ވޭތުވެދިޔަ 2 އަހަރުދުވަހު ، މާލެ ސިޓީ ކައުންސިލުން އެންމެ މުހިންމު އަހަންމިއްޔަތުކަން ދީފައިވާ އެއްކަމަކީ ، ހިންގުމުގެ ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމާ ، ޒިންމާދާރު މުއައްސަސާ އަކަށް މާލެ ސިޓީ ކައުންސިލް ހެދުމަށް ކުރެވުނު މަސައްކަތްތައް ކަމަށް މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ އާދަމް ޢާޒިމް މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލް ހޯލުގައި މިރޭ ކުރިއަށްދިޔަ 2026 ވަނަ އަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ އިތުބާރާ ، ބައިވެރިވުން ގެނުވާ އަސާސީ ސިފައަކީ ، ހަރުދަނާ ހިންގުމުގެ ނިޒާމެއް އޮތުންކަން ފާހަގަ ކުރައްވާ މޭޔަރ ޢާޒިމް ވިދާޅުވީ ހިންގުމުގެ ނިޒާމް ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކުގެތެރެއިން ، މާލެ ސިޓީ ކައުންސިލްގެ، ދިގު މާޒީގައި އިންޓަރނަލް އޮޑިޓެއް ހިންގައި އިންޓަރނަލް އޮޑިޓް ރިޕޯޓް ކައުސްސިލަރުންނާ ހިއްސާކޮށް އާންމުކުރުމަށް ވަނީ ތައްޔާރުވެފައި ކަމަށާއި އެގޮތުން ހާމަކަންބޮޑުގޮތެއްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އައި ބަދަލު ، މި ކަމުން ސާފުކޮށް ދައްކުވައިދޭ ކަމަށެވެ.
އަދި އިންޓަރނަލް އޮޑިޓް ރިޕޯޓް ޕަބްލިކާ ހިއްސާކުރުމަށް ނިންމި ނިންމުމަކީ ، އެތެރޭގެ ހިންގުމަށް ބިނާކުރުވަނިވި ފާޑުކިޔުމަށް ތަރުހީބުދޭކަމާއި ހިންގުމުގައި ހުރި ރަނގަޅުކުރަންޖެހޭ ކަންތައްތައް ފޮރުވުމުގެ ބަދަލުގައި ރަނގަޅުކުރަން ބޭނުންވާކަމުގެ އަލިގަދަ ހެއްކެއް ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ ގަވަރަނަންސް ހަރުދަނާކުރުމަށް ކުރެވޭ ކަންތައްތަކުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލްގެ ޒިންމާގެތެރެއިން ހިންގާ އޮޑިޓް މަސައްކަތްތައްވެސް ހިނގަމުންއެބަދާ ކަމަށާއި މި އޮޑިޓުގެ ސަބަބުންވެސް އިތުރަށް ސިސްޓަމްތައް ހަރުދަނާވެގެންދާނެ ކަމަށެވެ.
" އެއީ މިނިވަން މުސްތަޤިއްލު މުއައްސަސާއަކުން ކުރާ މަސައްކަތްތަކުގެ ސަބަބުން ފައިސާގެ މުޢާމަލާތްތައް ހިންގުމުގައި، ގެންގުޅެންޖެހޭ ހަމަތަކާ އުސޫލުތައް ހުރިކަން ބެލިގެން ދިއުމަކީ ، ކައުންސިލާމެދު ރައްޔިތުންގެ އިތުބާރު އިތުރުވެގެންދާނެކަމެއް" މޭޔަރ އާޒިމް ވިދާޅުވިއެވެ.
މިރޭ ކުރިއަށް ދިޔަ ރައްޔިތުންގެ ބައްދަލުވުމަކީ މާލެ ސިޓީގެ މޭޔަރުކަމާ އާދަމް ޢާޒިމް ހަވާލުވެވަޑައިގެންނެވި ފަހުން ޤާނޫނުން ލާޒިމްކުރާ ރައްޔިތުންނާއެކު ބައްދަލުކުރާ ހަތަރުވަނަ ފަހަރެވެ.
