ތިން ފަހަރެއްގެ މަތިން ބަނގްލާދޭޝްގެ ބޮޑުވަޒީރުކަން ކުރެއްވި ޚާލިދާ ޟިޔާ އަންގާރަދުވަހުގެ ފަތިހުގެ ވަގުތެއްގައި ވެރިރަށް ޑާކާގެ ހޮސްޕިޓަލެއްގައި އަވަހާރަ ވެއްޖެ އެވެ. އަވަހާރަވީއިރު، އެކަމަނާގެ އުމުރުފުޅަކީ 80 އަހަރެވެ.
ބަނގްލަދޭޝްގެ ގައުމީ ޕާޓީގެ ލީޑަރު ޚާލިދާ ޟިޔާ ބޮޑުވަޒީރުކަމާ ފުރަތަމަ ހަވާލުވެވަޑައިގަތީ 1991 ވަނަ އަހަރު އެވެ.
ޚާލިދާ ޟިޔާ އުފަންވެވަޑައިގަތީ އޮގަސްޓް 15، 1946 ގައި ދިނާޖްޕޫރަށެވެ. ޚާލިދާ 1960 ވަނަ އަހަރު ސިފައިންގެ އޮފިސަރު ޟިޔާއުއްރަޙްމާނާ ކައިވެނި ކުރެއްވި އިރު، އުމުރުފުޅުންވީ އެންމެ 15 އަހަރުފުޅެވެ. ގައުމަށް މިނިވަންކަން ލިބުނު، 1971ގެ ހަނގުރާމައަށް ފަހު ޟިޔާއުއްރަޙްމާން ގައުމީ ބަޠަލެއްގެ ގޮތުގައި ފާޅުވެ، 1977 ވަނަ އަހަރު ރައީސް ކަމަށް ވަޑައިގެން، 1978 ވަނަ އަހަރު ބަނގްލަދޭޝްގެ ގައުމީ ޕާޓީ އުފެއްދެވި އެވެ.
ބަނގްލަދޭޝްގައި 1981 ވަނަ އަހަރު ހިނގި ޢަސްކަރީ ބަޣާވާތެއްގައި ޟިޔާއުއްރަޙްމާން އަވަހާރަކޮށްލެވުނެވެ. އޭގެ ފަހުން ޚާލިދާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން، އެންމެ ފަހުން ބަނގްލަދޭޝްގެ ގައުމީ ޕާޓީގެ ލީޑަޝިޕާ ހަވާލުވެވަޑައިގެންނެވިއެވެ. އަދި ބަނގްލަދޭޝްގެ ތާރީޚުގައި ބޭއްވި ފުރަތަމަ މިނިވަން އިންތިޚާބުގައި ޚާލިދާ ވަނީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށް ޝައިޚް ޙަސީނާ ބަލިކުރައްވާފައެވެ.
ޕާކިސްތާނުގެ ވަރުގަދަ ރަހުމަތްތެރިއެއްކަމުގައިވާ
ޚާލިދާ ޒިޔާ 1996 ވަނަ އަހަރުގެ އިންތިޚާބުގައި ބަލިވެވަޑައިގެންނެވި ނަމަވެސް އޭގެ އެންމެ 5 އަހަރު ފަހުން 2001 ވަނަ އަހަރު ބޮޑު އަޣުލަބިއްޔަތަކުން އެނބުރި ވެރިކަމަށް ވަޑައިގެންނެވިއެވެ. އަދި އޭގެ ފަހުން 2006 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އާންމު އިންތިޚާބު ވެސް ކާމިޔާބު ކުރެއްވިއެވެ.
ޚާލިދާގެ ސިޔާސީ ހަޔާތްޕުޅުގައި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވި، ހިނގި ހާދިސާތަކަކަށްފަހު 2018 ވަނަ އަހަރު 5 އަހަރަށް ޖަލަށް ލާފައިވެ އެވެ.
ޚާލިދާ އާއި އޭނާގެ ދަރިކަލުން ޠާރިގު ރަޙްމާނާއި އެހެނިހެން މީހުންގެ މައްޗަށް 2018 ވަނަ އަހަރު ވަނީ ޔަތީމު ކުދިންގެ ގެއަކަށް ގާތްގަނޑަކަށް 250،000 ޑޮލަރުގެ އަގުހުރި ބޭރުގެ އެހީތަކެއް ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ކުށްތަކެއް ސާބިތުވެފަ އެވެ.
ޚާލިދާ މައްޗަށް ކުރެވުނު ދައުވާއަށް ސިޔާސީ ދައުވާއެކޭ ކިޔައި އަޑުއުފުލުނު ނަމަވެސް އެކަމާ ގުޅިގެން ގިނަ ދުވަސްތަކެއް އޭނާ ޖަލުގައި ހޭދަކުރައްވާފައިވެ އެވެ. ޖަލުގައި ހޭދަކުރެއްވި ދުވަސްވަރު އޭނާގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ދަށަށް ދިއުމުގެ ސަބަބުން އޭނާ ވަނީ 2020 ވަނަ އަހަރުގެ މާޗް މަހު ގޭބަންދަށް ބަދަލުކުރައްވާފައެވެ.
ބަނގްލަދޭޝްގެ ސުޕްރީމް ކޯޓުން 2025ގައި ވަނީ ޚާލިދާ ޒިޔާ އާއި ޠާރިގު ރަޙްމާންގެ މައްޗަށް ކުރިން ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާގެ ހުކުމް ބާޠިލުކޮށްފަ އެވެ.
ޢަވާމީ ލީގުގެ ލީޑަރު ޝެއިޚް ޙަސީނާއާ ދިގު ސިޔާސީ ވާދަވެރިކަމެއް އޮތް ޚާލިދާ މި ދުނިޔެ ދޫކުރެއްވި އިރު، އޭނާގެ ވާދަވެރިޔާ ޙަސީނާގެ މައްޗަށް ވަނީ މަރުގެ ޙުކުމް އިއްވާފައެވެ. ޙަސީނާގެ ވެރިކަން ވައްޓާލެވުނުފަހުން އޭނާ ދިރިއުޅުއްވަމުން ގެންދަވަނީ އިންޑިއާގަ އެވެ.
ޚާލިދާގެ ދަރިކަލުން ޠާރިޤް ރަޙްމާން މީގެ ހަފުތާއެއްހާ ދުވަސްކުރިން ބަނގްލަދޭޝްއަށް ވަޑައިގަތީ އަމިއްލަފުޅަށް އަރުވާލެވިގެން ގައުމުން ބޭރުގައި 17 އަހަރު ހޭދަކުރެއްވުމަށްފަހުގައެވެ.
ތިން ފަހަރެއްގެ މަތިން ބަނގްލާދޭޝްގެ ބޮޑުވަޒީރުކަން ކުރެއްވި އަދި އެ ގައުމުގެ އެތައް މިލިއަން ބައެއްގެ ހިތުގެ ރާނީ ޚާލިދާގެ ހަނދާންތައް ގައުމުގެ ތާރީޚުން ފޮހެވިގެންނެއް ނުދާނެއެވެ.
