ޓެބްލެޓްގެ އެހީގައި ކިޔަވައިދިނުމަށް ސްކޫލްތައް ވަނީ ގާތްގަނޑަކަށް ތައްޔާރުވެފައި:މިނިސްޓަރ

ޓެބްލެޓުގެ އެހީގައި ސްކޫލްތަކުގައި ކިޔަވައި ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށް އެކަމަށްވާންޖޭހޭ ތައްޔާރީތަކާއި ސްކޫލްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގާތްގަޑަކަށް މީހަރުވަނީ ނިމިފައި ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިދިޔައަހަރު އެން.އައި،އީ އިން ހިންގި ތަފާތު ކޯސްތަކުން ދަސްވެނިވި ދަރިވަރުންނަށް ސަނަދު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެކަމަނާ ވިދާޅުވީ އެކަމަށްޓަކައި ސްކޫލްތަކުގެ ވެރިންނާއި ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެފަދަ ބޮޑު ބަދަލެއް ކިޔަވައިދިނުމުގެ ނިޒާމަށްގެނެސް ކިޔަވައިދޭއިރު އެކަމަށް ދަރިވަރުންނާއި ބެލެނިވެރިންވެސް އަހުލުވެރި ކުރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެކަމަށްވާންޖެހޭ ތައްޔާރިތައްވެސް ސްކޫލްތަކާއި އެޑިޔުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދަވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއީ ރައިސުލްޖުމްހޫރިއްޔާގެ ދުރު ވިސްނުންފުޅާއެކު ތަޢުލީމީ ދާއިރާއަށް ގެނެސްދެއްވާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އޭގެ ފައިދާ ގައުމުގެ އިސް ސަފުގައި ތިބެގެން ގައުމު ހިންގުމުގެ މަސްޢޫލިއްޔާތާ ޙަވާލުވާން ތައްޔާރުވާ އަދުގެ ދަރިވަރުންގެ ކިބައިން ފެނިގެން ދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ތަޢުލީމީ ދާއިރާއަކީވެސް ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ ދާއިރާއެއް ކަމަށާއި ބަވަނަވަމުން ދާ ދުނިޔޭގައި ދަރިވަރުންނަކީވެސް އެހެން ޤައުމުގެތަކުގެ ދަރިވަރުންނާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކޮށްގެން ތިބި ދަރިވަރުން ކަމަށެވެ. "އެހެންކަމުން ސްކޫލްތަކުގައި ދެވޭ ތަޢުލީމާއެކު އެދަރިވަރުން ހެދި ބޮޑުވުމާއި ޚާއްޞަކޮށް އެދަރިވަރުންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް.. ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމު ޙާސިލު ކުރާ ކޮންމެ ދަރިވަރަކީވެސް ހެޔޮ ނުބައި ދެނެގަންނަން އެނގޭ ބަޔަކަށް ވާން ޖެހޭ. ކޮންމެ ދަރިވަރެއްގެ ވެސް މުސްތަޤްބަލް އުޖާލާ ކުރުމުގެ ވިސްނުން އެދަރިވަރަކަށް ލިބިދޭންޖެހޭ،" މިނިސްޓަރ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅވީ ޓެބްލެޓްގެ އެހީއާއެކު އުނގަންނައި ދެވޭ ފުރަތަމަ ގައުމަށް ރާއްޖެ ވެގެންދާކަމީ ދިވެހިންނަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.