ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިސްލާމްއާބާދުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އިސްލާމްއާބާދުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހައިކޮމިޝަނަށް ވަޑައިގަތުމުން، އެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްއުސްތާޛު މުޙައްމަދު ޠާހާއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހައިކޮމިޝަން ބައްލަވާލައްވައި، މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައި، އަދި ހައިކޮމިޝަނުގެ މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދުގެ ބޭފުޅުންވެސް މި ޒިޔާރަތުގައި، ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.