ގއ. ގެމަނަފުށި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި 17,675,432.34 ރުފިޔާ އަށެވެ.
މި މަޝްރޫޢުގެ ދަށުން ގެމަނަފުށީގައި ކުރިން ޤާއިމުކުރުމަށް މަސައްކަތް ފަށާފައިވާ ނަރުދަމާ ނިޒާމުގެ ބަކީ ހުރި މަސައްކަތްތައް ނިންމައި ނިޒާމު ޓެސްޓްކޮށް ކަމިޝަން ކުރުން ހިމެނެއެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ނަރުދަމާގެ ޕަންޕްސްޓޭޝަން ބެހެއްޓުމާއި، ރަށުގައި މީހުންއާބާދުވެފައިވާ ހުރިހާ ސަރަހައްދެއްގައި ނަރުދަމާ ހޮޅި އެޅުމާއި، ސީ އައުޓް ފޯލް އެޅުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ގޭބީސީތަކާއި ނަރުދަމާ ނިޒާމު ގުޅުވުމަށްޓަކައި ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގެ ތެރޭގައި ކެޗްޕިޓް ބެހެއްޓުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު އެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދު އެވެ.
