
ރާއްޖެއަށް ޓެކްސްގެ ގޮތުގައި ބައިވަރު ފައިސާ ތަކެއް ދައްކަވަންޖެހޭ ބޭފުޅުން ތަކެއް ޔޫރަޕުގައި ފިއްލަވައި އެބަތިއްބެވި ކަމަށް ހައުސިން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޗެނަލް 13 އިން ރޭގެނެސްދިން ނިއުސް ޓޯކް ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ ދައުލަތުގެ ބަޖެޓު ހަދާއިރު އެއީވެސް ބަޖެޓަށް ވަންނާނެ ފައިސާ ކަމަށް ޖަހާނެ ކަމަށެވެ. އެހެންނަމަވެސް އެފައިސާ ނުލިބިއްޖެ ކަމަށްވާނަމަ މަޝްރޫތައް ހިންގަން ވަރަށް ބޮޑަށް ދަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދިވެހިރާއްޖެއަށް ޓެކްސް ގޮތުގައި ބައިވަރު ފައިސާތަކެއް ދައްކަވަންޖެހޭ ބޭފުޅުންތަކެއް ޔޫރަޕްގައި ފިއްލަވައިގެން އެބަތިއްބެވި. އެފައިސާ އަޅުގަނޑުމެންގެ ޓެކުހުގެ ނިޒާމަށް ނުވަނީމައި ދިވެހިރާއްޖޭގެ ކުރިއަށް އޮންނަ އަހަރުގެ ބަޖެޓު ކަނޑައަޅާއިރުގައި އެބަޖެޓުގައި ޖަހާނެ އެފައިސާއަކީވެސް ކޮންމެވެސް ހިސާބަކުން ބަޖެޓަށް ލިބި އެފައިސާގެ ތެރެއިން އިޖުތިމާއީ އުމްރާނީ ތަރައްގީއަށް ޚަރަދުކުރާނެ ކަމަށް. އެފައިސާ ނުލިބިއްޖެ ކަމަށްވާނަމަ ވަރަށްބޮޑު ދަތިކަމެއް ކުރިމަތިވާނެ،" ޒަރީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފާއިތުވި ދެ ހަފްތާއަށް ބަލާއިރު ރާއްޖެ އިގްތިސާދަށް ލޮޅުންތަކެއްވެސް އަރައިފައިވާ ކަމަށެވެ. އެގޮތުން 1500 އެއްހައި ބުކިންތައް ކެންސަލް ވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެކަން އެގޮތަށް ދިމާވީ ބޭރާއި އެތެރޭގައި ތިބި އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އިގުތިސާދު "ފުނޑާލުމަށް" ޓަކައި އެޝިއާއި ޔޫރަޕުގައި މާސްމީޑިއާ ބޭނުން ކޮށްގެން އެންޓިކެންޕޭން ކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަނަވެސް އެ މީހުންނަށް އެކަމުންވެސް ކާމިޔާބެއް ނުލިބުނު ކަމަށާއި ސަރުކާރަށް ވަރަށްބޮޑު ކާމިޔާބެއް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.