
އިދިކޮޅު އިއްތިހާދުން ސަރުކާރަށް ހުށަހަޅައިފައިވާ ކަންކަން ފުރިހަމަ ކުރެއްވުމަށްފަހު ދެން މަޝްވަރާއަށް ގޮވާލުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އިދިކޮޅުން ސަރުކާރަށް ގޮވާލައިފައިވާނީ މިހާރު ހައްޔަރު ކޮށްފައިވާ ސިޔާސީ ބޭފުޅުންނާއި، ސްޕްރީމްކޯޓުގެ ފަނޑިޔާރުން ދޫކޮށްލުމަށެވެ. އޭގެ އިތުރަށް މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެންބަރުންނަށް މިނިވަންކަމާއެކު މަޖިލީހަށް ވަނުމުގެ މިނިވަންކަންދީ އެމީހުންނަށް މަޖިލީހުގައި މަސައްކަތް ކުރެވޭނެގޮތް ހެދުމާއި، ސަރުކާރު ގާނޫނީއިމުން ބޭރުނުވެ ކަންކަން ކުރެއްވުމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު ނިންމުމެވެ.
"މިކަންކަން ކޮށްދެއްވުމަށްފަހު މަޝްވަރާއަށް އަޅުގަނޑުމެންނަށް ގޮވައިލައްވާ،" ހަސަން ވިދާޅުވިއެވެ.
އޭނާ އެހެން ވިދާޅުވިޔަސް ސަރުކާރުން ކުރިންވެސް އަދި މިހާރުވެސް ވިދާޅުވަމުން ގެންދަވަނީ އެއްވެސް ޝަރުތަކާއެކު މަޝްވަރާއެއް ނުކުރެވޭނެ ކަމަށެވެ. މަޝްވަރާއަށް އަންނަންޖެހޭނީ އެއްވެސް ޝަރުތުތަކެއްނެތި މައްސަލަތައް ހައްލު ކުރުމުގެ ނިޔަތުގައި ކަމަށެވެ. އެނޫން އެހެން ގޮތަކަށް މަޝްވަރާ ނުކުރާނެ ކަމަށް ޕީޕީއެމްއިން ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންވެސް ވިދާޅުވެފައިވަނީ މަޝްވަރާއަށް އައިސް ކޮންމެ ކަމަކާވެސް ވާހަކަ ދެއްކެވޭނެ ކަމަށެވެ. އެހެންވީމާ އެއްވެސް ޝަރުތަކާ ނުލައި މަޝްވަރާއަށް އައިސް ކަންކަން ހައްލުކުރަން ވާހަކަ ދެއްކިދާނެ ކަމަށެވެ.