ނޯވޭގެ ރަސްގެފާނު ހަރަލްޑް އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ނޯވޭގެ ރަސްގެފާނު ހަރަލްޑް 5ވަނަ އަވަހާރަވުމާ ގުޅިގެން، އެ ޤައުމުގެ ބޮޑުވަޒީރު ޔޯނަސް ގާރ ސްޓާރަރ އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރަސްގެފާނު ހަރަލްޑް 5 ވަނަ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެ، ޤައުމަށް ކުރިމަތިވި މި ފުން ހިތާމައިގެ ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޝާހީ ޢާއިލާއަށާއި، ނޯވޭގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކުރައްވާފައިވެއެވެ. މީގެއިތުރުން، އެމަނިކުފާނަކީ މުޅި ޢުމުރުފުޅުގައި ނޯވޭގެ ޝާހީ ދައުލަތަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވައި، ސާބިތު ހިންގުންތެރިކަމެއް ދެއްކެވި، އަދި ނޯވޭގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ނުހަނު އިސްކަންދެއްވި ބޭފުޅެއްގެ ގޮތުގައި އަބަދުވެސް ހަނދާން އާކުރެވޭނެ ބޭފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރަސްގެފާނު އަވަހާރަވުމަކީ ހަމައެކަނި ނޯވޭއަށް ލިބުނު ގެއްލުމެއް ނޫން ކަމަށާއި، އެމަނިކުފާނުގެ ފާހަގަކޮށްލެވޭ ޚިދުމަތްތަކާއި އަގުހުރި މަސައްކަތްޕުޅުތައް ބަލައިގަންނަ އެންމެހާ ފަރާތްތަކަށް ލިބުނު ފުން ހިތާމައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ރަސްގެފާނު ހަރަލްޑް 5 ވަނައިގެ ޚިދުމަތްތަކުގެ ހަނދާންތަކުން ޝާހީ ޢާއިލާއަށް ހިތްވަރާއި ތަސައްލީ ލިބި، މި ހިތާމައިގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް، ކެތްތެރިކަން ލިބުމަށް އުންމީދުކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.