އެންމެ ގިނަ ބައެއްގެ މިތުރު، އެއް ޕުރޮގުރާމު: "ބާއްޖަވެރި ހެނދުނެއް"

ރޭޑިއޯއަކީ، އޭގެ މަގުބޫލުކަން އެންމެ ބޮޑަށް ފެތުރިފައިވާ މީޑިއާގެ ވަސީލަތްކަމުގައި، ހަމަގައިމު ވެސް އަޅުގަނޑުމެންގެ ޒަމާނުގެ އެންމެންހެން ގަބޫލުކުރާނެއެވެ. ޚާއްސަކޮށް ހުރިހާ ދާއިރާއެއްގައި ހެން ރާއްޖެއަށް އެންމެ ބޮޑު ހޭލުންތެރިކަމެއް ގެނެސްދިން ވަސީލަތަކަށް ރޭޑިއޯ ނުވެއެއް ނުދާނެއެވެ. އަޅުގަނޑުމެން ހޭލައިގަތްއިރު ރާއްޖޭގައި ރޭޑިއޯ އާންމު ވެއްޖެއެވެ. ނަމަވެސް އޭރުގެ ދިރިއުޅުމުގެ ހާލަތުގެ ފެންވަރު ހުރި ގޮތުން ރޭޑިއޯ ހުންނަ ގޭގެ މާކަ ގިނައެކޭ ނުދެންނެވޭނެއެވެ.

މި ދަންނަވަނީ، 1970ގެ އަހަރުތަކުގެ ފަހުކޮޅު، 1980ގެ އަހަރުތަކުގެ ކުރީކޮޅުގެ ވާހަކައެވެ. ތަންކޮޅެއް ބޮޑެތި ރޭޑިއޯއާއި ޕޮކެޓު ރޭޑިއޯ ވެސް ގެންގުޅެއެވެ. އަގުގެ ގޮތުން ބަލާއިރު، ތަންކޮޅެއް އާދައިގެ ގޭގޭގައި ވެސް ކުދިކުދި ޕޮކެޓު ރޭޑިއޯ ގެންގުޅެއެވެ. އަޅުގަނޑުމެން ގެއަށް ވެސް އެންމެ ފުރަތަމަ ލިބުނީ ޕޮކެޓް ރޭޑިއޯއެކެވެ.

އެ ދުވަސްވަރު ބައެއް ޚާއްސަ ޕުރޮގުރާމްތައް އަޑުއެހުމަށް، އޭރުގެ ރޭޑިއޯ މޯލްޑިވްސް (އޭގެ ދުވަސްކޮޅެއް ފަހުން ދިވެހިރާއްޖޭގެ އަޑު) ގެ ކުރިމަތީގައި އޮންނަ ލޮނުޒިޔާރަތްކޮޅު ޕާކަށް ގޮސް އުޅުމަކީ، އަޅުގަނޑުމެން ވެސް ކޮށްއުޅުނު ކަމެކެވެ. އަދި ފުޓްބޯޅަ، ފައިގަތަޅާ، ދަޅިނަންގަވާ ފަދަ ބައެއް ކުޅިވަރުތައް ކުޅެން އެތަނުގެ އަޑިޕާކަށް ގޮސް އުޅޭ އިރު ވެސް އަޑުގެ ޕުރޮގުރާމްތައް އިވެއެވެ. އޭރު ޕާކުގެ އަޑިޕާކާއި އުސްޕާކާ ދެމެދުގައި އޮންނަ ސިޑިބަރި ކައިރީގައި މެދެއްހައި ހިސާބުގައި ހޮޅިދަނޑިއެއްގައި ތާޅަފިއްޔެއް ހަރުކޮށްފައި ހުރެއެވެ. އެއީ މިހާރު ވެސް ބައެއް މިސްކިތްތަކުގެ މުންނާރުން ފެންނަން ހުންނަ ކަހަލަ ތާޅަފިއްޔެވެ. ނުވަތަ އަޑުގަދަ ކުރާއެވެ.

ހެނދުނު ކުޅެން ދެވޭ ދުވަސްދުވަހު އިވޭ އެންމެ ޝައުގުވެރިކުރުވާ އެއް ޕުރޮގުރާމަކީ، "ބާއްޖަވެރި ހެނދުނެއް" ގެ ނަމުގައި ފޮނުވާ ޕުރޮގުރާމެވެ. ފަތިހު 5:30ގައި އައްޝައިޚުލް ޤާރީ މަޙްމޫދު ޚަލީލުލް ޙުޞަރީގެ މަޑުމައިތިރި އަޑުފުޅުން ފޮނުއްވާ ކީރިތި ޤުރްއާނަށް ފަހު، ފަޟީލަތުއްޝައިޚު މުޙައްމަދު ޖަމީލު ދީދީގެ ޝައުގުވެރި އަޑުފުޅުން އިވޭ ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާއަށް ފަހުގައެވެ.

"ބާއްޖަވެރި ހެނދުނެއް" ފެށުނީ، 1980ވަނަ އަހަރު ފެށުމާ އެކުގައެވެ. ދިވެހިރާއްޖޭގެ އަޑުން ޝާއިއުކުރައްވާ، "ރޭޑިއޯ ގަޑި"ގެ 1982 އެޕްރީލް މަހުގެ އަދަދުގައި ވާ ގޮތުން، ބާއްޖަވެރި ހެނދުނަކީ "ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އެންމެ ބޮޑަށް އާންމުންގެ ތެރޭގައި، މަޝްހޫރުވި އެއް ޕްރޮގްރާމޭ ދެންނެވުން އެއީ ކުށެއް ނޫނެވެ. ވަރަށް ގިނަ ސަބަބުތަކަކަށް ޓަކައެވެ. ފުރަތަމަ ސަބަބަކީ، އަދި މިހާތަނަށް އަޅުގަނޑުމެންގެ ރޭޑިއޯގައި އެނައުންސަރުން ވާހަކަނުދައްކާ ފަދަ "އަމިއްލަ" އަދި "އެކުވެރި" ގޮތަކަށް ފުރަތަމަ މި ޕުރޮގުރާމުގައި ވާހަކަދައްކަން ފެށުނުކަމެވެ. ކޮންމެ ދުވަހެއްގެ ހެނދުނުގެ ނިދިން މީހާ ދުނިޔެމައްޗަށް ހޭލައިގަންނަ ވަގުތު އެ ދުވަހެއްގެ ދިރިއުޅުމުގެ މައްޗަށް އިތުރު ޝައުގުވެރިކަމެއް އުފައްދައިދޭކަން، އެއީ ދެވަނަ ސަބަބުކަމަށް ދެންނެވިދާނެއެވެ."

"ބާއްޖަވެރި ހެނދުނެއް"ގެ ފެށުމުގެ މިޔުޒިކުކޮޅުން ވެސް ޕުރޮގުރާމަށް ޝައުގުވެރިކަން އުފައްދުވައެވެ. ކުރު ތާރަފަކަށް ފަހު، ފަށަނީ ބޮޑުބެރު ލަވައަކުންނެވެ. ދިވެހީންގެ ލޭ ކައްކުވައިލަމުންނެވެ. ފަތިސް ނަމާދަށް ފަހު ޖައްސައިލައި މީހުންނަށާއި އިސްކޫލު ކުދިންނަށް ވެސް، އޮފީހަށް ދާން ނުވަތަ އިސްކޫލަށް ދާން، "ތެދުވާށޭ" ބުނަމުންނޭ ދެންނެވިދާނެއެވެ.

"ބާއްޖަވެރި ހެނދުނެއް"ގެ "ދެ މޭސްތިރިން"ނަކީ، ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ، އަލްފާޟިލް ބަދުރުއްނަޞީރާއި އޮނަރަބްލް އަލްފާޟިލް ސަމަރުބްލޫ އިބްރާހީމް މަނިކެވެ.

"ބާއްޖަވެރި ހެނދުނެއް" ގެ ފެށުން އައި ގޮތާ ބެހޭ ގޮތުން، ބަދުރުއްނަޞީރު ލިޔުއްވި "ދިވެހިރާއްޖޭގެ ރޭޑިއޯގައި އަޅުގަނޑުގެ ބައެއް ހަނދާންތައް" ފޮތުގައި ލިޔުއްވާފައިވާ ގޮތުގައި " "ސަމަރޭ" ޕުރޮގުރާމުގެ ތެރެއަށް ދުރުވުމުން، ޕުރޮގުރާމުތަކަށް އިތުރު ކުރިއެރުމެއް ލިބިގެން ދިޔައެވެ. "ބާއްޖަވެރި ހެނދުނެއް" ޕުރޮގުރާމަކީ، އައު ދުވަހަކަށް އެހުންތެރިޔާ ހޭލައްވާލަދިނުމުގެ މަގުސަދުގައި ތައްޔާރުކުރި ޕުރޮގުރާމެކެވެ. ރިވެތި ދިރިއުޅުމުގެ ތެރެއިން ކޮންމެހެން ކުރުން ބޭނުން އަދި ރަނގަޅު ގިނަ ކަންތައްތަކެއް ހަނދާންކޮށްދިނުމާއި އެ ދުވަހުގެ މުހިންމު އެޕޮއިންޓްމަންޓްތައް، އަދި ބިލްތައް ދެއްކުން ފަދަ ކަންތައްތައް ހަނދާންކޮށް ދިނުމަކީ، ޕުރޮގުރާމް ބައްޓަންކޮށްފައި އޮންނަ ގޮތުން ހަމަ ކޮންމެ ދުވަހަކު ވެސް ކުރާ ކަންތައްތަކެވެ. އަދި އޭގެ އިތުރުން، ދިރިއުޅުމުގައި ދިމާވާ އެކިއެކި ކަންތައްތަކަށް އަލި އަޅުވާލަމެވެ. މިސާލަކަށް، މަގުމައްޗަށް ފެންފައިބާ ގޮތަށް ހުންނަ ދިޔަދޮވިތައް ރަނގަޅުކޮށްލެއްވުމާއި، ދޮށީ އުމުރުގެ މީހުންނަށް އިޙުތިރާމް ކުރަން ހަނދާން އާކޮށްލަދެމެވެ."

"ޖުމުލަކޮށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅުއްވަމުން ގެންދަވާ ބޭފުޅުންނަށާއި ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ލަވައާއި، މަޖަލާ، ސަމާސާ އަދި މައުލޫމާތު ހިމެނޭ ގޮތުން މި ޕުރޮގުރާމް ގެނެސްދިނީ، ދިވެހި ސަގާފަތުގެ ތަފާތު އަސަރުތަކާ ވެސް އެކުގައެވެ."

ބަދުރު ފާހަގަކުރައްވާފައި އެ ވަނީ، ވަރަށް ބޮޑު ހަގީގަތެކެވެ. "ބާއްޖަވެރި ހެނދުނެއް" ފެށުނީ، އަޅުގަނޑުމެންގެ ހަނދާނުގައެވެ. "ވަގުތުން" ގެނެސްދެއްވާ ޕުރޮގުރާމެއްގެ ގޮތުގައި އަޅުގަނޑުމެން ތިބެނީ ލޮލުންބޮލުން ގަބޫލުކޮށްގެންނެވެ. އެހައި ވެސް އެ ޕުރޮގުރާމް ވަގުތާއި ހާލަތާ ގުޅެއެވެ. ދުވަސްވަރުގެ ހަރަކާތްތަކާ ކަންކަން ހަނދާންކޮށްދެއްވައެވެ. ފަހަކަށް އައިސް މުހިންމު ބައެއް ހަރަކާތްތަކާ ގުޅޭ ގޮތުން ކަމާ ގުޅޭ ބޭފުޅުން މެދުވެރިކުރައްވައިގެން ވެސް މައުލޫމާތު ގެނެސްދެއްވައެވެ. އެ ޕުރޮގުރާމުގެ ދެ ހުށަހެޅުންތެރިން ވާހަކަދެއްކެވުމުގައި ގެންގުޅުއްވަނީ، ވަރަށް ގާތް ދެ ރަހުމަތްތެރިންގެ ގޮތެވެ. އަޑުއެހުންތެރިނާ ވަރަށް ގާތް ޕުރޮގުރާމެއްކަމުގެ އިހުސާސްކުރެވޭ ގޮތެއްގައެވެ.

 އެއީ، މައުލޫމާތުން ފުރިފައިވާ ޕުރޮގުރާމެކެވެ. އެދުވަސްވަރުގެ ހުރިހާ ކަމެއް އެ ޕުރޮގުރާމުން ސާފުވެއޭ ދެންނެވުމަކީ، ދޮގަކަށް ނުވާނެއެވެ. އެ ދުވަހުގެ ތަފާތު ހަރަކާތްތަކުގެ މައުލޫމާތެވެ. މުއްދަތު ހަމަވާ ކަންކަމެވެ. ކުރިޔަށް ހުރި ކަންކަމެވެ. އެއް ގޮތަކަށް ދަންނަވާ ނަމަ، ރަސްމީ އަދި ނުރަސްމީ ތަފާތު ފަރާތްތަކުން ހިންގަވާ އެކިއެކި ކަންކަމުގެ މައުލޫމާތު ވެސް އެ ޕުރޮގުރާމު މެދުވެރިކޮށް "ހިލޭ، އިސްތިހާރު" ކޮށްލެވެއެވެ. އަޅުގަނޑުމެން މައުހަދުގެ އިސްދަރިވަރުންގެ ޖަމުއިއްޔާއިން 1990ގެ އަހަރުތަކުގައި ބާއްވަމުން ގެންދިޔަ "އިސްދަރިވަރުންގެ ޖަމުއިއްޔާތަކުގެ ބަހުސް" މުބާރާތުގެ އެކި ބަހުސްތަކުގެ މައުލޫމާތު ވެސް ނޯޓަކާ އެކު، ދިވެހިރާއްޖޭގެ އަޑަށް ފޮނުވުމުން އާންމުކޮށް ދެއްވަމުން ގެންދެވިކަން ފާހަގަ ކުރަމެވެ. މި ފަދަ އެތައް ކަމަކަށް އެ ޕުރޮގުރާމު އޮތީ ހުޅުވައިލެވި އާންމުންނާއި ޚާއްސުންނާ ވެސް ގުޅުވައިލެވިފައެވެ.

އެ ޕުރޮގުރާމްގެ ފެށުން ގުޅިފައިވާކަމަށް، ބަދުރުއްނަޞީރު ލިޔުއްވާފައިވާ މައުލޫމާތުން އެނގިފައިވަނީ، ސަމަރުބްލޫ އިބްރާހީމް މަނިކު ދިވެހިރާއްޖޭގެ އަޑުގެ ވަޒީފާއާ ގުޅިވަޑައިގަތް ހިސާބުންނެވެ. އިބްރާހީމް މަނިކު ފުރަތަމަ ރޭޑިއޯގެ ޚިދުމަތާ ގުޅިވަޑައިގަތީ، ރޭޑިއޯ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓަރީއެއްގެ ވަޒީފާއަށް، 6 ޖަނަވަރީ 1977ގައެވެ. އެއަށް ފަހު، ރޭޑިއޯއާއި ބްރޯޑްކާސްޓިންގެ ތަފާތު މަގާމުތައް ފުރުއްވައި، މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް ކަލްޗަރގެ މަގާމު ވެސް ފުރުއްވިއެވެ.

ބަދުރުއްނަޞީރު ރޭޑިއޯގެ ޚިދުމަތާ ގުޅިވަޑައިގަތީ 1967ގައެވެ. ރޭޑިއޯގެ ޚިދުމަތުން ވަކިވެވަޑައިގަތީ، 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވުމަށް ފަހުގައެވެ. ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ އެންމެ އިސް މަގާމު އަދާކުރެއްވުމަށް ފަހުގައެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފުރަތަމަ ރައީސަކީ، ވެސް ބަދުރުއްނަޞީރެވެ.

ނަމަވެސް މިހާރު "ބާއްޖަވެރި ހެނދުނެއް" މި ވަނީ ހިސާބަކަށް ބަދަލުވެފައެވެ. ނަމަވެސް ޕުރޮގުރާމުގެ އެއް މޭސްތިރި، އިބްރާހީމް މަނިކުގެ އަޑުފުޅުން "ބާއްޖަވެރި ހެނދުނެއް" ގެ ނަން އިވުމަކީ، މިހާރު ވެސް އެ ޕުރޮގުރާމުގެ ތާރީޚީ ހަނދާން އައުކޮށްދޭ ކަމެކެވެ.

ޖުމުލަކޮށް ދަންނަވާ ނަމަ، އަޅުގަނޑަށް ދެންނެވޭނީ، އެންމެ ގިނަ މީހުންގެ ހަނދާންތަކާ ދިވެހިރާއްޖޭގެ އަޑާ ގުޅުވައިދޭ އެންމެ މުހިންމު ޕުރޮގުރާމަކަށް ވާނީ، "ބާއްޖަވެރި ހެނދުނެއް" ކަމުގައެވެ. ޚާއްސަކޮށް އަޅުގަނޑުމެން އުމުރުގެ އޭރުގެ އިސްކޫލު ކުދީންގެ ހަނދާންތަކާ "ބާއްޖަވެރި ހެނދުނެއް" ގެ ގުޅުން ދެމި އޮންނާނެކަން ޔަގީނެވެ.

ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިހައިތަނަށް އަށް ފޮތް ލިޔުއްވައި، ނެރުއްވައިފައި ވެއެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ޝާކިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.