ޒުވާން ލިޔުންތެރިޔާ ޒިދާންގެ އަލަތު ފޮތް "ވާވެރިންގެ ވާދޫ" ނެރެފި

ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޒުވާން ލިޔުންތެރިޔާ އަދި ނޫސްވެރިޔާ ޒިދާން މުޙައްމަދު (ލިޔާ ކުއްޖާ) ގެ އަލަތު ފޮތް، "ވާވެރިންގެ ވާދޫ" ރަސްމީކޮށް ނެރެ ޝާއިޢުކޮށްފިއެވެ.

މި ފޮތް ނެރެދެއްވީ މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

"ވާވެރިންގެ ވާދޫ" މިއީ ޒިދާންގެ އުފަން ފަސްގަނޑު ކަމުގައިވާ ރ. ވާދޫގެ މައްޗަށް ބިނާކޮށް އެކުލަވައިލާފައިވާ، ތާރީޚީ އަދި އަދަބީ ގޮތުން އަގުހުރި މަސައްކަތެކެވެ. މި ފޮތް އެކުލަވައިލުމުގެ މައިގަނޑު މަޤްޞަދަކީ ވާދޫގެ މުއްސަނދި ތާރީޚާއި، ޘަޤާފަތާއި، ޒަމާންވީ އާދަކާދަތަކުގެ އިތުރުން ރަށުގެ މުހިންމު މަޢުލޫމާތުތައް ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ވާޞިލުކޮށްދިނުމެވެ. އަދި ހަމައެއާއެކު، އެކި ދަތިތަކާއެކުވެސް ރަށް އާރާސްތުކޮށްދިން އެ ރަށުގެ ޤަދީމީ ކާބަފައިންގެ ޒިކުރާ އައުކޮށް، އެ ފަރާތްތަކުގެ އަގުވަޒަންކުރުމަކީވެސް މި ފޮތުގެ މުހިންމު ބޭނުމެކެވެ.

ޒިދާން ހާމަކުރި ގޮތުގައި، ވާދޫގެ ޤުދުރަތީ ރީތިކަމާއި އަމިއްލަ ވަޒަނަށް އޮތް ފުން ލޯތްބަކީ މިފަދަ ފޮތެއް ލިޔުމަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ. އޭނާގެ ފުރަތަމަ ފޮތް އަމިއްލަ ރަށުގެ ތާރީޚާއި ޘަޤާފަތަށް ޚާއްޞަކުރުމުން ދޭހަވަނީ ވަޒަނާމެދު އޭނާގެ ހިތުގައި އޮތް ލޯތްބާއި ޚާއްޞަ ޤަދަރެވެ.

ލިޔުންތެރިކަމުގެ ދާއިރާއަށް ޒިދާންގެ ޝައުޤުވެރިކަން އުފެދުނީ އުމުރުން އެންމެ 13 އަހަރުގައި ސްކޫލް ދައުރުގައެވެ. ނަމަވެސް، ރަސްމީކޮށް ލިޔުންތެރިއެއް އަދި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުގައެވެ. ނޫސްވެރިކަމުގެ ތެރެއިން ހޯދި ތަޖުރިބާއާއި ދިރާސީ މަޢުލޫމާތު އެއްކުރުމުގެ ހުނަރުގެ އެހީގައި މި ފޮތް އެކުލަވައިލިއިރު، ޒިދާންއަކީ ޚަބަރާއި ރިޕޯޓު ލިޔުމުގެ އިތުރުން ޅެމާއި، ލަވަ، ރައިވަރު، ބަނދި އަދި ކުރުވާހަކަ ލިޔުމުގައިވެސް ފާހަގަކޮށްލެވޭ ހުނަރުވެރި ޒުވާނެކެވެ.

ޒިދާން އިތުރަށް ފާހަގަކުރި ގޮތުގައި، އޭނާގެ މައިގަނޑު ޢަޒުމަކީ ގަލަމުގެ ޒަރީޢާއިން މުޖުތަމަޢަށް ފައިދާހުރި މެސެޖުތަކެއް ފޯރުކޮށްދީ، ދިވެހިބަހާއި އަދަބިއްޔާތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދިނުމެވެ. އަދި ތަފާތު ދާއިރާތަކުން ކިޔުންތެރިންނަށް ބޭނުންތެރި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ދެމިހުންނާނެ ކަމުގެ ޔަޤީންކަން އަރުވަމުން، ކިޔުންތެރިންގެ ފަރާތުން ލިބޭ ތަރުޙީބަކީ ކުރިއަށްދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު ކަމުގައި އޭނާ ބަޔާންކުރިއެވެ.

"ވާވެރިންގެ ވާދޫ" ވެގެންދާނީ ވާދޫގެ ރައްޔިތުންގެ އިތުރުން، ދިވެހިރާއްޖޭގެ ތާރީޚާއި ޘަޤާފަތް ދިރާސާކުރާ އަދި އެކަމަށް ލޯބިކުރާ ކޮންމެ ފަރާތަކަށްވެސް ލިބިގެންދިޔަ އަގުހުރި ޢިލްމީ ޚަޒާނާއަކަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.