
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި، އިލްހާމްގެ ކޮއްކޮ އާދަމް ޒާލިފް 15 ދުވަހަށް ޖަލުގައި ބެއިތިއްބުމަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިދީފިއެވެ.
ސިނާނާއި އިލްހާމް ބަންދުކޮށް ޖަލަށްލައިފައިވަނީ ރިޝްވަތު ހިފައިގެން ސަރުކާރު ވައްޓައިލަން އުޅުމުގެ ތުހުމަތުގައެވެ. އެދެ ބޭފުޅުން ބަންދުކޮށް ދޫނިދޫގައި ބަންދުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.
މިދެބޭފުޅުން ހޯދަން ފުލުހުން ފުރަތަމަ އިއުލާން ކުރެއްވިއިރު ތިއްބެވީ ރާއްޖެއިން ބޭރުގައެވެ. އެއިއުލާން ކުރެއްވުމުން އެއަށް ޖަވާބު ދެއްވައި އިލްހާމް ވިދާޅުވީ ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި ފުލުހުންގެ ސުވާލުތަކަށްވެސް ޖަވާބުދާރީވާނެ ކަމަށެވެ.
އެދެބޭފުޅުންވެސް ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވި ތަނާ އެއާޕޯޓުންނެވެ. ޒާލިފް ބަންދުކޮށްފައިވަނީ ފެބުރުއަރީ 20 ވަނަ ދުވަހުއެވެ.