އިސްލާމްދީނުގައި މުޖުތަމަޢާއި އިޖުތިމާޢީ ދިރިއުޅުމާ ގުޅޭ ޙައްޤުތައް (3)

(4 މޭ 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޒާތީ ދިރިއުޅުމުގެ ތެރެއަށް ނުވަދެވުން

އިންސާނާގެ ޒާތީ ދިރިއުޅުމާއި އޭނާގެ އަމިއްލަ ކަންކަމުގައި ފުރިހަމައަށް މިނިވަންކަން ލިބިފައި އޮތުމަކީ އިސްލާމްދީން ޤަބޫލުކުރާ އިންސާނީ ޙައްޤެކެވެ. އެކަންކަމުގެ ތެރެޔަށް ބޭރު އެއްވެސް މީހަކަށް ވަދެވިގެން ނުވާނެކަމަށް އެ ދީން ބުނެއެވެ. އިސްލާމްދީން ކަނޑައަޅައިފައިވަނީ، އެއީ އިންސާނާގެ ޖާއިޒު ޙައްޤެއް ކަމުގައެވެ. އިންސާނާ އޭނާގެ ގޭތެރޭގައި ނުވަތަ އޭނާ އެކަހެރިވެ ހުރެ ކުރަނީ ކޮންކަމެއްތޯ ބަލައި ހޯދައި ތަޙްޤީޤުކޮށް ނެހެދުމަށް އެ ދީން ބާރުއަޅައެވެ. އޭނާ އެ ދާއިރާގައި ކުރާ ކޮންމެކަމަކީވެސް އޭނާގެ އަމިއްލަ ކަމެކެވެ. އޭނާ އެކަމާ ޖަވާބުދާރީވާން ޖެހޭނީ އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތުގައެވެ.

ޝައްކެއްނެތެވެ. އޭނާ ދިމާޔަށް ހާމަޔަށް ކުށެއް ކުރާނަމަ ނުވަތަ އެހެން މީހަކަށް ނުވަތަ ޖަމާޢަތަށް ގެއްލުން ހުރި ކަމެއް ކުރާނަމަ ޤާނޫނުގެ ބާރުގެދަށަށް ގެނެވޭނެކަމީ އެއްވެސް އޮޅުމެއް އޮތް ކަމެއް ނޫނެވެ. މިރޮނގުން އިސްލާމްދީން އިރުޝާދު ދީފައިވަނީ އެއްވެސް މީހަކާމެދު ހަމައެކަނި ލަފަޔަކަށް ނުވަތަ ހީއެއްގެ މައްޗަށް ބިނާކޮށް އެންމެފުރަތަމަވެސް އޭނާއަކީ ކުށްވެރިޔެއް ކަމުގައި ކަނޑަނޭޅުމަށެވެ. މިއީ އިސްލާމްދީން އިރުޝާދުދީފައިވާ ވަރަށް މުހިންމު އުޞޫލީ މައްސަލައެކެވެ. އެއްވެސް މީހަކާމެދު އެންމެފުރަތަމަވެސް އޭނާއަކީ ނުބައިނުލަފާ މީހެއްކަމަށާއި، އޭނާގެ ކިބައިން އެއްވެސް ހެވަކަށް އުންމީދެއް ނުކުރެވޭނެކަމަށް ކަނޑައަޅައިގެން ނުވާނެއެވެ. އަދި ކީއްތޯއެވެ؟ އޭނާއާމެދު ހީކުރަންވާނީ ރަނގަޅަށެވެ. އެހެނީ ބައެއް ހީއަކީ އަޞްލެއް ނެތް ހަމައެކަނި ހީއެކެވެ. އޭގެ ސަބަބުން އިންސާނާ ފާފަވެރިވާ ކަމެކެވެ.

އިސްލާމްދީން އިރުޝާދު ދީފައިވާ އަނެއްކަމަކީ އަނެކުންނާމެދު ޖާސޫސު ނުކުރުމެވެ. އަނެކުންގެ އައިބުތައް ހޯދަން އުޅުމާއި، އަނެކުންގެ ކުށް ހޯދުމަށްޓަކައި ފަސްފަހަތުން އަޅައިގަނެގެން އުޅުމަކީ ނާތަހުޒީބު ޢަމަލެކެވެ. ރީތި އަޚްލާޤާ ޚިލާފު ކަމެކެވެ. އަރަހުށި މާތް اللّه މިމޭރުމުން ވަޙީކުރައްވައިފައިވެއެވެ.

يَا أَيُّهَا الَّذِينَ آَمَنُوا اجْتَنِبُوا كَثِيرًا مِنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ وَلَا تَجَسَّسُوا وَلَا يَغْتَبْ بَعْضُكُمْ بَعْضًا أَيُحِبُّ أَحَدُكُمْ أَنْ يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ وَاتَّقُوا اللَّهَ إِنَّ اللَّهَ تَوَّابٌ رَحِيمٌ (الحجرات: ١٢)

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެ ތެރެއިން ގިނަ ކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސު ނުކުރާށެވެ!"

ކުށްހީއަކީ ޖާސޫސު ކުރުމާއި އަފުރާދުންގެ ޒާތީ ދިރިއުޅުމާ ވަރަށް ފުން ގުޅުމެއް ގުޅިފައިވާ ކަމެކެވެ. މީހެއްގެ އިޖުތިމާޢީ ދިރިއުޅުމުގައްޔާއި މުޖުތަމަޢާމެދު ކުރާ މުޢާމަލާގައި އޭނާއަކީ ހެޔޮލަފާ މީހެއް ކަމުގައި ފެންނަ ކަމުގައިވާނަމަ، ކޮންމެހެން އޭނާއާމެދު ޝައްކުގެ ނަޒަރަކުން ބަލައި ކުށްހީތަކެއް ކުރުމުގެ ފައިދާއެއް ނެތެވެ. އޭނާ އެކަހެރީން ހުންނައިރު ނުވަތަ އޭނާގެ ގޭތެރޭގައި އުޅޭއުޅުމުގައި ނުރަނގަޅު މީހަކަށް ވާނެކަމުގައި ދުށުމުގެ ބޭނުމެއް ނެތެވެ. އޭނާއަކީ މުޖުރިމެއްކަން ސާބިތުކުރުމަށްޓަކައި ފާރަލައިގެން އޭނާގެ ޒާތީ ދިރިއުޅުން ބެލުމަކީ އެއްގޮތަކަށްވެސް ހުއްދަ ކަމެއް ނޫނެވެ.

މިތާނގައި އުފެދޭ ސުވާލެއް އެބައޮތެވެ. މީހަކު އިޞްލާޙުކުރުމުގެ މަޤްޞަދުގައި އޭނާގެ ޒާތީ ދިރިއުޅުމުގެ ކަންތައް ހުންނަ ގޮތް ދެނެގަތުމަށްޓަކައި ސިއްރުން މަސައްކަތްކުރުމަކީވެސް ނުރަނގަޅު ކަމެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި ދަންނަވާން ޖެހެނީ ޖާސޫސުކޮށްގެން އިޞްލާޙެއް ނުކުރެވޭނެ ކަމުގައެވެ. އަދި ކީއްތޯއެވެ؟ އޭނާއަށް ފާރަލުމުން އޭނާ ނުރަނގަޅު މީހަކަށް ވުމުގެ އެކަށޭކަން މާބޮޑެވެ. މީހަކު އަނެކުންނަށް ސިއްރުން ކޮށްއުޅޭ ފާފަތަކެއްގެ މަޢުލޫމާތު އެހެން މީހުންނަށް އެނގޭކަން އެމީހާއަށް އެނގިއްޖެނަމަ އޭނާ ފާފަކުރަން ގަންނަ ލަދާއި ޖެހިލުންވުން ކެނޑިގެން ހިނގައިދާނެއެވެ. އޭނާ ސިއްރިޔާތުގައި އެ ހިނގާ މަގުގައި ފާޅުގައި ހިނގަން ފަށައިފާނެއެވެ. ކައުސާހިބާ صلّى اللّه عليه وسلّم ގެ ޙަދީޘްފުޅެއްގައި މި ނަފުސާނީ ޙަޤީޤަތް ހާމަކޮށްދެއްވައިފައިވަނީ އަންނަނިވި ލަފުޒުތަކުންނެވެ. معاوية رضى اللّه عنه އިތުރު ސާހިބާގެ އަރިހުން ރިވާކުރައްވައިފައިވެއެވެ.

"إِنَّكَ إِذَا اتَّبَعْتَ عَوْرَاتِ النَّاسَ أَفْسَدَتُهُمْ" (مشكوة المصابيح، كتاب الإمارة والقضاء بحواله بيهقى)

މާނައީ: "މީސްތަކުންގެ ފޮރުވިފައި ހުންނަ ޢައިބުތައް ހޯދަން އެބައިމީހުންގެ ފަހަތުން ފާރަލާން ފަށައިފިނަމަ، އެބައިމީހުން ފާސިދުކޮށްފާނޫއެވެ."

ދައުލަތުގެ އިސްވެރީންނަށްވެސް މިމޭރުމުން ވަނީ އިރުޝާދު ދެއްވައިފައެވެ. أبو أمامة رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވި ސާހިބާ ޙަދީޘްކުރެއްވިއެވެ.

ދައުލަތުގެ އިސްވެރީންނަށް ވެސް މިމޭރުމުން ވަނީ އިރުޝާދު ދެއްވައިފައެވެ. أبو أمامة رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ ޙަދީޘް ކުރެއްވިއެވެ.

"إنَّ الأَمِيرَ إذَا ابْتَغَى الرِّيبَةَ فِي النَّاسِ أَفْسَدَهُمْ" (مسند أحمد 6/3 أبو داود، كتاب الأدب)

މާނައީ: "ހަމަކަށަވަރުން މީސްތަކުންގެ ކިބައިން ޝައްކާއި ތުހުމަތުގެ މައްޗަށް ބިނާވާ ކަންތައްތައް ހޯދަން މަސައްކަތްކުރާން ފަށައިފިނަމަ މީސްތަކުން ފިތުނަވެރި (ފާސިދު) ވެދާނެއެވެ."

މާނައަކީ ސަރުކާރުގެ ފަރާތުން މީހުންގެ ޒާތީ ދިރިއުޅުންވެސް ހާވައި ފުރޮޅައި ބަލާން ފަށައިފިނަމަ، މީހުން އެބައިމީހުންގެ ޒާތީ ނިވައިކަމުގެ ދާއިރާގައި ތިބޭއިރުވެސް ފާރަލައި ބަލަހައްޓާން ފަށައިފިނަމަ މީހުން އިޞްލާޙެއް ނުވާނެއެވެ. މީހުން އެބައިމީހުންގެ ގެދޮރުގައި ތިބޭއިރުވެސް މިނިވަންކަމުން މަޙްރޫމުކުރެވި އެބައިމީހުންގެ ފަސްފަހަތުން ޖާސޫސުން ޢައްޔަންކުރެވިއްޖެނަމަ އެބައިމީހުންގެ ކިބައިގައި އުފެދޭނީ ރައްދުޢަމަލުގެ ނަފުސިއްޔާތެވެ. އެ ފާރަލެވޭ މީހުންނަކީ ޙަޤީޤަތުގައިވެސް ނުބައިނުލަފާ މީހުން ކަމުގައިވާނަމަ، ކުށްކުރާނެ އާގޮތްތައް ހޯދަން މަސައްކަތްކުރާން ފަށައިފާނެއެވެ.

ހުއްދަ ނުހޯދައި ގޯތިގެދޮރަށް ވަނުން މަނާވުން

އިންސާނާގެ ގެއަކީ އޭނާ އެހެން މީހުންނާ އެކަހެރިވެ ހުންނަ، އޭނާގެ ޚަލްވަތުގެ (Privacy) ޚާއްޞަ މަޤާމެވެ. އަންގައިލުމެއްނެތި ގޯތިގެދޮރަށް ވަނުމަކީ އޭނާގެ އެކަހެރިކަމުގެ ތެރެޔަށް ވަދެގަތުމެވެ. ހުރަހޮޅިގަތުމެވެ. މީސްތަކުންގެ ގެދޮރަށް ވަނުމުގައި ޢަމަލުކުރަން އިސްލާމްދީން އިރުޝާދު ދީފައިވަނީ ދޮރުމަތީގައި ހުއްޓިހުރެ ސަލާމްގޮވައިލުމަށެވެ. ގޭގެ ވެރިޔާގެ އިޒުނަ ލިބިގެން ގެޔަށް ވަނުމަށެވެ. ހުއްދަ ނުލިބުނު ކަމުގައިވަނީނަމަ އެނބުރި ދިޔުމަށެވެ. އެކަމާ ނުރުހުންނުވުމަށެވެ.

މިކަމާ ގުޅޭގޮތުން ކީރިތި ޤުރްއާނުގައި އިރުޝާދު ދެއްވައިފައިވެއެވެ.

يَا أَيُّهَا الَّذِينَ آَمَنُوا لَا تَدْخُلُوا بُيُوتًا غَيْرَ بُيُوتِكُمْ حَتَّى تَسْتَأْنِسُوا وَتُسَلِّمُوا عَلَى أَهْلِهَا ذَلِكُمْ خَيْرٌ لَكُمْ لَعَلَّكُمْ تَذَكَّرُونَ * فَإِنْ لَمْ تَجِدُوا فِيهَا أَحَدًا فَلَا تَدْخُلُوهَا حَتَّى يُؤْذَنَ لَكُمْ وَإِنْ قِيلَ لَكُمُ ارْجِعُوا فَارْجِعُوا هُوَ أَزْكَى لَكُمْ وَاللَّهُ بِمَا تَعْمَلُونَ عَلِيمٌ (النّور: ٢٧ – ٢٨)

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ أهل ވެރީންނަށް سلام ކޮށް إذن ލިބިގެންފުމަށް ދާންދެން ނުވަންނާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ. ފަހެ، އެ ގެތަކުން ތިޔަބައިމީހުންނަށް އެކަކުވެސް ނުފެނުނުނަމަ، ތިޔަބައިމީހުންނަށް إذن ދެވިއްޖައުމަށް ދާންދެން އެ ގެތަކަށް ތިޔަބައިމީހުން ނުވަންނާށެވެ! އަދި ތިޔަބައިމީހުން އެނބުރި ހިނގައިދާށޭ ތިޔަބައިމީހުންނަށް ބުނެވިއްޖެނަމަ، ފަހެ، ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ! އެގޮތް ތިޔަބައިމީހުންނަށް ސާފުކަންބޮޑެވެ. اللّه އީ، ތިޔަބައިމީހުން ކުރާ ކަންތައް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

އިސްވެ ބަޔާންކުރެވުނު އިލާހީ އިރުޝާދުގައި ދަސްކޮށްދެއްވައިފައިވާ ނުހަނު ރީތި އަދި އެހާމެ ޙިކުމަތްތެރި އުޞޫލުތައް ދޫކޮށްލައިފައި އެހެން މީހުންގެ ގޭތެރެ ސިއްރުން ބެލުމާއި، އަނެކުންގެ ގެދޮރުގެ އެކި ކަންތައް ހުންނަ ގޮތް ހޯދައި އޮޅުންފިލުވާން އުޅުމަކީ ތަހުޒީބާއި އަޚްލާޤުގެ ނަޒަރުން ބަލާއިރު ވަރަށް ހުތުރު ކަމެކެވެ. އަދި އެހާމެ އައިބު ކަމެކެވެ.

ޙަދީޘެއްގައި އައިސްފައިވެއެވެ. ކައުސާހިބާ صلّى اللّه عليه وسلّم އެއްދުވަހަކު އެކަލޭގެފާނުގެ ގެކޮޅުގެ ތެރޭގައި ހުންނެވިއެވެ. ކޮންމެވެސް މީހަކު ދޮރުކޮޅުގައި ހުރި ލޯވަޅަކުން އެތެރެ ބެލިއެވެ. އޭރު އިތުރު ސާހިބާގެ އަތްޕުޅުގައި ފުނާކޮޅެއް ކަހަލަ އެއްޗެއް އޮތެވެ. ދަގަނޑުން ނުވަތަ ލަކުޑީން ހަދައިފައިވާ އެއްޗެކެވެ. އިތުރު ސާހިބާ صلّى اللّه عليه وسلّم ހުންނެވީ އެއިން އެކަލޭގެފާނުގެ މާތް އިސްތަށިފުޅު ކައްސަވާށެވެ. އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. ކަލޭގެ އަހުރެންނާ ދިމާޔަށް ބަލާންހުރިކަން އަހުރެންނަށް އެނގުނުނަމަ މިއިން ކަލޭގެ ލޮލުގައި ޖެހީމުހެވެ. (މީހުންގެ ގެދޮރަށް ވަނުމަށް) އަމުރު ހޯދަން އަންގަވައިފައިވަނީ (ގޭތެރެ) ފެންނާނެތީއެވެ. މީހުންގެ އަމުރާ ނުލައި އެމީހުންގެ ގޭތެރެ ސިއްރުން ބެލުމަކީ ހުއްދަ ހޯދުމަކާ ނުލައި ގެއަށް ވަނުންފަދަ ކަމެކެވެ.  (بخارى، كتاب الديات، مسلم، كتاب الآداب)

ކައުސާހިބާ صلّى اللّه عليه وسلّم ގެ އެހެން ޙަދީޘްފުޅެއްގައި ވެއެވެ.

"لَوْ اطَّلَعَ فِي بَيْتِكَ أَحَدٌ وَلَمْ تَأْذَنْ لَهُ فَخَذَفْتَهُ بِحَصَاةٍ فَفَقَأْتَ عَيْنَهُ مَا كَانَ عَلَيْكَ مِنْ جُنَاحٍ" (بخارى، كتاب الديات، مسلم، كتاب الآداب)

މާނައީ: "ކަލޭގެ ހުއްދަޔަކާ ނުލައި މީހަކު ކަލޭގެ ގޭތެރެއަށް ސިއްރުން ބެލުމުން އޭނާގެ އެ ޢަމަލާ މެދު ކަލޭގެ ގާގަނޑަކުން ޖަހައި އޭނާގެ ލޯފަޅައިލި ކަމުގައި ވިޔަސް އެކަމުގެ މައްޗަށް ފާފައެއް ނެތެވެ."

އިސްވެދިޔަ ދެ ޙަދީޘްފުޅުގެ މައްޗަށް ބިނާކުރައްވައި الإمام الشافعى رحمه اللّه ވިދާޅުވާ ގޮތުގައި ހުއްދަޔަކާ ނުލައި މީހެއްގެ ގޭތެރެ ސިއްރުން ބެލުމުން ގޭގެވެރިޔާ އެމީހެއްގެ ލޯފަޅައިލި ކަމުގައި ވިޔަސް އެމީހެއްގެ ކިބަޔަކުން ޤިޞާޞް ހިފެވުމެއް ނުވަތަ ބަދަލު އަތުލައިދެވުމެއް ލާޒިމެއް ނުވާނެއެވެ. ނަމަވެސް الإمام أبو حنيفة رحمه اللّه ވިދާޅުވާ ގޮތުގައި މި ދެ ޙަދީޘްފުޅަކީ އިންޒާރު ދެއްވުމާއި، އެބާވަތުގެ ޢަމަލުތަކާ ދުރުހެލިވާން އެންގެވުމުގެ ގޮތެކެވެ. މިއީ ކަމާބެހޭ ޤާނޫނީ ޙުކުމެއް ބަޔާންކުރެއްވުމެއް ނޫނެވެ. ކޮންމެއަކަސް އަޅުގަނޑުމެން މި ޤާނޫނީ ބަޙްޘު ދޫކޮށްލި ކަމުގައި ވިޔަސް އަޅުގަނޑުމެންނަށް މިކަމުގައި އިސްލާމްދީނުގެ މިޒާޖާއި އެ ދީނުގެ ރުހުން އޮންނަ ގޮތް ވިސްނައިގަތުން އުނދަގުލެއް ނޫނެވެ.

ކައުސާހިބާ صلّى اللّه عليه وسلّم ގެ ޙަދީޘްފުޅުން އެނގޭ ގޮތުގައި އެންމެ ތިމާގެކަންބޮޑު ގާތް މީސްމީހުންގެ ގޭގެއަށްވެސް އަޅުގަނޑުމެން ވަންނާން ޖެހޭނީ ހުއްދަ ލިބިގެންނެވެ.

رسول اللّه صلّى اللّه عليه وسلّم ގެ އަރިހުގައި މީހަކު ދެންނެވިއެވެ. "އޭ މާތް اللّه ގެ ރަސޫލާއެވެ! އަޅުގަނޑުގެ މަންމަގެ ކިބައިންވެސް (މަންމަ އުޅޭ ތަނަށް ވަނުމަށްޓަކައި) ހުއްދަ ހޯދަން ޖެހޭނެތޯއެވެ؟" އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. "އާނއެކެވެ." އޭނާ ދެންނެވިއެވެ. "މަންމަގެ ޚާދިމަކީވެސް އަޅުގަނޑެވެ." ޙަދީޘް ކުރެއްވިއެވެ. "ހުއްދަ ލިބިގެން މަންމަ ގާތަށް ދާށެވެ! މަންމަ ބަރަހަނާއަށް ހުއްޓައި ދެކޭން ކަލޭ ރުހޭނުހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "ނޫނެކެވެ." އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. "އެހެން ކަމުގައިވާނަމަ ހުއްދަ ހޯދަން ޖެހޭނެއެވެ." (އެހެންނޫނީ ދެކޭން ހިތްނުރުހޭފަދަ ކޮންމެވެސް ޙާލަތެއް ދެކޭން ޖެހިދާނެއެވެ.) (رواه مالك فى مرسلا. كتاب الجامع، باب الاستئذان)

މީހުންގެ އެކަހެރިކަމުގެ ތެރެއަށް (Privacy) ނުވަނުމަކީ އިސްލާމްދީން ކިހައިވަރަކަށް އަހަންމިއްޔަތު ދޭ ކަމެއްކަން އިސްވެދިޔަ ވާހަކަތަކުން ވަރަށް ރަނގަޅަށް ބަޔާންވެއެވެ. މީހުންގެ ޕްރައިވެސީ ރައްކާތެރިކުރުމުގެ ޙައްޤަކީ މުޖުމަތަޢުގައި ކިހާވަރަކަށް ޙުރުމަތްތެރިވުމަށް އިސްލާމްދީން ބާރުއަޅާ ކަމެއްކަންވެސް ވަރަށް ރަނގަޅަށް އެނގެއެވެ.

ޤައުމާއި ވަޒަނަށް ޚިދުމަތްކުރުމުގެ ޙައްޤު

ޤައުމާއި ވަޒަނުގެ ލާބަޔާއި މަޞްލަޙަތާމެދު ވިސްނައި ފިކުރުކުރުމާއި އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމަކީ ދައުލަތުގެ ވަކި ފަރުދަކަށް ނުވަތަ ވަކި ފަންތިއެއްގެ ބަޔަކަށް އެކަނި ޚާއްޞަވެފައިވާ ކަމެއް ނޫނެވެ. ޤައުމާއި ވަޒަނަށް ޚިދުމަތްކުރުމުގެ ފުރުޞަތު ހުޅުވިފައި އޮތުމާއި، އެއްވެސް ސަބަބަކާހުރެ އެކަމަށް ހުރަސްއެޅޭގޮތް ނުވުމަކީ ޤައުމުގެ ކޮންމެ ރައްޔިތެއްގެވެސް ފުރިހަމަ ޙައްޤެކެވެ. އިސްލާމްދީން ވަނީ ޢިލްމީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، އަޚްލާޤީ ގޮތުންނާއި، ސިޔާސީ ގޮތުންނާއި، އިޞްލާޙީ ގޮތުންނާއި، އަދި މިނޫނަސް ބޭނުންތެރި އެދެވޭ ރޮނގުރޮނގުން މުޖުތަމަޢަށް ޚިދުމަތްކުރުމަށް އެންމެހައި އަފުރާދުންނަށް ބާރުއަޅައިފައެވެ. މުޅި މުޖުތަމަޢު އެކަމަށް ތައްޔާރުކުރުވައި އެކަމަށް ހިތްވަރުދީފައެވެ. ކީރިތި ޤުރްއާނުގައި އެކަން ސިފަކުރައްވައިފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.

لَا خَيْرَ فِي كَثِيرٍ مِنْ نَجْوَاهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَاحٍ بَيْنَ النَّاسِ (النّساء: ١١٤)

މާނައީ: "صدقات އެއް ކުރުމަށް، ނުވަތަ ހެޔޮކަމެއް ކުރުމަށް، ނުވަތަ މީސްތަކުންގެ މެދުގައި صلح އެއް އުފެއްދުމަށް أمر ކޮށްފި މީހަކު (ސިއްރު ގޮތުގައި ދައްކާ ވާހަކަ) މެނުވީ، އެއުރެން ސިއްރު ގޮތުގައި ދައްކާ ގިނަ ވާހަކަތަކުގައި ހެޔޮކަމެއް ނެތެވެ."

އިސްލާމްދީނުގެ ނަޒަރުގައި އެންމެ ހެޔޮކަންބޮޑު މަސައްކަތަކީ މާތް اللّه ގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތުގެ ޢިލްމު ޢާންމުކުރުމަށްޓަކައި ކުރެވޭ މަސައްކަތެވެ.

عثمان بن عفان رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ صلّى اللّه عليه وسلّم ޙަދީޘްކުރެއްވިއެވެ.

"خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ" (بخارى، كتاب فضائل القرآن، ترمذى كتاب ثواب القرآن)

މާނައީ: "ތިޔަބައިމީހުންކުރެ އެންމެ ހެޔޮކަންބޮޑީ ޤުރްއާން (ގެ ޢިލްމު) ދަސްކޮށް އެ ޤުރްއާން (ގެ ޢިލްމު) އެހެން މީހުންނަށް އުނގަންނައިދޭ މީހާއެވެ."

އިންސާނާ ރަނގަޅު ޞިއްޙަތުގައި ދުޅަހެއިކަމުގައި ހުރުމާއި، އަނެކުންގެ ހެވާއި ލާބަޔަށްޓަކައި މަސައްކަތްކުރުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ރުހޭ ކަމެކެވެ. أبوهريرة رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. އިތުރު ސާހިބާ صلّى اللّه عليه وسلّم ޙަދީޘްކުރެއްވިއެވެ.

"اَلْمُؤُمِنُ الْقَوِيُّ خَيْرٌ وَأَحَبُ إِلَي اللهِ مِنَ الْمُؤُمِنُ الضَّعِيْفُ، وَفَي كُلُّ خَيْرٍ" (مسلم، كتاب القدر)

މާނައީ: "ބާރުގަދަ، ހިތްވަރު ހުރި މުއުމިނާ، ނިކަމެތި ބަލިކަށި މުއުމިނަކަށްވުރެ މާތް اللّه ގެ ޙަޟްރަތުގައި ލޮބުވެތިކަންބޮޑެވެ. (އެހެންކަމާއެކުވެސް) އެ ދެމީހުންކުރެ ކޮންމެ މީހެއްގެ ކިބައިގައިވެސް ހެޔޮކަންވެއެވެ."

އިންސާނީ ޚިދުމަތުގެ ދާއިރާގައި އުނދަގޫތައް ބަރުދާސްތުކުރުމާއި، ކެތްތެރިވުމާއި، ނުގުޑާފަދަ ގޮތެއްގައި ސާބިތުވެހުރެ ޚިދުމަތް ދެމެހެއްޓުމާއި، ހިތްވަރު އެލުވައިނުލުމަށް އިސްލާމްދީން ވާގިދެއެވެ. މުސްލިމުންގެ ހިތްތަކުގައި އެކަމުގެ ޝައުޤު އުފައްދައެވެ. عبد اللّه بن عمر رضى اللّه عنهما ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ صلّى اللّه عليه وسلّم ޙަދީޘްކުރެއްވިއެވެ.

"اَلْمُؤْمِنُ اَلَّذِي يُخَالِطُ اَلنَّاسَ، وَيَصْبِرُ عَلَى أَذَاهُمْ خَيْرٌ مِنْ اَلَّذِي لَا يُخَالِطُ اَلنَّاسَ وَلَا يَصْبِرُ عَلَى أَذَاهُمْ" (مسند أحمد:2/23 ترمذى ،كتاب صفة القيامة، ابن ماجه، كتاب الفتن)

މާނައީ: "މީސްތަކުންނާ ގުޅުން ބާއްވާ، އެކަމުގައި ދިމާވާ އުނދަގޫތައް ބަރުދާސްތުކުރާ މުއުމިނުން އެހެން މީހުންނާ ގުޅުމެއް ނޯންނަ އެކަމުގެ އުނދަގުލަށް ކެތްތެރިނުވާ މުއުމިނުންނަށްވުރެ މާތްކަމާއި ހެޔޮކަންބޮޑެވެ."

ދޭދޭމީހުންނާއި ޖަމާޢަތްތަކުގެ މެދުގައި އުފެދޭ ދެބަސްވުން ޙައްލުކޮށްދީ، އެބައިމީހުންގެ މެދުގައި ގުޅުން އާލާކޮށްދިނުމަކީ މުޖުތަމަޢަށް ކުރެވޭ އެންމެ މަތިވެރި އެއްޚިދުމަތެވެ. އެއީ ނުހަނު ސަވާބު ހުރި ކަމެއްވެސް މެއެވެ. ސުންނަތް އަޅުކަމަށްވުރެވެސް އެކަމުގެ ދަރުމަ އިތުރުވެ. أبو الدّرداء رضى اللّه عنه، އިތުރު ސާހިބާ صلّى اللّه عليه وسلّم ގެ އަރިހުން ރިވާކުރައްވައިފައި ވެއެވެ.

"أَلاَ أُخْبِرُكُمْ بِأَفْضَلَ مِنْ دَرَجَةِ الصِّيَامِ وَالصَّلاَةِ وَالصَّدَقَةِ ، قَالُوا بَلَى. قَالَ : صَلاَحُ ذَاتِ الْبَيْنِ فَإِنَّ فَسَادَ ذَاتِ الْبَيْنِ هِىَ الحَالِقَة" (مسند أحمد: 6/233 ترمذى ،كتاب صفة القيامة، أبو داود، كتاب الفتن)

މާނައީ: "(ސުންނަތް) ރޯދައާއި ޞަދަޤާތާއި ނަމާދަށްވުރެ ހެޔޮކަންބޮޑު ކަމެއްގެ ވާހަކަ ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަން ހެއްޔެވެ؟ (ރާވީ ވިދާޅުވެފައިވެއެވެ.) ތިމަންމެން ދެންނެވީމުއެވެ. އެއީ ކޮންކަމެއްތޯއެވެ؟ ކައުސާހިބާ ޙަދީޘްފުޅުކުރެއްވިއެވެ. މީސްތަކުންގެ މެދުގައިވާ ގުޅުންތައް ރަނގަޅުކުރުމެވެ. މީސްތަކުންގެ މެދުގައިވާ ގުޅުން ކެނޑުމަކީ (ދީނާއި ދުނިޔޭގެ ކަންތައް) ފާސިދުކޮށްލާ ކަމެކެވެ."

ދީނުގެ މަގަށް ދަޢުވަތު ދިނުމާއި، ހެޔޮކަންތައްތަކަށް ނަސޭހަތްދީ އިރުޝާދު ދިނުމަކީވެސް އެންމެންގެ ޙައްޤެކެވެ. أمّ المؤمنين أمّ حبيبة رضى اللّه عنها ގެ ރިވާޔަތަކުން އެކަމަށް ހެކި ލިބިއެވެ. رسول اللّه صلّى اللّه عليه وسلّم ޙަދީޘް ކުރައްވައިފައިވެއެވެ.

"كُل كَلامِ ابنِ آدمَ عليهِ لاَ لهُ إلَّا أمرًا بِمَعْرُوفٍ ، أوْ نَهيًا عَنِ مُنْكَرٍ أو ذِكرًا للهِ" (ترمذى، كتاب الزهد، ابن ماجه، كتاب الفتن)

މާނައީ: "ހެޔޮކަންތައްތަކަށް އަމުރުކުރުމާއި، ނުބައިކަންތައް މަނާކުރުމާއި، މާތް اللّه އަށް ޛިކުރުކުރުން ފިޔަވައި އިންސާނާ ދައްކާ ކޮންމެ ވާހަކަޔަކީވެސް އޭނާއަށް ގެއްލުންހުރި ވާހަކައެކެވެ. ފައިދާހުރި ވާހަކައެއް ނޫނެވެ."

އާދެ، އިސްލާމްދީން އިރުޝާދު ދެނީ ކޮންމެ މީހަކުވެސް މުޖުތަމަޢުގެ ލާބަޔަށްޓަކައި މަސައްކަތްކުރުމަށެވެ. އިންސާނިއްޔަތަށް ޚިދުމަތްކުރުމަށެވެ. އެކަމަށް ބޭނުންވާ ހަކަތައާއި ބުންވަރާއި ހުނަރުވެރިކަން ތިމާގެ ކިބައިގައި އުފެއްދުމަށެވެ. އިންސާނީ ޚިދުމަތަކީ ނުހަނު ބޮޑު ދަރުމައާއި ސަވާބުހުރި ކަމެއްކަން ދަނެގަނެ އެކަމުގައި ހީވާގިވުމަށެވެ. (މިރޮނގުގައި އިތުރު މަޢުލޫމާތު ބޭނުންފުޅު ބޭފުޅުން އަޅުގަނޑުގެ ފޮތެއް ކަމުގައިވާ "އިސްލާމްދީނުގެ ނަޒަރުގައި އިންސާނީ ޚިދުމަތް" މިފޮތް ވިދާޅުވުން އެދެމެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.