ޢުޘްމާނީ ވެރިކަން (3)

ޤަދީމީ ބިނާތައް

ޢުޘްމާނީ ޒަމާނުގެ ލިޔުންތެރިންނަކީ ، ޤަދީމީ ބިނާތަކާއި ތާރީޚާ ގުޅިފައިވާ އާޘާރީ ތަންތަން އެއީ ގެއްލިގެންދާ ތަންތަނުގެ ގޮތުގައި ބަލަމުން އައި ބަޔެކެވެ. އެބައިމީހުންނާ ހަމަޔަށް އެފަދަ ތަންތަން އައިސްފައިވަނީ ، ފަސްއެޅި ފޮރުވިފައި އޮންނަ ، ނުވަތަ ހަވިއްތައެއް ކޮނުމުން ފެންނަ ތަންތަނުގެ ގޮތުގައެވެ. އެހެންކަމާއެކުވެސް ، އެއީ ޒަމާން ތަޞައްވުރުކޮށްދޭ ، ތާރީޚީ މުހިންމު ތަންތަނުގެ ގޮތުގައިވެސް ބަލަމުން އައެވެ.

1500 ވަރަކަށް އަހަރުގެ ކުރިން ލިޔެފައިހުރި ޚުތުބާ ފޮތްތަކެއްގައި ، އަދި ޢުޘްމާނީ ކިޔުންތެރިންގެ ރޫހާނިއްޔަތާ ގުޅިފައި ހުރި ފުލޯކު ވާހަކަތަކުގައި ، އިހުގެ ބަޠަލުންގެ ތާރީޚީ ވާހަކަތައް ލިޔެވި ޛިކުރު ކުރެވިފައި ހުރެއެވެ. ސަލާމްލެއްވި ޢީސާގެފާނާއި ، ސަލާމްލެއްވި މޫސާގެފާނުގެ ވާހަކަ ލިޔެވިފައި ހުރެއެވެ. އިސްލާމީ އުއްމަތުގެ ހަތަރު ޚަލީފާއިންގެ ވާހަކައިން ފެށިގެން ، ޖަލާލުއްދީން މުޙައްމަދު ރޫމީގެ ނަންފުޅު އާދެއެވެ. ފާރިސީންގެ ރަސްގެފާނު ދާރަޔޫޝްގެ ނަންފުޅާއި ނެއޯ ބާބިލޯންގެ ރަސްގެފާނު ނެބޫޗަރޑްނެޒާރގެ ނަންފުޅު އާދެއެވެ.  އަދި މިޞްރުގެ ފިރުޢައުނުގެ ވާހަކަވެސް އާދެއެވެ.  ގްރީކުގެ އިހުގެ ރަސްރަސްކަލުންނާއި އިންޑިއާގެ ސައިންސުގެ ޢިލްމުގެ ވާހަކަތައް އައިސްފައި ވެއެވެ. މީގެ އިތުރަށް ، ފާރިސްކަރާގައި ރަސްކަންކުރެއްވި ހުރިހާ ރަސްރަސްކަލުންގެ ތާރީޚު ލިޔެވިފައި ހުރެއެވެ. ޙަޤީޤަތާއި އަޞްލުން އެމުނި އެތުރިފައިހުރި ވާހަކަތަކެއްގެ ގޮތުގައެވެ. ބައެއްވާހަކަޔަކީ ، ޝަޢުޤުވެރިކަމުން ފުރިގެންވާ ވާހަކަތަކެކެވެ. އަނެއްބައި ވާހަކަޔަކީ ، ހިތާމަވެރި ވާހަކަތަކެކެވެ.

ރޯމުގައި ވެރިކަންކުރި ސީޒަރާއި ، 6 ވަނަ އަދި 7 ވަނަ ޤަރުނުގައި އީރާނުގައި ވެރިކަންކުރި ޝެހެންޝާހުންގެ ވާހަކަ ވަކިން ފާހަގަ ކޮށްލެވެއެވެ. މުސްލިމުގެ ޚަލީފާއިންގެ ވާހަކައާއި ދުނިޔޭގައި ރަސްކަންކުރެއްވި އަމީރުންގެ ވާހަކަ ލިޔެވިފައި ހުރެއެވެ.

ޢައްބާސީ ޚިލާފަތުގެ ވެރިކަމާއި ހަމަނުޖެހުންތައް އަދި މަރްވާނުންގެ އާރާއި ބާރުގެ ވާހަކަ ލިޔެވިފައި ހުރެއެވެ. މޮންގޯލްގެ އެމްޕެރަރ ޗިންގިސްޚާނާއި އޭނާގެ ދަރިފަސްކޮޅަށްވީ ގޮތް ، ގްރީކުގެ ރަސްގެފާނު ސެލްޖެކް އަދި އެރަސްގެފާނުގެ ދަރިފަސްކޮޅުގެ ތާރީޚް ، ޢުޘްމާނީ ވެރިކަމާއި މުޙައްމަދު ރަސްގެފާނުގެ ވެރިކަމުގެ އާރާއިބާރަށް ވީގޮތް ބަޔާންކުރެވިފައި ހުރެއެވެ.

ޢުޘްމާނީ ލިޔުންތެރިންނަށް ، ޤަދީމީ ބިނާއަކީ ގެއްލުމެކެވެ. އެކަމަކުވެސް ، ހުރިހާކަމެއްގެ ތާރީޚު ކިޔައިދެނީ އެތަކެތިންނެވެ. ޅެންވެރިންނާއި ލިޔުންތެރިން އެތަކެތި ސިފަކޮށްދީފައ ހުންނަނީ ، ހިތުގެ ވިންދުގެ ގޮތުގައެވެ. ތާރީޚާ ވަކިނުކުރެވޭފަދަ މިލްކިއްޔާތެއްގެ ގޮތުގައެވެ.

ޢުޘްމާނީ ވެރިކަމާމެދު ދުނިޔެ ދެކޭގޮތް

މިފޮތުގައި ޢުޘްމާނީ ވެރިކަން ސިފަކޮށްދެމުން މިގެންދަނީ ، އެ ވެރިކަން އެކުވެ އެކަތިގަނޑަކަށްވީ ގޮތާއި ވެރިކަން ރޫޅި ބައިބައިވެގެން ދިޔަ ގޮތުގެ މައްޗަށެވެ. ޢުޘްމާނީ ވެރިކަމަކީ ، މުސްލިމުންނާއި ޔަހޫދީން އަދި ނަޞޯރާއިން ހިމެނޭ ބާރެކެވެ. އެއިން ކޮންމެ ދީނަކަށް ނިސްބަތްވާ މުޖުތަމަޢަކުންވެސް ، އެމީހުންގެ ދީނީ ހަމަތަކާއި އާޘާރީ ތަރިކަ އަދި އެބައިމީހުންގެ އަމިއްލަ ތާރީޚު އެއޮތްގޮތަކަށް ދަމަހައްޓަމުން ގެންގޮސްފައި ވެއެވެ. ދީނީ ތަފާތުތަކާއެކުގައެވެ. އެހެނަސް ، ދެބަސްވުމާއި ދެކޮޅުވެރިކަމާ ނުލައެވެ. މިފޮތުގައި ޢުޘްމާނީ ވެރިކަން ތަޞައްވުރު ކޮށްދޭނީ ތިން ފިޔަވައްސަކަށެވެ.

ފުރަތަމަ ފިޔަވައްސަކީ ، ޢުޘްމާނީ ވެރިކަމާއި އެ ވެރިކަމުގެ ނަސްލު ނުވަތަ ދަރިފަސްކޮޅެވެ. ރަސްރަސްކަލުންގެ ޢާއިލާތަކުގެ ތަފްޞީލެވެ. އެއީ ، އެއާ ނުލައި ޢުޘްމާނީ ވެރިކަންވެސް އަދި ޢުޘްމާނީ ތާރީޚުވެސް ނުއޮންނާނެ އެއްޗެކެވެ. ޢުޘްމާނީ ވެރިކަމުގެ އަހުލުވެރިން ޤަބޫލުކުރާގޮތުގައި ، ޢުޘްމާނީ ވެރިކަން އެހާ ގިނަދުވަހަށް އެތައް ރަސްރަސްކަލުންނެއްގެ މައްޗަށް ދެމިގެން ދިޔައީ ، އެ ވެރިކަމަށް ލިބިގެންވީ ޚާއްޞަ ސިފަތަކެއްގެ ސަބަބުންނެވެ. ޢުޘްމާނީ ވެރިކަމަކީ ، ދުނިޔޭގެ ތާރީޚުގައި އެންމެ ގިނަދުވަހު ވެރިކަންކުރި ވެރިކަމެވެ. ޢުޘްމާނީ ވެރިކަންކުރެއްވި ރަސްރަސްކަލުންނަށް ޚާއްޞަ ބާރަކާއި ސިފަފުޅުތަކެއް ލިބިގެންވާކަމަށް ޢުޘްމާނީ ލިޔުންތެރިން ބަޔާން ކުރެއެވެ. އެއީ ރޫޙާނީބާރަކާއެކު އިންސާނީ ކަރާމާތެއްގެ މައްޗަށް އެކުލެވިގެންވި ބާރެކެވެ. އެ ބާރަކީ ، އިންސާނީ ވިސްނުމާއި ފިކުރާ އަދި ޚިޔާލާތުގެ ތެރެއިން ، އިންސާނުންގެ މައްޗަށް ބާރުވެރިކުރުވައި ކާމިޔާބީ ލިބި ، ކިޔަމަންތެރި ކުރުވާފަދަ އަޖައިބެއްކަހަލަ ބާރެކެވެ.  އޭގެ މަޤްޞަދަކީ ، ޢުޘްމާނީ ވެރިކަމުގެ ބާރުގެ ދަށުގައި ، އެ ވެރިކަމުގެ ބެލެނިވެރިކަމާއި އެހީތެރިކަމުގައިވާހާ މީސްތަކުންނަށް ، ލާބަޔާއި މަންފާ ލިބިގެން ދިއުމެވެ. ޢުޘްމާނީ ސިޔާސަތަކީ ، އެންމެންގެ ލާބަޔާއި މަންފާއަށް ބަށްޓަންކުރެވިގެންވާ އެންމެންނާވެސް ގުޅޭ ކޮންމެ މުޖުތަމަޢަކަށްވެސް ހެޔޮވަރު ކޮށްލެވޭ ސިޔާސަތެކެވެ. ޢުޘްމާނީ ވެރިކަމުގެ ތަފާތަކީ އަދި ، ކާމިޔާބީއަކީވެސް އެއީއެވެ. ޢުޘްމާނީ ވެރިކަމަށް ، އެންމެން އިޙްތިރާމްކޮށް ޤަދަރުކުރާ އަދި އިތުބާރުކޮށް ބަރޯސާވާ ސަބަބަކީވެސް އެއީއެވެ.

ޢުޘްމާނީ ވެރިކަމުގެ ދެވަނަ ފިޔަވައްސަކީ ، ކާމިޔާބީއާއި ކުރިއެރުމާ އަދި ތަރައްޤީ ދެމެހެއްޓުމަށްޓަކައި ޤާނޫނީ ޙުކޫމަތު ހިންގައި ދުރާއި މެދު އަދި ކުރުރާސްތާގެ މަޝްރޫޢުތައް ހިންގައި ، ހަރުދަނާ ވިސްނުމާއި ފިކުރު ގެންގުޅުމެވެ.

އިޤްތިޞާދަކީ އެކަތި އަނެކައްޗާ ވަކިކުރެވިގެން ، ދުނިޔޭގެ ވަކިތަންކޮޅެއްގައި ހިންގޭނެ އެއްޗެއްކަމަކަށް ޢުޘްމާނީ ވެރިކަމަކުން ނުދެކެއެވެ. ޢުޘްމާނީ ވެރިކަމުގެ އާރާއިބާރަކީ ، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮބަދަލެއް ގެނެސްދޭނެ ނިޒާމެއްކަން ރައްޔިތުންނަށް އޮންނަނީ ޤަބޫލު ކުރެވިފައެވެ. ޢުޘްމާނީ ވެރިކަމަށް ރައްޔިތުން ކިޔަމަންގަނެފައިވަނީ ، އެމީހުންގެ ހިތުގައި ބިންވަޅު ނެގިފައިވާ އެ އިތުބާރާއި ޔަޤީންކަމުގެ މައްޗަށެވެ. އެއީ ، އެ ޒަމާނުގައި އެހެން އެއްވެސް ވެރިކަމެއްގެ ނިޒާމުން ފެނުނު އެއްޗެއް ނޫނެވެ. ޢުޘްމާނީ ވެރިކަން ހިނގަމުން އައީ ،  " ރައްޔިތުން ބޭނުންވާ ގޮތް ރައްޔިތުން އަމިއްލަޔަށް ނިންމުން " އެއީ ، މޮޓޯއަކަށް ބަލައިގެން ، ރައްޔިތުންނަށް އެ ފުރުޞަތުދީގެންނެވެ. ރައްޔިތުންގެ ކޮންމެ ނިންމުމެއްވެސް ތަންފީޒު ކުރުމަކީ ، ވެރިކަމުގެ މައްޗަށް ލާޒިމް ކަމެކެވެ. ވެރިކަމުން ކުރާނެ ކަމަކީ އެކަމަކަށް އެހީތެރިވެ ، މަގުފަހިކޮށްދިނުމެވެ.

މީގެ ދިހަބާރަހާސް އަހަރުކުރިން ، މިޒަމާން މިދެކޭ އިންސާނީ ތަރައްޤީއާއި އައު އުފެއްދުންތައް ނެތްއިރުވެސް ، ޢުޘްމާނީ ވެރިކަމުގެ ދަތުރުފަތުރާއި މުދާ އުފުލުން އަދި މުއާޞަލާތީ ޚިދުމަތުގެ ނިޒާމަކީ ، މިޒަމާނަށްވެސް އޭގެ ތަޖުރިބާއިން ފިލާވަޅު ލިބިލިބި ހުރި ނިޒާމެކެވެ.  ވިޔަފާރީގެ އެކި މަގުތައް ތައްޔާރުކޮށް ، ކަނޑުގެ މަގުންނާއި އެއްގަމު މަގުން މީހުންނާއި މުދާއުފުލޭނެ ހަރުދަނާ ނިޒާމެއް ޢުޘްމާނީ ވެރިކަން ހިނގި ހުރިހާ ތަނެއް ހިމެނޭގޮތަށް  ޤާއިމް ކުރެވުނެވެ.  ޑިއުޓީ ނެގޭނެ ހަމަތަކާއި އުޞޫލުތައް ޤާއިމްކޮށް ، އިޤްތިޞާދީ ބާރުވެރިކަން ހޯދައި ، އެހެން އެއްވެސް ވެރިކަމަކަށް އެ ޒަމާނުގައި ކުރިއަރައި ނުދެވޭފަދަ ޒަމާނެއް ، ޢުޘްމާނީ ވެރިކަމުން ދުނިޔެއަށް ގެނެސްދިނެވެ. ރޭލް ދަތުރުތައް ޤާއިމްކޮށް އެއްބައްރުން އަނެއް ބައްރަށް ، ކަނޑުއޮޅިތަކާއި ދިގު ކަނޑުތައް ހުރަސްކޮށް ، ދުނިޔޭގެ އިރުމަތީ ބިތުން ހުޅަނގުބިތަށް ، ދަތުރުފަތުރުގެ ހަރުދަނާ ނިޒާމެއް ޤާއިމް ކުރިއެވެ. އެންމެ ނަންހިނގާ ރޭލުދަތުރުގެ އެއް ނިޒާމަކަށް އެދުވަސްވަރު އޮތީ ، އުރުދުންމަގުން ދަތުރުކުރާ ޙިޖާޒު ރެއިލްވޭ އެވެ.

ޙިޖާޒު ރެއިލްވޭއަކީ މީގެ އެތައް ސަތޭކަ އަހަރެއްގެ ކުރީގެ ތަރައްޤީގެ ރަމްޒެވެ. ޢުޘްމާނީ ރަސްރަސްކަލުންނަކީ ، އާ ޚިޔާލާއި ވިސްނުމުގެ އަހުރުވެރި ބަޔެކެވެ. އެއީ ، ކޮންމެ ބަޔަކާއެކީވެސް މަޝްވަރާކޮށް ، މަޝްވަރާގެ އުޞޫލުން ކަންކަމާއި ގޮތްނިންމާ ބަޔެކެވެ. އެތަނަކީ ، ރާސްތާގެ ގޮތުން ޢުޘްމާނީ ވެރިކަމާ ކިތަންމެ ދުރުގައި އޮތް ތަނެއްކަމަށްވިޔަސް ، އެބަޔަކު ބޭނުންވާ ގޮތްތަކަށް ދޫދީގެން ، ޢުޘްމާނީ ވެރިކަމުގެ ތެރެޔަށް އެތަނެއް ވައްދައެވެ. އެއީ ޢުޘްމާނީ ރަސްރަސްކަލުންގެ އެންމެ ގަދަ އެއް ސިފައެވެ.

ޢުޘްމާނީ ވެރިކަމުގެ ތިންވަނަ ފިޔަވައްސަކީ ، ރޫޙާނީ ބާރެވެ. މަތީގައި ބަޔާންކުރެވުނު ކަންކަމުގެ މައްޗަށް ހިނގަމުން އައި ރޫޙާނީ ބާރެކެވެ. އެއީ ، ހަތްއުޑުމަތިން އިންސާނީ ދަރިފަސްކޮޅަށް މިންވަރު ކުރައްވައި ފޮނުއްވާފައިވާ ގަދަފަދަ ނަޞީބެކެވެ. މިހާރުވެސް ދުނިޔެ ކުރަމުން އަންނަ ހުރިހާ ތަޖުރިބާތަކެއް އެޒަމާނުގެ މީސްތަކުންވެސް ވަނީ ކޮށްފައެވެ. އެކިއެކި ތޫފާނާއި ކާރިޘާ އާއި ، މޫސުމީ މުޞީބާތްތަކާ އަދި އަލިފާނުގެ ޙާދިސާތަކާއި ، ބަނޑަށްޖެހުންފަދަ ހުރިހާކަމެއް ، އެ ޒަމާނުގައި ދިރިއުޅުނު މީސްތަކުންވެސް ވަނީ ތަޖްރިބާ ކޮށްފައެވެ.  ހަނގުރާމަޔާއި އަޅުވެތިކަންވެސް ވަނީ ތަޖްރިބާ ކޮށްފައެވެ. މިހުރިހާ ކަމަކާއެކުވެސް ، ޢުޘްމާނީ ވެރިކަން އޮތީ ރޫޙާނިއްޔަތާ ގުޅިފައިކަމަށް ، ޢުޘްމާނީ ލިޔުންތެރިން ލިޔެފައި ވެއެވެ.

ފޮތްބެހިގެންވާ ބައިތައް

މިފޮތް ބެހިގެންވަނީ ހަތްބާބެއްގެ މައްޗަށެވެ. ޢުޘްމާނީ ވެރިކަން ފެށުނީ ހިޖްރީ ސަނަތުން 622 ވަނަ އަހަރުއެވެ. ޢުޘްމާނީ ވެރިކަމުން ދުވަސް ގުނަމުން ގެންދިޔައީ އިސްލާމީ ސަނަތުންނެވެ. އެއީ ، އިސްލާމީ ވެރިކަމެއްކަމަށް ވާތީކަމަށް ވެދާނެއެވެ. ފޮތުގެ ފުރަތަމަ ބާބު ފެށެނީ ، ޙިޖުރީ ސަނަތުން އަށްވަނަ  ޤަރުނު ،  ފެށުނުތަނާ ، ޢުޘްމާންގެ ރަސްކަމުގެ ތެރެއިންނެވެ. އެންމެ ފަހު ބާބުކަމުގައިވާ ފޮތުގެ ހަތްވަނަ ބާބު ނިމެނީ ، ހިޖްރީ ސަނަތުން ސާދަވަނަ ޤަރުނުގެ ތެރޭގައެވެ. ޢުޘްމާނީ ވެރިކަން ބަލިކަށިވެ ، ބައިބައިވެ ، އެކަތިގަނޑެއްގެ ގޮތުގައި އޮތުމަށް ނުކުޅެދި ، ރޫޅިގެން ދިއުމުގެ ސަބަބުންނެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.