އޮވެ އޭނާގެ އަޑު އަހަނީއެވެ.

އޭނާގެ އަޑު އިވުނީމާ ކޮޓަރިތެރެ ސާފުކޮށް، އަލިކޮށް ފެންނާން ފަށައެވެ. ރެކޯޑަރުން އިވޭ ވާހަކަ ޚުދު އަކްބަރު ދައްކާތީ އޭނާއަށް ފެންނާން ފަށައެވެ. އޭނާ އަތް ދިއްކުރެއެވެ. އެކަމަކު އަކްބަރުގެ ގަޔަކު އަތެއް ނުޖެހެއެވެ. އަކްބަރުގެ އުނގުގައި އިނދެވޭ ކަމުގައި އޭނާއަށް އިހުސާސް ކުރެވެއެވެ. އެކަމަކު އުނގެއް ނުފެނެއެވެ. އަނދިރީގައި މިކަހަލަ ބައި ބައްދަލުވުމުގެ ތެރޭގައި އޭނާ ރޮއި ހަދައެވެ.

ވަގުތު ފާއިތު ވެގެން ދާ ގޮތް ނުވެސް އެނގި ދޮޅު ގަޑި އިރުގެ ޓޭޕް ހުސްވެދެއެވެ. އެކަމަކު އޭނާގެ ހިތުގެ އެދުމެއް، ބޭނުމެއް ނުއެއް ނިމެއެވެ. ހެނދުނުގެ އަޑުފައްގަނޑު އިވޭން ފަށައެވެ.

ދުރު ރަށްރަށުން އައި ތިމާގެ މީހުން ތިން ދުވަހު ތިބެފައި ފުރައިފިއެވެ. ސަލްމާއާއި ޖަވާދާ ދެމީހުން ގޭގައި އުޅެއެވެ. ފީރޯޒާއަށް އެ ގެ ވެފައި ވަނީ ދޫނި ކޮށްޓަކަށެވެ. ސަލްމާގެ ހިތަށް އަރައެވެ. "މި ދޫނިވެސް އުދުހިގެން ދާނެ ނަމައެވެ. މިހާރަކު އޭނާގެ އިއްޒަތެއް، އަބުރެއްވެސް ނެތެވެ. އަހަރެންގެ ކޮއްކޮ އޭނާޔާ އިންނާނެ ހެއްޔެވެ؟ އަހަރެމެންގެ ގޭގެ ޝަރަފު ކަމުގައި އެކަހަލަ އަބުރު ގެއްލިފައިވާ އަންހެނަކު ހަދާނީ ކިހިނެއް ހެއްޔެވެ؟ އެފަދަ އަންހެނެއްގެ ފުށުން އަހަރެމެންގެ އާއިލާއަށް ދަރިން އުފަން ކުރުވާނީ ކިހިނެއް ހެއްޔެވެ؟ ދަރި ވައްޓާލުމުގެ ވާހަކަ އޭނާ އޮތީ ފޯނުން ބުނެފައެވެ. އޭނާ އެނބުރި އައިހާ އަވަހަކަށް އެކަން ހަމަޖައްސާނަމެވެ. ކޮނެމެވެސް މީހަކާ ފީރޯޒާ ދެވާފައި ގެއިން ނެރެލާނަމެވެ."

އަކްބަރު އަތުވެއްޖެއެވެ. އޭނާ ފެނުމާއެކު ފީރޯޒާގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. ރުޅި އައިސްފައި ބުންޏެވެ. "އަކްބަރު އަހަންނަށް ފިލަފިލައިގެން ތިޔަ އުޅެނީ ކީއްވެގެން-؟ ހިތުގައި އޮތް އެއްޗެއް ސާފުކޮށް ނުބުނަނީ ކީއްވެގެން-؟"

އަކްބަރަށް ފީރޯޒާ ފެނުނީ ދެމަސް ދުވަސް ފަހުންނެވެ. މިހާރު އޭނާ ފެންނަނީ އިހަށްވުރެވެސް ރީތިކަމުގައެވެ. އެހައި ގިނަ ދުވަހު ލާހޯރުގައި ހުރި އިރުވެސް ފީރޯޒާގެ ބޭނުން އޭނާއަކަށް ނުކެނޑެއެވެ. ހިތަކުން ނުފިލައެވެ. މިހާރު ކައިރިއަށް އާދެވުނީމާ ހިތުގައި އޮތް އެދުން ފުރިގެން ބަނޑުން ވާން ފަށައިފިއެވެ. "ފީރޯޒާ- ފިލައިގެން އުޅޭން އަހަރެން މިއީ ފިނޑިއެއް ނޫން- ކޯޓުގައި އޮތް މައްސަލަ ދިގުލާން ފެށިމާ، މިހާރު މި އައީވެސް ރިޝްވަތު ދީގެން ވަގުތުކޮޅެއް ހޯދައިގެން-"

ސަލްމާ ބުންޏެވެ. "ބައްޕަޔާ ކަލެޔާ ދެމީހުން ތިޔް އުޅެނީ އެއް މައްސަލަ ނިމުމާއެކީ އަނެއް މައްސަލައެއްގެ ތެރޭގައި އަވަދިނެތި- ތިޔަ ސިލްސިލާ ތާއުމުރަށް ދެމިގެން ދާނެކަން އަހަންނަށް ޔަގީން- މިހާރު ތިޔަހަރީ އާދެވިފައި- އެހެންވީމާ ވަކި ގޮތެއް މިހާރު ކަނޑައަޅައި ނިންމާ- ފީރޯޒާ ތާއަބަދު އެހެން ބައިންދައިގެންނެއް އަހަންނަކަށް ނުހުރެވޭނެ- ކަލޭ މާ ލަސް ކުރާ ކަމަށް ވަންޏާ އޭނާ އެހެން މީހަކާ ދެވާނަން-"

ފީރޯޒާ އޭނާގެ ފަހަރިޔާ ދިމާއަށް ބަލައިލިއެވެ. "ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް-؟ ކުރިމަތީގައި މިހިރީ އަހަރެންގެ ދަރިފުޅުގެ ބައްޕަކަން ފަހަރިއަށް ރަނގަޅަށް އެނގޭނެ- އެކަމަކުވެސް ތިޔަ ދައްކަނީ އަހަރެން އެހެން މީހަކާ ދެވާ ވާހަކަ- އަހަރެން މިއީ ގޭގައި ބަނދެފައި އިން ގެރިއެއްތަ-؟"

ސަލްމާ ބުންޏެވެ. "ފީރޯޒާގެ މައިންބަފައިން މަރުވީމާ މި ގޭގެ އިއްޒަތާއި އަބުރު ދެމެހެއްޓުމަކީ އަހަރެންގެ ޒިންމާއެއް- ކަލޭމެން ދެމީހުން އަވަހަށް ނީނިއްޔާ މި ގޭގައި ނާޖާއިޒު ކުއްޖަކު އުފަން ކުރުވާކަށް އަހަރެން ބޭނުމެއް ނޫން-"

އަކްބަރު ބުންޏެވެ. "ދައްތާ- ގޭގެ ވެރިކަން ލިބުނީމާ ހާދަހާ ވަރެކޭ ތިޔަ އަރުވައިލަނީ- ވަރު ނާރުވާނެ ކަމެއްވެސް ނެތްތާ ދޯ-؟ އެތައް ކުރޯޑު ރުފިޔާއެއްގެ ވެރިއަކަށް ވެއްޖެ ވިއްޔާ- މިހާރު ތިޔަ އުޅެނީ ކިރުތަށްޓަށް ވެއްޓނު މެއްސެއްހެން އަހަންނާއި ފީރޯޒާ ނަގައި އެއްލައިލާން- މިހާރަކު ކުރީގެ ލޯތްބާއި މުރުއްވަތްތެރިކަމެއް ނުފެނޭ-"

"ވިޔާނުދާ އަނގަ ނުތަޅާ އަކްބަރު- ހަދާނެ ގޮތެއް އަވަހަށް ބުނޭ- ކާވެންޏާއި އެ ދަރިއާ ބެހޭ ގޮތުން ވަކި ގޮތެއް ނިންމާ- ކަލޭ މިހާރު އޮންނާނީ ކޮންމެވެސް ހައްލެއް ހޯދާފައިކަން އަހަންނަށް އެނގޭ-"

"އާނ- ހޯދައިފިން- އަހަރެންގެ ފީރޯޒާގެ މައްޗަށް އަހަރެންގެ ފުރިހަމަ އިތުބާރު އެބައޮތް- އަހަރެން ބުނާ ކޮންމެ ގޮތެއް އޭނާ ހަދާނެ- މާދަމާ އިރު އޮއްސުމުގެ ކުރިން އޭނާ ދަރިފުޅު ވައްޓައިލާނެ-"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.