8 December 2025 (Monday)

ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ބައެއް ފަހި ބަދަލުތައް ގެންނަނީ

ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ބައެއް ފަހި ބަދަލުތައް ގެންނަވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން ހާމަކުރައްވަފައިވަނީ ރޭ، މާލޭ ސިޓީގެ، ހެންވޭރު ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކަލާފާނު ސްކޫލްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައިވެސް، އެންމެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާ ގުޅޭގޮތުންނެވެ. އެކަންކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޖުބޫރީ ހާލަތްތަކުގައި ކުރީގެ ސްކީމްތަކަށް ކުރިމަތިލާންޖެހި، އެއް ކޮޓަރީގެ ފްލެޓް ލިބިވަޑައިގެންފައިވާ ފަރާތްތަކަށް، ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލެވޭ ގޮތަށް ސްކީމް އިޞްލާޙުކުރައްވަން ނިންމަވާފައިވާކަމަށެވެ. އަދި ސްކީމްތަކަށް ކުރިމަތިލުމަށް އޮންނަ ޝަރުޠުތަކުގެ ތެރޭ، މާލޭ ރައްވެއްސެއްގެ ގޮތުގައި ފަސް އަހަރު ހަމަވެފައި އޮތުމަށް އޮންނަ މައްސަލައަށްވެސް އީޖާބީ ޙައްލެއް ހޯއްދަވައިދެއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެކި ސަރުކާރުތަކުން، ހުރި ބިމާއި ނެތް ބިމުން ގޯއްޗާއި ފްލެޓް ދޫކުރައްވާފައި ހުރި ގޮތާއި، އެކަންކަމުގައި ނާއިންސާފާ ކުރިމަތިލާން ޖެހިވަޑައިގެންފައިވާ ފަރާތްތަކަށް އިންސާފު ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ދެއްވައި އެމަނިކުފާނު ވަނީ، ވަޢުދުފުޅުތައް ފުއްދަވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލައަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ޖުމުލަ ހަތަރު ޕާކިންގ އިމާރާތް އެޅުމުގެ މަސައްކަތް، އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގައި ހިމަނުއްވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި މަގުހެދުމުގެ މަސައްކަތުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވައި، މާލޭގެ މާރުކޭޓުތައް އަލުން އިމާރާތްކުރެއްވުމުގެ މަސައްކަތް ކުރައްވާނޭކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. އެގޮތުން، ލޯކަލް މާރުކޭޓު ހުރި ތަނުގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ތަރުކާރީ މާރުކޭޓެއް ހިމެނޭހެން މިކްސްޑް ޔޫސް މާރުކޭޓެއް އިމާރާތްކުރައްވައި، މަސްމާރުކާޓު މިހާރު ހުރި ސަރަހައްދުގައި މަސްވެރި ސިނާޢަތަށް ޚާއްޞަ އޮފީސް އިމާރާތެއް ތަރައްޤީކުރެއްވުމަށް ރާއްވަވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ޕެންޝަން ފަންޑު ބޭނުންކުރެވޭ މިންވަރު އިތުރުކުރެއްވުމާ ބެހޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، ބައެއް ޚާއްޞަ ޙާލަތްތަކުގައި އެ ފަންޑުން އިތުރު ކަންކަމަށް ފައިސާ ބޭނުންކުރެވޭ ގޮތަށް، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނަށް އިޞްލާޙު ގެންނެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ބައްދަލުކުރެއްވުމުގައި ހުށަހެޅުއްވި ބައެއް އިތުރު ޚިޔާލުތަކަށްވެސް އެމަނިކުފާނު ވަނީ ޖަވާބުދެއްވާފައެވެ. އެގޮތުން، އަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަން އިތުރުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، ރައްޔިތުންނަށް އެކަން އިޙުސާސްވާ މިންވަރަށް އެ މިނިވަންކަން ފެންނަމުންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޤައުމީ ބޮޑެތި ނިންމެވުންތައް ނިންމަވަނީ، ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުންގެ މަޝްވަރާގެ މަތީންކަން ތަކުރާރުކުރައްވައި، މިއަދު ވޯޓަކުން އެ ސުވާލު ކުރެއްވިކަމުގައިވިޔަސް، އެކަން ސާބިތު ކުރެވޭނޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެންސްޕާ އިން އެހީ ހޯދުމުގެ އިޖުރާއަތްތަކާ މެދު ހުށަހެޅުއްވި ޝަކުވާއެއްގެ ޖަވާބުގައި، އެކަން އިތުރަށް ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދީންނަށް ހުރި ދަތިތައް ޙައްލުކުރެއްވުމަށް ދެއްވާ އަހުމިއްޔަތު ހާމަކުރައްވައި، އެމަނިކުފާނު އިސްކަންދެއްވަނީ، ހަވާސާވެފައިވާ އެފަދަ ފަރާތްތައް މުޖުތަމަޢުގައި ޝާމިލުކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ޕޭ ހާމަނައިޒޭޝަންގައި ހުރި ކަންބޮޑުވުންތައް ޙައްލުކުރުމުގެ ދޮރު ބަންދުވީ ނޫންކަން ފާހަގަކުރައްވައި، ޕޭ ކޮމިޝަނާ ގުޅިގެން އަދިވެސް މައްސަލަތައް ޙައްލުކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާ ސިޓީތަކަށް ޖަވާބު ދެއްވުމުގައި ބެކްލޮގުތައް ފިލުވައި، އަވަހަށް ޖަވާބުދެއްވުމަށް އިތުރު ހިތްވަރެއް ލައްވާނޭކަމަށާއި، އެމަނިކުފާނާ ބައްދަލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށްވެސް، ސީދާ އެމަނިކުފާނާ ބައްދަލުކުރައްވައިގެންނާއި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރުން މެދުވެރިކުރައްވައިގެން ކަންބޮޑުވުން ހިއްސާކުރެއްވުމުގެ ފުރުޞަތު ފަހިކޮށްދެއްވާނޭކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައްޔިތުން އެކި ދާއިރާތަކުން ފާޅުކުރައްވާފައިވާ ކަންބޮޑުވުންތައް އަޑުއައްސަވައި، އޮންނަ އުސޫލުތަކުގެ ތެރެއިން، ވީހާވެސް އީޖާބީ ގޮތެއްގައި އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.