އައްޑޫސިޓީ އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ސަރަހައްދަކަށް ހަދަނީ

އައްޑޫސިޓީ އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ސަރަހައްދަކަށް ހަދަން ނިންމާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކަން އިއުލާން ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ދެއްވަމުން ގެންދަވާ ރިޔާސީ ބަޔާނުގައި ވިދާޅުވީ ރައީސް ވިދާޅުވީ އެކަމަށް ބޭނުންވާ އެތައް ކަމެއް ފަހިކޮށް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ގެންނަ ބަދަލު ޖެނުއަރީ 1، 2027 އިން ފެށިގެން ތަންފީޒުވާން ފަށާނެ ކަމަށާއި އެކަމަށް ގާނޫނީ ގޮތުންނާއި ފަންނީ ގޮތުންނާއި ޓެކްނިކަލް ގޮތުން ކުރަން ޖެހޭ ކަންކަން މި އަހަރުގެ ތެރޭގައި ހަމަޖައްސައި ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ސިޓީ އަށް މި ފަހިކޮށްދޭ ފުރުސަތާ އެކު އައްޑޫ އައިޓީ ހަބަކަށްވެ އެތައް ވަޒީފާތަކަކާއި ފުރުސަތުތަކެއް ހުޅުވި އިގުތިސާދީ ގޮތުން އެތައް ކުރިއެރުމެއް އަންނާނެ ކަމަށެވެ.

"އެހެންވެ އައިޓީ ދާއިރާގެ ހުރިހާ އެންމެން މިކަމުގައި ބައިވެރިވާން ދައުވަތު ވެސް އަރުވަން." ރައީސް ވިދާޅުވި އެވެ.

އައްޑޫ އައިޓީ ހަބަކަށް ހަދާނެކަން ރައީސް މުއިއްޒު އިއުލާން ކުރެއްވި އިރު، އައްޑޫގައި އައިޓީ ޕާކެއް ތަރައްގީ ކުރުމުގެ ވާހަކަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ދައްކަވާފައިވެ އެވެ. އެ މަނިކުފާނު އެ ވާހަކަ ދެއްކެވީ 2013 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި އެ އަހަރުގެ 5 ނޮވެމްބަރު މަހުގެ 5 ގައި އައްޑޫގައި ބޭއްވި ކެމްޕޭން އިވެންޓެއްގަ އެވެ.

ނަމަވެސް 2013 ގެ އިންތިހާބު ޔާމީން ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެން 2018 ގައި ދައުރު ނިމިގެން ދިޔަ އިރު، އައްޑޫގައި ހަދަން އިއުލާންކުރެއްވި އައިޓީ ޕާކްގެ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.