މޯދީ ވިދިވިދިގެން 3 ވަނަ ދައުރަށް ބޮޑުވަޒީރުގެ މަގާމަށް އިންތިހާބުވުމުން ރައީސްގެ ތަހުނިޔާ

އިންޑިއާގެ ތާރީޚުގައި އެޤައުމުގައި ވިދިވިދިގެން އެންމެ ދިގު މުއްދަތެއްގައި ބޮޑުވަޒީރުގެ މަގާމު ފުރުއްވުމުގެ ޝަރަފު ހާސިލްކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ނަރެންދުރަ މޯދީއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ އެކްސް އެކައުންޓްގައި ޙިއްސާކުރެއްވި މެސެޖުގައި، ދިވެހިރާއްޖެއާ އިންޑިއާއާއި ދެމެދު އޮތް އިޙުތިރާމާއި ސިޔާދަތީ ހަމަހަމަ ކަމާއި ދެ ޤައުމުގެ ލާބައާއި މަންފާގެ މައްޗަށް ބިނާވެފައި އޮތް ގުޅުން މުސްތަޤުބަލުގައިވެސް އިތުރަށް ވަރުގަދަ ކުރެއްވުމުގެ ޢަޒުމް ވަނީ އައު ކުރައްވާފައެވެ.

ދިވެހިރާއްޖެއާއި އިންޑިއާއާއި ދެ ޤައުމުގެ މެދުގައި އޮންނަ އިޙްތިރާމާއި، އިސްތިޤްލާލީ ހަމަހަމަކަމާއި، އަދި ދެފަރާތުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގެ މައްޗަށް ބިނާކޮށް، އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން އުންމީދުކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ހަވާލުވެވަޑައިގެންނެވުމަށްފަހުވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްކުރައްވާފައެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ ރައީސްގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެންފައެވެ. މިދަތުރުފުޅުގެ ތެރެއިން އިންޑިއާއާއި ރާއްޖެ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމުގެ މަޝްވަރާތައް ފެށުމުގެ އެއްބަސްވުމެއްގައިވަނީ ސޮއިކުރައްވާފައެވެ. އަދި މީގެ ޓާމްސް އޮފް ރިފަރެންސް ނުވަތަ ޓީއޯއާރްގައި ދެޤައުމުން މިހާރުވަނީ ސޮއިވެސް ކޮށްފައެވެ.

އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމަށް ނަރެންދުރަ މޯދީ އައްޔަންކޮށްފައިވަނީ 26 މެއި 2014 ވަނަ އަހަރުއެވެ. މޯދީ ވަނީ 3 ވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރުކަމަށް އައްޔަންވެފައެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ވަނީ ވެފައެވެ. މި ގުޅުން މިއަދާއި ހަމައަށްވެސް ދެގޮތެއް ނުވެ ދަނީ ކުރިއަށްދަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.