ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ގަރލްސް ޓު ކޯޑް ޕްރޮގްރާމް ނިމިއްޖެ

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިންގ ދަސްކޮށްދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ގަރލްސް ޓު ކޯޑް މާލެ އެޑިޝަން ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ.

މި ޕްރޮގްރާމަކީ ކޯޑުކުރުމުގެ ދާއިރާއިން ކުރިން އެންވެސް ތަމްރީނެއް ހާސިލުކޮށްފައިނުވާ، ދާއިރާއަށް މުޅިން އައު އަންހެން ޒުވާނުންނަށް ޓެކްނޮލޮޖީގެ ދާއިރާ އަށް ވަނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި އަހަރުގެ ގަރލްސް ޓު ކޯޑް މާލެ އެޑިޝަން ޕްރޮގްރާމް 17 ބައިވެރިން ފުރިހަމަކޮށްފައިވާއިރު، މިހާތަނަށް މި ޕްރޮގްރާމް މެދުވެރިކޮށް ޖުމްލަ 108 ބައިވެރިން ވަނީ ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ނިންމައިފައެވެ.

ގަރލްސް ޓު ކޯޑް މާލެ އެޑިޝަންގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދުއެވެ. އަދި، މި ރަސްމިއްޔާތުގައި ދިރާގުގެ ސީ.އީއޯ އަދި އެމް.ޑީ، އިސްމާއީލް ރަޝީދު، ވިމެން އިން ޓެކް މޮލްޑިވްސްގެ ރައީސް، ނަހްޒާ އިބްރާހިމް އަދި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްގެ މެނޭޖްމަންޓްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަލްސާގެ ޝަރަފުވެރި މެހެމާނު، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވިގޮތުގައި، "ދުނިޔޭގައި މިހާރު އެންމެ ހަލުވިކަމާއެކު ތަރައްގީވަމުންދާ އަދި އެންމެ ބޮޑެތި އިންގިލާބީ ބަދަލުތައް ފެންނަމުންދާ ދާއިރާއަކީ ޓެކްނޮލޮޖީ. އެހެންކަމުން، ދިރިއުޅުމުގެ އެކި ބޭނުންތަކުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކޮށް، އެކަމަށް އަހުލުވެރިވުމަކީ ކޮންމެ ރައްޔިތެއްގެ މައްޗަށް ލާޒިމުވެފައިވާ ކަމެއް. މިގޮތުން، ހަމަހަމަ މުޖުތަމައެއް ބިނާކުރުމަށާއި، އަންހެނުން ބާރުވެރިކުރުމަށް ދިރާގާއި ވިމެން އިން ޓެކް ގުޅިގެން ހިންގަމުންދާ "ގަރލްސް ޓު ކޯޑް" ޕްރޮގްރާމް ފާހަގަކޮށް ދެ ފަރާތުން ކުރައްވާ މަސައްކަތަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން."

ޕްރޮގްރާމް ނިންމާ ކުދިންނަށް ވަޒީފާގެ މައިދާނުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ، މި ފީލްޑްތަކުން އިތުރަށް ކުރިއަށްދާން ބާރުއެޅުމަށް އަދި އިންޑަސްޓްރީއާ ބޮޑަށް ކައިރިކުރުމުގެ މަގުސަދުގައި މި އަހަރުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ އުމުރުފުރާ ވަނީ 16 އަހަރާއި 30 އަހަރަށް އިތުރުކޮށްފައެވެ. މި ގޮތުން “ޓެކް އެންޑް ބިޔޯންޑް" ގެ ނަމުގައި، ކެރިއަރ ގައިޑެންސް ހާއްސަ ވޯކްޝޮޕްއެއް، ޕްރޮގްރާމްގެ މުހިންމު ބައެއް ގޮތުގަ މި އަހަރު ވަނީ ތައާރަފްކޮށްފައެވެ. އަދި، ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ރޯލް މޮޑެލްސް އާއި ބައްދަލުވެ، އެ ބޭފުޅުންގެ އަމަލީ ތަޖުރިބާ ކުދިންނާއި ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދެވުނެވެ.

''ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގި މި ޕްރޮގްރާމްގެ ސަބަބުން، ގިނަ އަދަދެއްގެ ޒުވާން އަންހެން ފަރާތްތަކަށް މި ދާއިރާއަށް ޝައުގުވެރިވެ، ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރުމަށް ބޭނުންވާ އިތުބާރާއި ހިތްވަރު ލިބިގެންދޭ. މި ފުރުސަތުގައި، މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމި ހުރިހާ ބައިވެރިންނަށް ތަހުނިޔާއާއި މުބާރަކުބާދީ އަރިސްކުރަން. މި ޕްރޮގްރާމްގެ ތެރެއިން ދަސްވި ހުނަރާއި މައުލޫމާތުގެ އެހީގައި، ބައިވެރިންގެ ތައުލީމީ އަދި މަސައްކަތުގެ ލަނޑުދަނޑިތައް ހާސިލުކޮށް، އިތުރު ކާމިޔާބީތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަން.'' ދިރާގުގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

''ގަރލްސް ޓު ކޯޑް ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ދިރާގުން ވިމެން އިން ޓެކްއަށް ފޯރުކޮށްދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް، އަޅުގަނޑުމެން ޝުކުރު ދަންނަވަން. މި ޕްރޮގްރާމުގެ ބައިވެރިން، ދަސްވި ހުނަރުތަކާއި މައުލޫމާތު ކުރިއަށް އޮތް ތަނުގައި ވެސް އިތުރަށް ތަރައްގީކޮށް، ތައުލީމީ މާހައުލުތަކާއި މަސައްކަތުގެ ދާއިރާގައި ފުރިހަމަ ގޮތުގައި ބޭނުންކޮށް، އޭގެ ފައިދާ ހޯދާނެ ކަމަށް އުންމީދުކުރަން.'' ވިމެން އިން ޓެކް މޮލްޑިވްސްގެ ރައީސް، ނަހްޒާ އިބްރާހިމް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ފަންޑަމެންޓަލް ކޯޑިން ސްކިލްސް ލިބިފައިވާއިރު، ކުރިން ކޯޑުކުރުމުގެ ތަޖުރިބާ ލިބިފައި ނުވިޔަސް، ޕްރޮގްރާމް ނިމުނުއިރު އަމިއްލައަށް ކޯޑުކޮށް، މިނީ ޕޯޓްފޯލިއޯ ވެބްސައިޓްތައް އުފެއްދުމުގެ ހުނަރު ވަނީ ދަސްވެފައެވެ. އަދި ލިބުނު ހުނަރު އަމަލީގޮތުން ބޭނުންކޮށް ކެޕްސްޓޯން ޕްރޮޖެކްޓް ތައްޔާރުކޮށް، އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ މެންޓަރޝިޕް ވަނީ ލިބިފައެވެ.

މި ޕްރޮގްރާމް ވަނީ ރާއްޖޭގެ އެކި ސަރަހައްދުގައި ކުރިއަށްގެންގޮސް އަންހެން ޒުވާނުންނަށް ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމަށް އަޅައިދެވޭ މުހިންމު ބިންގަލަކަށެވެ. މި ގޮތުން، މި ޕްރޮގްރާމް ފުވައްމުލައް، ކުޅުދުއްފުށި، ތިނަދޫ، ލާމު އަތޮޅު އަދި ދިއްދޫގައި ވަނީ ތައާރަފްކޮށްފައެވެ.

މިއީ، ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މުޖުތަމައުގައި ހޭލުންތެރިކަން އިތުރުކޮށް ޝާމިލު ޑިޖިޓަލް އިގްތިސޯދެއް ބިނާކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.