ހައްޔަރު (1)

ދަތުރުކުރަން އޮތް ރާސްތާގެ މަތިން ދެމީހުންކުރެ އެކަކުވެސް ހަނދާނެއް ނެތެވެ. ދެމީހުންނަކީ އަލަށް ބައްދަލުވި ބައެއްނޫނެވެ. ސިއްރު އެކި ބައްދަލުވުންތަކުގައި ވަރަށް ގިނައިން  ވާހަކަ ދެކެވިފައި ވެއެވެ. އެކަމަކު މިއަދު އެތިބީ ކިހިނެއް ވެފައިކަމެއް ނޭނގެއެވެ.  މިހާރު އެތިބީ ފަހަތުން އަންނަ ފާރަވެރިންގެ ޙިމާޔަތާއި ރައްކައުތެރިކަމުގެ އުޅަދެއްގެ ކުރީގައި އޮވެ ދުއްވަމުން އަންނަ އަގުބޮޑު ކާރެއްގައެވެ. ކާރު ދުއްވަމުން އައީ ކޮޅާކޮޅު ނުފެންނަ ހަނި އެހެނަސް އަމާން މަގަކުންނެވެ. ކާރު ދުއްވަންއިނީ ، ޙިޖާޒީއެވެ. ޖެހިގެން އިން ގޮނޑީގައި ކަންބޮޑުވެފައި އެއިނީ ، އަވީއެވެ. އަވީއަކީ ، ޢާންމު ގޮތެއްގައި ސަކަ މިޒާޖެއްގެ ކުއްޖެކެވެ. ކިޔަމަންތެރިކަން އިންތިހާއެވެ. ބަސްމަދުވެފައި ޢަމަލު ގިނައެވެ. އެހާ މުރާލި މެއެވެ. އެ އަގުބޮޑު ކާރުގައި އަވީ މިއަދު އެއިން ސަބަބަކީ އެއީކަމަށް ވެދާނެއެވެ.

ކުއްލިޔަކަށް ކާރު ހުއްޓިއްޖެއެވެ. ފަހަތުން ދުއްވާފައި އައި ޖީޕުން ، ބަޑި ހިފާފައިތިބި ހަށިފާރަވެރިންގެ ބަޔަކު ފުންމައިލިއެވެ. ސިކުންތެއްވެސް ނުނަގައި އަވީމެންތިބި ކާރުކައިރިޔަށް އެމީހުން އައިސް ވީގޮތެއް ބަލައިފިއެވެ. ފުރޮޅުގެ ޓަޔަރު ހަލާކުވީއެވެ. ޓަޔަރު ބަދަލުކުރުމުގެ މަސައްކަތައިގެން އެތަނުން ބަޔަކު އަވަސްވެގަތެވެ.

" ކާރުގައި ފެންފުޅިއެއް ނެތް ހެއްޔެވެ ؟ ފެން ބޮވައިގެންފިއެވެ. އޭސީ ކުރިމަތީ އިނީމަ ފިނިވެގެން ކަންނޭނގެއެވެ. " އަވީއަށް މަޑުމަޑުން ބުނެލެވުނެވެ.

ޙިޖާޒީ ، އަނގަޔަކުން ނުބުނެއެވެ. ކާރުގައި އިށީނދެ އިނުމަށް އަތުން އިޝާރާތް ކޮށްލުމަށްފަހު ، ފެންފުޅިއެއް ހޯދުމަށްޓަކައި ކާރުން ފައިބައި ޙިޖާޒީ ހިނގައިގަތެވެ. އެތާ ކައިރިހިސާބެއްގައި ފިހާރައެއްވެސް ފެންނާކަށް ނެތެވެ. އެހެނަސް އެއްފަރާތެއްގައިހުރި ނިކަގަހެއްގެ ދޮށުގައި ބަޔަކު އުޅެއެވެ. އަވީ ، ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލައި ބަލައިލިއެވެ.

ގަސްދޮށުގައި އިށީނދެއިން އަންހެނަކު ، އަވީގެ ލޮލުގައި އަޅައިގަތެވެ. ފެންނަ ފެނުމަށް އެއީ އަތްބަލައި ފާލުބަލައި އުޅޭ އަންހެނެއްހެން ހީވެއެވެ. އަވީ ، ކާރުން ފޭބިއެވެ. ޚިޔާލެއް ފިކުރެއްނެތި އެ އަންހެނާޔާ ދިމާލަށް ހިނގައިގަތެވެ. ހަށިފާރަވެރިންގެ މީހުން އޭރުވެސް މަސައްކަތް ކުރަމުން ގެންދަނީ ، ވީހާ އަވަހަކަށް ޓަޔަރު ބަދަލު ކުރެވޭތޯއެވެ. އަވީ ، ކާރުން ފައިބައިގެން ދިޔަކަމެއް ހަށިފާރަވެރިންނަކަށް ނޭނގެއެވެ. ކާރުގެ ފުރޮޅު ބަދަލުކުރުމުގެ މަސައްކަތުގައި އުޅޭ ދެމީހުންގެ ބަޑި ބިންމަތީ ބޭއްވިފައި އޮތެވެ. އެދެމީހުން އަވަދިނެތި އެ އުޅެނީ ފުރޮޅު ބަދަލު ކުރާށެވެ. ހަށިފާރަވެރިންގެ ތެރޭގައި ދެންތިބި ތިންމީހުން ދިޔައީ ޙިޖާޒީއާ އެކީގައެވެ.

" އަތްބަލަން ހެއްޔެވެ ؟ " އަވީ އޭނާގެ އަތް ދިއްކޮށްލަމުން ބުންޏެވެ.

އެއަންހެނާ އާނއެކޭ ބުނެ ބޯޖަހައިލަމުން ، އަވީގެ އަތުގައި ހިފައި ކައިރިޔަށް ދަމައިލިއެވެ. އަވީގެ އަތް ބަލަމުން ދިޔަދިޔަހެން އެ އަންހެނާގެ ނިތްކުރިޔަށް އަރަމުން ދިޔަ ރޫތައް ގިނަވަމުން ، ދެލޯ ބޮޑުވަމުން ދިޔައެވެ.

އަންހެންމީހާއަށް އަސްތަޣްފިރުﷲ އޭ ޢަފޫކޮށް ދެއްވާށިއޭ ބުނެލެވުނެވެ. އަދި ، ކުއްލިޔަކަށް އަވީގެ އަތް އޭނާއާ ދުރަށް ކޮށްޕައިލިއެވެ. ހަމައެއާއެކީ ، އަވީއަށްވެސް ކަންބޮޑުވެގެން އަތް ދަމައިގަނެވުނެވެ. އަދި ކިހިނެއްވީތޯ ސުއާލު ކުރިއެވެ. އެވަގުތު ، އަންހެންމީހާ ބުނީ ، ލޭއޮހޮރުވުމެއް އޮތް ކަމަށެވެ. އެވަގުތު ޙިޖާޒީ ފެންފުޅި ހިފައިގެން އައިސް އަވީގެ އަތުގައި ހިފައި ، އެ އަންހެންމީހާއާ ދުރަށް އަވީ ދަމައިގަތެވެ. އަދި އަވީގެ އަތުގައި ހިފައިގެން ، ދަމާފައި ކަހަލަ ގޮތަކަށް އެތަނުން އަވީ ގެންދިޔައެވެ. އޭރުވެސް އެ އަންހެންމީހާ " އަސްތަޣްފިރުﷲ އޭ ، ލޭއޮހޮރުވުމެއް ، އެބައޮތޭ ، ޢަފޫކުރައްވާށިއޭ " ގޮވަމުން ، ގެންދިޔައެވެ. އަވީއަށް އެތަނުން ދެވުނީ ، ފަހަތަށް އެނބުރި އެ އަންހެންމީހާއާ ދިމާލަށް ބަލަމުންނެވެ. ޙިޖާޒީ ފަހަތަކަށް ނުއެނބުރެއެވެ. އެދިޔަގޮތަށް އަވީ ގެންގޮސް ކާރަށް އެރުވިއެވެ.

" ބޭރަށް ނުކުތީ ކީއްކުރަން ހެއްޔެވެ ؟ " ޙިޖާޒީ ، އަވީއާ ސުއާލު ކުރިއެވެ.

އަވީ ކާރުން ފޭބީ ، ޙިޖާޒީ ދިޔައިމަ ލަސްވެގެން ފޫހިވެގެންކަމަށް ބުންޏެވެ. ޙިޖާޒީއާ ނުލައި އެންމެ ހިނދުކޮޅެއްވެސް ހޭދަކޮށްލުމަކީ އަވީއަށް ދަތިކަމެކެވެ.

ކާރު ދުއްވާލައި ، އަވީގެ ނަޒަރުން އޭނާ ގެއްލެންދެންވެސް  އަވީއަށް އިނދެވުނީ އެ އަންހެންމީހާއާ ދިމާލަށްބަލަހައްޓައިގެންނެވެ.

އަވީއަކީ ، ވަރަށް ތުއްތުއިރު ، ޙިޖާޒީގެ މަންމަ ސާމިޔާ މުމްތާޒު ނުވަތަ ޢާންމު ބަހުންނަމަ ، ބީބީޖާން އެގެޔަށް ގެނައި ކުއްޖެކެވެ. ސާމިޔާގެ ތިމާގެ ކުއްޖެކެވެ. އަވީގެ މަންމައާއި ބައްޕަވަނީ އޭނާ ވަރަށް ކުޑައިރު ނިޔާވެފައެވެ. އަވީގެ ކިޔަމަންތެރިކަމާއި ލޯބިކަމުން ، ސާމިޔާއާއި އޭނާގެ ފިރިމީހާ ޒަފްރާން ޚާންގެ ހިތުގެ ވިންދަށް ވެގެން ދިޔައެވެ. އެ ދެމަފިރިންގެ ތިބި ތިން ފިރިހެންދަރިންގެ އަންހެން ކޮއްކޮއެއް ނެތުމާއެކީ އަވީވެގެންދިޔައީ ، އެގޭގެ އެންމެންގެ އަޅައިލުމާއި ލޯބި ލިބިގެންދިޔަ ނަސީބު ރަނގަޅު ކުއްޖަކަށެވެ. ޒަފްރާން ޚާން ނިޔާވުމާއެކީ ، ސާމިޔާއަށް ލިބުނު ހިތާމައިގެ ބޮޑުބަޔެއް އޭނާގާތު އަވީ ހުރުމުގެ ސަބަބުން ލުއިވެގެން ދިޔައެވެ. އެންމެ ހަގު ދަރިފުޅު ޙިޖާޒީ ކިޔަވަނީއެވެ. ޙިޖާޒީއާއެކީ އަވީވެސް ކިޔަވަމުންދަނީއެވެ. އެއް ކްލާހެއްގައެވެ. އެހެންކަމުން އެންމެ ކުޑައިރުއްސުރެ ޙިޖާޒީއާއި އަވީ އުޅެމުންގެންދިޔައީ އެކީގައެވެ. ދެކުދިން ބޮޑުވަމުން އައީ އެކުގައި ސްކޫލަށްގޮސް އެކީގައި ކިޔަވަމުން ގޭތެރޭގައި އެކީގައި ސަކަޖަހަމުންނެވެ. ޚާން ނިޔާވުމަށްފަހު ، ދޮށްޓަށް ތިބި ދެބެން ، އުޅެނީ ޢާއިލީ ވިޔަފާރީގައި ދަނޑުބިންތަކާއި ވިޔަފާރީގެ ޙަރަކާތްތަކުގައެވެ.

ސާމިޔާގެ ޢާއިލާއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މުސީބާތަކީ ، ޒަފްރާން ޚާނަށް އެހެން ބަނޑަކަށް ލިބިފައިވާ ފިރިހެންދަރި ޓޯސަމް ޚާނެވެ. ސާމިޔާ ކިތަންމެ ހެވަސް އަދި ޓޯސަމްގެ ހުރިހާ ބޭނުންތަކެއް ފުރިހަމަކޮށްދެމުން ގެންދިޔަޔަސް ، ޓޯސަމްގެ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން އެކަންކަމަކީ ، ޓޯސަމްއަށް ފުދޭ މިންވަރެއްނޫނެވެ. ދޮންމަންމަ ކިތަންމެ ހެވަސް ޓޯސަމް ބޭނުންވާ ހުރިހާކަމެއް ފުއްދައިދިނުމުގައި ، އަބަދުވެސް އޮންނަނީ ޓޯސަމްގެ ހިތްހަމަ ނުޖެހުމެވެ. ޓޯސަމް ބޭނުންވަނީ ، ބައްޕަގެ މުދާ ބަހާފައި އޭނާއަށްވާ ބައި ވަކިކޮށްދިނުމަށެވެ. ބިމާއި ގެދޮރާ އަދި މުދަލާއި ފައިސާއިން އޭނާއަށްވާބައި އޭނާއަށް ލިބުމަށެވެ. އެކަން ނުކޮށްދީގެން އަންނަ ރުޅީގައި ޢާއިލާގެ ދުޝްމަނުންނާ ގުޅިގެން ، ޢާއިލާގެ މުދަލަށާއި ދަނޑުބިމަށް ގެއްލުން ދިނުމަކީވެސް ޓޯސަމް ކުރަމުން އަންނަ ކަމެކެވެ. ޢާއިލާއަށް ވަގަށް ކުރިނަމަވެސް ، ޢާއިލާގައި އިސްކޮށްތިބި ދެބެންނަށް އެކަން އެނގެއެވެ.

އަވީ މިހާރުހުރީ މަތީތަޢުލީމަށް ފަށާހިސާބަށް ކިޔެވުން ނިންމާފައެވެ. ޙިޖާޒީވެސް އެހިސާބަށް ކިޔެވުން ނިންމައިފިއެވެ. އެމެރިކާއަށް ކިޔަވަން ދިއުމުގެ ފުރުޞަތު ޙިޖާޒީއަށް އޮތީ ތަނަވަސް ވެފައެވެ. އެކަމާ އަވީ ހުންނަނީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. އެމެރިކާއަށްގޮސް އިތުރަށް ކިޔަވަން އަވީވެސް ބޭނުން ވެއެވެ. ޙިޖާޒީވެސް އެދޭ ގޮތަކީ އެއީއެވެ. އޭނާއާއެކީ އަވީވެސް އެމެރިކާއަށްގޮސް ކިޔަވައިގެން އައިސް ، ދެމީހުން ކައިވެނިކުރުމެވެ.

އަވީއަކީ އެޢާއިލާގެ ކުއްޖެއްނޫނެވެ. އެހެންކަމުން އާދަކާދަ ހުންނަގޮތުން ، އެކަހަލަ ފުރުޞަތެއް އަވީއަށް ތަނަވަސް ވުމަކީ ނުވާނެ ކަމެކެވެ. އެހެނަސް ، ޙިޖާޒީ ހިފާލާފައިހުރީ އަވީ ނުލައި އެމެރިކާއަށް ނުދާށެވެ. ގޭގެ އެއްވެސް މީހަކު ، އަވީއަށް އެ ފުރުޞަތުދޭކަށް ބޭނުމެއްނޫނެވެ. ޚުދު ސާމިޔާގެ ރުހުންވެސް އެކަމަކަށް ނެތެވެ.

ޢާއިލީ ބައްދަލުވުމެއްގައި ، އެވާހަކަ ފެށުނެވެ. ޢާއިލާގެ އެއްވެސް މީހަކު އެކަމަށް އެއްބަސް ނުވާނެކަން ޙިޖާޒީއަށް އެނގެއެވެ. އެހެންނަމަވެސް ، އޭނާފަދައިން ، އަވީއަށްވެސް އެ ފުރުޞަތުދޭން ޢާއިލާގެ ކިބައިން ޙިޖާޒީ އެދުނެވެ. އެއްވެސް މީހަކު އެކަމަކަށް އެއްބަހެއް ނުވިއެވެ.

މަންމަގެ ރުހުން އެކަމަށް ހޯދިދާނެ ގޮތަކާމެދު ޙިޖާޒީ ވިސްނިއެވެ. އަދި ކުއްލިޔަކަށް ސުއާލު ކޮށްލިއެވެ.

" އަވީގެ މަންމައާއި ބައްޕަ ދުނިޔޭގައި މިއަދު ތިބިނަމަ ، އަވީއަށް އިތުރަށް ކިޔެވުމަށް ފުރުޞަތު ދޭނެއެވެ. އަވީއަކީ މި ޢާއިލާއަށް ނިސްބަތްވާ ކުއްޖަކަށް ނުވާތީ އެ ފުރުޞަތު ގެއްލުމުގައި އަވީގެ ކުށަކީ ކޮބައި ހެއްޔެވެ ؟ މަންމަ އާނއެކޭ ބުނެފިއްޔާ ޢައިލާގެ އެހެންމީހުން އެކަމަށް އެއްބަސް ވާނެއެވެ. އެކަމަކު މަންމަވެސް ، އަވީއަކީ ހިތުގެ ވިންދުކަމަށް ބަލައިގެން އުޅުނަސް ، ބޮޑުކަމަކާ ޖެހުނީމާ އެ ހުންނަނީ އަވީ ދޫކޮށްލައިގެންނެވެ. " ޙިޖާޒީ ބުންޏެވެ.

ޙިޖާޒީގެ އެ ބަސްތަކުން ސާމިޔާއަށް އަސަރު ކުރިއެވެ. އަވީއަކީ ދަރިއެއްހެން ސާމިޔާ ބަލައި ބޮޑުކުރަމުން އައި ކުއްޖެކެވެ. އަވީއަށް ސާމިޔާ ގޮވައިލިއެވެ. އޭނާގާތަށް އައުމަށް އެދުނެވެ.

ސާމިޔާގާތަށް އަވީ އައުމާއެކީ ، އަވީގެ ކޮލުގައި ސާމިޔާ ބޮސްދިނެވެ. އަދި އޭނާގެ އުނގުގައި ބައިންދައި އަވީ ބޭނުންވަނީ ކޮންގޮތެއްތޯ ސުއާލު ކުރިއެވެ. މަންމަ ދޫކޮށްލާފައި ދެއަހަރު އެމެރިކާގައި ހުރުންތޯ ނުވަތަ މަންމަގާތުގައި ހުރުންތޯ އެހިއެވެ.

" އަހަރެން ބޭނުންވަނީ ، އެމެރިކާއަށްގޮސް ކިޔަވައިގެން އައިސް މަންމަ ގާތުގައި ހުންނާށެވެ. ދުރުގައި ހޭދަވަނީ އެންމެ ދެއަހަރު ނޫންހެއްޔެވެ ؟ މުޅި ޢުމުރު އަހަރެން ހޭދަކުރާނީ މަންމަ ގާތުގައެވެ. " އަވީ ބުންޏެވެ.

އަވީވެސް ބޭނުންވަނީ އެމެރިކާއަށް ކިޔަވަންދާންކަމަށް ވާތީ ، ސާމިޔާ އެކަމަށް ހުއްދަ ދޭން ބޭނުންވިއެވެ. އަދި ހުރިހާ ކުދިންވެސް މަންމަގެ އެ ނިންމުމަށް އިޙްތިރާމްކޮށް އެކަމަށް އެއްބަސްވެ ، އެމީހުންގެ އަންހެން ކޮއްކޮއަށް އެ ފުރުޞަތު ދިނުމަށް ސާމިޔާ އެދުނެވެ.  އެކުދިންގެ ބައްޕަ ޒަފްރާން ޚާން ދުނިޔޭގައި ހުރިނަމަވެސް ، އެކަން ނިންމާނީ އެގޮތަށްކަމަށް ސާމިޔާ ބުންޏެވެ. މަންމަގެ އެ ނިންމުމަށް ހުރިހާ ކުދިންވެސް އެއްބަސް ވިއެވެ.

އަވީގެ މަތީ ތަޢުލީމަށް ފުރުޞަތު ހޯދައިދިނީ ޙިޖާޒީއެވެ. އަވީއަށް އެވާހަކަ ދައްކަން ނުކެރިފައި ހުއްޓައި ، އެވާހަކަ ދައްކައި މަންމަގެ ހުއްދަ އެކަމަށް ހޯދައިދިނީ ޙިޖާޒީއެވެ. ކިޔަވައި ނިމިގެން ރަށަށް އައިސް ، އުޅެންޖެހޭނީ އެއް ދިރިއުޅުމެއްގައެވެ. އެކީގައެވެ. އެހެންކަމުން އެވަރުކަމެއް އަވީއަށް ކޮށްލަދިނުމަކީ ޙިޖާޒީއަށް ލިބުނު ވަރަށްބޮޑު އުފަލެކެވެ.

އެންމެފަހުން ކަރާޗީއަށް ކުރި ދިގުދަތުރުގައި ދިމާވި އަންހެންމީހާ ބުނެފައިވާ ވާހަކަތައް ، އެއްވެސް ވަރަކަށް އަވީގެ ހިތުން ފިލައިގެންނެއް ނުދެއެވެ. ނިދީގައި ހުވަފެންވެސް ފެންނަނީއެވެ. ހުވަފެނުގައި ގިނައިން ފެންނަނީ ، ޙިޖާޒީގެ ބޮލަށް ވަޒަން އަރައި ، ޙިޖާޒީ މަރުވާ ތަނެވެ. ޤަތުލު ޢާންމެކެވެ. ލޭ އޮހޮރުވުމެކެވެ. އެ އަންހެންމީހާވެސް ޢިޝާރާތްކޮށްފައިވަނީ އެކަހަލަ ގޮތަކަށެވެ. އަވީގެ އަތް ބަލައިލުމަށްފަހު ، އެ އަންހެންމީހާ ބުނެފައިވާ ވާހަކަތައް ، އަވީގެ ދިރިއުޅުމަށް ހުރަސްއެޅޭ ބޮލުރިހުމަކަށް ވެއްޖެއެވެ. އަވީއާއި ޙިޖާޒީ ރައްޓެހިވެގެން އުޅުނަސް ، ގޭތެރޭގައި އެމީހުން ބައްދަލުކޮށް ގައިގޯޅިވެއެއް ނުއުޅެއެވެ. ނިދައި އުޅެނީވެސް ވަކިން ހުންނަ ދެ ޢިމާރާތެއްގައެވެ.

" ނޫނެކެވެ ! " ނޫނެކެވެ ! " އަވީއަށް ހަޅޭއްލަވައި ގަނެވުނެވެ. ކުއްލިޔަކަށް އެނދުން ތެދުވެ ހަތަރު ފަރާތަށް ބަލައި ލެވުނެވެ. އަދި ، އޭނާގެ ގައިގައި އަތް ކާއްތާލައި އެއީ ހުވަފެނެއްތޯ ނުވަތަ ޙަޤީޤަތެއްތޯ ޔަޤީންކޮށްލަން ބޭނުންވިއެވެ. އެއީ ހުވަފެނެކެވެ. އެވަރަކުން އަވީގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެނދުން ތެދުވެ ފައިގައި ހުރިބާރެއްލާފައި ދުއްވައިގަތެވެ. އަވީ ދިޔައީ ޙިޖާޒީ ނިދަން އޮންނަ ކޮޓަރިޔާ ދިމާލަށެވެ. ދިޔަގޮތަށްގޮސް ، ދޮރުގައި ބާރަށް ތަޅައިގަތެވެ. އެބައިގައި ނިދަނީ ހުސް ފިރިހެނުންނެވެ. ޙިޖާޒީއަށް ހޭލެވިގެން ފުންމައިގެން ތެދުވެ ދޮރުހުޅުވައިލިއެވެ. ކުރިމަތީ އެހުރީ ނިދާ ހެދުންލައިގެންހުރި އަވީއެވެ. ޙިޖާޒީއަށް ދޮރުލައްޕައި ލެވުނެވެ. އަވީގެ ނިޔަތް ނޭނގޭތީއެވެ. އެހެންނަމަވެސް ، އަވީ އެއަށްވުރެކުރިން އެތެރެޔަށް ދެމިގަނެ ، ޙިޖާޒީގެ ގައިގައި ބައްދާލައި ރޮމުންރޮމުން ޙިޖާޒީގެ ގައިގައި ވިކަން ފެއްޓިއެވެ.

އަވީއަށް ވެގެން އުޅޭގޮތް އެހިސާބުން ޙިޖާޒީ ދެނެގަތެވެ. ބިރުވެރި ހުވަފެނެއް ފެނުނީދޯއޭ ބުނެ ، އަވީގެ ބޮލުގައި ފިރުމައިލިއެވެ. އަވީއަށް އެ ފެނުނު ބިރުވެރި ހުވަފެން ކިޔައިދޭކަށްވެސް އަވީއަކަށް ނުކެރުނެވެ. ޙިޖާޒީ ، އަވީގެ އަތުގައި ހިފައިގެން ގެންގޮސް އެނދުގައި ބޭންދިއެވެ. އަދި އަވީ ހަމަޖައްސައިލުމަށްޓަކައި ވާހަކަ ދައްކަމުން ގެންދިޔައެވެ. ޙިޖާޒީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ، މެންދަމުގެ އެ ވަގުތު ، ޙިޖާޒީގެ ކޮޓަރިތެރޭގައި އަވީހުއްޓައި ގޭގެ މީހަކަށް ފެނިދާނެތީއެވެ. ނޯކަރަކަށް ފެނުނަސް މައްސަލައެއް ނެތެވެ. އެކަމަކު އޭނާގެ ބޭބެޔަކަށް ފެނިއްޖެނަމަ ، އެހިސާބުން ވަރަށް ގޯސްވާނެއެވެ. ވަރަށް ވާހަކަ ދައްކައި ، އަވަސްއަވަހަށް އަވީ ފޮނުވައިލުމަށްފަހު ، ޙިޖާޒީވެސް ނިދަން އޮށޯތެވެ. އަވީއަށް ހުވަފެނުން ފެނުނީ ކޮންކަމެއްތޯ ބަލާކަށް ޙިޖާޒީ ބޭނުމެއް ނުވިއެވެ. އެންމެ ފުރަތަމަވެސް ބެލީ އަވީ އަވަހަށް ފޮނުވައި ލެވޭތޯއެވެ. ހުވަފެނުގެ ވާހަކަ ދައްކާނީ މާދަމާ ދުވާލުކަމުގައި ޙިޖާޒީ ނިންމިއެވެ.

ޙިޖާޒީމެންގެ ގެޔާޖެހިގެން އޮންނަ ސަރާސަރު ބޮޑުމަގެއްގެ ގޯޅިއަޅަން އޮންނަ ހިސާބެއްގައި ހަތަރުއަނގޮޅިޔަށް ވާގޮތަށް އުސްކޮށް އޮތްތަނެއްގައި ހިތްގައިމު ކެފޭއެއް ހުރެއެވެ. އެއީ މުޅި އެހިސާބަށްވެސް މަޝްހޫރު ތަނެކެވެ. ކަރާޗީގެ މީހުން ދިރިއުޅޭ ހިސާބުން ނައްޓަލައިގެން އެހިސާބަށް އާދެވޭނީ ފުދޭވަރަކަށް ދުއްވާފައެވެ. އެއީ ކާރޫބާރޫބޮޑު ހައިވޭ އެކެވެ. އެހެންލާފައި ، އެ ކެފޭ ހުރަސްކޮށް ދާ ކޮންމެ އުޅަނދެއްވެސް އެތަނަށް ހުއްޓައިލައެވެ. ވަރުބަލި ފިލުވައިލާށެވެ. އަދި ، ވަރުބަލި ފިލުވައިލުމުގެ ތެރޭގައި ކޮފީއެއް ބޮއިލާށެވެ. ނުވަތަ ކާ ގަޑިއެއްނަމަ ، ނާސްތާ ކޮށްލާށެވެ.

އެ ކެފޭއަކީ ، ވަރަށް އާދައިގެ ޢާއިލާއަކަށް އުފަން ، ހީވާގި އަންހެންކުއްޖެއްގެ އުފެއްދުންތެރި މަސައްކަތުގެ ލާމަސީލު މިސާލެކެވެ. އެތަނުން ލިބޭ ކާނާގެ ބޮޑުބައެއް ތައްޔާރު ކުރަނީ އެ އަންހެންކުއްޖާއެވެ. އަތްގާތްކޮށްދޭން ތިބެނީ ، ދުރުތާ ތިމާގެ ބޭބެޔަކާއި ޒުވާން ފިރިހެން ކުއްޖެކެވެ. އެކެފޭއަށް ނަން ދީފައިވަނީ އެކުއްޖާގެ ނަންކަމުގައިވާ ބިޔާ އަށް ނިސްބަތްކޮށް " ބިޔާސްކެފޭ " ގެ ނަމުންނެވެ. ހެނދުނު އިރުއެރީއްސުރެ އިރުއޮއްސެންދެން ބިޔާ އުޅެމުންގެންދާނީ އެތަނުގައެވެ. އެތަނުގައި ތައްޔާރުކުރާ އެއްޗެއް ވިއްޔާ އަތުފަތު ނުޖެހި ވިކި ހުސްވާނެއެވެ. ކެފޭގައި ބޭނުންކުރާ ގިނަބާވަތްތައް ހައްދާނީ ބިޔާމެންގެ ގޭގެ ފަހަތުގައި އޮންނަ ބަގީޗާގައެވެ. " ނުނިމޭ "

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.