ފްލޮރިޑާގެ ޕާކްލޭންޑްގެ ސެކަންޑަރީ ސްކޫލެއްގައި ފާއިތުވި މަހުގެ 14 ވަނަ ދުވަހު ބަޑިޖަހައި 17 މީހުން މަރާލި ހާދިސާއާ ގުޅިގެން އެމެރިކާގައި ބާއްވާ ބޮޑު މުޒާހަރާތައް އިއްޔެ އެމެރިކާގައި ބާއްވައިފިއެވެ.
ބަޑިޖެހުމުގެ ހާދިސާ ހިނގި ސްކޫލްކަމުގައިވާ މެޖޯރިޓީ ސްޓޯންމޭން ޑަގްލަސް ހައި ސްކޫލްގެ ދަރިވަރުންގެ އިސްނަގައިގެން އެމެރިކާގެ އެކި ކަންކޮޅުތަކުގައި 'މާޗް ފޯ އަވަ ލައިވްސް' ގެ ނަމުގައި ބާއްވާ ބޮޑު މުޒާހަރާތަކުގައި ގިނައިން ބައިވަރިވަނީ ޒުވާނުންނެވެ.
އެންމެ ބޮޑު މުޒާހަޒާރާ ބާއްވާފައި ވަނީ ވެރިރަށް ވޮޝިންޓަންގެ ޕެންސިލްވޭނިއާ އެވެނިއުގައެވެ. އިންތިޒާމުކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ވަައިޓް ހައުސް އިން ކެޕިޓަލް ހިލް (ކޮންގެރެސް ގެ އިމާރާތް) އަށް އޮންނަ މިމަގަށާއި، އެމަގާ ގުޅިގެން ވައިޓްހައުސް ކައިރިން އޮންނަ ކޮންސްޓިޓިއުޝަން އެވެނިއުއަށް އެއްވި މީހުންގެ އަދަދު 5 ލައްކައަަށް އަރައެވެ. އެ ސަރަހައްދުގެ ތޮެއްޖެހުން ކުޑަކުރުމަށް ފުލުހުން ވަނީ އެސަރަހައްދަށް އުޅަނދުތައް ވަނުން މަނާކޮށްފައެވެ.
"ހަ މިނެޓެއްހާއިރުގެ ތެރޭގައި އަހަރުމެންގެ 17 އެކުވެރިން އަހަރުމެންނާ ވަކިކޮށްލި. 15 އެކުވެރިން ޒަޚަމްކޮށްލި. އަދި އެންމެންގެ ދިރިއުޅުން އަބަދަށްޓަކައި ބަދަލުކޮށްލި." އެއްވެފައި ތިބި މީހުންނާ މުޚާޠަބުކުރަމުން ޑަގްލަސް ހައި ސްކޫލް ދަރިވަރު އެމާ ގޮންޒާލެސް ބުންޏެވެ. "އެތަނުގައި ހުރި ކޮންމެ މިހަކަށް ވިސްނޭނެ. ބަޑީގެ އަނިޔާވެރިކަން ފެނިފައި ހުރި ކޮންމެ މީހަކަށް ވިސްނޭނެ ..... 6 މިނެޓު 20 ސިކުންތު. އޭއާރު-15 އެއް." ސްޓޭޖްމަތީގައި 6 މިނެޓް 20 ސިކުންތު ހިމޭނުން ހުރުމަށް ފަހު ފެށި ވާހަކައިގައި އޭނާ ބުންޏެެވެ. އެ ވަގުތަކީ އެ ސްކޫލްގެ ކުރީގެ ދަރިވަރެއް ކަމުގައިވާ ނިކޮލަސް ކުރޫޒް (19 އަހަރު) އޭނާގެ ބަޑިން 17 މީހުން މަރާލަން ނެގި ވަގުތެވެ.
އެމެރިކާގެ އެކި ކަންކޮޅުތަކުގައި 800 އަށްވުރެ ގިނަ މުޒާހަރާ ބޭއްވިފައި ވެއެވެ. ހާދިސާ ހިނގި ސްުކޫލް ކުރިމަތީގައި ބޭެއްވި މުޒާހަރާއަށްވެސް 20 ހާހަށްވުރެ ގިނަ މީހުން އެއްވިއެވެ.
ވައިޓް ހައުސް ކައިރީ މުޒާހަރާ ކުރިއަށް ދިޔައިރު ރައީސު ޑޮަނަލްޑް ޓްރަމްޕް ގެންދަވަނީ ފްލޮރިޑާގެ ވެސްޓް ޕާމް ބީޗެްގައި ހަފުތާ ބަންދުގެ ޗުއްޓީ ހޭދަކުރައްވަމުންނެެވެ.
ފްލޮރިޑާގެ ސްކޫލުގައި ހިނގި ބަޑިޖެހުމުގެ ހާދިސާއަށް ފަހު އެމެރިކާގައި ނެގުނު ޚިޔާލު ހޯދުމުގެ ސާވޭއަކުން ދައްކާ ގޮތުން ޑިމޮކްރެޓިކް ޕާޓީގެ %90، ރިޕަބްލިކަން ޕާޓީގެ %50 އަދި ބަޑި ގެންގުޅޭ މީހުންގެ %54 މީހުން ބަޑިގެންގުޅުގެ ގަވާއިދުތައް ހަރުކަށިކުރުމަށް ތާއީދުކުރެއެވެ.