މޯބައިލް ފޯނުން އިވެމުންދިޔައީ އަސަރުގަދަ ވާހަކައެއްގެ އަޑެވެ. އެއީ އުރުދޫ ބަހުން ލިޔެފައި ވާ ލޯބީގެ ވާހަކައެއް ކަމަށްވާ “ތޫ އިޝްގު މޭރާ” ގެ އަޑެވެ. ގޭތެރޭގެ މަސައްކަތްތަކުގައި އުޅެމުން، ނުވަތަ ދަތުރުފަތުރުކުރާ ވަގުތުތަކުގައި ކަންފަތަށް ހެޑްސެޓް ޖަހައިގެން މިފަދަ ވާހަކަތައް އަޑުއެހުމަކީ މިއަދު، ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ. ޒަމާނަށް އައިސްފައިވާ ބަދަލާއެކު، ފޮތް ކިޔުމުގެ ބަދަލުގައި ޔޫޓިއުބް ފަދަ މަންސަތައް މެދުވެރިކޮށް އޯޑިއޯ ވާހަކަތައް އަޑުއެހުން މިވަނީ އާދަޔާ ޚިލާފަށް މަގުބޫލުވެފައެވެ. ޚާއްސަކޮށް ދެކުނު އޭޝިއާގެ ގައުމުތަކުގައި އުރުދޫ ބަހުން ގެނެސްދޭ ލޯބީގެ ވާހަކަތަކަށް ލިބެމުންދާ ތަރުހީބު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިއީ ހަމައެކަނި ވަގުތު ހޭދަކޮށްލުމަށް ކުރާ ކަމެއްގެ ބަދަލުގައި، ގިނަ ބައެއްގެ ދިރިއުޅުމުގެ އާދައަކަށް ވަނީ ވެފައެވެ. މީގެ އިތުރަށް އުރުދޫބަހުން ތަރުޖަމާކޮށްގެން، އޮންލައިން ނޫސްތަކުގައި ލިޔާ ވާހަކަތަކަށް ލިބޭ ތަރުހީބުވެސް އަންނަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް ޒުވާނުންގެ މެދުގައެވެ. އެއަށްވުރެވެސް ޚާއްސަކޮށް ޖިންސަށް ބަލާނަމަ ، ޖިންސުއްލަތީފުންގެ މެދުގައެވެ. ޒުވާނުންނާއި މެދު ޢުމުރާއި ދޮށީ އުމުރުގެ ޖިންސުއްލަތީފުންގެ މެދުގައެވެ.
ޔޫޓިއުބްގައި ހިންގާ “މުންތަހާ ޗޯހަން ނޮވެލްސް” ޗެނަލުން ދާދި ފަހުން އާންމުކުރި “ތޫ އިޝްގު މޭރާ” އަކީ މިފަދަ އޯޑިއޯ ވާހަކަތަކަށް އޮތް ބޮޑު ތަރުހީބު ދައްކުވައިދިން ފުރިހަމަ މިސާލެކެވެ. އެ ޗެނަލުން ބުނެފައި ވާ ގޮތުގައި، މުންތަހާ ޗޯހަން ލިޔެފައި ވާ މި ވާހަކައިގައި ފެނިގެންދަނީ އަންހެނުންދެކެ އިންތިހާއަށް ލޯބިވާ، އަދި އަންހެނުންނަށް ރައްކާތެރިކަން ދޭ ފިރިއެއްގެ ޙަޔާތެވެ. މީގެ އިތުރުން، ޢާއިލީ ގުޅުންތަކާއި، ކައިވެންޏަށްފަހު އަންނަ އުފާވެރި އަދި ހިތާމަވެރި ވަގުތުތައް މި ވާހަކައިގައި ވަރަށް ފުރިހަމައަށް ސިފަކޮށްދީފައި ވާ ކަމަށް އެ ޗެނަލުން ފާހަގަކޮށްފައި ވެއެވެ. ވީޑިއޯ އާންމުކުރިތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި އެތައް ހާސް ބަޔަކު މި ވާހަކަ އަޑުއަހާފައި ވުމަކީ، މި ބާވަތުގެ އުފެއްދުންތަކަށް އޮތް ޝަޢުޤު ހާމަކޮށްދޭ ކަމެކެވެ. ވާހަކައިގެ ބަތަލާއަކީ މައުސޫމު ކުއްޖެއްގެ ގޮތުގައި ސިފަކޮށްފައި ވާއިރު، ފިރިމީހާގެ ފަރާތުން ލިބޭ އަޅާލުމާއި ލޯބި ވަރަށް ފުންކޮށް ގެނެސްދީފައި ވެއެވެ.
މިފަދަ ވާހަކަތަކުގެ އެންމެ ޚާއްސަ އެއް ސިފައަކީ، އޭގައި އެކުލެވޭ ޖަޒުބާތީ ބައިތަކެވެ. އަޑުއަހާ މީހުންގެ ހިތްތަކާ ކުޅެލާ ފަދަ ގޮތަކަށް ކެރެކްޓަރުންގެ އިހުސާސްތައް ގެނެސްދިނުމަކީ ލިޔުންތެރިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. ޔޫޓިއުބް ކޮމެންޓްތަކުން ފެންނަ ގޮތުގައި، އަޑުއަހާ މީހުން ވާހަކައިގެ ކެރެކްޓަރުންނާ ވަރަށް ބޮޑަށް ގުޅެއެވެ. ބައެއް މީހުން ވާހަކައިގެ މިސްރާބު ހުންނަންވީ ގޮތާއި، ދެން ވާންވީ ގޮތުގެ ޚިޔާލުތައްވެސް ޙިއްސާކުރެއެވެ. މިސާލަކަށް، ބައެއް އަޑުއެހުންތެރިން ވަނީ ވާހަކައިގެ ބަތަލަކީ ހަށިގަނޑު ވަރުގަދަ، އަދި ބަތަލާއަށް ފުރިހަމަ ޙިމާޔަތްދޭ މީހަކަށް ހެދުމަށް އެދި ކޮމެންޓުކޮށްފައެވެ. އަދި ވާހަކައިގެ ތެރޭގައި އެކްޝަން މަންޒަރުތައް ހިމެނުމަށްވެސް ބައެއް މީހުން އެދިފައި ވެއެވެ. މިއީ ކިޔުންތެރިންނާއި ލިޔުންތެރިންނާ ދެމެދު އުފެދިފައި ވާ ގާތް ގުޅުން ދައްކުވައިދޭ ކަމެކެވެ.
ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ސަބަބުން ވާހަކަ ކިޔުމުގެ ސަގާފަތަށް މިވަނީ އިންގިލާބީ ބަދަލުތަކެއް އައިސްފައެވެ. ކުރިން ، ފޮތް ފިހާރަތަކުން ބޯ ފޮތްތައް ގަނެގެން ކިޔަމުން އައި މީހުން، މިއަދު އިޚުތިޔާރުކުރަނީ އޯޑިއޯ ފޯމެޓެވެ. މީގެ މައިގަނޑު ސަބަބަކީ ފަސޭހަކަމެވެ. ވަޒީފާގެ މާޙައުލުގައި ނުވަތަ ގޭތެރޭގެ މަސައްކަތުގައި އުޅެމުންވެސް ވާހަކަ އަޑުއެހޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމަކީ ގިނަ ބަޔަކަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. އަދި އަމިއްލަ މާދަރީ ބަސް ނޫން އެހެން ބަސްބަހުން ހުންނަ ވާހަކަތައް، ޚާއްސަކޮށް އުރުދޫ ފަދަ ބަސްބަހުން ހުންނަ ވާހަކަތައް އަޑުއެހުމަކީ ބަހުގެ ހުނަރު ތަރައްގީކުރުމަށްވެސް ބައެއް މީހުން ބޭނުންކުރާ އުކުޅެކެވެ. އުރުދޫ ބަހަކީ ވަރަށް މާނަފުން، އަދި ތަރުޖަމާ ކުރުމުގައި އަސްލުން ބޭރުނުވެ، ރީތިކުރަމުންގޮސް މާނަ ވަރަށް ރީތިކޮށްލެވޭ ބަހެކެވެ. މިކަމުގެ ސަބަބުން އުރުދޫ އަދަބިއްޔާތަށްވެސް އާ ދިރުމެއް ލިބެމުންދާ ކަމަށް ބެލެވެއެވެ.
އޯޑިއޯ ވާހަކަތައް އުފައްދާ ފަރާތްތަކުންވެސް އަންނަނީ އަޑުއެހުންތެރިންގެ ޝައުގުވެރިކަން ހިފެހެއްޓުމަށްޓަކައި ތަފާތު އުކުޅުތައް ބޭނުންކުރަމުންނެވެ. ވާހަކައިގެ މައުޟޫއާ ގުޅޭ ގޮތުން ބެކްގްރައުންޑް މިއުޒިކް ބޭނުންކުރުމާއި، ކެރެކްޓަރުންގެ އަޑުތައް ތަފާތުކޮށް ގެނެސްދިނުމަކީ ވާހަކައިގެ އަސަރު އިތުރުކޮށްދޭ ކަންކަމެވެ. “މުންތަހާ ޗޯހަން ނޮވެލްސް” ފަދަ ޗެނަލްތަކުން ގަވާއިދުން އާ ވާހަކަތައް ނެރެމުން ދިއުމަކީ، މި ދާއިރާގައި އޮތް ވާދަވެރިކަމާއި ކުރިއެރުން ދައްކުވައިދޭ ކަމެކެވެ. މިފަދަ އުފެއްދުންތަކަކީ އަމިއްލަ ފިކުރީ މުދާ ކަމަށްވާތީ، އެތަކެތި ހުއްދަނެތި ބޭނުންކުރުން މަނާކޮށް، ކޮޕީރައިޓްސްއަށް ރައްކާތެރިވުމަށްވެސް ޗެނަލްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ. ލޯބީގެ ވާހަކަތަކުގެ އިތުރުން، ބިރުވެރި ވާހަކަތަކާއި، ތާރީޚީ ވާހަކަތައްވެސް މިހާރު، ޔޫޓިއުބް މެދުވެރިކޮށް ފަސޭހައިން ލިބެން ހުރެއެވެ.
އިންސާނުންނަކީ އަބަދުވެސް ވާހަކައަށް ލޯބިކުރާ ބައެކެވެ. ޒަމާނާއެކު ވާހަކަ ކިޔައިދޭ ގޮތާއި ވަސީލަތްތަކަށް ބަދަލު އައި ނަމަވެސް، ރަނގަޅު ވާހަކައަކުން ލިބޭ ހިތްހަމަޖެހުމަކަށް ބަދަލެއް ނާދެއެވެ. ޔޫޓިއުބްގައި އާންމުކުރާ އޯޑިއޯ ވާހަކަތަކަކީ މި ޒަމާނުގެ ޑިޖިޓަލް ފޮތްގުޅިއެވެ. އެތައް ގަޑިއިރެއްގެ ދިގު ވާހަކަތައް، އެތައް ހާސް ބަޔަކު ކެތްތެރިކަމާއެކު އަޑުއަހަމުން ދިއުމަކީ، އިންސާނީ ޖަޒުބާތުތަކާއި ގުޅުންތަކުގެ މައްޗަށް ބިނާކޮށް ލިޔެފައި ހުންނަ ވާހަކަތަކުގެ މުހިންމުކަން ކުޑަނުވާކަމުގެ ހެއްކެކެވެ. ޓެކްނޮލޮޖީގެ އެހީގައި މިފަދަ އުފެއްދުންތައް މުޅި ދުނިޔެއަށް ފެތުރިގެން ދާއިރު، މިއީ އަދި ކުރިއަށް އޮތް ތަނުގައިވެސް ފުޅާވަމުންދާނެ ދާއިރާއެއްކަން ޔަގީނެވެ.
ޖިޓަލް ޒަމާނުގައި، ގިނަ ބަޔަކު އެތައް ގަޑިއިރެއް ވަންދެން ޔޫޓިއުބުން ޚިޔާލީ ލޯބީގެ ވާހަކަތައް އަޑުއެހުމަށް ވަގުތު ހޭދަކުރަނީ ކީއްވެގެންކަން ދުވަހަކުވެސް ހިތަށް އެރި ހެއްޔެވެ؟ މިއީ މިހާރު އިންޓަނެޓުގައި ވަރަށް އާންމުވެފައިވާ ކަމެކެވެ. ޚާއްސަކޮށް އުރުދޫ ބަހުން ގެނެސްދޭ އޯޑިއޯ ވާހަކަތަކަށް ބޮޑު މަގުބޫލުކަމެއް ލިބެމުންދެއެވެ. ޒަމާނުއްސުރެ އުރުދޫ އަދަބިއްޔާތުގައި މަގުބޫލުކަން ހޯދާފައިވާ ލޯބީގެ ވާހަކަތައް، މިއަދު ވަނީ ޓެކްނޮލޮޖީގެ އެހީގައި އައު ސިފައެއްގައި މީހުންނާ ހަމައަށް ފޯރަން ފަށާފައެވެ. ފޮތްތަކުގެ ގަނޑުތަކުން ފެށި މި ދަތުރު، މިހާރު އައިސް ހުއްޓިފައިވަނީ ސްމާޓްފޯންތަކުގެ ސްކްރީންތަކަށާއި އިސްޕީކަރުތަކަށެވެ.
މިގޮތުން ޔޫޓިއުބްގައި ހިންގާ “އެންކޭ ނޮވެލްސް” އެވެ ކިޔާ އެހެން ޗެނަލުން ދާދި ފަހުން އާންމުކުރި ކުއްލި ކައިވެންޏެއްގެ މައްޗަށް ބިނާކޮށްފައިވާ ވާހަކައަކީ މީގެ ސާފު މިސާލެކެވެ. “ދޯ ނައިން ތޭރޭ ދޯ ނައިން މޭރޭ” ގެ ނަމުން ނަންދީފައިވާ މި ވާހަކައިގައި މައިގަނޑު ގޮތެއްގައި ދައްކުވައިދެނީ އުމުރުގެ ގޮތުން ބޮޑު ތަފާތެއް ހުންނަ ދެމީހެއްގެ ދެމެދުގައި ހިނގާ ލޯބީގެ ހާދިސާތަކެކެވެ. ކުއްލިއަކަށް ކުރެވޭ ކައިވެންޏެއްގެ ސަބަބުން ދެމީހެއްގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި، އެކަކު އަނެކަކު ދެނެގަތުމަށް ކުރާ މަސައްކަތް މި ވާހަކައިގައި ވަރަށް ފުރިހަމައަށް ސިފަކޮށްދީފައިވެއެވެ. މިފަދަ ވާހަކަތަކުން އިންސާނީ ގުޅުންތަކުގެ ނާޒުކުކަމާއި، ލޯބީގެ ތަފާތު މަރުޙަލާތައް އަޑުއަހާ މީހުންނަށް އިހުސާސްކޮށްދެއެވެ.
މިފަދަ ވާހަކަތަކުގައި އާންމުކޮށް އެކުލެވިގެންވަނީ ވަރަށް ޚާއްސަ މައުޟޫއުތަކެކެވެ. މަޖުބޫރުން ކުރެވޭ ކައިވެނިތަކާއި، ނަފްރަތުން ފެށިގެން ގޮސް ލޯތްބަށް ބަދަލުވާ ގުޅުންތަކާއި، އަދި ޢާއިލީ ގުޅުންތަކުގެ ތެރެއިން އުފެދޭ ލޯބީގެ ވާހަކަތަކަކީ ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު މައުޟޫއުތަކެވެ. އެންކޭ ނޮވެލްސްއިން ބުނެފައިވާ ގޮތުގައި، އެ ޗެނަލަކީ ހިތްގައިމު ލޯބީގެ ވާހަކަތަކާއި، ޖަޒުބާތީ އަދި ހަނދާނުން ފޮހެލަން ދަތި ޚިޔާލީ ވާހަކަތަކުގެ މަންޒިލެކެވެ. ކޮންމެ ވާހަކައަކުންވެސް ޖަޒުބާތާއި، ލޯތްބާއި، އަދި ވޭނުގެ އައު ކުލައެއް ގެނެސްދޭނެ ކަމަށް އެ ޗެނަލުން ބުނެފައިވެއެވެ.
މި ވާހަކަތައް ގެނެސްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ވާހަކަ ކިޔައިދޭ މީހާގެ އަޑެވެ. އަޑުގެ ޒަރީއާއިން އިހުސާސްތައް ގެނެސްދޭ ގޮތުން، އަޑުއަހާ މީހުންނަށް އެ ވާހަކައެއްގެ ތެރޭގައި އުޅެވޭ ކަމުގެ އިހުސާސް ކުރެވެއެވެ. ދިގު ވާހަކަތަކާއި، ކުރު ލޯބީގެ ވާހަކަތަކުގެ އިތުރުން، ފުން ޖަޒުބާތީ މަންޒަރުތައް ސިފަކޮށްދިނުމުގައި ވޮއިސްއޯވަރ އާޓިސްޓުންގެ ހުނަރުވެރިކަން ފާހަގަކުރެވެއެވެ. ހަމައެކަނި ލިޔެފައިވާ އަކުރުތަކަކަށް ފުރާނަ އަޅުވައިދެނީ މި އަޑުތަކުންނެވެ. އެހެންކަމުން، ވާހަކައިގެ މަންޒަރުތައް ސިކުނޑީގައި ކުރެހިގެންދަނީ ވަރަށް ވެސް ފުރިހަމަ ގޮތެއްގައެވެ.
މިފަދަ ވީޑިއޯތަކަށް ލިބޭ ތަރުހީބު، އެ ވީޑިއޯތަކުގެ ކޮމެންޓް ސެކްޝަނުން ވަރަށް ރަނގަޅަށް ފެނިގެންދެއެވެ. ބައެއް މީހުން ވާހަކައިގެ ކުރިއަށް އޮތް ބައިތަކުގައި އިތުރު ލޯބީގެ މަންޒަރުތައް ހިމެނުމަށް އެދި ކޮމެންޓުކޮށްފައި ހުރެއެވެ. މިއިން ދައްކައިދެނީ، އަޑުއަހާ މީހުން މި ވާހަކަތަކާ ގުޅިފައިވާ މިންވަރާއި، އެމީހުންގެ ޝައުގުވެރިކަން ހުރި މިންވަރެވެ. އާންމުންގެ ފަރާތުން ލިބޭ މިފަދަ ޚިޔާލުތަކަކީ، ވާހަކަ ލިޔާ މީހުންނަށް ކުރިއަށް އޮތް ތަނުގައި ވާހަކަ ބައްޓަންކުރާނެ ގޮތުގެ މުހިންމު މައުލޫމާތެކެވެ. އަދި މިއީ އުފެއްދުންތެރިންނާއި ބެލުންތެރިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށްދޭ ކަމެއްވެސް މެއެވެ.
ކުރިން މިދެންނެވި ޗެނަލްތަކުގެ އިތުރުން، ޔޫޓިއުބްގައި މިފަދަ އެތައް ޗެނަލެއް ހިންގަމުންދެއެވެ. “އާރްއެސް ޑެއިލީ ވޮއިސް” އަދި “ރޫހޭ ޖާން ނޮވެލްސް” ފަދަ ޗެނަލްތަކުން ވެސް ހަމަ މިފަދަ މައުޟޫއުތަކަށް ވާހަކަތައް ގެނެސްދެއެވެ. މީގެ އިތުރުން “ޒެޑްކޭ ޑެއިލީ ވޮއިސް” އިން ގެނެސްދޭ ރުންކުރު މިޒާޖުގެ ބަތަލުން އުޅޭ ވާހަކަތަކާއި، “ނޮވެލްސް ކޮޓޭޖް” އިން ގެނެސްދޭ ސިއްރު ކައިވެނިތަކުގެ ވާހަކަތަކަށްވެސް ބޮޑު ތަރުހީބެއް ލިބެއެވެ. މިއިން ކޮންމެ ވީޑިއޯއަކަށް އެތައް ހާސް ބަޔަކު ޒިޔާރަތްކޮށް، ގަޑިއިރުތަކެއް ވަންދެން ވާހަކަ އަޑުއެހުމުގައި ވަގުތު ހޭދަކުރެއެވެ. މިއީ ހަމައެކަނި މުނިފޫހިފިލުވުމުގެ ވަސީލަތެއްގެ ބަދަލުގައި، ދުވަހުގެ ބުރަ މަސައްކަތަށްފަހު ސިކުނޑިއަށް އަރާމު ހޯދުމަށް ގިނަ ބަޔަކު ބޭނުންކުރާ ވަސީލަތަކަށް ވަނީ ވެފައެވެ.
މިފަދަ އޯޑިއޯ ވާހަކަތަކުގެ ސަބަބުން، ޒަމާނުއްސުރެ އިންސާނުންގެ ތެރޭގައި އޮތް ވާހަކަ ކިޔައިދިނުމުގެ ސަގާފަތް، އައު ސިފައެއްގައި ދިރިގެން އައިސްފައިވާކަން ފާހަގަކުރެވެއެވެ. ފޮތް ކިޔުމަށް ވަގުތު ނުލިބޭ މީހުންނަށް، ގޭތެރޭގެ މަސައްކަތްތައް ކުރަމުން ނުވަތަ ދަތުރުމަތީގައި އުޅެމުން ވެސް މި ވާހަކަތައް އަޑުއެހުމުގެ ފުރުސަތު ލިބެއެވެ. އެހެންކަމުން، ޓެކްނޮލޮޖީގެ ކުރިއެރުމާއެކު، ލޯބީގެ ވާހަކަތަކާއި ޖަޒުބާތީ ހާދިސާތައް މީހުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މައިގަނޑު ވަސީލަތަކަށް ޔޫޓިއުބް ފަދަ ޕްލެޓްފޯމްތައް ވަނީ ވެފައެވެ. އިންސާނީ ޖަޒުބާތުތަކަކީ ދުވަހަކުވެސް ބާވެގެންދާނެ އެއްޗެއް ނޫންކަން، މި ވާހަކަތަކަށް ލިބެމުންދާ ތަރުހީބުން ސާބިތުކޮށްދެއެވެ.
އަޅުގަނޑަށްވެސް އުރުދޫބަހުން ލިޔެފައިހުރި ވަރަށްގިނަ ދިގުވާހަކަ ތަރުޖަމާ ކުރެވިއްޖެއެވެ. އުރުދޫބަހުން ލިޔެފައި ހުންނަ ވާހަކަ ތަރުޖަމާކުރުމަށް އަޅުގަނޑުގެ ހިތުގައި ޝަޢުޤުވެރިކަން އުފެދުނީ، އުރުދޫބަހުގެ މާނަ ފުންވެފައި ، ރީތިވެފައި ތަރުޖަމާކުރުމުގައި އަސްލު ނުގެއްލޭގޮތަށް ޖުމްލަތައް ރީތިކުރާނެ ޖާގަ، އެހެން ބަސްބަހަށްވުރެ ބޮޑަށް އުރުދޫބަހުގައި ތަނަވަސް ވެފައި އޮންނާތީއެވެ. ދިވެހިބަހުގައި ހުންނަ އުރުދޫ ބަސްތަކާގުޅޭ އަސަރުގަދަ ޖަޒުބާތީ ބަސްތައް ، އަތުރައި އަމުނަމުން ތަރުޖަމާކޮށް ލިޔުމަކީ ، އުނދަގޫނަމަވެސް ، އަދަބީ ދާއިރާގައި އަޅުގަނޑު ކުރާހިތްވާ އެންމެ ހިތްގައިމު މަސައްކަތެވެ. ބައެއްފަހަރަށް ދެބަހުގެ އަދަބިއްޔާތުގެ ތެރެޔަށް ގެނބިގެންގޮސް ނުނުކެމެވޭ ހިސާބަށް ދެއެވެ. އަޅުގަނޑު ތަރުޖަމާކޮށް ލިޔެފައިވާ މިވާހަކަތައް، ﷲ ގެ އިރާދަފުޅާއި މިންވަރުފުޅާއެކީ ، ޔޫޓިއުބު އޯޑިއޯ ޗެނަލެއް މެދުވެރިކޮށް އެހުންތެރިންނާ ހަމަޔަށް ގެނެސްދިނުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އުއްމީދެކެވެ. އެހެން ބަސްބަހަށް ލިބެމުންދާ ކުރިއެރުމާއި ތަރައްޤީ، ދިވެހިބަހަށް ނުގެނެވެންވީ އެއްވެސް ސަބަބެއް ނެތެވެ.
