ސީރިޔާގެ ދާޚިލީ ހަނގުރާމަ: ކާކު ކޮން މަގުސަދެއްގައި؟- 4

ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކެއް ސީރިޔާގެ ޚުމައިމީން އަސްކަރީ މަރުކަޒުގައި

(13 އެޕްރީލު 2018 ވަނަ ދުވަހު ޝާއިއުކުރި ބަޔާ ގުޅޭ)
ސީރިޔާގެ ދާޚިލީ ހަނގުރާމައަށް މަގުފަހިކުރި އަނެއްކަމަކީ ޒަމާނުއްސުރެ ސީރިޔާގެ ކުރުދީންނާ ސަރުކާރާ ދެމެދު އޮންނަ މައްސަލަތަކެވެ. ސީރިޔާގެ އަރަބި ސަރުކާރުން ކުރުދީންނާމެދު ނަސްލީ ތަފާތުކުރުން ގެންގުޅުމެވެ. އިހުގެ ކުރުދިސްތާން ބައިބައިވެ ހަތަރު ގައުމެއްގެ ތެރެއަށް ގޮސްފައިވާ އިރު، އެންމެ ހާލަތު ރަނގަޅު ބަޔަކީ ސީރިޔާގެ ކުރުދީން ކަމުގައި ބުނެވިދާނެއެވެ. އީރާނު ސަރުކާރާ އެގައުމުގެ ކުރުދީންނާ މެދު މައްސަލަ ބޮޑެވެ. ތުރުކީ ސަރުކާރުން ދަނީ ކުރުދީންނާ ހަނގުރާމަކުރަމުންނެވެ. އިރާގުގެ ކުރުދީންވެސް، ސައްދާމުގެ ވެރިކަން ބަދަލުކުރުމުގައި އެބައިމީހުންގެ ދައުރުގެ ސަބަބުން ހާލަތު ރަނގަޅުވި ނަމަވެސް، އަބަދަވެސް މައި ސަރުކާރާ ދެބަސްވެ ހަނގުރާމަކޮށްފައި ވެއެވެ.
ކުރުދީންނަކީ ސީރިޔާގެ އާބާދީގެ ގާތްގަނޑަކަށް %10 ކަމުގައި ވާއިރު އެބައިމީހުންނާ ދެކޮޅަށް ސަރުކާރުން ނަސްލީ ތަފާތުކުރުން ގެންގުޅެމުން އައިސްފައި ވެއެވެ. އެ ގައުމުގެ އުތުރުގައި ކުރުދީންގެ ސަރަހައްދުގައި އަރަބިން ވަޒަންވެރިކޮށް އެ ސަރަހައްދުން ކުރިދީންގެ ބާރު ކަނޑުވާލަން ސަރުކާރުން މަސައްކަތްކޮށްފައި ވެއެވެ. މިގޮތުން އަރަބިންގެ ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދަށް ގެނެސް، ކުރުދީންގެ 1 ލައްކަ 40 ހާހެއްހާ މީހުން ގަދަކަމުން ސީރިޔާ ދެކުނަށް ބަދަލުކުރުމަށް މަސައްކަތްކުރިއެވެ. ނަމަވެސް ކުރުދީން އެކަމަށް ދެކޮޅު ހެދުމުން އެބައިމީހުންނީ ސީރިޔާއަށް އަރައި ތިބި ބީރައްޓެހިން ކަމަށް ހަދައި ބިމާއި ގެދޮރުގެ މިލްކުވެރިކަމުން އެމީހުން މަހުރޫމު ކުރިއެވެ. އަދި ބާ ގެތައް މަރާމާތު ކުރުމުގެ ހުއްދަވެސް އެބައިމީހުންނަށް ނުދޭން ނިންމިއެވެ. ކުރުދީންނަށް އެބައިމީހުންގެ ބަސްވެސް ރަސްމީ ހައިސިއްޔަތުން ބޭނުންކުރުމުގެ ހުއްދަ ނުދެއެވެ.
2011 ވަނަ އަހަރުގައި ފެށުނު 'އަރަބި ބަހާރާ' އެކު ސީރިޔާގައި ވެސް ސަރުކާރާ ދެކޮޅަށް މީސްތަކުން ނުކުތެވެ. އެނުކުތް މީހުން ތެރޭގައި ކުރުދީންވެސް ނުކުތެވެ. އެންމެ ފަހުން ކުރުދީންނާއި ސަރުކާރު ސިފައިންނާ ދެމެދު ނުތަނަވަސްކަން އިތުރުވިއެވެ. އަދި ކުރިން ދެކޮޅުވެރި ކުރުދީ ޖަމާއަތްތައް އެއްގަލަކަށް އަރައި ސަރުކާރާ ދެކޮޅަށް ނުކުތެވެ. އަދި 12 ޖުލައި 2012 ގައި ކަރޑިޝް ސުފްރީމް ކޮމިޓީ އުފައްދައި އުތުރު ސީރިޔާގައި ކުރުދީ ޒާތީ މިނިވަންކަމުގެ ސަރަހައްދެއް އިއުލާންކުރިއެވެ. ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ހަރަކާތްތެރިވަމުން އެބައިމީހުންގެ ސަރަހައްދު ދިފާއުކުރުމުގެ މަސައްކަތްވެސް ކުރުދީން ދަނީ ކުރަމުންނެވެ.
ދާޚިލީ ހަނގުރާމައިގައި ބޭރުގެ ފަރާތްތަކުގެ ދައުރު
ސީރިޔާގައި މިހާރު ކުރިއަށްދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވަނީ ހަމައެކަނި ސީރިޔާގެ ފަރާތްތަކެއް ނޫނެވެ. އެކިއެކި ފަރާތްތަކަށް ތާއީދުކުރާ ބޭރުގެ ފަަރާތްތަކުން ދަނީ ހަނގުރާމައިގައި ބަވެރިވަމުންނެވެ.
އީރާނާއި ހިޒްބުﷲ
ސީރިޔާގައި މިހާރު ވެރިކަންކުރާ އާއިލާއަކީ ޝީއީންގެ ޖަމާއަތެއް ކަމުގައިވާ އަލަވީންނަށް ނިސްބަތްވާ އާއިލާއެެކެވެ. ހިޒްބުﷲ އަކީ ލެބެނާނުގެ ޝީއީ ހަނގުރާމަވެރި ޖަމާއަތެކެވެ. އީރާނަކީ އެންމެ ބޮޑު ޝީއީ އާބާދީއެެއް އޮތް ޝީއީ ވެރިކަމެެއް ކުރާ ގައުމެކެވެ. އެހެންކަމުން އީރާނާއި، ހިޒްބުﷲ ރައީސު ބައްޝާރުލް އަސަދަށް ތާއީދުކުރުމަކީ ޠަބީޢީ ކަމެކެވެ. އީރާނާއި، ހިޒްބުﷲއިން ދަނީ ސީރިޔާގެ ދީޚިލީ ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވެ ސަރުކާރުގެ ދިފާއުގައި ހަނގުރާމަކުރަމުންނެވެ. 2011 ވަނަ އަހަރުގައި ހަނގުރާމަ ފެށިގެން އައިއިރު، އަސްކަރީ ތަމްރީނު ދިނުމާއި، ޖާސޫސީ މައުލޫމާތާއި، ހަތިޔާރުގެ ގޮތުން އީރާނުން އައީ ސީރިޔާ ސަރުކާރަށް އެހީވަމުންނެވެ. ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ އީރާނު ސިފައިން ބައްޝާރުގެ ދިފާއުގައި ހަނގުރާމައިގައިި ބައިވެރިވާންފެށިއެވެ. 2013 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން 10 ހާހެއްހާ އީރާނު ސިފައިން ދަނީ ސީރިޔާގައި ހަނގުރާމަ ކުރަމުންެނެވެ. މީގެ އިތުރަށް ސީރިޔާގެ އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލުކުރާ ސަރަހައްދުތަކަށް އީރާނު ތެރެއިން ފޮނުވާ މިސައިލުން ހަމަލާ ދީފައިވެސް ވެއެވެ.
2013 ވަނަ އަހަރުން ފެށިގެން ހިޒްބުﷲ އިން ވެސް ދަނީ ބައްޝާރުގެ ސަރުކާރު ދިފާއުކުރުމުގައި އަމަލީގޮތުން ބައިވެރިވަމުންނެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާގޮތުގައި ހިޒްބުﷲގެ 3 ހާހާ 4 ހާހާ ދެމެދުގެ ހަނގުރާމަވެރިން ދަނީ ސީރިޔާގައި ހަނގުރާމަކުރަމުންެނެވެ. ވަކިން ޚާއްސަކޮށް ސުންނީން އެންމެ ގިނަ ސަރަހައްދުތައް ކަމުގައިވާ ހަމާއާއި ހިމްސްގައި ހިޒްބުﷲ ގެ އެންމެ ވަރުގަދަ ކޮމާންޑޯއިން ހަރަކާތްތެރިވާ ކަމުގައިވެސް ބުނެވެއެވެ.
ރަޝިޔާ
ސީރިިޔާއަކީ މެދުއިރުމަތީގައި އޮތް ރަޝިޔާ އެންމެ ބޮޑު އެކުވެރިޔާއެވެ. ހާފިޒުލް އަސަދުގެ ދުވަސްވަރުވެސް ސީރިޔާއަށް އެންެމެ ގިނަ ހަތިޔާރު ދެމުން އައީ ރަޝިޔާއިންނެވެ. ސީރިޔާގައި ހުޅަނގަށް ތާއީދުކުރާ ސަރުކާރެއް އުފެދުމަކީ މެދުއިރުމަތީގައި ރަޝިޔާއަށް ލިބިގެންދާނެ ބޮޑު ނާކާމިޔާބީއެކެވެ. އެހެންކަމުން، ކޮންމެ އަގެއްގައި ނަމަވެސް ބައްްޝާރުލް އަސަދުގެ ސަރުކާރު ދިފާއުކުރުމަކީ ރަޝިޔާއަށް ވަރަށް މުހިއްމު ކަމެކެވެ. ރަޝިޔާ ސިފައިން ސީރިޔާގައި ހަރަކާތްތެރިވަނީ މިބޭނުމުގައެވެ. ރަޝިޔާއިން ސީރިޔާގެ ހަނގުރާމައިގެ ތެރެއަށް ވަނީ 30 ސެޕްޓެންބަރު 2015 ގައެވެ. އެދުވަހު ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކުން ސީރިޔާ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލުކުރާ ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދިނެވެ. އެދުވަހުއްސުރެ ރަޝިޔާގެ ވައިގެ ސިފައިން ބައްޝާރުގެ ސަރުކާރުގެ ސިފައިންނަަށް އެހީތެރިވަމުން ދެއެވެ. މިހާރުގެ އަންދާޒާތައް ބުނާ ގޮތުގައިި ރަޝިޔާގެ 40 އަސްކަރީ މަތިންދާބޯޓާއި، 15 އަސްކަރީ ހެލިކޮޕްޓަރާއި، އެތަކެތި ހިމާޔަތްކުރާނެ 3 މިސައިލް ސިސްޓަމާއި، އަސްކަރީ ޑްރޯންތަައް ސީރިޔާގައި ހަރަކާތްތެރި ވެއެެެވެ. އަދި ޓޭންކާއި، ބޮޑުބަޑިއާއި، އަސްކަރީ އުޅަނދުތަކާއެކު ރަޝިޔާގެ 200 ވަރަކަށް މެރީންސް ދަނީ ސީރިޔާގައި ހަނގުރާމަކުރަމުންެނެވެ.
ތުރުކީ
ތުރުކީއަކީ ސިރިޔާއާއި ގުޅޭ ދިގު ސަރަހައްދީ ރޮނގެއް އޮވެފައި، ސީރިޔާގެ އުތުރުގައި ކުރުދީންގެ ބާރުގަދަވާން ބޭނުންނުވާ ގައުމަކަަށްވާތީ ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި ތުރުކީން ވަނީ އެދުވަސްވަރަކާ ގުޅޭގޮތުން ސީރިޔާގެ މައްސަލައާމެދު އެކި ދުވަސްވަރު އެކި ސިޔާސަތު ގެންގުޅެފައެވެ. އެންެމެ ފުރަތަމަ 2011 ވަނަ އަހަރުގެ މާރިޗު މަހު ސީރިޔާގައި ހަމަނުޖެހުންްތައް ފެށިގެން އައިއިރު ތުރުކީން ބޭނުންވީ ބައްޝާރުލް އަސަދު ވެރިކަމުގައި ބަަހައްޓައިގެން މަައްސަލަ ހައްލުކުރާށެވެ. އޭރު ތުރުކީން ގޮވާލަމުން ދިޔައީ ސީރިޔާގެ ސަރުކާރުން ސިޔާސީ އިސްލާހުތަކެއް ގެނެސްގެން، އިދިކޮޅު ފަރާތްތަކުގެ ގޮވާލުންތައް އަޑުއަހައިގެން މައްސަލަ ހައްލުކުރުމަށެވެ. އެހެންނަމަވެސް، ބައްްޝާރުގެ ވެރިކަމާ ދެކޮޅަށް ކުރެވޭ ހަނގުރާމަ 2012 ވަނަ އަހަރު ގަދަވުމާ ގުޅިިގެން ތުރުކީން، ބައްޝާރުގެ ސަރުކާރާ އިދިކޮޅު ހަނގުރާވެރިންނަށް އެހީވާންފެށިއެވެ. އަދި ހަތިޔާރާއި، ހަނގުރާމަވެރިން ތުރުކީގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ސީރިޔާއަށް ވަނުމުގެ ފުރުސަތު ހުޅުވައިލިއެވެ. އަދި ބައްޝާރުގެ ވެރިކަން ވަރަށް އަވަހަށް ވެއްޓިދާނެކަމުގެ އުއްމީދުގައި އެކަމަށް ހިތްވަރު ދިނެވެ. 2015 ވަނަ އަހަރު ތުރުކީން އަނެއްކާވެސް ސިޔާސީ ހައްލަކަށް ގޮވާލަން ފެށިއެވެ. މިފަހަރު ބައްޝާރު ވެރިކަމުން ދުރުކޮށް އެހެން ފަރާތަކަށް ވެރިކަން ލިބޭ ފަދަ ހައްލަކަށެވެ. އެފަދަ ހައްލެއެްވެސް އަތުވެދާނެ ކަމުގެ އުއްމީދު ނެތުމުން ބައްޝާރު ވެރިކަމުގައި ބަހައްޓައިގެން ސިޔާސި ހައްލެއް ގެނެވޭތޯ މަސައްކަތްކުރިއެވެ. ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި ކުރުދީން ބާރުގަދަވެ، ތުރުކީއާއި ކައިރި، ސީރިޔާގެ އުތުރު ސަރަހައްދުތަކުގައި ކުރުދީންގެ ދާޚިލީ ގޮތުން މިނިވަން ސަރަހައްެދެއް އުފެދޭތަން ބަލަން ތުރުކީއަށް ނޯވެވުނެވެ. އެހެންކަމުން 2017 ވަނަ އަހަރުން ފެށިގެން ތުރުކީ ސިފައިން ސީރިޔާ ސަރަހައްދުގެ ތެރޭގައި ކުރުދީންނާ ދެކޮޅަށް ހަރަކާތްތެރިވާން ފެށިއެވެ. އަދި ކުރުދީ ބައެެއް ރަށްތައް ތުރުކީ ސިފައިން ވަނީ ހިފާފައެވެ. (ނުނިމޭ)

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.