
އޭނާއަކީ ރައްޔިތުންގެ މީހެއް ކަމަށާއި ރައްޔިތުންނަށްޓަކައި ހައްގުބަސް އިއްވުމަށް އަބަދުވެސް ދެމި އިންނަވާނެ ކަމަށް އައްޑޫސިޓީ ކައުންސިލްގައި ހިމެނި ވަޑައިގަންނަވާ ހަމައެކަނި އަންހެން މެންބަރު ޖަމްޝީދާ މުހައްމަދު (މާހު) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އޭނާ ހިމެނި ވަޑައިގަންނަވާ ގޮތަށް އައްޑޫސިޓީ ކައުންސިލްގެ 4 މެންބަރަކު ސޮއިކުރައްވައި ނެރުއްވި ގަރާރެއްގެ ސަބަބުން އޭގައި ސޮއިކުރެއްވި 4 ބޭފުޅުން ސަސްޕެންޑް ކުރެއްވުމުންނެވެ.
ފެބުރުއަރީ ފަސް ވަނަ ދުވަހު ސިޓީ ކައުންސިލުން ނެރުއްވި ގަރާރުގައި ޖަމްޝީދާގެ އިތުރަށް ސޮއިކުރައްވައިފައިވަނީ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) އާއި، ޑެޕިޔުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި، އަލީ ފަހުމީ އަހުމަދެވެ.
އެ ގަރާރުގައި އެބޭފުޅުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވައިފައިވަނީ ފެބުރުއަރީ އެކެއްގައި ސްޕްރީމް ކޯޓުން ނެރުއްވި އަމުރު ތަންފީޒު ކުރެއްވުމަށެވެ. އެ އަމުރު ތަންފީޒު ނުކޮށް ފާއިތުވެގެންދާ ކޮންމެ ވަގުތަކީ ދިވެހި ރައްޔިތުންނާއި ޚާއްސަކޮށް އައްޑޫ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށްވެސް އޭގައި ވިދާޅުވެފައިވެއެވެ.
އެގަރާރުގެ ސަބަބުން އެ 4 ބޭފުޅުން މިއަދުން ފެށިގެން އެއްމަސްވަންދެން ވަނީ މަގާމުން ސަސްޕެންޑް ކޮށްފައެވެ. ސަސްޕެންޑް ކޮށްފައިވަނީ މުސާރައާއި، އިނާޔަތްތައްވެސް ނުލިބޭ ގޮތަށެވެ.
ސަސްޕެންޑް ކުރެއްވުމުން ޖަމްޝީދާ މުހައްމަދު ވިދާޅުވީ ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އޭނާ ސަސްޕެންޑް ކުރިޔަސް އެފަދަ އަދަބެއް ދޭންޖެހޭ ފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
އޭނާ ކައުންސިލަށް ވަޑައިގެންނެވީ ރައްޔިތުންގެ ހައްގުގައި ބަސް ބުނަން ކަމަށާއި އެއީ ހުއްޓައިލާނެ ކަމެއް ނޫންކަމަށެވެ. އެގޮތަށް ސަޕެންޑް ކުރިޔަސް ބިރެއް ނުގަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރައްޔިތުންނަށްޓަކައި އަބަދުވެސް އިންނަވާނީ ވަރަށް ސާބިތުކަންމަތީގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ފަޚުވެރި ކަމާއެކު މަ ބުނެލާނީ އަހަންނަކީ ރައްޔިތުންގެ މީހެއް. ރައްޔިތުންގެ ފުރިހަމަ ތާއީދާއި ލޯބި ލިބިގެން މި މަގާމަށް އައީ،" އޭނާ ވިދާޅުވިއެވެ.