ރައީސުލްޖުމްހޫރިއްޔާ، "ޤަޟާޢީ އަހަރު 2026" އިފްތިތާޙްކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "ޤަޟާޢީ އަހަރު 2026" އިފްތިތާޙްކޮށްދެއްވައިފިއެވެ. އެމަނިކުފާނު "ޤަޟާޢީ އަހަރު 2026" އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި ހުޅުމާލޭގައި ހުންނަ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

ޤަޟާޢީ އަހަރު އިފްތިތާޙްކުރެއްވުމުގެ ރަސްމިއްޔާތަކީ، އައު ޤަޟާޢީ އަހަރަކަށް ކުރިމަތިލާއިރު ފާއިތުވި އަހަރު ކުރެއްވިފައިވާ މަސައްކަތްތައް ފާހަގަކުރުމާއެކު، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުޢީ ގޮތުންނާއި، އިދާރީގޮތުން ޝަރުޢީ ދާއިރާ ހަރުދަނާކުރެއްވުމަށްޓަކައި، އައު އަހަރުގެ ލަނޑުދަނޑިތައް ކަނޑައަޅައި، ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު ބާއްވާ އިޙްތިފާލެކެވެ.

ޤަޟާޢީ އަހަރު އިފްތިތާޙްކުރެއްވުމުގެ ރަސްމިއްޔާތުގައި، ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ ފަނޑިޔާރުން ތަކްރީމުކުރެއްވުން ކުރިއަށްދިޔައެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ ޤަޟާޢީ ބަޔާން އިއްވަވާފައެވެ.

މި ރަސްމިއްޔާތުގައި، ޝަރުޢީދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ފަނޑިޔާރުންނާއި،މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީފިލާ ޙަވާލުކޮށްފައި ވެއެވެ. މި ފިލާ އެފަރާތްތަކާ ޙަވާލުކޮށް ދެއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. މީގެ އިތުރުން، ޝަރުޢީދާއިރާއަށް އެކިގޮތްގޮތުން އެހީތެރިވެ ދެއްވާފައިވާ 7 ބޭފުޅަކަށް އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީފިލާ ޙަވާލުކޮށްފައި ވެއެވެ. މި ފިލާ އެފަރާތްތަކާ ޙަވާލުކޮށް ދެއްވާފައިވަނީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.