
ދިވެހިރާއްޖޭގެ ފުލުހުން ބަލާ މައްސަލަތަކުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ގާނޫނީ ވަކީލް މަހުފޫޒް ސައީދަށް ދެވެންނެތް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެ ފުރުސަތު އޭނާއަށް ނުދޭން ނިންމީ އޭނާގެ ބައެއް އަމަލުތައް ހުންނަ ގޮތުން ކަމަށެވެ. އެހެންނަމަވެސް އެއީ ކޮންކަހަލަ އަމަލިތަކެއް ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.
"ފުލުހުން ތަހުގީގު ކުރުމުގެ އުސޫލުތަކާ ޚިލާފަށް ގަނޫނީ ވަކީލް މަހުފޫޒް ސައީދުގެ އަމަލުތައް ހުރުމުގެ ސަބަބުން ފުލުހުން ބަލަމުންދާ މައްސަލަ ތަކުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރަން ފުރުސަތުދެވެން ނެތްކަން ވަކީލް މަހުފޫޒް ސައީދަށްވާނީ އެންގިފައި" ފުލުހުން ވިދާޅުވެފައެވެ.
ފުލުހުންގެ މިނިންމުމުގެ ސަބަބުން އެމުއައްސަސާއަށް ފާޑުކިޔުންތައްވެސް ވަނީ އަމާޒުވެފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ އެގޮތަށް އަމަލު ކުރެއްވުމަކީ ފުލުހުންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށެވެ.
މަހުފޫޒް ވިދާޅުވީ އެގޮތަށް އަމަލު ކުރުމަށް ގާނޫނަކުން ފުލުހުންނަށް ހުއްދަ ނުކުރާ ކަމަށެވެ. ފުލުހުން އެގޮތަށް ނިންމެވީ މަހުފޫޒު ކޮން އަމަލެއް ކުރައްވައިގެން ކަމެއް ފުލުހުން އަންގަވައިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.