ކީރިތި ޤުރުއާނާއި ކައުއިތުރު ރަސޫލާގެ ސުންނަތުގެ އަލީގައި
މިފޮތަކީ ، އިންޓަރނެޝަނަލް އިސްލާމިކް ޕަބްލިޝިންގ ހައުސް އިން 2005 ގައި ޗާޕްކޮށް ނެރެފައިވާ " ދަ ޑޭ އޮފް ރެސަރެކްޝަން " އަޞްލަކަށް ބަލައިގެން ލިޔެފައިވާ ފޮތެކެވެ. މިފޮތް އެންމެ ފުރަތަމަ ، ލިޔުއްވީ ޕްރޮފެސަރ ޢުމަރު ސުލައިމާން އަލްއަޝްޤަރެވެ. އެއީ މީލާދީން 1990 ގައެވެ. ފޮތް ލިޔުއްވީ ޢަރަބި ބަހުންނެވެ. ޢަރަބި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާ ކުރައްވައި 2005 ގައި މިފޮތް ލިޔުއްވީ ޑރ. ނާޞިރުއްދީން އަލް ޚައްޠާބެވެ. މިފޮތް ، ދިވެހިބަހަށް ލިޔަމުން މިގެންދަނީ ، ޑރ. ނާޞިރުއްދީން އަލް ޚައްޠާބު ، 2005 ގައި ، އިނގިރޭސިބަހުން ލިޔުއްވާފައިވާ ފޮތް އަޞްލަކަށް ބަލައިގެންނެވެ. 14 މަވްޟޫއެއްގެ މައްޗަށް ލިޔެވިފައިވާ 14 ބާބު ، މިފޮތުގައި ހިމެނިގެން ވެއެވެ. މިއީ ، ކީރިތި ޤުރުއާނާއި ކައުސާހިބާގެ ސުންނަތުގެ އަލީގައި ލިޔެވިފައިވާ ފޮތެކެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞައްޙަ ޙަދީސްފުޅުތަކަށް ޙަވާލާ ދެއްވައި ، ވަރަށް ފުރިހަމަޔަށް ، މިފޮތުގައި ، ޤިޔާމަތްދުވަސް ތަފްޞީލުކޮށް ދެއްވާފައި ވެއެވެ. ކީރިތި ﷲ ، އަޅުގަނޑުމެންގެ މި މަސައްކަތުގައި ބަރަކާތް ލައްވައި ، ހެޔޮ ތަވްފީޤު މިންވަރު ކުރައްވާށިއެވެ.
ފެށުން
ޢާލަމްތަކުގެ ވެރި ، ﷲ ސުބްޙާނަހޫ ބަތަޢާލާގެ މަތިވެރި ޙަޟުރަތަށް ، ޙަމްދާއި ޝުކުރު ކުރަމެވެ. މި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ސަލާމާއި ޞަލަވާތް ލެއްވުންއެދި ދުޢާ ކުރަމެވެ. މި ދުޢާގައި ، އެމާތް ނަބިއްޔާގެ އާލު އަޞްޙާބުންނާއި އަހުލުބައިތުން ، އަދި ޤިޔާމަތަށްދާނދެން ، އެމާތް ނަބިއްޔާއަށް ތަބާވީ އެންމެހާ މުއުމިނުތަކުން ޝާމިލް ކުރައްވާށިއެވެ.
ތަވްޙީދާއި ރިސާލަތު ، އަދި އާޚިރަތަކީ ، އިސްލާމްދީނުގެ ޢިލްމުގެ އަސާސެވެ. ކީރިތި ﷲ ގެ އެއްކައުވަންތަކަމަށް ހެކިވުމަކީ ، އިސްލާމްދީނުގެ ބިންގަލެވެ. އިންސާނާ ދުނިޔޭގައި އުޅެންވީގޮތް އެންގެވުމަށް ، އިންސާނުންގެ ތެރެއިން ﷲ އިޚުތިޔާރު ކުރައްވާ ރަސޫލުންނާއި ނަބިއްޔުން ، އެކި އުއްމަތްތަކަށް ، އެކި ޤަބީލާތަކަށް ، މީސްތަކުންގެ ގާތަށް ފޮނުއްވިއެވެ. މި އުއްމަތުގެ މާތް ނަބިއްޔާ ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ، ނަބީކަމާއި ރަސޫލުކަން ޚަތިމްކުރެއްވި މާތް ސާހިބާއެވެ. ކައުސާހިބާގެ ޚުލްޤުފުޅާއި މަތިވެރި އުޅުއްވުމަކީ ނުވަތަ ސުންނަތަކީ ، އެއާ އެއްފަދަ އެހެން އެއްޗެއްނުވާފަދަ މަތިވެރި އެއްޗެކެވެ. އެކަލޭގެފާނުގެ ސުންނަތަށް ، ހެޔޮހިތުން ތަބާވެ ، ޢަމަލުކޮށްފި މީހަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ކަށަވަރުކޮށްފި މީހެކެވެ.
މިދުނިޔެއަކީ އޭގެ ޒާތުގައިވެސް ކުޑަ ވަގުތުކޮޅެއްގެ ފެށުމެކެވެ. ކޮންމެ އިންސާނަކަށްވެސް އޭނާގެ ދުނިޔެ ނިމިގެންދާނެއެވެ. ކޮންމެ އިންސާނަކާއި ޖިންނިއެއްވެސް ، އެބައިމީހުން ދުނިޔޭގައި އުޅުމުގައި ކުޅަ ޢަމަލުތަކުގެ ހިސާބު ބައްލަވައި ، އެމީހަކު ކުޅަކަމަކަށް ސަވާބު ނުވަތަ ޢަޒާބު ދެއްވާ ދުވަހެއް އަންނާނެއެވެ. އިންސާނާގެ ޢަމަލުތަކުގެ ހިސާބު ބެއްލެވުމަށްފަހު ، ފަނާވެ ދިއުމެއްނެތް ، ދާއިމަށް ދެމިއޮންނަ ޢާލަމަށް ، އެމީހަކު ގެންދެވޭނެއެވެ. އެއްބަޔަކު ، އުފާ ފާގަތިކަމާއެކު ސުވަރުގޭގައެވެ. އަނެއްބަޔަކު ޢަޒާބާއި ވޭނުގައި ނަރަކައިގައެވެ. ނަރަކައިގެ އަހުލުވެރިންކުރެ ، އެމީހެއްގެ ޢަޒާބުގެ ޙައްޤު ޖަޒާ ފުރިހަމަވާ މީސްތަކުން ، ނަރަކައިން ނެރެވި ، ސުވަރުގެޔަށް ވަނުމުގެ ނަސީބު ލިބޭ ހުށްޓެވެ. ސުވަރުގޭގެ އަހުލުވެރިން ، އެމީހުންނަށް ޙައްޤުވި އުފާފާގަތިކަމުގެ ރަޙުމަތާއި ނިޢުމަތުގައި ، ދާއިމަށް ދެމިތިބޭ ހުށްޓެވެ. މިކަންކަން އިންސާނާއަށް މިންވަރު ވެގެންދާނީ ، ދުނިޔޭގައި އެއިންސާނާ ކޮށްފައިވާ ޢަމަލުތަކުގެ ހިސާބު ބެއްލެވުމަށްފަހުގައެވެ. އެކަން ކުރެވިގެންދާނީ ، ﷲ ގެ މަތިވެރި ދަރުބާރުގައި ، ޤިޔާމަތް ދުވަހުއެވެ.
ޤިޔާމަތް ދުވަހަށް ނުވަތަ އާޚިރަތްދުވަހަށް އީމާންވުމަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނިގެންވާ ރުކުނެކެވެ. ސަލާމްލެއްވި އާދަމުގެފާނުން ފެށިގެން ، ރަސޫލުކަމާއި ނަބީކަން ޚަތިމްކުރެއްވި ، މިއުއްމަތުގެ ސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައާ ހަމަޔަށް ، ދުނިޔެއަށް ފޮނުއްވުނު އެންމެހައި ރަސޫލުންނާއި ނަބިއްޔުން ، އެބޭބޭކަލުންގެ އުއްމަތްތަކަށް އެކަން ވަނީ އުނގަންނަވައި ދަސްކޮށްދެއްވާފައެވެ. ޤިޔާމަތްދުވަހަށް އީމާންވެއްޖެ މީހާއަކީ ، އޭނާ މިދުނިޔެއަށް ފޮނުއްވުނީ ، ވަކި މަޤްސަދެއްގައިކަން ދެނެގަންނަން އެނގޭނެ މީހެކެވެ. ދިރި ދުނިޔޭގައި އުޅުމުގެ އަގު ވަޒަން ކުރަން އެނގޭނެ މީހެކެވެ. ހެޔޮޢަމަލުތަކުގައި ސާބިތުވެހުރެ ދިރިއުޅުމާއެކު ، އަޖަލު ޖެހުމުން ، މަރުވާނެކަން ޤަބޫލުކުރާނެ މީހެކެވެ. އެހިސާބުން ، އެއިންސާނާގެ ދުނިޔެ އެ ނިމުނީއެވެ.
ﷲ ތަޢާލާ ، މިދުނިޔެއަށް އިންސާނާ ފޮނުއްވަނީ ، ވަކި މަޤްޞަދެއްގައިކަން ކޮންމެ އިންސާނަކަށްވެސް އެނގޭނެއެވެ. އެ މަޤްޞަދަކީ ، އިންސާނާގެ ލާބައާއި މަންފާއަށްޓަކައި ކަނޑައެޅިފައިވާ އެއްޗެކެވެ. ﷲ ތަޢާލާއަށް އެއްވެސް ކަމެއް ބޭނުންވެ ވޮޑިގެންނެއް ނުވެއެވެ. އެ މަޤްޞަދު ފުރިހަމަ ކުރުމަށްޓަކައި އިންސާނާގެ މައްޗަށް ، ކުރުން ވާޖިބުވާ އަދި ނުކޮށް ދޫކޮށްލަންޖެހޭ ކަންތައްތަކެއް ހުންނާނެއެވެ. އެކަންކަން އިންސާނާއަށް ފަހުމްވަނީ ﷲ ގެ ފޮތާއި ރަސޫލުންގެ ސުންނަތުންނެވެ. ﷲ ގެ ފޮތާއި ރަސޫލުންގެ ސުންނަތަށް އީމާންނުވާ އިންސާނުންނަކަށް ، އެ މަޤްޞަދެއް ސާފެއް ނުވާނެއެވެ.
ދުނިޔޭގެ މާއްދިއްޔަތަށް މީސްތަކުން ހެއްލި ، ފާޙިޝް ޢަމަލުތަކަށް އަރައިގަނެ ، ހިތްއެދޭހާ ގޮތަކަށް ދުނިޔޭގައި ދިރިއުޅޭ ސަބަބަކީ އެއީއެވެ. އެމީހުންގެ ޢަމަލުތަކުގެ ޝިޢާރަކަށްވެފައި އޮންނަނީ ، " މާދަމާވެސް މަރުވެދާނެއެވެ. މިއަދު ، ކާށެވެ. ބޯށެވެ. އިތުގެ އެދުންތައް ފުއްދާށެވެ. " މިއެވެ. އެމީހުން ވިސްނާ ގޮތުގައި މަރުވުމަށްފަހު އެ ނިމުނީއެވެ. އެމީހުންނަށް ދުނިޔޭގެ އުފަލާއި އަރާމު ލިބެން އޮންނަ ފުރުޞަތަކީ ، ދުނިޔޭގައި ހޭދަކުރާ ދުވަސްތަކެވެ. އެހެންކަމުން ، ކޮންމެ އަގެއްދީފައި ނަމަވެސް ، އެމީހުން ދުނިޔޭގެ އުފަލާއި އަރާމު ހޯދަން ޖެހެއެވެ. އެއީ ނަގާލައިގެންވާނެ ފުރުޞަތެއް ނޫނެވެ.
ޤިޔާމަތްދުވަހަކީ އަންނާނެ ދުވަހެއްނޫންކަމަށް ބަލާ އިންސާނާގެ ވިސްނުމަކީ ، އޭނާގެ ހަމަބުއްދިން ވިސްނާ ވިސްނުމެއްނޫނެވެ. ދުނިޔެ ޤިޔާމަތްވުމުން ، ބަދަލެއް ނުލިބޭ ޙާލަތެއްގައި ، ދުނިޔެއިން ލިބެން އޮންނަ އުފަލާއި އަރާމު ޤުރުބާންކުރަންވީ ކީއްކުރަންތޯއެވެ ؟ މިވިސްނުމުން ވިސްނާ އިންސާނުންނަކީ ، ދުނިޔެ އެދޭ އިންސާނުންނެވެ. އަމިއްލަ އަތުން އަމިއްލަ ނަފުސު ޤުރުބާންކުރާ ، ރަނގަޅާއި ނުބައި ނުވިސްނޭ އިންސާނުންނެވެ.
އާޚިރަތްދުވަހަށް އީމާންވެ ، ހިސާބު ބައްލަވާނެކަން ޤަބޫލުކުރާ މީހާއަށް ، އެކަމުގެ ޔަޤީންކަން ، ކޮންމެ ދުވަހަކުވެސް ، ދުނިޔެއިން ފެނި ، އެޔަޤީންކަން ކަށަވަރުވެގެން ދާނެއެވެ. ފަރުދުންނާއި ޤައުމީ ފެންވަރުގައިވެސް ، ކޮންމެ ދުވަހަކުވެސް އެކިވަރުގެ ކުށްތަކަށް އަރައިގަންނަ މަންޒަރު ، މިދުނިޔެއިން ފެންނަމުން އެބަ ދެއެވެ. އެ ކުށްތަކަށް އިންސާފު ލިބޭތަން ފެންނަނީ ވަރަށް މަދުންނެވެ. އެހެނަސް ، އިސްލާމްދީން ، އަޅުގަނޑުމެންނަށް ދަސްކޮށްދީ އަންގައިދެނީ ، އާޚިރަތްދުވަހުން ، ފުރިހަމަ އިންސާފު ލިބޭނެކަމެވެ. އެއްވެސް މީހަކަށް ބޭއިންސާފެއް ނުކުރެވޭނެ ކަމެވެ.
މިފަދަ ވިސްނުމެއްގައި ހެޔޮހިތުން ، އެކަން ޤަބޫލުކޮށްފި މީހެއްގެ ޢަމަލުތައް ހުންނާނީ ، އޭނާއަށް އެންމެ ރަނގަޅު ގޮތްތަކަށް ބަށްޓަން ކުރެވިފައެވެ. އޭނާގެ އަމާޒެއް އޮންނާނެއެވެ. އޭނާއަށް އެންމެ ފުރިހަމަ ފައިދާއާއި މަންފާ ލިބޭގޮތަށް ، އޭނާގެ ޢަމަލުތައް ބަށްޓަންވެގެން ދާނެއެވެ. ނަތީޖާ ވަރަށް ސާފެވެ. ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ، އެފަދަ މީހުންނަށް އޮންނާނީ ބާއްޖަވެރިކަމެވެ. އިޖްތިމާޢީ އުޞޫލުތަކުން ބަލާއިރު ، އެވިސްނުމުގައި ސާބިތުވެ އޮންނަ މުޖުތަމަޢެއްގައި ، އިންސާނުންކުރާ ކުށްތައް މަދުވެފައި ، ޖަވާބުދާރީ ނުވެވޭ ޢަމަލުތަކުން މީސްތަކުން ދުރަށް ގެންދާނެއެވެ. ބާއްޖަވެރި އަމާން މުޖުތަމަޢަކަށް މަގުފަހިވާނެއެވެ.
އިސްލާމްދީން ދަސްކޮށްދެނީ ، މިދުނިޔެއަކީ އާޚިރަތަށް ދަތުރުކުރާ ފާލަމެއްކަމެވެ. ދުނިޔެއަކީ އިންސާނާއަށް ދާއިމީތަނެއްނޫންކަމެވެ. ދުނިޔެއަކީ ، ހެޔޮ ޢަމަލުކޮށްގެން ، މަރުވެގޮސް ، އާޚިރަތަށް ދަތުރުކުރަން ލިބޭ ފާލަމެއްކަމެވެ. އިންސާނާ މަރުވުމަށްފަހު ، އެދަތުރުކުރީ ދެމިއޮތުމުގެ ޢާލަމަށެވެ. އެއަށްފަހު އަލުން މަރުވުމެއް ނޯންނާނެއެވެ. ދެމިއޮތުމުގެ ޢާލަމުގައި ބާއްޖަވެރިކަން ލިބުން އޮތީ ، ދުނިޔޭގައި އިންސާނާގެ ޢަމަލުތައް ބެހެއްޓި ގޮތެއްގެ މައްޗަށެވެ. އެހެންކަމުން ، އިސްލާމްދީން އިންސާނާއަށް ދުނިޔޭގައި ދަސްކޮށްދިންގޮތަށް ޢަމަލުކޮށް ، އާޚިރަތުގެ އަބާއްޖަވެރިކަމަށް ހިތާއި ނަފުސުން ދުރުހެލިވާން މަސައްކަތްކުރަން ވާނެއެވެ.
ޤިޔާމަތްދުވަހުގެ ވާހަކަތައް ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުގައި ، ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައި ވެއެވެ. ތާޅަފިލި ފުމެލެއްވޭ ހިސާބުން ފެށިގެން ، އުޑުގެ ތަރިތައް އެކަތިއަނެކައްޗަށް ޖެހި ފަނާވެދިއުމާއި ﷲ ފިޔަވައި ، ދިރުންހުރި ހުރިހާ އެއްޗެއްގެ ދިރުން ކެނޑި ، މަރުވުމާ ހިސާބަށެވެ. އިންސާނާގެ ޢަމަލުތަކުގެ ހިސާބު ބައްލަވައި ، އެއްބަޔަކަށް ރަޙުމަތުގެ ސުވަރުގެޔަށް ވަދެވޭއިރު ، އަނެއްބަޔަކު ، ބިރުވެރިކަމުން ފުރިގެންވާ ނަރަކަޔަށް އެއްލައިލެވޭ ހިސާބަށެވެ. އެއީ އިންސާނުންގެ ލޮލަށް ނުފެންނާނެ ، އަދި ހަމައެކަނި ﷲ ދެނެވޮޑިގެންވާނެ ކަންކަމެވެ. ﷲ ގެ ނިމުމެއްނެތް ނިޢުމަތާއި ކޮޅެއްނެތް ރަޙުމަތްފުޅުގެ މިމަތިވެރި ނިދާގެ ވާހަކަ ، ކީރިތި ޤުރުއާނުގެ އާޔަތްތަކުގައްޔާއި ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞައްޙަ ހަދީސްފުޅުތަކުން ސާބިތުވެއެވެ.
ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާންހުރި ދަލީލާއި ޙުއްޖަތުގެ އަލީގައި ، ޤިޔާމަތްދުވަސް ނުވަތަ އާޚިރަތްދުވަހުގެ ތަޞައްވުރު ، ޕްރޮފެސަރ ޢުމަރު އަލްއަޝްޤަރު ، ވަރަށް ރަނގަޅަށް ގެނެސްދެއްވާފައި ވެއެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ، އެކަލާނގެ އަޅުތަކުން ، އެބަހީ އިންސާނާ އުފައްދަވައި ހައްދަވާފައިވަނީ ނެތުމުގެ ތެރެއިންނެވެ. އެކަލާނގެ ޔަދުޤުދުރަތްފުޅުގެ މަތިންނެވެ. އެކަލާނގެޔަށް ލިބިވޮޑިގެންވާ ޢިލްމުފުޅެއްގެ ތެރެއިންނެވެ. ދުނިޔެ ފަނާކުރައްވައި ، އެހުރިހާ އަޅުތަކުން އެކަލާނގެ ޙަޟުރަތަށް ، އަނބުރާ ގެންދަވާނީ އެ އަޅުތަކުންނަށް އެކަލާނގެ ބޭނުންވެ ވޮޑިގެންވާތީއެއް ނޫނެވެ. އިންސާނާ އުފައްދަވައި ދުނިޔެއަށް އުފަންކުރައްވައި ، ދުނިޔޭގައި އުޅެންވީ ގޮތާއި ނޫޅެންވީގޮތް ، އަދި ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން އަންގަވައި ، އެއިންސާނާގެ ހިތަކަށް ދުނިޔެ ދެއްވައި ، ދުނިޔޭގައި އިންސާނާ އުޅުނުގޮތުގެ ހިސާބު ބެއްލެވުމަށްޓަކައެވެ. އެކަން ކުރެވިގެންދާނީ ، އެކަލާނގެ ދަރުބާރުގައެވެ. އެއީ މަޙުޝަރުގެ މައިދާނެވެ. ޤިޔާމަތްދުވަހެވެ.
މިފޮތުގެ ފުރަތަމަ ބާބު ފެށިގެންދާނީ ، ޤިޔާމަތްދުވަހަށް ދެވިފައިވާ ނަންތަކުގެ ތަފުޞީލުންނެވެ. އެދުވަހަށް އެތައް ނަމެއް ދެވިފައިވަނީ ކީއްވެގެންކަން ސާފުކޮށް ދެމުންނެވެ. އެންމެފަހު ބާބު ، ނިމިގެންދާނީ ސުވަރުގެޔާއި ނަރަކަޔަށް މީސްތަކުން ވެއްދެވޭ އިޙުސާސްތަކުންނެވެ. އުފާވެރިކަމުން ފުރިގެންވާ އަމާން ސުވަރުގެޔަށް ވަދެވޭ މީސްތަކުންގެ އުފާވެރިކަމުގެ ޚަބަރުތަކުންނެވެ. އަދިހަމަ އެފަދައިން ، ބިރުވެރިކަމުން ފުރިގެންވާ ނަރަކައިގައި އަނދައި ، ޢަޒާބުލިބެމުންދާ މީސްތަކުންގެ ވޭނީ ޙާލަތުގެ ވާހަކަތަކުންނެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ، އަޅުގަނޑުމެން އެންމެންނަށް ރަޙުމަތް ލައްވައި ، ޤިޔާމަތްދުވަހުގެ ހިސާބު ބެއްލެވުމުގައި ، ހެޔޮޢަމަލުތަކުގެ ތިލަފަތް ބަރުވާ މީސްތަކުންގެ ތެރޭގައި އަޅަމެން ލައްވާށިއެވެ. އަޅަމެންގެ ކުށްފާފަތައް ޢަފޫކޮށްދެއްވައި ، ހެޔޮ ޢަމަލުން އަޅަމެންގެ ފަތް ބަރުކޮށްގެން ، މަޙުޝަރުގެ މައިދާނަށް ދަތުރުކުރާ މީސްތަކުންގެ ތެރޭގައި އަޅަމެން ލައްވާށިއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހިޔާވަހިކަން ނޫން އެހެން އެއްވެސް ހިޔަލެއް ނުވާ ، ޤިޔާމަތްދުވަހުގެ ބިރުވެރިކަމުގައި އަޅަމެން ގޮތްހުސްވެފައި ތިބޭހިނދު ، އިބަ ﷲ ގެ މަތިވެރި ރަޙުމަތާއި ނިމުމެއްނެތް ނިޢުމަތުން ، އަޅަމެން މަޙުރޫމް ނުކުރައްވާދޭވެ. އާމީން. ( ނުނިމޭ )

