ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ ހަމައެކަނި މިންތީގެ ހަމަހަމަކަން ގާއިމުކުރުމެއް ނޫން: މެޑަމް ސާޖިދާ

ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ ހަމައެކަނި މިންތީގެ ހަމަހަމަކަން ގާއިމުކުރުން ނޫންކަމަށާއި، މިއީ އަމަން ބެލެހެއްޓުމުގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، 2026 އިން 2028 އަށް ޢައްޔަންކުރެއްވި "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ" ކޮމިޓީ އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ. އިސްކަންދަރު ކޮށީގައި މިރޭ އޮތް ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގަތުމާއެކު، އެކަމަނާގެ ޝަރަފުގައި އޮނަރ ގާޑެއް ވަނީ އަރުވާފައެވެ.

މިރޭގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީގެ ލޯގޯ އިފްތިތާޙްކޮށްދެއްވާފައެވެ. ހަމަމިއާއެކު، މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ލޯގޯގެ ރަމްޒީ ހަނދާނީ ޓޯކަން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވެދުމަށް އެރުވުންވެސް މިރޭގެ ރަސްމިއްޔާތުގައި އޮތެވެ. މި ނަންބަރު ފުރިހަމަކޮށްދެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މޯލްޑިވްސް ވިމެން އިން ޕޮލިސިންގ، 3 ވަނަ ދައުރުގެ ކޮމިޓީ މެންބަރުންނަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައެވެ.
އެއަށްފަހު ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ، މިއަދަކީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ތާރީޚުގައި އަންހެނުންގެ ދައުރު އިތުރަށް ހަރުދަނާކޮށް، ކުރިމަގުގެ ތަޞައްވުރު ވަރުގަދަ ކުރުމަށް މުހިންމު ފިޔަވަޅެއް އަޅާ ދުވަހެއްކަމުގައި ވިދާޅުވެފައެވެ. އަދި ހަނދާންކުރަންޖެހޭ ޙަޤީޤަތަކީ، މި މަންޒިލަށް އާދެވުނީ، ގިނަ ގޮންޖެހުންތަކެއް ކަޑައްތު ކޮށްފައިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވެ، އަންހެން އޮފިސަރުންގެ ބައިވެރިވުން ބޮޑުވުމަކީ، މުޖުތަމަޢުގައި އާންމު އިތުބާރާއި އެއްބާރުލުން އިތުރުވެ، ޚާއްޞަކޮށް ޖިންސީ އަނިޔާއާއި ގެވެށި އަނިޔާ ފަދަ ނާޒުކު އަދި ހައްސާސް މައްސަލަތަކަށް ދެވޭ އިޖާބަ ހަރުދަނާވެގެންދާ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު، އިތުރު އަންހެނުން މި ދާއިރާއަށް ޝައުގުވެރިކުރުވައި، އެކަނބަލުންނަށް ވަޒީފާގައި ދެމިތިއްބެވޭނެ ފަދަ ޢާއިލީ ޒިންމާތަކާ އެކަށޭނަ ދެމެހެއްޓެނިވި ސިޔާސަތުތަކެއް ތަންފީޒު ކުރެއްވުމާއި، ހަމައެކަނި އިދާރީ މަސައްކަތްތަކުގައި އަންހެނުން ދެމިތިބުމުގެ ބަދަލުގައި، ފްރަންޓްލައިން އޮޕަރޭޝަންތަކުގައްޔާއި މައްސަލަތައް ތަޙުޤީޤު ކުރުމުގައްޔާއި، ޓެކްނިކަލް ދާއިރާތަކުން އަންހެން އޮފިސަރުންގެ ގާބިލުކަން އިތުރުކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.