(23 އޭޕްރީލް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މަންމައަށް ކުރެވޭން އޮތް ހުރިހައި ކަމެއް ކޮށްފިއެވެ. ކުރާ ކަމެއްގެ ނަތީޖާއަކީ ދަރިފުޅު އިތުރަށް ޒަޚަމް ވުމެވެ. ލޭބޯފަނި ދަނީ ބާރު ގަދަ ކުރަމުންނެވެ. ލަދު ހަޔާތް ުޑަ ކަމުގެ ލައް ފިލުވާށާއި، ލޭބޯފަނިން ސަލާމަތްވާން ބޭނުންވާ ލޮނުފުއް މަންމައަކަށް ނުފެނުނެވެ.
ރޭގަނޑު އަށް ގަޑި ބައިގައި ޢިނާޔަތު ޙުސައިން ފިހާރައިން ގެއަށް އަތުވެއްޖެއެވެ. އަނބިމީހާގެ ކުލަ ބަދަލު ވެފައިވާ މޫނު ފެނުނީމާ ސުވާލު ކުރިއެވެ. "ކިހިނެއްވީ-؟ މިއަދު އަނެއްކާ ސަލްމާޔާ އަރައިރުންވީތަ-؟"
"ނޫނޭ- އަހަރެންގެ ތަގްދީރާ އަރައިރުންވީ-"
"ކަމަނާ... ދެ އަންހެން ދަރިން އެމީހުން އުޅޭ ގޮތަކަށް އުޅެން ދޫކޮށްލާ- ބާކީ އޮތް ނޭވާކޮޅު ކޮންމެވެސް ގޮތަކަށް ފުރިހަމަ ކުރެވޭތޯ ބަލާ- މި ދުނިޔެ ދަރިންނާ ހަވާލު ކޮށްފައި އަހަރެމެން ލަހެއް ނުވެ ދާން ޖެހިދާނެ-"
"ފާޚާނާއަށް ވަންނަވާފައި ދުރުވޭ- އަޅުގަނޑު ކާން ހަދާނަން-"
އޭނާ ހިނގައްޖެއެވެ. އިރުކޮޅަކުން ޢިނާޔަތު ޙުސައިން އައިސް ކާ މޭޒު ދޮށުގައި އިށީނދެއްޖެއެވެ. ކާން ފަށާފައި ބުނެލިއެވެ. "މިއަދު ޗަވްދަރީއާ ބައްދަލުވި-"
އަނބިމީހާ އަހައިލިއެވެ. "ކޮން ޗަވްދަރީއެއްތޯ-؟"
"ސަލްމާގެ ބައްޕަ-"
އަނބިމީހާ ސިހުނެވެ. "އެކަމަކު ސަލްމާ ބުނީ އޭނާގެ ބައްޕަ ވީ ދަނޑަށް ގޮހޭ-"
"ސަލްމާއަށް އެނގިފައި ނެތީ ކަމަށް ވާނީ- ސަލްމާ ދެކިލަން މި ގެއަކަށްވެސް ނާދެއެއްނު-؟ ބުނީ ކޯޓުގެ މައްސަލައެއްގައޭ މި އުޅެނީ ވަގުތެއް ލިބުނީމާ އަންނާނަމޭ-"
އޭނާ ކުޑަކޮށް ވިސްނައިލިއެވެ. "މި ވަނީ ކިހިނެއް ހެއްޔެވެ؟ ޗަވްދަރީ ބުނާ ގޮތުގައި އޭނާޔާ ބައްދަލު ކުރަން ސަހަރުގައި ހުންނަ ގެއަށް ސަލްމާ ދިޔައެވެ. ދެބަފައިން ބައްދަލު ވިއެވެ. އެހެން ވެއްޖެއްޔާ ސަލްމާ އޭނާގެ ބައްޕަ ރަށުގައި އުޅޭކަން ސިއްރު ކުރަނީ ކީއްވެގެން ހެއްޔެވެ؟"
އޭނާ ފުން ނޭވައެއް ލިއެވެ. އަންހެން ދަރިފުޅުގެ ހަޔާތް ކެނޑި މަގުމަތި ވާން ދޫކޮށްލެވޭ ވާހަކަ އަދި ފިރިމީހާއަށް އަންގާކަށް އޭނާ ބޭނުމެއް ނުވިއެވެ. ފީރޯޒާގެ ކާވެނީގެ ވާހަކަ ދައްކަން މިގެއަށް މައިންބަފައިން ގެންނާކަށް ސަލްމާ ބޭނުމެއް ނުވެއެވެ. އެކަން މި އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. ދޮގާއި މަކަރުގެ ތެރެއިން މުޅި އާއިލާގެ އަބުރު ވެއްޔާ މޮޑެވިގެން ދަނީއެވެ.
ޢިނާޔަތު ޙުސައިން އަހައިލިއެވެ. "ތިޔަ ވިސްނަނީ ކޮން ކަމަކާ-؟"
އޭނާ ބުންޏެވެ. "ނުވިސްނަން- މިހާރު ވިސްނުމުގެ ބޭނުމެއްވެސް ނެތެއް ނޫންތޯ-؟ އަޅުގަނޑުމެން މިތިބީ ދޮގުވެރި އާއިލާއަކާ އާއިލީ ގުޅުން އުފައްދައިގެން-"
"އެކަމަކު ބައްޕަ ދިޔައީ ދަނޑަށޭ ކިޔައި ދޮގު ހެދުމުގެ ބޭނުމެއް އަހަންނަކަށް އަދިއެއް ނުވިސްނޭ- އެއީ ކޮން ވާހަކައެއް-؟"
"އެއީ އޭނާގެ ކޮންމެވެސް މަސްލަހަތެއް އޮވެގެން ހެދި ދޮގަކަށް ވެދާނެ- ކޮންމެވެސް ފައިދާއެއް ވަނީ ކަމަށް ވެދާނެ- އެކަމާ ނުވިސްނަވާ- ކޭން ބައްލަވާ-"
އޭނާއަކަށް ނުއެއް ކެވުނެވެ. ކާ އެތިކޮޅު ހަފައިފައި ދިރުވާލަން ބޭނުން ވެއެވެ. އެކަމަކު އެ އެތިކޮޅު ހިފަނީ ބޭރަށް ނުކުންނާށެވެ. ކެއުމަކީވެސް ވަރުގަދަ ހަނގުރާމައަކަށް ވެއްޖެއެވެ. ފިރިމީހާއަށް ކާން ދިނުމުގެ ބޭނުމުގައި އޭނާ ގަދަ ކަމުން ނަމަވެސް ކެވޭތޯ ބަލަނީއެވެ. މިހާރު މި އޮތީ މަކަރު ބޭޒާރު ވެފައެވެ. ފީރޯޒާ ކުޅޭކުޅޭ އެއްޗަކަށް ވެގެން ހުރިހައި ހިނދަކު ކުޅޭ މީހާ ކުޅޭނެއެވެ. ދައްތަ އެހެރީ ފާރަވެރިއަކަށް ވެގެން އެހީތެރި ވާށެވެ. މި ގޭގައި ފާފައިގެ ވަގު ދޮރުތައް އެހެރަގެން ދަނީ ހުޅުވެމުންނެވެ.
މަކަރުވެރި ރޭވުން ބޭޒާރު ވީމާ އޭނާގެ ވިސްނުންވެސް އެހެން ގޮތަކަށް ބަދަލު ކުރާން އެބަ ޖެހެއެވެ. ފީރޯޒާއަށް ފާރަލުމުގެ ކަންތައް ކުރިއަށްވުރެ ވަރުގަދަ ކުރާން ވީއެވެ. އޭނާ ސަލްމާއާއި އަކްބަރުގެ ޖާދޫން ސަލާމަތް ކުރެވޭނޭ އެހެން ގޮތްތައް ހޯދާން ވީއެވެ. ނުބައި ކަމާ ހަނގުރާމަ ކުރާއިރު އެންމެ ފުރަތަމަ ކުރިމަތި ވާނީ ނާކާމިޔާބީއާއެވެ. ފަހުން ނުބައި ކަމާ ކުރިމަތިލައި ބަލި ކުރާނޭ މަގު ފަހި ވާން ފަށާނެއެވެ.
އޭނާ ކަނޑައެޅީ މިރެއިން ފެށިގެން ބައެއް ރޭރޭ ހޭލައި ހުންނާށެވެ. އެހެނީ ވަގުންނަށް އެންމެ ފަހ ވަގުތަކީ ރޭގަނޑު އެންމެ އަނިދިރވާ ވަގުތެވެ. ހަވީރުއްސުރެ އޮންނަނީ ވިލާ ބޯވެފައެވެ. ރޭގަނޑު ދިހައެއް ޖެހިތަނާ ވާރޭ ވެހެން ފަށައިފިއެވެ. ފިރިމީހާއާ މެދު ވިސްނާނޭ ކަމެއް ނެތެވެ. ޑަކްޓަރު އަންގާފައިވާ ގޮތުގެ މަތީން ފިރިމީހާ ކޮންމެ ރެއަކު ނިދަނީ، ނިދާ ބޭސް ކައިގެންނެވެ. މަންމަ އޭނާގެ ދަރިފުޅު މަގުފުރެދުމުން ސަލާމަތް ކުރާން ރޭގަނޑު ހަތަރު ދަމު ހޭލާ ހުންނަ ކަމެއް ފިރިމީހާއަކަށް ނުވެސް އެނގޭނެއެވެ.
އެގާރަ ޖަހަން ފަނަރަ މިނިޓަށް ވީމާ އޭނާ ކޮޓަރިން ނުކުމެއްޖެއެވެ. ބޭރުގައި އޮތީ ކަނު އަނދިރިކަމެވެ. ވާރޭގެ ސަބަބުން ކުޑަ ތެތްކަމެއް ތަޅުންގަނޑުގައި ހުއްޓެވެ. އޭނާ މަޑުމަޑުން ހިނގާފައި ގޮސް އެންމެ ފުރަތަމަ ދަރިފުޅުގެ، ދެން ޅީދަރިފުޅުގެ ކޮޓަރީގެ ދޮރުގައި ހިފައިލިއެވެ. ދެ ދޮރުވެސް ހުރީ އެތެރެއިން ތަޅުލައިފައެވެ. އޭނާ ޅީދަރިފުޅުގެ ކޮޓަރީގެ ދޮރުގައި ކަންފަތް ޖައްސައިލިއެވެ. އެއްވެސް އަޑެއް ނީވެއެވެ. އެއަށް ފަހު ގޮސް ފީރޯޒާގެ ކޮޓަރީގެ ދޮރުގައި ކަންފަތް ޖައްސައިލިއެވެ. އެއްވެސް އަޑެއް ނީވެއެވެ. އޭނާ ގޮތަށް ދެ ކޮޓަރިން ކުރެ ކޮޓަރިއަކުން އަޑެއް އިވޭތޯ ފަނަރަ ވަރަކަށް މިނިޓު ވާންދެން ބަލައިފިއެވެ. އެހެން ފަހުން ހިތް ހަމަ ޖެހިގެން އައިސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.
ޢިނާޔަތު ޙުސައިން އޮތީ މަރު ނިދީގައެވެ. އޭނާވެސް ބޭނުން ވަނީ ނިދާށެވެ. އެކަމަކު ނިދޭ ގޮތެއް ނުވިއެވެ. ހިތަކަށް ހަމަ ޖެހުމެއް ނުލިބުނެވެ. ދަރިފުޅުގެ ކޮޓަރި ކައިރިން އައީ ހިތް ހަމަ ޖެހިގެންނެވެ. އެކަމަކު ބައެއް ފަހަރަށް ހިތް ހަމަ ޖެހުންވެސް ވެގެން ދަނީ ބޮޑު ހިތްހަމަ ނުޖެހުމަކަށެވެ. އެތެރެ އެހައި ބޮޑަށް ހިމޭންވެފައި އޮތީމާވެސް ޝައްކު އުފެދެނީއެވެ. މިވަރަށް ވާރޭ ވެހެނިކޮށް މީހަކު ބޭރުން އައިސް ވަންނާނޭ ހެންނެއް ހިއެއް ނުވެއެވެ. އަދި މީހަކު ބޭރަށް ނުކުމެގެން ހިނގައިދާނޭ ކަމަކަށްވެސް ގަބޫލެއް ނުކުރެވެއެވެ.
އޭނާއަކަށް ކޮތަރީގައި ހިތް ހަމަ ޖައްސައިލައިގެންނެއް ނުހުރެވުނެވެ. އަނެއްކާވެސް ބޭރަށް ނުކުމެއްޖެއެވެ. އަނެއްކާވެސް މިސްރާބު ޖެހީ ދަރިފުޅުގެ ކޮޓަރިއާ ދިމާއަށެވެ. އޭރު ވާރޭ ވެހުމުގެ އިތުރަށް ވިދައި ގުގުރާންވެސް ފަށައިފިއެވެ. އޭނާ މަޑުމަޑުން ހުސް ފަޔާ ހިނގާފައި ދަރިފުޅުގެ ކޮޓަރިއާ ހަމައަށް އަތުވެއްޖެއެވެ. އެ ވަގުތު ފެނުނު މަންޒަރަކުން އޭނާގެ ހިތް ނުހުއްޓުނީ ހަމަކިރިޔާއެވެ.
(ނުނިމޭ)