ގެއްލުނު ލޯބި (1)

މިވާހަކަޔަކީ ، ޕާކިސްތާނުގެ އުރުދޫ ޑްރާމާ ސިލްސިލާއެއްކަމުގައިވާ ، " މުޙައްބަތު ގުމްޝުދާ މޭރީ " ކުޅެފައިވާ ވާހަކައިގެ މައްޗަށް ލިޔެފައިވާ ، އަސަރުގަދަ ލޯބީގެ ވާހަކައެކެވެ. ޑްރާމާ ގެނެސްދީފައިވާ ގޮތާއި ، ވާހަކަ ލިޔެވިފައިވާ ގޮތުގައި ކުދިކުދި ތަފާތު ހުރިނަމަވެސް ، ވާހަކައިގެ އަޞްލުން ޑްރާމާ ސިލްސިލާ ބޭރުވެގެންނެއް ނުދެއެވެ. މިއީ އަވައްޓެރިންގެ ގޮތުގައި އުޅުނު ޒުބާއާއި ސައިމްގެ ،  ކުޑައިރުގެ ޙަޔާތުން ފުރާވަރަށް އަޅައިގެން އައިސް ، އެ ދެހިތުގައި އުފެދިފައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން ،  ލޯތްބަށް ބަދަލުވެ ، އެއަށްފަހު ކުރިމަތިވި ކަންތައްތަކެއްގެ މައްޗަށް ލިޔެފައިވާ ވާހަކަ އެކެވެ. އެދެކުދިންގެ ޙަޔާތުގެ ކޮންމެ ނިންމުމެއްގެ ދެމެދަށް ޢާއިލާ ވަންނަމުން އައިސް ، ހަރުދަނާ ނިންމުމެއް ނިންމަން ބޭނުންވާ ކޮންމެ ފަހަރަކު ، ޢާއިލާއަކީ ، އެކަމަށް އެޅޭ ހުރަހަކަށް ވެއެވެ. އެންމެފަހުން ، ޢާއިލާއަކާ ޢާއިލާއެކޭ ކިޔައި ، ދެކުދިން އެއްބަސްވެގެން އެކުދިން ބޭނުންވާ ގޮތް ، ޢާއިލާއާ ނުބައްސައި  އަމިއްލަޔަށް އިޚްތިޔާރު ކުރިއެވެ. އެކުދިންގެ ޙަޔާތުގައި ދެން އެކުރިމަތިވި ކަންކަމަކީ ، މިވާހައިކައިގެ ފޮނިމީރުކަމާއި ހިތިނުބައިކަމުގެ އިޙްސާސްތަކެވެ. ވިލާގަނޑަކަށްފަހު ، ވިލާގަނޑެއް އައިސް ، ކުރިމަތިވަމުންދިޔަ ތޫފާނުންނާއި ވެހެމުންދިޔަ ބޯވާރޭގެ ނުރައްކަލާ ކެރިގެން ކުރިމަތިލައި ، ކާމިޔާބު ޙަޔާތަކަށް ވާޞިލްވުމަށް ޒުބާއާއި ސައިމް ކުރި ހިތްވަރަކީ ، ނަތީޖާ ފޮނި އަދި ދުނިޔެ ބަދަލުކޮށްލި ކާރިސާ ތަކެކެވެ. އިންސާނާގެ ޙަޔާތަކީ ، އަޅުކަމާއި ރިވެތި އަޚުލާޤުން ބަށްޓަންވެ ، ވަކި ހަމަތަކަކުން އައިސްގޮސްވާ ، ފޮނި އިޙްސާސްތަކެއްގައި ކުލަޖެހެމުން ، އަރާ އޮއްސެމުންދާ އިރާއި ހަނދުގެ ބުރުއެޅުމެއްކަން މި ވާހަކައިން އަންގައި ދެއެވެ.

ފެށިގެން ނިމިދާ ކޮންމެ ރަސްމިއްޔާތެއްގައިވެސް ތާވަލު ކުރެވިފައިވާ ކަންތައްތަކެއް ހުންނާނެއެވެ. އަދި ތާވަލު ނުކޮށް އޮއްވައި ، ކުއްލިގޮތްގޮތަށް ދިމާވާ ކަންކަންވެސް ހުންނާނެއެވެ. ޙަޔާތެކޭ އެއްހަމަޔަކުން ، އެފަދަ ކޮންމެ ރަސްމިއްޔާތެއްވެސް ނިމެނީ ، އިންސާނާގެ ބުއްދި ނުފޯރާ އެތައްކަމެއް ލައިގަނެ ، އެކަންކަމުން ނެއްޓިނުގަނެވިގެން އުޅެނިކޮންނެވެ. މިވާހަކާގައިވެސް ކިޔައިދެނީ ، އެކަހަލަ ކާރިސާ ތަކެއް ކުރިމަތިވެ ނިމެމުންދިޔަ ގޮތްތަކެވެ.  ﷲ އިރާދަކުރެއްވިއްޔާ ކޮންމެ އަންގާރަ ދުވަހެއްގެ ، " އާފަތިސް " ގެ މުނިފޫހި ފިލުވުމުގެ ބަގީޗާއިން ބައްދަލުކޮށްލާނަމެވެ. ވާހަކަޔައިގެން ކުރިޔަށް ވަޑައިގަންނަވާށެވެ !

ޒުބާ ހޯދަމުން ، އޭނާގެ މަންމަ ސަމީނާގޮސް ޒުބާގެ ކޮޓަރިޔަށް ވަތްއިރު ، ކަމަކުދާކަށް ނެތެވެ. މުޅިކޮޓަރިތެރެ އޮތީ އެފުށްމިފުށަށް ޖަހާފައެވެ. ހެދުންތައް އޮތީ އެނދުމައްޗަށް އުކައިލެވިފައެވެ. ކޮޓަރިތެރޭ އަޅާފައޮތް ދޫލައިގެ މަތީގައި ، ޒުބާ ކިޔަވަން ގެންގުޅޭ ބައެއް ސާމާނު އެގޮތްމިގޮތަށް އުކައިލެވިފައި ހުއްޓެވެ. ޒުބާގެ މަންމަ ސަމީނާއަށް އެކޮޓަރިޔަށް ވަދެވުނު މޮޔަ ހިތަށް އެރިއެވެ. އޭނާގެ ދަރިފުޅު ބޮޑުމީހަކަށްވާނީ ކޮންދުވަހަކުން ބާވައެވެ. ޗޮކެއް ކަނޑާފައި ޒުބާ ހޯދަމުން ގޯތިތެރެޔަށް ނުކުތްއިރު ، އެތާހުރި އުދޯންޏަކަށް ރީތިކޮށް ފެތިލައިގެން ޒުބާ އޮތެވެ. އޭނާގެ މޫނުމަތީ ، މޭކަޕްމާސްކެއް އަޅާފައި އޮތެވެ. ދެލޯމަތީ ، ދެފޮތި ކިއުކަންބާ ބާއްވާފައި އޮތެވެ. ކަންފަތަށް އުނގުރިޖަހާފައި އެވަނީ ހެޑްފޯނުންނެވެ. އެއޮތީ ، މޫނު ދޮންކޮށްލަން މޭކަޕްމާސްކާއި ކިއުކަންބާ ޖަހައިގެން، ލަވައަޑުއަހާށެވެ. ސަމީނާ އައިގޮތަށް އައިސް ، ފުރަތަމަވެސް ނެގީ ޒުބާގެ ކަންފަތުގައި އަޅައިގެންއޮތް ހެޑްފޯނެވެ. ޒުބާ ދިޔައީ ، ސިއްސައިގެންގޮސް އެއްލިގެންނެވެ. އުނދޯލިން ނުވެއްޓުނީ ހަމަކިރިޔާއެވެ.

" ބޮޑުވާނީ ކޮން އިރަކުން ހެއްޔެވެ ؟ ހަމަ މިހާރުގޮސް ، ކޮޓަރިތެރޭގައި އުކާލެވިފައިހުރި ހުރިހާ އެއްޗެއް ، އެއެއްޗެއް ހުންނަންވާތަނެއްގައި ބަހައްޓާށެވެ ! އަހަރެން މިދެނީ ދިހަ މިނެޓެވެ. ދިހަމިނެޓްތެރޭ އެކަން ނުކޮށްފިއްޔާ ...... " ސާމީނާ ބުންޏެވެ.

މަންމަބުނާކަމެއް ބުނާގޮތަކަށް ނުކޮށްފިއްޔާ ވާނެގޮތް ޒުބާއަށްވެސް އެނގެއެވެ. ކުދިކިޔަމުން ، ޗޮއްކަނޑަމުންގޮސް ޒުބާ ، އޭނާގެ ކޮޓަރިޔަށް ވަނެވެ. ސަމީނާވެސް ފަހަތުން ދިޔައެވެ. ކޮޓަރިޔަށް ފޮނުވައިލިޔަކަސް އަދި ، ޒުބާ ލައްވާ ކަމެއް ނުކުރެވޭނެކަން ، ސަމީނާޔަށް އެނގެއެވެ. އަދި ، އެ ކޮޓަރިތެރޭ މާ ގިނައިރު ހުރެއްޖިއްޔާ ސަމީނާގެ ބީޕީ މައްޗަށްދާނެކަންވެސް ސަމީނާއަށް ، ރަނގަޅަށް އެނގެއެވެ.

ޒުބާގެ ކޮޓަރިތެރެ އޮތްގޮތް ، ދާނިޔަލްއަށް ފެނިއްޖިއްޔާ ވާނެގޮތަކާމެދު ވާހަކަ ދައްކައި ސަމީނާ އޭނާގެ ދަރިފުޅު ބިރުގަންނުވައިލިއެވެ. އެކަމަކު ޒުބާއަށް އެއީ މައްސަލައެއް ނޫނެވެ. ދާނިޔަލްއަކީ ޒުބާގެ ބޭބެއެކެވެ. އަދި މުސްތަޤްބަލްގައި ޒުބާގެ ޅިޔަނަކަށްވެސް ވާންއުޅޭ ކުއްޖެކެވެ. އެހެންކަމަށްވިޔަސް ، އެއީ ޒުބާ ބިރުގަންނާނެ މީހެއްނޫނެވެ.

ޒުބާއަށް އޭނާގެ މަންމަ ހައްލައިލާނެގޮތް އެނގެއެވެ. އެނދުމައްޗަށް ގުޅަޔަކަށް ޖަހާފައިހުރި ހެދުންތައް ފައްޖަހަމުން ، މަންމަގެ ކޮލުގައި ދޮނެއްދީ ބައްދައިލިއެވެ. އަދި ، އޭނާ ޝޮޕިންގއަށް ޖައްސައިލަން ލާރިކޮޅެއް ބޭނުންވާކަމަށް ބުންޏެވެ. ސަމީނާޔަކީ މުށްބާރު މީހެކެވެ. ލިބޭ މިންވަރުން ފުއްދައިގެން ، ޢާއިލާގެ ޚަރަދުތައް ހަމަޖައްސަމުން އަންނަ މީހެކެވެ. އެކަމަށް އެންމެ ބޮޑު ހުރަހަކަށްވަނީވެސް ޒުބާއެވެ. ކޮންމެ މަހަކުވެސް ދެފަހަރު ، ހަމަގައިމުވެސް އެއްފަހަރު ، ޝޮޕިންގއަށްދާން ޒުބާއަށް ލާރިކޮޅެއް ދޭން ޖެހެއެވެ. ސަމީނާގެ ހިތުގައި ޒުބާގެ މައްޗަށް އޮންނަ ލޯބި ، މިހާރު އެއޮތީ ޒުބާގެ ހަލާކަކަށް ވެފައެވެ. މަންމަގެ ލޯބި ޒުބާއަށް ބޭނުންކުރެވެނީ ، ޒުވާންކަމުގައި އޭނާއަށް ބޭނުންވާ އެއްޗިއްސާއި ކަންކަން ފުއްދުމަށް އަތަށް ހެޔޮވަރުކޮށްލާ ހަތިޔާރެއްގެ ގޮތުގައެވެ. އެ ފުރުޞަތަކީ ކުޑަދުވަސްކޮޅެއްގެ ފުރުޞަތެކެވެ. ބޮޑުވެގެން މީހަކާ އިންނަ ހިސާބުން ހުރިހާކަމެއް ބަދަލު ވާނެއެވެ. މަންމަ ހޯދައިދޭހާ އެއްޗެއް ، ފިރިމީހާއެއް ހޯދައެއް ނުދޭނެއެވެ. އަނެއްކޮޅުން ، ފިރިޔަކު ހުންނާތީ ، ބުނާހާ އެއްޗެއް މަންމަޔެއްވެސް ހޯދައެއް ނުދޭނެއެވެ.

ޒުބާގެ ބައްޕަގެ އުއްމީދަކީ ، ޒުބާ ކިޔަވައިގެން ޑޮކްޓަރަކަށް ވުމެވެ. އެކަމަކު ، މިހާރު ޒުބާ އެހުރީ ފިރިފުރާވަރަށް އަޅާފައެވެ. އަދިވެސް އެއުޅެނީ ކުޑަކުއްޖެއް ހެންނެވެ. އަދިވެސް ހަމަބުއްދި ލިބި ، ތަޞައްރަފު ފުދޭކަށް ނޫޅެއެވެ. އެ ޢުމުރަކީ ، ފަހުގެ ފެޝަންތަކަށް ލޯދިއްކުރެވޭ ، މޭކަޕުން ރީތިކަން ފުރިހަމަކޮށް ، މަޖާކޮށް އުޅޭ ޢުމުރެވެ. ޒުބާއަކީ ކިޔަވަން މޮޅު ކުއްޖެކެވެ. އެހުރިހާކަމެއްވެސް ސަމީނާޔަށް އެނގެއެވެ. ޒުބާއަކީ ، ސަމީނާގެ ދެލޮލުގެ އަލިކަމެވެ. އޭނާގެ ފުރާނައިގެ ދިރުމެވެ.

ޒުބާގެ އެ ޢުމުރަކީ ، އުއްމީދާއި އަޅައިލުމާއި އޯގާތެރިކަމާ އަދި ލޯތްބާއި އުފަލުގެ މޫސުންކަން ސަމީނާއަށްވެސް އެނގެއެވެ. އެހެނަސް ، ޒުބާގެ އުޅުން އެހުންނަނީ ކުޑަތަންކޮޅެއް ބޮޑުވަރެއްގައެވެ. އެއީ ، ތަންފުކެއް ބޮޑުވަރެކެވެ. ސަމީނާމެންވެސް ބޮޑެތިވެފައި އެތިބީ ، އެ ޢުމުރުގެ ކުޅިމީރުކަމާއި ތެތްފިނިކަމުގެ ޖަޒުބާތުން ފިލާވަޅުތަކެއް ލިބިގެންނެވެ. ސަމީނާގެ ތަޖުރިބާއިން ކުޑަތަންކޮޅެއްގެ ހިޔަނިވެސް ، ޒުބާގެ ދިރިއުޅުމުގެ އެއްވެސް ހިސާބެއްގައި އެޅިގެންދާކަށް ސަމީނާ ބޭނުމެއް ނޫނެވެ.

ޒުބާއާއި ސައިމްއަކީ ، އެކަކުއަނެކަކަށް ޖެއްސުންކުރުމުގައި ، ގޭގައި ދިރިއުޅޭ އެހެންމީހުންނަށް ނުފޮރުއްޕާނަކަށްވެފައި އޮންނަ ދެކުދިންނެވެ. ބޮޑެތިވެފައިތިބޭ ދެޒުވާނުން ކުރަން ނުޖެހޭވަރަށް އެދެމީހުން ، އެކަކު އަނެކަކަށް ސަމާސާކޮށް ޖެއްސުން ކުރެއެވެ. އެދެމީހުންގެ މަންމަމެން ، އެދެމީހުން އެކަކު އަނެކަކާ ދުރުގައި ތިބުމަށް އަމުރު ކުރެއެވެ. އެކަމަކުވެސް ، އެ ދެމީހުންނަކަށް ދުރެއްގައެއް ނުތިބެވެއެވެ. އަބަދުވެސް އޮންނަނީ ، ކޮންމެވެސް ސަމާސާއެއް ނޫނީ ޖެއްސުމެއް ވިހަވެފައެވެ. ސައިމް އުޅެނީ ޒުބާމެންގެޔާ ދެތިންގެ ދޫކޮށްހުންނަ ގެޔެއްގައެވެ. ސައިމްމެންގޭގެ ފުރަގަހުންލާފައި ތަންކޮޅެއް މަގުކުރުކޮށް ޒުބާމެންގެޔަށް އާދެވެއެވެ.

ޒުބާއަކީ އެގޭގައި ގުޅިގެން ދިރިއުޅޭ ދެ ޢާއިލާގެ އެންމެންގެވެސް ލޯބި ލިބިފައިވާ ކުއްޖެކެވެ. ޒުބާ ބޭނުންވާކަމެއް އެއިން އެކަކަށް އެނގުނަސް ، އެކަމެއް ކޮށްދޭނެއެވެ. އެކަމާހުރެ ، ޒުބާ ހުންނަނީ ، މިޒަމާނުގެ ބަހުންނަމަ " ސްޕޮއިލް " ވެފައެވެ. ހަރުދަނާ މިޒާޖެއްނެތި ، ކޮންމެކަމެއް ވަރިހަމަކޮށްލާ ގޮތަށް ، އެއްވެސް އުޅުމެއްނެތޭ ބުނާވަރު ވެފައެވެ. އެކަމަކުވެސް ، ޒުބާއަކީ ކިޔެވުމަށް އެހާ މޮޅު ކުއްޖެކެވެ. އެހެންކަމުން ، އުޅުމެއްނެތް އާވާރާއެކޭ މުޅިޔަކުން ނުބުނެވޭނެއެވެ. މިޒާޖު ސަކަވެފައި ސިކުނޑި ވަރުގަދައީއެވެ. ޅަކުއްޖެއްގެ ގޮތުގައި ގޭތެރޭގައި ޒުބާ ސިފަވެގެންދަނީ ، ގޭގެ ކުދިބޮޑު އެންމެންގެ ލޯބި ލިބިގެން ، ގޯތިތެރޭގައި ނަލަޔަށް ހެދެމުންދާ ފިނިފެންމާ ގަހެއްގެ ގޮތުގައެވެ.

ސްކޫލަށް ދިޔައިމަ އެއީ އެހެން ކުއްޖެކެވެ. ކިޔެވުމަށް އެހާ މޮޅެވެ. ކުރެހުމަށްވެސް އެހާ މޮޅެވެ. ކޮލެޖަށް ދެވުނީމަވެސް ، ޒުބާއަކީ ، ތޫނުވިސްނުމެއްގެ ، ކިޔެވުމަށްމޮޅު ކުއްޖަކަށް ވުމަކީ އެގޭގެ އެންމެންގެވެސް ދުޢާއެވެ.

ރައްޓެހިންގެ މެދުގައި ، ޒުބާއާއި ސައިމްއަކީ ރައްޓެހިވެގެންއުޅޭ ދެކުދިންކަމަށް ބެލިނަމަވެސް ، ޒުބާ އެކަން ޤަބޫލެއް ނުކުރެއެވެ. އެއީ ކުޑައިރުއްސުރެ އެކުގައި ބޮޑުވަމުން އަންނަ ދެ ރަޙުމަތްތެރިންނެވެ. އެހެނަސް ، ޒުބާއަށްވެސް އަދި ސައިމްއަށްވެސް ، އެކަކު އަނެކަކާމެދު އަޅައިލެވޭލެއް ބޮޑުކަމުން ، އެދެމީހުންގެ ގުޅުން އެހެންމީހުންނަށް ގޯސްކޮށް ނެގިދާނެކަމަށް ހީކުރެވިފައެއް ނެތެވެ. އެއީ ، ދެމީހުންކުރެ އެކެއްގެވެސް ހިތުގައި އޮތް އިޙުސާސެއް ނޫނެވެ.

ގޭމީހުންނަށް ދޮގުހަދާފައި ، ސައިމްއާއެކީ ރައްޓެހިންގެ ޕާޓީތަކަށްވެސް ޒުބާއަށް ދެވެން ފަށައިފިއެވެ.

ޒުބާއާ ސައިމްއާ ދެމީހުންގެ ގުޅުމާމެދު އާޑަކިޔާ ، ރައްޓެހިންނަށް ސައިމްގެ ހިތުގައި ނަފުރަތު އުފެދެމުން އައެވެ. އަދި ޒުބާއާ މެދު ގޯސްކޮށް ހީކުރާ ، ރައްޓެހިންނާ ސައިމްއާމެދު ، ތަޅައިފޮޅުންވެސް ހިނގައެވެ. ޒުބާއަކީ ، އެމީހުން އެހީކުރާކަހަލަ ކުއްޖެއްނޫނެވެ. ރަނގަޅު އަޚުލާޤެއްގެ އަބުރުވެރި ކުއްޖެކެވެ. އެއީ ޒުބާ ދިފާޢުކުރުމަށް ސައިމް ގެންގުޅޭ ފަލްސަފާއެވެ.

ޒުބާއާ ސައިމްއާބެހޭގޮތުން ، ޒުބާގެ މަންމައާއި ބައްޕަޔަށް ނޭނގޭ އެތައްކަމެއް ، ޒުބާގެ ދައްތަ ރޮޝްނާއަށް އެނގެއެވެ. ދާނިޔަލްއަކީ ، ޒުބާއާއި ރޮޝްނާއާ ދެކުދިންގެ ދެބެންގެ ދެދަރި ކުއްޖެކެވެ. ދާނިޔަލްއާއި ރޮޝްނާއާ ދެކުދިންގެ ކައިވެނީގެ ވާހަކަ ގޭތެރޭގައި އަންނަނީ ދެކެވެމުންނެވެ. ސައިމްއަކީ އެގެޔާ މާދުރުނޫން ހިސާބެއްގައި ދިރި އުޅޭ ، ޒުބާމެންގެ އަވައްޓެރި އަންހެނެއްގެ ދަރިއެކެވެ. ތިމާގެކަމުގެ ގުޅުމަށްޓަކައި ، ރޮޝްނާ އައީ ޒުބާއާއި ސައިމްގެ ޙަރަކާތްތައް ސިއްރު ކުރަމުންނެވެ. ޒުބާއާއި ސައިމް ރައްޓެހިވެގެން ނޫޅޭކަމަށް ، ރޮޝްނާގާތު އެދެމީހުންވެސް އައީ ބުނަމުންނެވެ. އެހެނަސް ، އެދެމީހުން އެއުޅޭގޮތުން ، އެމީހުން އެކަކު އަނެކަކުދެކެ ލޯބިވާކަން ، ރޮޝްނާއަށް އިޙްސާސް ވެއެވެ. އެއީ ވާން ބޭނުންނުވާ ކަމެއްވީމަ ، ރޮޝްނާވެސް އައީ އޭނާގެ ހިތުގައި އެކަން ސިއްރު ކުރަމުންނެވެ. މަންމަގާތުގައިވެސް އެއްވެސް ވާހަކައެއް ނުބުނެއެވެ.

ސައިމްއަށްވެސް ޒުބާދެކެ ލޯބިވެވޭކަމުގެ އިޙްސާސް ކުރެވެން ފަށައިފިއެވެ. ޒުބާގާތު އެވާހަކަ ބުނުމަށް އެކިގޮތްގޮތުން މަސައްކަތް ކޮށްފިއެވެ. ޚުދު ޒުބާގާތު އަހައިގެންވެސް ، މީހަކަށް ލޯބި ހުށަހަޅާނެ ގޮތް އޮޅުން ފިލުވައިފިއެވެ. ޒުބާ ބުނާގޮތްގޮތް ހަދައިފިއެވެ. އެކަމަކުވެސް ، ޒުބާދެކެ ލޯބިވާ ވާހަކަ ބުނެވޭގޮތެއް ނުވެއެވެ.

ޒުބާއާ ދިމާލަށް ބަދު އަޚުލާޤީ ބަސްތަކެއް ބުނި ، ޝަހީރުގެ ގައިގައި ސައިމްއަށް އޮތީ ތަޅައި ގަނެވިފައެވެ. ސައިމްގެ ކިބައިން ބަދަލު ހިފުމަށްޓަކައި ، ޝަހީރުވެސް އަންނަނީ ، ވަކިމީހަކު ނޭނގޭގޮތަށް ޒުބާއާ ފޯނުން ވާހަކަ ދައްކަމުންނެވެ. ޒުބާ ހީކުރީ އެއީ ސައިމް ކަމަށެވެ. އެހެނަސް ، އެއީ ސައިމްނޫންކަން އެނގޭ ހިސާބުން ، ޝަހީރާ ވާހަކަ ދެއްކުން ހުއްޓައިލައެވެ. އެކަމަކު ، ސައިމްގެ ކިބައިން ބަދަލު ހިފުމަށް ޝަހީރު ކަނޑައަޅާފަވާ ޢަޒުމަށް ބަދަލެއް ނުގެނެއެވެ. ޒުބާ ހައްލާލައިގެން ، ޒުބާއަށް ލަނޑެއްދީގެން ސައިމްގެ ކިބައިން ބަދަލު ހިފުމަށް ޝަހީރު ދިޔައީ ރާވަމުންނެވެ.

ޒުބާގެ ޓެސްޓްގެ ނަތީޖާ ލިބިއްޖެއެވެ. ޒުބާދިޔައީ މުޅި ކްލާހުން އެއްވަނަޔަށެވެ. އެހާ ރަނގަޅަށް ޓެސްޓުން ފާސްވީމަ ، ގޭގެ އެންމެންވެސް ޒުބާއަށް ހަދިޔާދިނެވެ. އެތައް ބައިވަރު ހަދިޔާތަކެއްގެ ތެރެއިން ، ތަފާތު ހަދިޔާއަކަށް ފާހަގަވަނީ ޗޮކްލެޓް ފޮއްޓެކެވެ. އެއީ އޭނާއަށް ސައިމް ދިން އެއްޗެކެވެ. ކުއްޖަކަށް ކުއްޖަކުދެކެ ލޯބި ވެވިއްޖެނަމަ ، ޗޮކްލެޓެއް ދިނީމަ ލޯބިވާ ވާހަކަ ބުނެވުނީކަމުގައި ، ސައިމްގާތު ބުނި ހަނދާނެއް ޒުބާގެ ހިތަކު ނެތެވެ. ޗޮކްލެޓްފޮށިދީފަ އޭގެ އިތުރަށް އޭނާ ޒުބާދެކެ ލޯބިވާވާހަކަ ބުނެލަން ސައިމްއަކަށް ޒުބާ ފުރުޞަތެއްނުދިނެވެ. ޗޮކްލެޓް ލިބުނުތަނުން ، މަންމަ އެބަގޮވައޭ ކިޔާފައި ޒުބާ ވަނީ ގޭތެރެޔަށެވެ.

ޒުބާއާ އަޅައިގަނެގެންއުޅޭ ޝަހީރާއި ސައިމްއާ ދެމެދު ހިނގި ތަޅާފޮޅުމެއްގައި ސައިމްގެ ރުޅި ކޮންޓްރޯލްނުވެ ، ޝަހީރުގެ ގައިގައި ތަޅައިގަތްގަތީނުންގޮސް އެފަކީރު ހޭނެތި ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. އެމައްސަލަ ފުލުހަށް ހުށަހެޅި ، ސައިމް ޖަލަށް ލެވުނެވެ.

ސައިމް ޖަލަށް ލެވުނުގޮތާމެދު ، ރޮޝްނާއާއި ޒުބާއާ ދެމެދުގައި ބަހުސް ކުރެވުނެވެ. ސައިމްއަކީ ، އެކުގައި އުޅޭ ކުދިންނާ ސަމާސާ ކުރިޔަސް ، ތަޅައިފޮޅާއުޅޭ ކުއްޖެއްނޫނެވެ. ރޮޝްނާއަށް ޤަބޫލުކުރެވުނުގޮތުގައި ، ސައިމް ޖަލަށް ލެވުނީ ޒުބާއާ ހެދިއެވެ. ފަހަރެއްގައި ސައިމް ތަޅައިގަތް އެ ކުއްޖާޔަކީ ، ޒުބާއާ އަޅައިގަނެގެން އުޅޭ ކުއްޖާކަމަށް ވެދާނެއެވެ.

ޖަލުގޮޅީގައި އިންއިރު ، ޝަހީރާމެދު ސައިމްވެސް ކަންބޮޑުވިއެވެ. ޝަހީރު އޮތީ ކޮންޙާލެއްގައި ކަމެއްވެސް ނޭނގެއެވެ. ކޮންމެގޮތެއްވިޔަސް ، ޖަލުން ދޫކޮށްލީމަ ، އޭނާ ޒުބާދެކެ ލޯބިވާ ވާހަކަ ބުނަން ، ސައިމް ޢަޒުމް ކަނޑައެޅިއެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.