ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުވަދުއަތޮޅާމެދު ގެންގުޅުއްވަނީ ވަރަށްބޮޑު ތަސައްވުރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެނަމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.
އެތަސައްވުރު ފެށިގެން އަންނަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް އަންނަ ފަތުރުވެރިވެރިންގެ އަދަދު އެއްމިލިއަނުން ހަތްމިލިއަނަށް ބަދަލުވެގެން އަންނަ ހިސާބުން ކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހިސާބުން ސިކުނޑިއަށް ކަންތައްތަކެއް ނަގަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ އަތޮޅުތަކުގައި އެއާޕޯޓްތަކާއި ސީޕްލޭންތަކާއި އައްޑޫސިޓީ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރެއްވުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާމެދުވެސް ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ރާއްޖޭގެ ރައްޔިތުންގެ ތަރައްގީއާމެދު ރައީސް ޔާމީން އިސްކަންދެއްވާ މިންވަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ މީގެކުރިން ވެރިކަންކުރެއްވި ބޭފުޅުންވަނީ ހުވަދުއަތޮޅު ހަނދުމަފުޅު ނައްތަވާލައްވައިފައި ކަމަށެވެ. އެ އަތޮޅަކީ ރާއްޖޭގެ އެންމެ ބޮޑުއަތޮޅު ކަމަށާއި މުޅިރާއްޖޭގެ ދެވަނައަށް އެންމެބޮޑު އާބާދީއެއް އޮތް އަތޮޅު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅުން މި ހުވަދުއަތޮޅަށް ކޮށްދެއްވީ ކޮންކަމެއްތޯ ތިޔަ ބޭފުޅުން ސުވާލު އުފައްދަވާ. ކޮންމެ ފަހަރަކު ވާހަކައެއް ދައްކާލާއިރަށް ޓީނުގަނޑަކާއި ދާންޏެއް ދީގެން މި ތަރައްގީއެއް ނުގެނެވޭނެ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ ގައުމުތަކުން ޑައިރެކްޓް ފުލައިޓުތައް ހުވަދުއަތޮޅަށް ނުވަތަ އައްޑުއަށް އަންނަތަން ފެނުންދެން މާދުރުނޫންކަމަށެވެ. ވިލިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެރަށުގައި އިންޓަރނޭޝަނަލް އެއާޕޯޓެއް އުފެދި އެރަށުން ދުނިޔޭގެ ގައުތަކަށް އުދުހުމަކީ އެރަށުގެ މީހުން ދެކޭ ހުވަފެނެއް ކަމަށެވެ.
ތިނަދުއާއި، ވިލިގިއްޔާއި ކޫއްޑޫ ތަރައްގީކޮށްފައިވަނީ އެ މަސައްކަތުގެ ބައެއްގެ ގޮތުގައި ކަމަށާއި މާވާރުލާއި ފަރެސްމާތޮޑާގައި އެއާޕޯޓު ތަރައްގީ ވަމުން އެއަންނަނީ ވެސް އެމަސައްކަތުގެ ބައެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.