މުލަކު ރައްޔިތުންގެ 18 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ގިނަ ހިދުމަތްތަކެއް ލިބޭ ގޮތަށް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހުޅުވައިފިއެވެ.
އިއްޔެ ހަވީރު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މުލަކު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ އިބްރާހިމް އެވެ.
މި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ ރާފިއުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި މުލަކުގެ ކުދި ބޮޑު ގިނަ ރައްޔިތުންތަކެއް ބައިވެރިވިއެވެ.
މ އަތޮޅު މުލަކުގައި ޒުވާނުންގެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށިފައިވަނީ 2008 އަހަރުއެވެ. އޭގެ ފަހުން އެކި ފަހަރު މަތިން މުލަކު ޒުވާނުންގެ މަރުކަޒުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދިޔައެވެ. 2012 ވަނަ އަހަރު ޒުވާނުންގެ މަރުކަޒު ހިޔާކުރުމުގެ މަސައްކަތަށް މުލަކު ކައުންސިލަށް ކުޅިވަރު ވުޒާރާއިން 3 ލައްކަ ރުފިޔާ ދޫކުރިއެވެ. އޭގެ ނުވަ އަހަރު ފަހުން 2021 ވަނަ އަހަރު ނޮވެމްބަރު މަހު މުލަކު ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގެ މަސައްކަތް ކުރުމަށް ކުންފުންޏަކާ އޭރުގެ ސަރުކާރުން ހަވާލުކުރިއެވެ.
އެހެންނަމަވެސް މަސައްކަތް ނުނިމި، ދިގުލައިގެން ދިއުމުގެ ސަބަބުން 2023 ވަނަ އަހަރުގެ އޮގަސްޓްމަހު މި މަސައްކަތުގެ ކޮންޓްރެކްޓް ބާތިލްކުރިއެވެ.
މި މަސައްކަތް ނުނިމި އެކަމުގެ ޝަކުވާ މުލަކުގެ ކައުންސިލުންނާއި ޒުވާނުން ކުޅިވަރު ވުޒާރާގައި އެކި ފަހަރު މަތިން ހިއްސާކޮށްފައިވެއެވެ. މި ކަމަށް ހައްލެއް ހޯދައިދިނުމަށް މުލަކު ޒުވާނުންގެ މަރުކަޒު ނިންމުމުގެ މަސައްކަތް އާރުޑީސީ އާ ހަވާލުކުރީ 2025 ވަނަ އަހަރުގެ މާރިޗުމަހުގެ ތެރޭގައި، 5.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން މި މަސައްކަތް ނިންމާ މިއަދު މިވަނީ މުލަކު ޒުވާނުން ބޭނުންވާ ގޮތަށް މި މަރުކަޒު ތައްޔާރުކުރެވިފައެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ، މުލަކު ޒުވާނުންގެ މަރުކަޒުގެ މަސައްކަތަކީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ތެރެއިން ހުއްޓިފައި ނިންމަން ހުރި ތަންތަން ނިންމުމުގެ މަޝްރޫއުގެ ތެރެއިން ކުރެވުނު ފާހަގަކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިފަދަ ރައްޔިތުންނާއި ގުޅުންހުރި މުހިންމު މަސައްކަތްތައް ނިންމުމަކީ ސަރުކާރުން ނުހަނު އިސްކަމެއް ދޭ ކަމެއް ކަމަށާއި ރައްޔިތުން ދުޅަހެޔޮކޮށް ތިބުމަށް މަގުފަހިކޮށްދެވޭނެ ކޮންމެ މަސައްކަތެއް ކުރުމުގައި މި ވުޒާރާއިން އަބަދުވެސް އިސްކަންދޭނެ ކަމަށް ވަޒިރު ވިދާޅުވިއެވެ.
" މުލަކުގެ ޒުވާނުންގެ މަރުކަޒަކީ ޒަމާންތަކެއް ވަންދެން ނުނިމި ހުރި އެހެންނަމަވެސް އެތައް ޒުވާނުންނެއް އެމަރުކަޒު ނިމޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ތަނެއް. އެހެންކަމުން މިއަދު އެ މަރުކަޒު ނިންމާ އެ ޒުވާނުންގެ އުއްމީދުތައް ހާސިލްކޮށްދެވުމީ އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އުފާ އަދި ހިތްތަހަމަޖެހުން". ވަޒީރު ރާފިއު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމުން މިކަން ހާސިލްކުރުމަށް މި ވުޒާރާއިން އަންނަނީ ބުރަކޮށް މަސައްކަތް ކުރުމުންނެވެ. މި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަކީ ދިވެހިންގެ މާހައުލާއި ގުޅޭގޮތަށް ގިނަ ހިދުމަތްތަކެއް އެއްތަނަކުން ލިބޭނެ ގޮތަށް ފަރުމާކުރެވިފައިވާ ތަންތަނެވެ. މިގޮތުން ވޯރކްޝޮޕްތަކާއި ސެމިނާތައް ބޭއްވޭނެ ހާއްސަ ހޯލަކާއި، އެރޮބިކްސް ނުވަތަ ޔޯގާ ކްލާސްތައް ބޭއްވޭނެ ޖާގައިގެ ޖިމެއްވެސް މި ސެންޓަރުތަކުގައި ހުންނާނެއެވެ.
