ރާއްޖޭގައި މިހާރު ދިމާވެފައިވާ މައްސަލަތައް ދިމާވީ ޝަރުއީ ދާއިރާގެ ސަބަބުންނޭ ނޫނީ މިކަން މިހެންވީ ގާނޫނުހަދާ މަޖިލީހުން އެމީހުންގެ ޒިންމާ އަދާނުކުރެވިގެންނޭ ބުނެވޭ ވަރަށްވުރެ ގައުމުގެ ހާލަތު ގޯސް ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ޒިންމާތަކާ ހަވާލުވެގެން ނުވަތަ ހަވާލުކޮށްފައިވާ ފާރާތްކަށް އެއީ ޝަރުއީ ދާއިރާ ކަމަށްވިޔަސް ރައްޔިތުންގެ މަޖިލީސް ކަމަށްވިޔަސް އެމީހުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ކޮންމެވެސް ގޮތަކުން ހުރަސް އެޅޭކަން އެއީ ކަށަވަރުވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް ޔަގީންވާ ކަމަކީ އަޅުގަނޑުމެންގެ ތެރެއިން ޒިންމާތައް ހަވާލުކޮށްފައިވާ މީހުން އެއީ ޝަރުއީ ދާއިރާގައި ތިބި މީހުން ކަމަށްވިޔަސް އަދި ރައްޔިތުންގެ މަޖިލީހުގައި ތިބި މެންބަރުން ކަމަށްވިޔަސް އެމީހުންގެ ގާނޫނީ ޒިންމާ އޭގެ ފުރިހަމަ ގޮތުގައި އަދާ ކުރުމަށް ކޮންމެވެސް ގޮތަކުން ހުރަސްތަކެއް އެޅިގެން ނުފޫޒުތަކެއް ފޯރުވައިގެންދާކަން،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބައެއް ފަހަރަށް ނުރަނގަޅުގޮތަށް ކަންތައްތައް ދާކަންވެސް އެނގިވަޑައި ގަންނަވާ ކަމަށެވެ. ޚާއްސަކޮށް އަށާރަވަނަ ރައްޔިތުންގެ މަޖިލިސް ހޮވުނުއިރުގައި ރައްޔިތުންގެ މަޖިލީހަށް އެކި ޕާޓީތަކުން މެންބަރުން އައިގޮތާއި އޭގެ ފަހުން ރައްޔިތުންގެ މަޖިލިސް ބަދަލުވެގެންދިޔަ ގޮތާއި އަދި މިހާރު މިއޮތް ހާލަތަށް ރައްޔިތުންގެ މަޖިލިސް އަނބުރާ އައިސްފައިވާގޮތް އެންމެނަށް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހުރިހާ ކަމަކަށް ބަލާއިރު ކިތަންމެ ފަސޭހަކޮށް ވެރިކަން ކުރަން ލިބުނަސް، ގާނޫނު އަސާސީއާއި ގާނޫނުތައް ބާއްވާފައި އުސޫލެއްނެތި ހިތުހުރިހާ ގޮތަކަށް ކަންތައްތައް ކުރަން ފެށީމައި މިފަދަ ހާލަތު އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު ފެންނަމުންދަނީ ވަކިމީހަކަށް ވަކިގޮތެއް ހަދަން ތިމާހިތުހުރިހާ ގޮތަށް ކަންތައް ކުރަމުން ގޮސް ގާނޫނީ ހުކޫމަތަކަށް ބެލުމެއްނެތި ކަންތައް ކުރަން ފެށުމުން ފެންނާނެ ކަންކަން ކަމަށެވެ.
ރައްޔިތުން ވެރިކަން ހަވާލުކުރަނީ އެމީހުން ބޭނުންވާ ގޮތަށް (ގާނޫނު އަސާސީއާ އެއްގޮތަށް) ކުރަން ކަމަށާއި، އެހެންނަމަވެސް ވެރިކަމާހަވާލުވި ފަރާތްތަކުން ރައްޔިތުން ބޭނުންނުވާ ގޮތަށްވެރިކަންކުރާ ކަމަށްވާނަމަ ރައްޔިތުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ މަޖިލިސް މެންބަރުންނަށްވެސް ޕްރެޝަރު އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން މިހާރުގެ ހާލަތު ބަދަލު ކުރަން ރައްޔިތުން ނުކުންނަން ވެއްޖެ ކަމަށާއި، ރައްޔިތުން ނިކުތުމުން އެކަން ހައްލުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ހަގީގަތުގައި އަޅުގަނޑުމެން ގައުމޭ މިކިޔަނީ ރައްޔިތުންނަށް. ރައްޔިތުން ހަމަމަގަށް އެޅުވޭނީ ރައްޔިތުން ނިކުމެގެން. މިގައުމު ހަމަމަގަށް އެޅުވޭނީ މިގައުމުގެ ރައްޔިތުން މިގައުމު އިސްލާހު ކުރަން ނިކުމެގެން. އެކަމަކު ސީދާކޮށް ބުނަންނޭނގޭނީ އެކަންވާނީ މާދަމާތޯ އަނެއްދުވަހުތޯ އޭގެ އަނެއްދުވަހުތޯ. އެހެންނަމަވެސް ރައްޔިތުން ބޭނުންވާ ގޮތަށް މިކަންވާނެ،" އަލީ ވިދާޅުވިއެވެ.