ޢުޘްމާނީ ޚިލާފަތޭ ކިޔާ އެއް ވެރިކަމަކީ ، ތުރުކީވިލާތުން އުފެދިގެންއައި ރަސްކަމެކެވެ. މިވެރިކަން ފެށިގެން އައި ޢުޘްމާން 1 ، ރަސްގެފާނަކީ ، ޢުޘްމާނީ ޚިލާފަތު ކަމަށް ތާރީޚު ބަޔާންކުރާ ފުރަތަމަ ރަސްކަލުންނެވެ. މި ޢުޘްމާން 1 އަކީ ، ﷲ ގެ ރަޙްމަތާއި ރުއްސެވުން ލިބިވަޑައިގެންވާ ، އިސްލާމީ އުއްމަތުގެ ތިންވަނަ ޚަލީފާ ، ޢުޘްމާން އިބްނު ޢައްފާނާ ، ނަސްލީގޮތުން އެއްވެސް ގުޅުމެއް އޮތް ބޭފުޅެއްނޫނެވެ. ޢުޘްމާނީ ޚިލާފަތުގެ ފުރަތަމަ ރަސްގެފާނު ޢުޘްމާން 1 އާއި ، އިސްލާމީ އުއްމަތުގެ ތިންވަނަ ޚަލީފާ ޢުޘްމާން އިބްނު ޢައްފާން ، މިއީ ދެ ބޭފުޅެކެވެ. އެއީ ، ދެ ބާވަތެއްގެ ދެ ވެރިކަމެކެވެ.
" ޢުޘްމާނީ ޚިލާފަތު " ގެ ގޮތުގައި ތާރީޚީ ފޮތްތަކުގައި ، އެނަން ބޭނުންކުރެވެމުން އެދަނީ ، ފުރަތަމަ ރަސްގެފާނު ޢުޘްމާން 1 ( ނުވަތަ ޢުޘްމާން ޤާޒީ ) ގެ ދަރިފަސްކޮޅަށް ނުވަތަ ވެރިކަމަށް ނިސްބަތްކޮށް ، " އޮޓޮމަން އެމްޕަޔަރ " މިނަމަށެވެ. އޮޓޮމަން އެމްޕަޔަރގެ ފުރަތަމަ ރަސްކަލުން އުޘްމާނަށްވެސް ޢުޘްމާން އިބްނު ޢައްފާނުގެ ނަމުން ނަންދެވުނެވެ. އެއީ ، އިސްލާމީ އުއްމަތުގެ ތިންވަނަ ޚަލީފާގެވެސް ނަންފުޅެވެ. އެއްނަމަކަށް ނިސްބަތްވިޔަސް އެއީ ތަފާތު ދެ ޒަމާނެއްގެ ، ދެޖީލެއްގެ ދެ ބޭފުޅެކެވެ.
ޚިލާފަތުގެ މާނަޔަކީ ، ބަދަލުވަމުންދާ މަޤާމެއް ، ޙާލަތެއް ނުވަތަ ، ވަކިކަމަކާ އެކަކަށްފަހު އަނެކަކު ޒިންމާވެ ، ޙަވާލުވެ ކުރިންވެސް އޮތްގޮތަކަށް އެކަމެއް މެދުނުކެނޑި ކުރިޔަށް ގެންދިއުމުގެ މަސްއޫލިއްޔަތު ޙަވާލުވުން ، ބަދަލުވުން ނުވަތަ ފުރޮޅިގެން ދިއުމެވެ. އެ ޒިންމާތައް ޤާނޫނީގޮތުން އަދި ރަސްމީގޮތުން ބަދަލުވެގެންދާ ދިއުމެވެ. އެއީ ، ކަމެއް ނުވަތަ އެއްޗެއް ވާރުތަވެގެންދިއުން ފަދަ ޙާލަތެކެވެ.
އިސްލާމްދީނުގައި ޚިލާފަތު ނިސްބަތްވަނީ ، ދީނެއްގެ ގޮތުގައި އިސްލާމީ ޙުކޫމާތާއި ހަމަތަކާއި އުޞޫލުތައް ދަމަހައްޓައި ނަގަހައްޓާ ރޫޙާނީ އަދި ސިޔާސީ އިޖްތިމާޢީ ޢަދާލަތަށް ބަށްޓަންވެފައި އޮންނަ ވެރިއެއްގެ ވެރިކަމަށެވެ. އިސްލާމްދީނުގައި ، ޚިލާފަތު ، މިނަން ނިސްބަތްވަނީ ، ނަބީކަމާއި ރަސޫލުކަން ޚަތިމްކުރެއްވި ، މި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ސުވަރުގެ ވަޑައިގަތުމަށްފަހު ، އެކަލޭގެފާނުގެ ޚަލީފާއިންގެ ގޮތުގައި ، އެކަލޭގެފާނަށްފަހު ، އިސްލާމް އުއްމަތުގެ ވެރިކަމާ ޙަވާލުވެ ވަޑައިގަންނަވާ ، އެކަލޭގެފާނުގެ މާތް ޞަޙާބީންނަށެވެ.
އިސްލާމީ އުއްމަތުގެ ފުރަތަމަ ޚަލީފާއަކީ ، އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހުއެވެ. ދެވަނަ ޚަލީފާއަކީ ، ޢުމަރް އިބްނު އަލްޚައްޠާބު ރަޟިޔަﷲ އަންހުއެވެ. ތިންވަނަ ޚަލީފާއަކީ ، ޢުޘްމާން އިންބު ޢައްފާނެވެ. ހަތަރުވަނަ ޚަލީފާއަކީ ، ޢަލީ އިބްނު އަބީޠާލިބުއެވެ. މިއީ ، ﷲ ގެ ރަޙްމަތާއި ރުއްސެވުން ލިބިވަޑައިގެންވާ ، އިސްލާމީ އުއްމަތުގެ ހަތަރު ޚަލީފާއިންނެވެ. ރަސޫލު ޞައްލަﷲ ޢަލައިހިވަސައްލަމަގެ އެންމެ އަރިސް ، ހަތަރު ޞަޙާބީންނެވެ.
އިސްލާމީ އުއްމަތުގެ ފުރަތަމަ ތިންވަނަ ޚަލީފާއިންގެ ވެރިކަން ނިމި ، ހަތަރުވަނަ ޚަލީފާ ޢަލީ އިބްނު އަބީޠާލިބުގެ ޚަލީފާކަމުގައި ، މުސްލިމުންގެ މެދުގައި ފުރަތަމަ ފަހަރަށް ފިތުނަފަސާދަ އުފެދި ، މަދަނީ ހަނގުރާމަޔެއް ފެށުނެވެ. އެއަށްފަހު ޚަލީފާއިން ބަދަލުވަމުން އައިސް ، އުމައްޔަދުގެ ޚަލީފާކަމުގައި ، އިސްލާމީ އުއްމަތް ބައިބައިވެ ، ރޫޅިގެން ދިޔައެވެ. އުމައްޔަދުގެ ޚަލީފާކަމުގައި ، އިސްލާމީ އުއްމަތުގެ ވެރިކަން ، ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ބަދަލު ކުރެވުނެވެ. އެއަށްފަހު ، އުމައްޔަދުގެ ވެރިކަން ވައްޓާލައްވައި ޢައްބާސީ ޚިލާފަތު އުފެދި ، ދިމިޝްޤުން ، ޢިރާޤުގެ ވެރިރަށް ބަޣުދާދަށް ، އިސްލާމީ އުއްމަތުގެ ވެރިކަންކުރާ ރަށް ކަމަށް ހެއްދެވިއެވެ.
އެހިސާބުން ، ޚިލާފަތުގެ މަތިވެރިމާނަ ، އިސްލާމީ ވެރިކަމަށް ހުތުރުވެގެންގޮސް ، އުއްމަތް ބައިބައިވެ ، އިސްލާމީ ވެރިކަމާއި ބާރު ނެތިގެން ދިޔައެވެ.
އެހެންކަމުން ، " ޢުޘްމާނީ ޚިލާފަތު " މިނަން މިފޮތުގައި ބޭނުންކުރުމަށް ، އަޅުގަނޑު ގަސްތެއް ނުކުރަމެވެ. އެހެން ބެފުޅުން އެގޮތަށް ބޭނުންކުރެއްވުން އެއީ އެހެން ކަމެކެވެ. ތުރުކީ ވިލާތުން އުފެދުނު " އޮޓޮމަން އެމްޕަޔަރ " އަކީ ، އިސްލާމީ އުއްމަތުގެ ޚިލާފަތާ ކޮންމެވެސް މިންވަރެއްގެ ތަފާތެއްހުރި ވެރިކަމުގެ ނިޒާމެއްގެ ސިފަ ، އަޅުގަނޑަށް ކުރެވޭތީ ، އެގޮތަށް ނިންމީއެވެ. " އޮޓޮމަން އެމްޕަޔަރ " އަށް އަޅުގަނޑު ބޭނުންކުރާނީ ، " ޢުޘްމާނީ ޚިލާފަތު " ގެ ބަދަލުގައި ޢުޘްމާނީ ވެރިކަމެވެ.
" ޢުޘްމާނީ ޚިލާފަތު " ކަމަށް ތާރީޚު ފޮތްތަކުގައި ލިޔެވިފައިހުރި ، އޮޓޮމަން އެމްޕަޔަރ އެއީ ، ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަޔަށްފަހު ، ވިހިވަނަ ޤަރުނުގެ ކުރީކޮޅު ، އޮޓޮމަން އެމްޕަޔަރ ގެ އާރާއިބާރު ގަދަކުރުމަށްޓަކައި ، އިންޑިއާގައި އުފެދުނު ސިޔާސީ ޙަރަކާތަކަށް ކިޔުނު ނަމެކެވެ.
ޢުޘްމާނީ ވެރިކަމަކީ ، އިސްލާމީ ތާރީޚުގެ ދިގު އަދި ކާމިޔާބު ވެރިކަމެކެވެ. ޢުޘްމާނީ ވެރިކަމުގެ ފެށުމާއި ނިމުން ގުޅިފައި އޮންނަނީ ތިންއަކުރަކާއެވެ. އެއީ އެކަކާއި ދެޔަކާ އަދި ނުވަޔެކެވެ. ޢުޘްމާނީ ޚިލާފަތު ފެށުނީ 1299 ގައެވެ. ނިމުނީ 1922 ގައެވެ. ޢުޘްމާނީ ވެރިކަމުގެ ތާރީޚު 623 އަހަރުވަންދެން ދެމި އޮތެވެ. އެއީ ދުނިޔެ ދެކެފައިނުވާފަދަ ބޮޑު ބާރެކެވެ. ސިލްކް ރޯޑު ހިމެނޭގޮތަށް ، ޔޫރަޕާއި އޭޝިއާ ، އަދި އުތުރު އެފްރިކާގެ ވިޔަފާރި ދަތުރުތައް ކުރެވޭ މަގުތަކުގެ ކޮންޓްރޯލް ނަގައި ، ކަސްޓަމްފީ އާއި ޓެކްސްގެ ޒަރީޢާއިން ޚިލާފަތުގެ މުއްސަނދިކަން އިތުރުވެގެން ގޮސްފައި ވެއެވެ.
ބަޑިޔަށްއަޅާ ގޮވާކުނޑި ، ނުވަތަ ބަޑިބޭސް އެންމެ ފުރަތަމަ ފަހަރަށް ދުނިޔޭގައި ބޭނުންކުރަންފެށި މީހުންގެ ތެރޭގައި ޢުޘްމާނީ ވެރިކަން ހިމެނެއެވެ. ޢުޘްމާނީ ވެރިކަމުން ބޭނުންކުރަމުން އައި ދޭވްޝްރައިންގެ ނިޒާމަކީ ކާމިޔާބު ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ، މައިގަނޑު ގޮތެއްގައި ބަލްކަނުން އަދި އެހެން ސަރަޙައްދުތަކުންވެސް ޒުވާން ޔަހޫދީން ގަދަކަމުން ސިފައިންގެ ތެރެޔަށް ވައްދައި ، ޢަސްކަރީ ތަމްރީނުދީ މީހުންނަށް ހެދުމާއެކު ، އެބައިމީހުން އިސްލާމްދީނަށް ވައްދައެވެ. އެކަން ހިނގާފައިވަނީ ، 14 ވަނަ ޤަރުނުން ފެށިގެން 17 ވަނަ ޤަރުނާ ދެމެދުގައެވެ. ޢިލްމީގޮތުން ކިޔަވައިގެންތިބި އަދި ތަމްރީން ލިބިގެންވާ ބާރުގަދަ ސިފައިންގެ ލަޝްކަރެއް ، މިނިޒާމުގެ ދަށުން ޢުޘްމާނީ ވެރިކަމުން އުފެއްދިއެވެ.
ޢުޘްމާނީ ވެރިކަން ހިންގުމުގެ މަރުކަޒީ ނިޒާމަކީވެސް ، އެ ވެރިކަން އެހާ ގިނަދުވަހަށް ދެމިއޮތުމުގެ އެއްސަބަބެވެ. ޔަހޫދީންނާއި ނަޞޯރާއިންގެ ދީނީ ޖަމާޢަތްތަކުން ، އެމީހުންގެ ކަންކަން އެމީހުން އަމިއްލަޔަށް ނިންމުމުގެ އިޚްތިޔާރު ، މި ނިޒާމުން އެމީހުންނަށް ދެއެވެ. މިއީ އެތައް ނަސްލަކަށް ނިސްބަތްވާ ވެރިކަމެއްގެ ހަމަތަކުން ބޮޑުއާބާދީއެއް ބިނާކުރުމުގައި އެއިރަށް ފައްކާވި އެންމެ ކާމިޔާބު ނިޒާމުކަމުގައި ވެގެން ދިޔައެވެ. އަލަށް އުފެދޭ ކަންކަމުގައްޔާއި 7 ވަނަ ޤަރުނުގައި އޮތް ބައިޒެންޓީންގެ ވެރިކަމުގައި ނަގަމުން އައި ޓެކްސް ކުޑަކޮށް ، ބާރުގަދަ ޤާނޫނީ ވެރިކަމެއްގެ ، ތަރުތީބު ކުރެވިގެންވާ ހަމަތަކާއި އުޞޫލުތަކުން ޢުޘްމާނީ ވެރިކަމަށް އިތުބާރު ބޮޑުވެގެން ދިޔައެވެ. މާބޮޑު ހަނގުރާމަޔަކާ ނުލައި ، ނުވަތަ އަވަށްޓެރިންގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި ނުވަތަ ، އަމިއްލަޔަށް އެދިގެން ، އަދި ޖިޒީދީގެން ޢުޘްމާނީ ވެރިކަމާ އެތައް ޤައުމެއް ގުޅުނެވެ. ޢުޘްމާނީ ވެރިކަމުގެ އެންމެ ބާރުގަދަ ނުފޫޒު ދުނިޔެއަށް ފޯރާފައި އޮތީ ، މުޙައްމަދު 2 ، އަދި ސުލައިމާންގެ ރަސްކަމުގައެވެ.
ޢުޘްމާނީ ވެރިކަން ފެށުނީ 1299 ގައި ، ވަރަށް އާދައިގެ ގޮތަކަށެވެ. ޤައުމަކަށްފަހު ޤައުމެއް ހިފައި ކާމިޔާބުކުރަމުންގޮސް ، ބަލްކަންގައި އޭރު ހިމެނޭ ، މިހާރުގެ އަލްބޭނިއާ ، ބޮސްނިއާ ، ހަރްޒެގޮވީނާ ، ބަލްގޭރިއާ ، ކްރޯޝިއާ ، ކޮސޮވޯ ، މޮންޓެނީގްރޯ ، މަސެޑޯނިއާ ، ރޯމޭނިއާ ، ސާރބިއާ ، ސްލޮވޭނިއާ އަދި ތުރުކީއާއި ގްރީކުގެ ސަރަޙައްދު އެއްކޮށް ، ޢުޘްމާނީ ވެރިކަމުގެ ދަށަށް ގެނެވުނެވެ. އެ ޤައުމުތައް ޢުޘްމާނީ ވެރިކަމުގެ ދަށަށްގެނެސް ، މިހާރުގެ ޔޫރަޕްގެ ބައެއް ޤައުމުތައް ހިމެނޭ މި ބޮޑު ސަރަޙައްދުން ، ޢުޘްމާނީ ވެރިކަމުގެ ވެރިކަންކުރާ ރަށްކަމަށް ކަނޑައެޅުނީ ތުރުކީގެ ވެރިރަށް ، އިސްތަންބޫލެވެ.
ޢުޘްމާނީ ވެރިކަމުގެ އެންމެ ރަންޒަމާނަކީ 16 ވަނަ ޤަރުނެވެ. ރަސްކަމުގައި އޭރު ހުންނެވީ ސުލައިމާން 1 އެވެ. ރަސްގެފާނު ޢުޘްމާން 1 ގެ ކުޅަދާނަ ވިސްނުންފުޅު ، އެއްތަނެއްގައި ހުއްޓި ހުންނަގޮތެއް ނުވިއެވެ. ޔޫރަޕްގެ މެދުތެރެ ނުވަތަ ހަންގޭރީން ފެށިގެން މުޅި މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ސަރަޙައްދަށް ، ވެރިކަން ފުޅާވެ ، ދުނިޔޭގެ އެންމެ ބޮޑު ބާރަށް ވެގެންދިޔައެވެ.
16 ވަނަ ޤަރުނަށްފަހު ޖެހިގެން އައި 17 ވަނަ ޤަރުނުގެ ތެރޭގައި ، ޢުޘްމާނީ ވެރިކަމުގެ ބާރު ކެނޑެމުން ، ވެރިކަން ގެއްލެމުން ދިޔައެވެ. އެންމެ ބޮޑު ސަބަބަކަށްވީ ، ޔޫރަޕްގައި އެދުވަސްވަރު ، ކުރިއަރަމުންއައި ތަހުޒީބާއި ތަމައްދުންގެ އޮއިވަރާއި އާ އުފެއްދުންތަކުގައި ހިފަހައްޓައިނުލެވި ، ވެރިކަމުގެ އާރާއިބާރު ގެއްލި ، ވިޔަފާރި ދައުރުވުމުގައި ދަތުރުފަތުރުކުރުމަށް ދުނިޔޭގައި އެވަގުތު ބޭނުންކުރެވެމުން އައި ، މަގުތަކުގެ ކޮންޓްރޯލް ގެއްލި ، އިޤްތިޞާދީގޮތުން ޢުޘްމާނީ ވެރިކަން ބަލިކަށިވެގެން ދިއުމެވެ. ކަނޑުމަގުން ކުރެވެމުންއައި ވިޔަފާރީގެ ނިޒާމު އެއްގަމުމަގަށް ބަދަލުވެ ، ކަނޑާއި އެއްގަމުގެ ކޮންޓްރޯލް ގެއްލި ނުފޫޒު ދަށްވެގެން ދިއުމެވެ. ޖުމްލަ ގޮތެއްގައި ބަލާނަމަ ، އިޤްތިޞާދީ ފުންވަޅުގަނޑަކަށް ވެއްޓި ، ވެރިކަމުގެ ނިޒާމު ދޯހަޅިވެ ، ދުނިޔެއަށް ބަސްނުވިކޭ ޙާލަތަށް ، ޢުޘްމާނީ ވެރިކަން ވެއްޓިގެން ދިއުމެވެ.
ޢުޘްމާނީ ވެރިކަމުގެ ކާމިޔާބީ ބިނާވެފައި އޮތީ ، ބާރުގަދަ ޒަމާނީ ޢަސްކަރިއްޔާއެއްގެ މައްޗަށް ރުކުރުވައިލެވި ، ދުނިޔޭގެ ތިންބައްރުގެ ވިޔަފާރީގެ މަގުތަކުގެ ކޮންޓްރޯލް އޮވެ ، ހަރުދަނާ މަރުކަޒީ ވެރިކަމެއްގެ މައްޗަށެވެ. ޢުޘްމާނީ ވެރިކަން ފެށިގެން އައީ ، ފުރަތަމަ ރަސްކަލުން ޢުޘްމާން 1 އިން ފެށިގެންނެވެ. ބަޑިބޭހުގެ ބޭނުންކޮށްގެން ، ފަންނުވެރި ހަނގުރާމައިގެ ލަސްކަރެއްގެ އެހީގައި ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ، ޢުޘްމާނީ ވެރިކަމުގެ އަމާޒު ހިފިގެން ދިޔައެވެ. ދީނީގޮތުން ހަރުކަށިގޮތްތައް ދޫކޮށް ، ޢުޘްމާނީ ވެރިކަމުގެ ދަށަށް އައި ޤައުމުތަކުގެ ދީނީ މިނިވަންކަމަށް ދޫދިނެވެ. އިސްލާމްދީނަކީ ހަނގުރާމަކޮށްގެން ގަދަކަމުން ފަތުރަމުން ގެންދާ ދީނެއްގެ ބަދަލުގައި ، ކެތްތެރިކަން އިސްކޮށް ވިސްނައިދީގެން ، ފެތުރިގެންދާން ދޫކޮށްލުން ވެގެންދިޔައީ ، ޤުޘްމާނީ ވެރިކަމުގެ ބާރުގެ ދަށަށް އަންނަމުން އިތުރުވަމުން އައި ޤައުމުތަކުގެ އިތުބާރު އެ ވެރިކަމަށް ލިބިގެންދިއުމުގެ ސިއްރަކަށެވެ.
ހަސަތޭކަ އެތައް އަހަރެއްވަންދެން ، ޢުޘްމާނީ ވެރިކަމުގެ އާރާއިބާރު ދެމިގެން ދިއުމުގެ ސިއްރަކީ ، ވެރިކަން ދިފާޢުކޮށް ވެރިކަމާ ތޮޅުން ކުޑަވެ ، ޚިލާފަތުގެ ނިޒާމުގައި އެއްބައެއްވަންތަކަމުގެ ރޫޙު އަށަގެންފައި އޮތުމެވެ. ވެރިކަމުގެ ޢާއިލާގެ ތެރޭގައި ކޯޅުން ނެތް ، އެކަކު އަނެކަކަށް އިޙްތިރާމްކޮށް ޤަދަރުކުރާ ނަސްލެއް ދެމިއޮތުމެވެ. ޢުޘްމާނީ ވެރިކަން ފިޔަވައި ، ތުރުކީ ވިލާތުގައި އޭރު އުފެދިފައި އޮތް އެހެން ވެރިކަމުގެ ބާރުތައް ރޫޅިގެން ދިޔައީ ، ޢާއިލާގެ ތެރޭގައި ވެރިކަމާ ތޮޅެ ، ހަނގުރާމަކޮށް ނިޒާމީ ވެރިކަމެއްގެ ސިފަ އެބައިމީހުންގެ ތެރެއިން ގެއްލިގެން ދިއުމުގެ ސަބަބުންނެވެ. ޢުޘްމާނީ ވެރިކަމުގެ އެއްވެސް ޒަމާނެއްގައި އެފަދަ ހަމަނުޖެހުންތަކެއް ، ޢާއިލާގެ ތެރޭގައި ހިނގާފައެއް ނުވެއެވެ. ހިތްހަމަ ނުޖެހުމެއް އުޅުނަސް ، ވާހަކަ ދައްކައިގެން މާބޮޑު މައްސަލަގަނޑަކަށް ނުވަނިސް ، ޢާއިލާގެ ތެރޭގައި އެކަމެއް ޙައްލު ކޮށްލައެވެ. އެންމެންވެސް ތަބާވަމުން ދިޔައީ އެއް ވެރިޔަކަށެވެ. އެއީ އޭރު ހުންނަވާ ޚަލީފާ އެކެވެ.
މި ލިޔުމުގައި މިގެނެސްދެނީ ، ޢުޘްމާނީ ވެރިކަމުގެ ދިގު ތާރީޚެވެ. މިއީ ، އަގުހުރި ފިލާވަޅު ތަކެކެވެ. ޢުޘްމާނީ ވެރިކަމުގެ ވައްޓަފާޅިއާއި ، ކާމިޔާބީތަކާ އަދި މުޅި ވެރިކަމާގުޅޭ އެނމެހައި އުސްއަލިތައް ، މިލިޔުމުގައި ގެނެސްދެވޭނެއެވެ. މިއީ ، އެތައް ފޮތަކުން ނަގައިގެން ، އެއްމަޢުލޫމާތާއި އަނެއް މަޢުލޫމާތު ގުޅުވައިގެން ، ވަރަށް ތަފްޞީލުކޮށް ލިޔެވެމުންދާ ލިޔުމެކެވެ.
މިއީ ، ޢުޘްމާނީ ވެރިކަމުގެ ސިޔާސީ ޙަރަކާތްތަކާއި ކާމިޔާބީގެ މަޢޫލޫމާތު އެކަންޏެއްނޫނެވެ. ޢުޘްމާނީ ވެރިކަމާމެދު މީހުންދެކޭގޮތާއި ، ކިޔަމަންތެރިކަން އަދާކުރާގޮތާއި ، ދީނީ މިންގަނޑުން ވެރިކަން ހިނގައިދިޔަ ގޮތާ އަދި އިޖްތިމާޢީ ޢަދާލަތާއި ޤާނޫނީ ޙުކޫމަތާއި ، ވިޔަފާރިއާއި މާލީ ނިޒާމާއި މިހެންގޮސް ، ޢުޘްމާނީ ވެރިކަމުގެ ހުރިހާ ދިމާލަކަށް މިލިޔުމުގައި ނަޒަރު ހިންގައިލެވިފައި ވާނެއެވެ. މިއީ ، މުއްސަނދި ތާރީޚަކުން ޖަރީވެފައިވާ ހަސަތޭކަ އަހަރުގެ ، ޢުޘްމާނީ ވެރިކަމުގެ އެރުމާއި ވެއްޓުމުގެ މައްޗަށް ލިޔެވިފައިވާ ، އިސްލާމީ ތާރީޚުގެ އަގުހުރި ފިލާވަޅު ތަކެކެވެ. އެހެން އެއްވެސް މަސްދަރަކުން ނުފެންނަ އެތައް މަޢުލޫމާތެއް މި ލިޔުމުގައި ހިމަނާފައި ވާނެއެވެ.
ޢުޘްމާނީ ވެރިކަމާމެދު ދުނިޔެދެކޭގޮތް ، މިލިޔުމުން ވަރަށް ސާފުކޮށް އެނގޭނެއެވެ. ހުރިހާ ދީނެއްގެ މައްޗަށް ކަނޑައެޅިފައި އޮތް ވަކި އަސާސްތަކެއް އޭގެ މުގުލުގައި އޮތް ޢުޘްމާނީ ވެރިކަމަކީ ، ހުރިހާ ދީނެއްގެ އަދި ޢުޘްމާނީ ވެރިކަމުގެ ދަށުގައި އޮތް ހުރިހާ ޤައުމަކާއި މުޖުތަމަޢެއް ޤަބޫލުކުރާ އަސާސް ތަކެކެވެ. އިސްލާމުންކަމަށްވިޔަސް ، ޔަހޫދީން އަދި ނަޞޯރާއިންކަމަށްވިޔަސް އެ ހަމަތަކާއި އުޞޫލުތައް ޤަބޫލު ކުރެއެވެ. ދީނީ ބައިބައިވުން އެއްފަރާތް ކޮށްފައެވެ. އެބަޔެއްގެ އަދަކާދަޔާއި ޘަޤާފަތުގައި ހުރިކަމެއް ހިމަނައިގެން އެންމެން ތަބާވާ އިންތަކަކާއި މިންތަކެއް ޤާއިމް ވެފައި އޮތެވެ.
އުޘްމާނީ ވެރިކަމާމެދު ދުނިޔެ ދެކޭގޮތް ތިންފަށަލަޔަކުން މި ލިޔުމުގައި ތަމްސީލު ކޮށްދޭނެއެވެ. ފުރަތަމަ ފަށަލަޔަކީ ، ޢުޘްމާނީ ދަރިފަސްކޮޅެވެ. ރަސްރަސްކަލުންނާއި އަމީރުންނެވެ. އެބޭބޭފުޅުންނާ ނުލައި ޢުޘްމާނީ ވެރިކަމެއް ވުޖޫދުވެގެން ނުވެއެވެ. ޢުޘްމާނީ ވެރިކަމަކީ ، ތަފާތު ދަރިފަސްކޮޅެއްކަން ، އެ ވެރިކަމާގުޅިފައިވާ އެންމެންވެސް ޤަބޫލު ކުރެއެވެ. އެންމެ ބޮޑު ތަފާތަކީ ، ބައިބައިވުމުން އެއްކިބާވެ ، އެއްބައެއްވަންތަކަމުގެ މަތިވެރި ގުޅުމުން ، ޢުޘްމާނީ މުޅި ދަރިފަސްކޮޅު ދެމިއޮތުމެވެ. ނަސްލީ ތަފާތެއް ، ޢާއިލީ ހަމަނުޖެހުމެއް ، ވެރިކަމުގެ ކޯޅުމެއް ، ޢުޘްމާނީ ވެރިކަމުގައި ހިނގައިފައެއް ނުވެއެވެ.
ޢުޘްމާނީ ވެރިކަމަކީ ، ދުނިޔޭގައި އެންމެ ގިނަދުވަހު ވެރިކަންކުރި އެއް ޢާއިލާއަކަށް ނިސްބަތްވާ ބާރުކަމުގައި ، ދުނިޔޭގެ ތާރީޚު ހެކިވެއެވެ. ޢުޘްމާނީ ލިޔުންތެރިން ހާމަކޮށްފައި އޮންނަގޮތުގައި ، ޢުޘްމާނީ ވެރިކަމަކީ ، ރޫޙާނީބާރެއް އެ ވެރިކަމުގައި ހިމެނޭ ، ދުޝްމަނުންގެ މައްޗަށް ފަސޭހަކަމާއެކު ބާރުފޯރުވާ ، މީސްތަކުންގެ ރުހުންލިބޭ ، ކުރިއެރުމާއި ތަރައްޤީން އިންސާނިއްޔަތަށް ލާބައާއި މަންފާ ލިބެނިވި މަގުން ، އިސްނަގައިގެން މީސްތަކުންގެ މައްޗަށް ވެރިކަން ހިންގުމުގެ މާނަވީ ހަކަތައާއި ބުއްދީގެ ވިސްނުން ، ޢުޘްމާނީ ވެރިކަމުގެ ކޮންމެ ވެރިއެއްގެ މައްޗަށް ހަދިޔާވެގެން ގޮސްފައި އޮތް އަޖައިބެއްފަދަ ވެރިކަމެކެވެ. ވެރިކަމުގެ އެ ބަހާތަކުގެ ފައިދާ އާއި ލަބައާއި މަންފާ ، ޢުޘްމާނީ ވެރިކަމުގެ ދަށުގައި އޮތް ޤައުމުތަކާއި މުޖުތަމަޢުތަކުގެ އަހުލުވެރިންނަށް ވަރަށް ފުރިހަމަޔަށް ލިބިގެން ގޮސްފައި ވެއެވެ. ވެރިކަމާމެދު ދެކޮޅުވެރިވެ ، ޙަސަދަލައި ހިތްނުބައިކުރާނެ ކުޑަވެސް ފުރުޞަތެއް ، ޢުޘްމާނީ ވެރިކަމުގެ ނިޒާމުގައި ހިމެނިފައެއް ނުވެއެވެ.
ޢުޘްމާނީ ސިޔާސީ ވިއުގައިގެ ނާރެސް ގުޅިފައި އޮންނަނީ ރަސްރަސްކަލުންނާއި އެ ރަސްރަސްކަލުންގެ ޢާއިލީ ގުޅުންތަކާއި ރައްޔިތުންނާއެވެ. އެކަމެއްގައި ރައްޔިތުން ބައިވެރިނުކުރެވޭ އެއްވެސް ސިޔާސަތެއް ތަންފީޛު ކުރެވިގެންނެއް ނުދެއެވެ. ކުރިޔަށް ނެރެވިފައި އޮންނަނީ ރައްޔިތުންގެ ބަހެވެ. ނުވަތަ ، ޢުޘްމާނީ ވެރިކަމުގެ ދަށުގައި އޮންނަ ޤައުމެއްގެ ރައްޔިތުންގެ އަޑެވެ. ޚުދުމުޚުތާރު އެއްވެސް ސިފައެއް ، ވެރިކަމުގެ ނިޒާމުގެ ތެރޭގައި ހިމެނިފައެއް ނޯވެއެވެ. އެކަމަކުވެސް ، މަރުލަޒީ ނިޒާމާއި އުޞޫލުތަކުން ފައްކާކުރެވިފައި އޮންނަ ސިޔާސަތުތަކެއް ، ވެރިކަމުގެ ބާރާއެކުގައި އޮވެއެވެ.
ޒަމާންތަކަކަށްފަހު ، ޒަމާނަށް އައި ބަދަލުތަކާއެކީގައި ، ވެރިކަމުގެ އެ ނިޒާމާއި ވައްޓަފާޅީގެ ކުލަވަރު ބަދަލުވެ ، ތަޞައްވުރު ގެއްލެމުން ދިޔައެވެ. އެހެނަސް ، މިދެއްކެނީ ހަ ޤަރުނުގެ ވާހަކައެވެ. ހަ ޤަރުނުވަންދެން ، ރަސްކަންކުރި ރަސްމަތިފުށެއްގެ ރަސްރަސްކަލުންގެ ރަސްކަމުގެ ވާހަކައެވެ. ޒަމާންތަކަކަށްފަހު ބަދަލުވަމުންދިޔަ ކުލަވަރާއެކީގައި ، ޢުޘްމާނީ ވެރިކަމާމެދު ދުނިޔެއާއި ، ޢުޘްމާނީ ވެރިކަމުގެ ރައްޔިތުން ދެކޭގޮތާއި ، ބައިވެރިންނާއި ޚުދު އެވެރިކަމުގެ އެކި ބާރުތަކުން ، ވެރިކަމަށްކުރާ އިތުބާރަށްވެސް ބަދަލު އަންނަމުން ދިޔައެވެ. ( ނުނިމޭ )

