ނޭޕާލްގެ ވެރިރަށް ކަތަމަންޑޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ހޯމަދުވަހު ވެއްޓުނު ބަނގްލަދޭޝްގެ މަތިންދާ ބޯޓުގެ ފްލައިޓް ޑޭޓާ ރިކޯޑަރ (ކަޅުފޮށި) ތަހުގީގު ކުރާ ފަރާތްތަކުން ހޯދައިފިއެވެ.
އެ ބޯޓުގެ ކަޅުފޮށި ހޯދިކަން ކަމާބެހޭ ފަރާތް ތަކުން މިއަދު ވަނީ ކަށަވަރު ކޮށްދީފައެވެ.
އެހާދިސާއާ ބެހޭގޮތުން ކަތަމަންޑޫ އެއަރޕޯޓުގެ ޖެނެރަލް މެނޭޖަރ ރާޖް ކުމާރް ޗެތުރީ ވިދާޅުވެފައިވަނީ " ފްލައިޓް ޑޭޓާ ރެކޯޑަރ މިހާރު ވަނީ ހޯދާފައި، އެ ރެކޯޑަރ މިހާރު ވަނީ ރައްކާ ކުރެވިފައި، އަދި ބޯޓު ވެއްޓުނު ގޮތާއި މެދު މިހާރު ދަނީ ތަހުގީގު ކުރަމުން" ކަމަށެވެ.
ބަނގްލަދޭޝްގެ "ޔޫއެސް-ބަންގްލާ އެއާލައިންގެ ބޮމްބާޑިއާ ސީރީޒްގެ މަތިންދާ ބޯޓު ވެއްޓިފައިވަނީ ބަނގްލަދޭޝްގެ ވެރިރަށް ޑާކާއިން ފުރައިގެން އައިސް ނޭޕާލްގެ ކަތަމަންޑޫ އެއަރޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. ބޯޓު ޖައްސަން އުޅެފައިވަނީ މޫސުން ވަރަށް ގޯސް ވެފައިވާ ވަގުތުކޮޅެއްގައި ކަމަށްވެސް ކަތަމަންޑޫ އެއަރޕޯޓުގެ މޫސުމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.
ބަންގާޅު ބޯޓު ވެއްޓުނު އިރު އެއިން ދަތުރު ކޮށްފައިވަނީ 71 ފަސިންޖަރުން ނެވެ. އެހާދިސާގައި އެ ބޯޓުން ދަތުރުކުރި 49 މީހުން މަރުވެފައިވެއެވެ.
ބޯޓު ވެއްޓުނު ހާދިސާގައި ޔޫއެސް-ބަންގްލާ އެއާލައިނާއި ކަތަމަންޑޫ އެއަރޕޯޓުގެ އިސްވެރިން އެއްބަޔަކު އަނެއްބަޔަކަށް ހާދިސާގެ ޒިންމާ ނަގަން ޖެހޭ ކަމަށް ބުނަމުންދާއިރު، ޔޫއެސް-ބަންގްލާ އެއާލައިންގެ ފްލައިޓް އޮޕަރޭޓަރ ބުނެފައިވަނީ މޫސުން މާބޮޑަށް ގޯސްވެފައިވާ ވަގުތު ތަކުގައިވެސް މީގެ ކުރިން ވެސް އެއެއާލައިންގެ ބޯޓުފަހަރު ކަތަމަންޑޫ އެއްރޕޯޓުގައި ސަލާމަތުން ޖައްސާފައިވާ ކަމަށެވެ.
ހޯމަ ދުވަހު ހިނގި އެހާދިސާއަކީ 1992 ވަނަ އަހަރު ޕާކިސްތާނުގެ އިންޓަނޭޝަނަލް އެއަރލައިންސުގެ މަތިންދާ ބޯޓެއް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާއަށްފަހު ނޭޕާލްގައި ހިނގައިދިޔަ ވައިގެ އުދުހުމުގެ މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ. 1992 ވަނަ އަހަރު ހިނގައިދިޔަ އެ ހާދިސާގައި، ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 167 ފަސިންޖަރުން މަރުވެފައިވެއެވެ.