ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށިލުމުގެ އަމަލީ ފަށައިފިއެވެ.
އެމްޓީސީސީން ބުނީ މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ހެންވޭރު ފެރީ ޓާމިނަލާ އިންވެގެން އޮންނަ ޖެޓީ ސަރަޙައްދުގެ ބޯލާޑްތަކާއި ކޮންކްރީޓް ތަޅާލުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުަމަށް ވަނީ ނިންމާފައެވެ.
މި މަސައްކަތުގެ ތެރެއިން މަގު ފުޅާކުރުމަށްޓަކައި ޝީޓް ޕައިލްކުރުމާއި، 610 މީޓަރުގެ އެއްގަމު ތޮށި އާކުރުން ހިމެނޭ އިރު، މަގު ގާތްގަނޑަކަށް 2 އާއި 3 މީޓަރާ ދެމެދުގެ މިންވަރަކަށް ފުޅާކުރާއިރު، މަސްވެރިންގެ ޕާކާ ހަމައަށް ހުރަސް ތޮށިވެސް މަރާމާތުކުރާނެކަމަށް އެކުންފުނިން ބުންޏެވެ. ނަމަވެސް މަސްވެރިންގެ ޕާކު ސަރަޙައްދަށް މިވަގުތު އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

