(30 މާރިޗު 2018 ވަނަ ދުވަހު ޝާއިއުކުރި ބަޔާ ގުޅޭ
އިސްލާމިކް ސްޓޭޓް ބަލިކަށިވުން
ސީރިިޔާގައި އިސްލާމިކް ސްޓޭޓް ފައި ހަރުކޮށްލުމާއެކު، ސީރިޔާއާއި އިދިކޮޅު ފަރާތްތަކުގެ ލަނޑުދަނޑި ބަދަލުކުރިއެވެ. ކުރިން ބައްޝާރުލް އަސަދު ބަލިކޮށް ވެރިކަމުން ދުރުކުރުމަށް މަސައްކަތްކުރަމުން ދިޔަ ގްރޫޕްތައް އެނބުރުނީ އިސްލާމިކް ސްޓޭޓާ ދިމާއަށެވެ. އެމެރިކާގެ އަސްކަރީ އެހީތެރިކަމާއެކު އިދިކޮޅު ހަނގުރާމަވެރިން އިސްލާމިކް ސްޓޭޓާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން އެޖަމާއަތުން ހިފި ބޮޑުބަަޔުން ފަހަތަށް ޖެހެން އެޖަމާއަތަށް މަޖުބޫރުވިއެވެ. އިސްލާމިކް ސްޓޭޓްގެ ވެރިރަށަކަށް ހަދައިގެން އުޅުނު ރައްޤާއިން ވެސް ފޭބިއެވެ. 2017 ވަނަ އަހަރުގެ ޑިސެންބަރާ ހަމައަށް އައިއިރު ސީރިޔާގައި އިސްލާމިކް ސްޓޭޓްގެ ބާރު މުޅިންހެެން ވަނީ ނެތި ގޮސް ފައެވެ. މިހާރު އެމީހުންގެ ބާރުގެ ދަށުގައި އޮތީ އެެއް އިރެއްގައި އެމީހުން ކޮންޓްރޯލުކުރި ސަރަހައްދުގެ އެންމެ %3 ކަމަށް ވެއެވެ.
ޖަބްހަތުއް ނުޞްރާ / ޖަބްހަތު ފަތުޙިއްޝާމް / ހައިއަތު ތަޙްރީރިއްޝާމް
ސީރިޔާގައި އިސްލާމީ ޝަރީޢަތާ އެއްގޮތަށް ވެރިކަންކުރާ ދައުލަތެއް ގާއިމުކުރުމުގެ މަގްސަދުގައި 2013 ވަނަ އަހަރުގެ ޖަނަވަރީ މަހު އުފެއްދި މި ޖަމާއަތަކީ އަލްޤާއިދާއަށް ތާއީދުކުރާ ސުންނީ ޖަމާއަތެވެ. އެހެންނަަމަވެސް އިސްލާމިކް ސްޓޭޓްގެ ހަރުކަށި އުސޫލުތަކާ ދުރު، އެޖަމާއަތާ ގުޅުމެއް ނެތް މުޖާހިދުންގެ ބައެކެވެ. އިސްލާމިކް ސްޓޭޓާ، ޖަބްހަތުއް ނުޞްރާ އާ ދެމެދު 2013 އިން 2015 ހަނގުރާމަ ހިނގާފައި ވެއެވެ. ބުނެވޭ ގޮތުގައި އެޖަމާއަތުގައި 20 ހާހެއް ހަނގުރާމަވެރިން ތިބެއެވެ. އެ ޖަމާއަތުގެ ހަނގުރާމަވެރިންގެ ތެރެއިން %30 އަކީ ބޭރުގެ ހަނގުުރާމަވެރިންނެވެ. އެޖަމާއަތުގެ ބާރު އޮންނަނީ ސީރިޔާގެ އުތުރުގައެވެ. އިދްރިބް ޕްރޮވިންސާއި ޤުނައިޠިރާ ގެ ބައިތައް އެޖަމާއަތުން ކޮންޓްރޯލް ކުރެއެވެ. 2016 ވަނަ އަހަރު ޖަބްހަތުއް ނުޞްރާގެ ނަން ޖަބްހަތު ފަތުޙިއްޝާމްއަށް ބަދަލުކުރިއެވެ. އަދި 2017 ވަނަ އަހަރު ސުންނީ އެހެން ޖަމާއަތްތަކާ ގުޅިގެން ހައިއަތު ތަޙްރީރިއްޝާމްގެ ނަމުގައި ޖަމާއަތެއް އުފެއްދިއެވެ.
ސީރިއަން ޑިމޮކްރެޓިކް ފޯސަސް
މައިގަނޑު ގޮތެއްގައި ކުރުދީހަނގުރާމަވެރިން ހިމެނޭ މިޖަމާއަތުގައި އަރަބި، އަސީރީ، ތުރުކުމާން ހަނގުރާމަވެރިންވެސް ހިމެެނެއެވެ. 2015 ވަނަ އަހަރު އުފެދުނު މި ޖަމާއަތަކީ ސީރިޔާ ސަރުކާރާ އިދިކޮޅު ޖަމާއަތެއް ނަމަވެސް މި ޖަމާއަތުން ގިނައިން ހަނގުރާކޮށްފައި ވަނީ ޖަބްހަތުއް ނުޞްރާއާއެވެ. 2018 ވަނަ އަހަރު ފެށިގެން އައި އިރު މިޖަމާއަތުގައި 53 ހާހާއި 80 ހާާހާ ދެމެދުގެ އަދަދެއްގެ ހަނގުރާމަވެރިން ތިބި ކަމަށް ވެއެވެ. މިިޖަމާއަތުގައި ހިމެނޭ މައިގަނޑު ގްރޫޕުތަކުގެ ތެރޭގައި ވައިޕީޖީ އަދި ވައިޕީޖޭ ހިމެނެއެވެ. ވައިޕީޖީއަކީ އަފްރީންގައި ތުރުކީ ސިފައިންނާ ހަނގުރާމަކޮށް ބަލިވި ކުރުދީ ގުރޫޕެވެ.
އިދިކޮޅު ސިޔާސީ ހަރަކާތްތައް
ސީރިޔާގައި މިހާރު ހިނގަމުން ދަނީ ހަތިޔާރާއެކު ކުރެވޭ ދާޚިލީ ހަނގުރާމައަކަށް ވެފައި، އިސް ސަފުގައި ހަރަކާތްތެރި ވަނީ ހަތިޔާރުއެޅި ޖަމާއަތްތައް ކަމުގައި ވިޔަސް، ސިޔާސީ ވާދަވެރި ފަރާތްތައް ވެސް ދަނީ ސީރިޔާގެ މަސްރަހުގައި ހަރަކާތްތެރިވަމުންނެވެ. މިޖަމާއަަތްތަކާ ގުޅިގެން ބޭރުގެ ތަފާތު ފަރާތްތަކުން ސީރިޔާގެ މައްސަލައަށް ސުލްހަވެރި ހައްލެއް ގެންނަން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވެފައި ނުވެއެވެ. ސީރިޔާގެ މަސްރަހުގައި ހަރަކާތްތެރިވާ މައިގަނޑު ސިޔާސީ ޖަމާއަތްތަކުގެ ތެރޭގައި އަންނަނިވި ޖަމާއަތްތައް ހިމެނެއެވެ.
ނޭޝަނަަލް ކޯލިޝަން ފޯ ސީރިއަން ރިވޮލިއުޝަނަރީ އެންޑް އޮޕޮޒިޝަން ފޯސަސް (ސީރިއަން ނޭޝަނަލް ކޯލިޝަން)
ސީރިއަން ނޭޝަނަލް ކޯލިޝަންގެ ނަމުން މަޝްހޫރުވެފައިވާ މި ކޯލިޝަނަކީ ތަފާތު ސިޔާސީ ޖަމާއަތްތަކާއި، މައިގަނޑު ގޮތެއްގައި ސީރިޔާއިން ބޭރުގައި ދިރިއުޅޭ ސިޔާސީ ޝަޚްސިއްޔަތުތަކެއްގެ މައްޗަށް އެކުލެވޭ ކޯލިޝަނެކެވެ. މި ފަރާތްތައް އެއްތަންކުރަނީ އެެއް މަގުސަދެކެވެ. އެއީ ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅު ހެދުމާއި، އަސަދުގެ ވެރިކަން ބަދަލުކުރަން މަސައްކަތްކުރާ ފަރާތްތަކަށް ތާއީދުކުރުމެވެ. މި ކޯލިޝަންް އުފެދުނީ ސީރިޔާގެ އިދިކޮޅު ފަރާތްތަކުން ޤަޠަރުގެ ވެރިރަށް ދޯހާގައި ބޭއްވި ބައްދަލުވުމަކަށް ފަހު 11 ނޮވެންބަރު 2012 ގައެވެ. މިއީ ސީރިޔާގެ އެންމެ ބޮޑު އިދިކޮޅު ޖަމާއަތެވެ. ކޯލިޝަންގެ ހިންގާ ކައުންސިލްގެ 63 މެންބަރުން ހިމެނެއެވެ.
20 އަށްވުރެ ގިނަ ގައުމާއި ޔޫރަޕިއަން ޔުނިއަނުން ވަނީ ސީީރިއަން ނޭޝަނަލް ކޯލިޝަނަކީ ސީރިޔާގެ ރައްޔިތު ތަމްސީލުކުރާ ހަމައެކަނި ފަރާތްކަން ގަބޫލުކޮށްފައެވެ. 2013 ވަނަަ އަހަރުގެ މާރިޗު މަހުން ފެށިގެން އަރަބި ލީގުގައި ސީރިޔާ ތަމްސީލުކުރަނީވެސް ސީރިއަން ނޭޝަނަލް ކޯލިޝަނެވެ. މި ޖަމާއަތަށް އެެންމެ ބޮޑަށް ފާޑުކިއުން އަމާޒުވަނީ ސީރިޔާގައި ހަނގުރާކޮށް، ސަރަހައްދުތައް ކޮންޓްރޯލުކުރަމުންދާ ފަރާތްތަކާ މި ޖަމާއަތާ ގުޅުން ކުޑަކަމުންނެވެ. މި ޖަމާއަތުގެ މައި އޮފީސް ހުންނަނީ ތުރުކީވިލާތުގެ އިސްތަންބޫލުގައެވެ.
ސީރިއަން ނޭޝަނަލް ކައުންސިލް
ބައްޝާރުލް އަސަދާ ދެކޮޅަށް ހަރަކާތްތައް ފެށިގެން އައި ދުވަސްވަރު، 2011 ވަނަ އަހަރުގެ އޮގަސްޓު މަހު އުފުދުނު މި ޖަމާއަތަކީ ސީރިއަން ނޭޝަނަލް ކޯލިޝަން އުފެދެންދެން ސީރިޔާގެ މައި އިދިިކޮޅު ޖަމާއަތުގެ ގޮތުގައި ބެލެވެމުން އައި ޖަމާއަަތެވެ. 2012 ވަނަ އަހަރު ސީރިއަން ނޭޝަނަލް ކޯލިޝަން އުފެދުމުން އެ ކޯލިޝަނާ މިއަޖާއަތުން ގުޅުނެެވެ. އެެހެން ނަމަވެެސް ސިޔާސީ ޚިޔާލު ތަފާތުވުންތަކާ ހުރެ، 2014 ވަނަ އަހަރުގެ ޖަނަަވަރީ މަހު އެ ކޯލިޝަނުން ވަކިވިއެވެ. ސީރިޔާގެ ސަރުުކާރާ އިދިކޮޅު ފަރާތްތަަކުގެ %60 މި ޖަމާއަތުގައި ހިމެނޭ ކަމަށް މިޖަމާއަތުން ދައުވާކުރެއެވެ. މިޖަމާއަތުގައި މުސްލިމް ބްރަދާހުޑްގެ ސީރިޔާ ގޮފީގެ ބައެއް މީހުންގެ އިތުރަށް ސީރިޔާގެ ކުރުދީ ޕާޓީއެއް ކަމުގައިވާ ކާޑިޝް ފިއުޗާ މޫވްމަންޓުވެސް ހިމެނެއެވެ. މިޖަަމާއަތް އުފެދިގެން އައިއިިރު ސަރުކާރާ ދެކޮޅަށް ހަތިޔާރާއެކު ނުކުތުމަށް ދެކޮޅު ހެދިނަމަވެސް، ފަހުން ސީރިޔާގައި ދާޚިލީ ހަނގުރާމަ ފެށުމުން ފްރީ ސީރިއަން އާމީއަށް ތާއީދުކުރުމަށް ނިންމިއެވެ. އަދި ފްރީ ސީރިއަން އާމީއަށް ހަތިޔާރު ހޯދައި ނުދިން ނަމަވެސް، އެމީހުންނަށް ފައިސާގެ އެހީ ދޭން ނިންމިއެވެ. މި ޖަމާއުތުގެ މައި އޮފީސްވެސް ހުންނަނީ އިސްތަންބޫލުގައެވެ. (ނުނިމޭ)