އެމް.ޑަބްލިޔު.އެސް.ސީގެ 2025 ވަނަ އަހަރުގެ ސްޓާފް އެވޯރޑް ނައިޓް ބާއްވައިފި

އެމް.ޑަބްލިޔު.އެސް.ސީގެ 2025  ވަނަ އަހަރުގެ ސްޓާފް އެވޯޑް ނައިޓް ބާއްވައިފިއެވެ. މި އެވޯޑް ނައިޓްގައި ދިގު މުއްދަތެއްގައި ކުންފުންޏަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށާއި، އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް ވަނީ އެވޯޑް ދީފައެވެ.

ސިޓީ ހޯލް ގުރައުންޑްގައި ބޭއްވި ހަފްލާގައި މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ މިހަފްލާގެ ޝަރަފުވެރި މެހުމާނު އެމްޑަބްލިޔުއެސްސީގެ ޗެއާޕަރސަން ޝަމްހޫޒާ އަޙުމަދާއި، ކުންފުނީގެ ބޯޑު ޑިރެކްޓަރުންނާއި، މެނޭޖިންގ ޑިރެކްޓަރ އަބުދުލް މަތީން މުޙައްމަދުގެ އިތުރުން، ސީނިއަރ މެނޭޖުމަންޓް ޓީމުގެ މެންބަރުންނެވެ. 2025 ވަނަ އަހަރު ތަފާތު 12 ކެޓަގަރީއަކުން 36 މުވައްޒަފުކު ވަނީ އެވޯޑް ހާސިލުކޮށްފައެވެ. އަދި ކުންފުނީގައި ދިގު މުއްދަތައް ޚިދުމަތްކޮށްފައިވާ 70 މުވައްޒަފަކަށްވަނީ ރިކޮގްނިޝަން އެވޯޑް ދެވިފައެވެ.

މި ޙަފްލާގައި ކުންފުނިން ދެވޭ އެންމެ ޚާއްސަ އެވާރޑް، ޗެއާރމަންސް އެވޯރޑް ފޯރ އެކްސެލެންސް ވަނީ ކުންފުނީގެ ޓެކްނިކަލް މެނޭޖަރ ހަސަން ޝަފީގަށް ދެވިފައެވެ. މިއެވޯޑް އަކީ ކުންފުނީގެ ކުރިއެރުމަށާއި ތަރައްޤީއަށް ފާހަގަކުރެވޭ، އަގުހުރި، އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދިނުމުގެ އިތުރުން ކުންފުނީގެ ތަސައްވަރު ކުރިއެރުވުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކޮއްދެއްވާފައިވާ ފަރާތަކަށް ދެވިގެންދިޔަ އެވާރޑްއެކެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.ޑީ އަބްދުލް މަތީން ވިދާޅުވީ، މި ހަފްލާގެ މައިގަނޑު މަޤްޞަދަކީ ކުންފުނީގެ މުވައްޒަފުން ކުންފުންޏަށް ކޮށްދެއްވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެއްބައެއްގެ ގޮތުގައި، އެއް އަމާޒަކަށް ކުރިއަށް ދިއުމުގެ ރޫޙު އާލާކޮށް އެކަމަށް ހިތްވަރު ދިނުމެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި، ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ވަނީ ފަހަގަކޮށްފައެވެ. މިގޮތުން އެކި ދާއިރާތަކުން މުވައްޒަފުން ބިނާކުރުމަށްޓަކައި ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާއި ދިގު މުއްދަތުގެ ސްކޮލަރޝިޕް ޕްރޮގްރާމްތަކުގެ ފުރުސަތުތައް ފަހިކޮށްދީ މުވައްޒަފުންގެ ދުޅަހެޔުކަމާއި، ސިއްޙަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ހަމަމިއާއެކު، ފެނާއި ނަރުދާމާގެ ޚިދުމަތަކީ ކޮންމެ ރައްޔިތެއްގެ ދިރިހުރުމާއި ގުޅިފައިވާ އަސާސީ ޚިދުމަތަކަވުމުން، ކުންފުނިން ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ޚިދުމަތް މެދުކެނޑުމެއްނިތި ފޯރުކޮށްދިނުމަށް، ޒަމާނީ އައު ޓެކްނޮލޮޖީއާއި ވަޞީލަތްތައް އިތުރުކޮށް، ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތްތައް ނިންމާފައިވާކަމާއި، ސަރުކާރުން އެ ކުންފުންޏާއި އަލަށް ހަވާލުކުރި މަޝްރޫޢުތަކުގެ މަސައްކަތްތައް ވެސް މެދުނުކެނޑި ކުރިއަށްދާކަމުގައި ވިދާލުވިއެވެ.

މިއަދު އެމް.ޑަބްލިއު.އެސް.ސީ އަކީ 100% ދިވެހި މެނޭޖްމެންޓެއް އޮތް، ކާމިޔާބުކަމާއެކު ހިންގަމުންދާ ފަޚުރުވެރި ކުންފުންޏެކެވެ. މި ކާމިޔާބީތަކާއި ހިންގުންތެރިކަމުގެ ހަގީގީ މޭސްތިރިންނަކީ ކުންފުނީގެ ހީވާގި މުވައްޒަފުން ކަމުން، މުވައްޒަފުންގެ ޚިދުމަތްތައް ފާހަގަކޮށް އަގުވަޒަން ކުރުމަކީ ކުންފުނިން ނުހަނު އިސްކަމެއް ދޭ ކަމެކެވެ. އެމް.ޑަބްލިޔު.އެސް.ސީއިން އަބަދުވެސް ދަނީ އެ ކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް މުވައްޒަފުންކުރާ ހީވާގި މަސައްކަތް ފާހަގަކޮށް އަގު ވަޒަންކުރަމުންނެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.