އދ. ން އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް އުތުރު ކޮރެޔާއާއި އެކު ވިޔަފާރީގެ މުއާމަލާތް ހިންގި 49 ފަރާތެއް އދ. ގެ ސަލާމަތީ މަޖިލީހުން އިއްޔެ ބްލެކްލިސްޓް ކޮށްފިއެވެ. ބްލެކްލިސްޓް ކޮށްފައިވަނީ އާގުބޯޓު ދުއްވާ 21 ކުންފުންޏަކާއި، 27 އާގުބޯޓަކާއި، ވިޔަފާވެރި ވެރިއެކެވެ.
ބްލެކްލިސްޓް ކުރެވުނު ވިޔަފާރިވެރިއަކީ ތައިވާނުގެ ސަންގ ޔުންގ-ޔުއާން އެވެ. އޭނާ ވަނީ އުތުރު ކޮރެޔާ ބޯޓުދެލި ބޭރުކުރުމަށް އެހީތެރިވެދީފައި ކަމަށް އދ. ން ބުނުއެވެ. އޭނާ އެއްވެސް ގައުމަކަށް ދަތުރުކުރުން މަނާކޮށް، އޭނާގެ މުދާ ހިފެހެއްޓުމަށް ވަނީ ނިންމާފައެވެ.
ބްލެކްލިސްޓް ކުރެވުނު 27 އާގުބޯޓަކީވެސް އުތުރު ކޮރެޔާގެ ބޯޓުފަހަރެވެ. ބްލެކްލިސްޓް ކުރެވުނު 25 ބޯޓެއް ދުނިޔޭގެ އެއްވެސް ގައުމުކަށް ދަތުރުކޮށް އެއެވެސް ބަނދަރެއްގައި ބަނދަކުރުކުރުން ވަނީ މަނާކުރެވިފައެވެ. އަދި އެބޯޓުތަކުގެ މުދާ ހިފެހެއްޓޭނެއެވެ. 2 ބޯޓެއްގެ މުދާ ހިފެހެއްޓޭއިރު، ބަނދަރުކުރުން މަނާކުރެވިފައި ނުވެއެވެ. ބްލެކްލިސްޓް ކުރެވުނު 21 ކުންފުނި ނިސްބަތްވަނީ އުތުރު ކޮރެޔާއަށާއި، ހޮންގކޮންގަށާއި، ޗައިނާއަށާއި، ތައިވާނަށާއި، ސިންގަޕޫރަށެވެ. މިކުންފުނިތަކުގެ މުދާތައް ހިފެހެއްޓުމުގެ ބާރު އދ. ގެ ގަރާރުން ލިބިދެއެވެ.
އދ. ގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ވިޔަފާރި ހިންގުމަށް އުތުރު ކޮރެޔާއިން އަބަދުވެސް މަސައްކަތްކުރެއެވެ. މިމަސައްކަތުގައި، ދުނިޔޭގެ އެހެން ފަރާތްތަކުގެ އެހީތެރިކަމާއެކު ކާމިޔާބުވެސް ހޯދައެވެ. ފާއިތުވި އަހަރުވެސް ބޯޓުދެއްޔާ، ދަގަނޑާ، އެކަތަ ބޭރުކޮށްގެން އުތުރު ކޮރެޔާއިން 200 މިލިއަން އެމެރިކާ ޑޮލަރު ހޯދާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ ކުރިން އދ. ން ފިޔަވަޅު އަޅާފައި އޮތީ އުތުރު ކޮރެޔާގެ 8 އާގުބޯޓާ ދެކޮޅަށެވެ. ނަމަވެސް މިހާރު މި ލިސްޓަށް 27 ބޯޓު އިތުރުކުރުމެގެ ސަބަބުން އުތުރު ކޮރެޔާއިން ހިންގާ ވަގު ވިޔަފާރިއަށް ބޮޑު ހީނަރުކަމެއް އަންނާނެއެވެ.