
ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ހައްޔަރު ކޮށްފިއެވެ.
ގަނޫނީ ވަކީލުކަންވެސް ކުރައްވާ ނާޒިމް ހައްޔަރު ކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެއީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކުރި ބަޔެއް މީހުން މުއްދަތު ޖެހުމަށް ރޭ ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ސަރަހައްދުގައި ނާޒިމްވެސް ހުންނަވަނިކޮށެވެ.
ނާޒިމް ފުލުސް އޮފީހަށް ގެންގޮސް ބަންދު ކުރި ނަމަވެސް އޭނާ ހައްޔަރު ކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ކަމެއް ނުވަތަ އެހެން ކަމަކާއި ގުޅިގެން ކަމެއް ސާފެއް ނުވެއެވެ. ނާޒިމްއަކީ އިދިކޮޅު ހަރަކާތްތަކުގައިވެސް އުޅުއްވާ ބޭފުޅެކެވެ. އަދި އިދިކޮޅު ބަޔެއް ފަރާތްތަކުގެ ގާނޫނީ ވަކީލުކަމާވެސް ހަވާލުވެ ހުންނެވި ފަރާތެކެވެ.
ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ގިނަބަޔަކު ހައްޔަރު ކޮށްފައިވާއިރު ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބާއްވަމުން އަންނަ މުޒާހަރާ ތަކުގައިވެސް ގިނަބަޔަކު ހައްޔަރު ކޮށްފައިވެއެވެ. ނަމަވެސް ބަޔެއް މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.