ސީރިޔާގެ ވެރިރަށް ދިމިޝްޤު ކައިރީގެ ސަރަހައްދެއް ކަމުގައިވާ އިތުމަތީ ޣޫޠާ ސަރަހައްދުގެ ބޮޑުބައެއް ސީރިޔާ ސަރުކާރުގެ ސިފައިން ހިފުމަށް ފަހު، އެސަރަހައްދު ދޫކޮށް ދިއުމަށް މަގު ތަނަވަސް ކޮށްދިނުމުން ލައްކައަކަށްވުރެ ގިނަ އާއްމުން އެސަރަހައްދު ދޫކޮށް ފައިބައިފިކަމަށް ސީރިޔާގެ ރަސްމީ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފިއެވެ.
ސީރިޔާގެ ރަސްމީ ޓީވީން ޚަބަރު ދިން ގޮތުގައި ސަރުކާރު ސިފައިން ހަދައިިދިން "އަމާން މަގުތަކުން" 1 ލައްކަ 5 ހާސް އާއްމުން ވަނީ އެސަރަހައްދު ދޫކޮޮށް ފައިބައިފައެވެެ. ސީރިޔާގެ ރަސްމީ ޚަބަރު އެޖެންްސީ ސާނާއިން ބުނި ގޮތުގައި ފައިބައިގެން ދިޔައީ "ޓެރަރިސްޓު ޖަމާއަތްތަކުން ހިފަހައްޓާފައި ތިބި" މީހުންނެވެ.
ހަނގުރާމައިގެ މައިދާނުގައި ސަރުކާރު ސިފައިން ކުރިއަށް ޖެހެމުން ދިޔަ ވަރަކަށް އާއްމުން ދިޔައީ އެ ސަރަހައްދު ދޫކޮށް ފައިބަމުންނެވެ. އެ ސަރަހައްދު ދޫކޮށް ނުކުތް މީހުން ވަނީ ދިމިޝްޤުގެ ރަށް ބޭރުގައި ހަދާފައިވާ ވަގުތީ ހިޔާތަކެއްގައި ބައިތިއްބާފައެވެ.
އިރުމަތީ ޣޫޠާ ސަރަހައްދު ހިފަން ސަރުކާރު ސިފައިން ފެށި ވަރުގަދަ ހަމަލާއާއެކު ހަނގުރާމަ އިތުރަށް ގަދަވެގެން ދިއުމުން، ރަޝިޔާ މެދުވެރިވެންގެ ދެކެވުނު ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން ދެ ބުރަކަށް ބަހާލައިގެން ހަނގުރާމަވެރިންނާ، އާއްމުން ފައިބައިގެެން ދިއުމަށް ފުރުސަތު ދިނުމަށް އެެއްބަސް ވެވުނެވެ.
ސަރުކާރާ ދެކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުން އެއް އިރެއްގައި މުޅިން ކޮންޓްރޯލް ކުރި އިރުމަތީ ޣޫޠާގެ %90 މިހާރު ވަނީ ސަރުކާރުން ހިފާފައެވެ. ފެބްރުވަރީ މަހުގެ 18 އިން ފެށިގެން ރަޝިޔާގެ ވައިގެ ހަމަލާތަކުގެ އެހީއާއެކު ސަރުކާރު ސިފައިން ދިން ވަރުގަދަ ހަމަލާގައި ސަރަހައްދުގެ ބޮޑު ބައި ހިފުމަށްފަހު، ހަނގުރާމަވެރިން ފައިބައިގެންދާން ފުރުސަތު ދިނީ ބާކީ އޮތްތަން ސަރުކާރުގެ ބާރުގެ ދަަށަށް ގެނައުމަށެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނާ ގޮތުން ސީރިޔާ ސިފައިން އިރުމަތީ ޣޫޠާ ހިފަން ކުރި ހަނގުރާމައިގައި އާއްމުންގެ 1600 މީހުން މަރުވެފައި ވެއެވެ.