ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފޮޓޯ: އާފަތިސް

ޤަޠަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމުގެ ހިތާމައިގައި، 2026ޖުލައި 13 ވާ ހޯމަ ދުވަހުގެ މެންދުރު 12:00އިން ފެށިގެން 2026 ޖުލައި 14 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް، (އެއް ދުވަސް ވަންދެން) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖެއާއި ޤަޠަރާދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމާއި، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ، ޤަޠަރުގެ އަމީރު ކަމުގެ މަގާމުގައި ހުންނެވިއިރު، ރާއްޖެއާމެދު ބެހެއްޓެވި ގާތްކަމާއި، ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގު ވަޒަންކުރެއްވުގެ ގޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ފަސްދާނުލާފައި ވަނީ އިއްޔެ، 12 ޖުލައި 2026ގައި ރަސްމީ ޢިއްޒަތުގައެވެ. އަދި އެމަނިކުފާނު އަވަހާރަވުމާއި ގުޅިގެން ޤަޠަރުގައި ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެގައުމަށް މިއަދު ހެނދުނު ވަނީ ފުރާވަޑައިގަންނަވައިފައެވެ.

މި ކަން އިޢުލާންކުރައްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި 2026/14 ނަންބަރު ދެންނެވުމުގައެވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.